ކިޔަވަން ފަސްޖެހުމުން އަތުގައި ހިފައިގެން ގެންގޮސް، ބެސްޓް ފްރެންޑެއް ވެއްދި ކޯހުން ލިބުނީ އެއްވަނަ

ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ލިބުމުން މަތީ ސާނަވީއާ، ޢާއިޝަތު މަޢީޝާ ލިޝާމް ކުރިމަތިލީ ވެސް އެފަދަ ނަތީޖާއަކަށް އުއްމީދު ކޮށްގެންނެވެ. ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުން އޭލެވެލް ފަށައި، ކުރިއަށް ދިޔައީ ވެސް ވަރަށް ރަނގަޅަށެވެ.

ކުއްލިއަކަށް މަޢީޝާ ވަރަށް ބޮޑަށް ބަލިވާން ފެށިއެވެ. ފަރުވާއަށް ބޭރަށް ދާންޖެހުނެވެ. މަހެއްހާ ދުވަހަށް ދިގު ދެމިގެންދިޔަ ފަރުވާއިން ރަނގަޅުވެގެން މާލެ އައިއިރު، ކިޔެވުން އޮތީ މާބޮޑަށް ފަހަތައް ސޮއްސާލައިފައެވެ. މޮކް އެގްޒާމާއި ގިނަ ފިލާވަޅުތައް އޮތީ ގެއްލިފައެވެ. އަލުން ފަށަންވީ ކިހާ ހިސާބުންކަން ނޭނގި ކިޔެވުމާއިގެން ކުރިއަށްދާނެ ހިތްވަރު ގެއްލި މީހާ މާޔޫސްވިއެވެ.

"ގިނަ ފިލާވަޅުތަކެއް ގެއްލުނުއިރު އެންމެ ދެރަވީ މޮކް އެގްޒާމް ވެސް ގެއްލުނީމާ" މަޢީޝާގެ އޭލެވެލްގެ ދަތުރުގެ ތަޖުރިބާ ހިއްސާކުރިއެވެ.
"އެހިސާބުން ކިޔެވުމާއިގެން ކުރިއަށް ދިއުންވީ ބުރައަކަށް. ވަރަށް ދަތި އުނދަގޫ ހާލަތެއްގައި އުޅެމުން އޭލެވެލް ވެސް ނިންމާލެވުނީ"

އަމީނިއްޔާއިން ކިޔަވައިގެން ސާނަވީން ހޯދި ނަތީޖާއާއެކު އެތައް އުއްމީދެއް ކުރި މަޢީޝާ، އޭނާގެ އަމިއްލަ ނަފުސުގެ މައްޗައް އޮންނަ އިތުބާރު ގެއްލި ކިޔެވުމާއިގެން ކުރިއަށްދާން ފަސްޖެހެން ފެށިއެވެ. ކިޔަވަން ފަށަން މަންމަ ބުނާ ކޮންމެ ފަހަރަކު ފަސްޖެހެވެނީއެވެ. ހިތްބިރު ގަންނަނީއެވެ. ކިޔެވުން ފުރިހަމަ ނުކުރެވިދާނެތީއެވެ.

" ކިޔެވުން ފަށާއިރަށް ބަލިވެދާނެތީ، ކިޔެވުން ކުރިއަށް ނުގެންދެވިދާނެތީ، ހިތުގައި ބިރުވެރިކަމެއް އުފެދުނީ"

ޢަރަބި ބަސް ކިޔަވަން ބޭނުންވެގެން މަންމަ ކައިރީގައި މަޢީޝާ ވާހަކަ ދައްކައެވެ. އެކަމަކު ކުލާހަކަށް ގެންދަން އުޅޭއިރަށް ފަސްޖެހެއެވެ. ދާން ދެކޮޅު ހަދައެވެ.

" ނުދާން ފަސްޖެހިފައި ހުއްޓައި، ނުދާނަމޭ ބުނެ ބޮޑާ ހާކަނިކޮށް، ދަމާހަލާފައި މަންމަ ގެންދިޔައީ" އަރަބި ބަހާއި ޤުރުއަން ކިޔަވައިދޭން މަޢީޝާ ވެއްދީ ޤުރުއާން އެންޑް ސުއްނައް އިންސްޓިއުޓަށެވެ.

އެ ހިސާބުން ކޮންމެ ވެސް ވަރެއްގެ އުއްމީދެއް މަޢީޝާއަށް ލިބުނެވެ. އެތަނުން އަރަބި ބަހާއި ޤުރުއާން ކިޔެވިއެވެ. ޤިރާއަތު ކުލާހުގައި ބައިވެރިވެ ސެޓްފިކެޓް ތިނަކާ ހަމައަށް ކިޔެވިއެވެ.

މަޢީޝާ ކިޔަވަން ކިތަންމެހައި ވެސް ބޭނުމެވެ. މަތީ ތަޢުލީމަށް ޔުނިވަރސިޓީއަށް ދާން ބޭނުމެވެ. ކިޔަވައިގެން މޮޅު މީހަކަށް ވާން ބޭނުމެވެ. އެކަމަކު ފަސްޖެހެވެނީއެވެ. އެތައް ފަހަރަކު ޔުނިވަރސިޓީއަށް ވަންނަން ވެސް މަސައްކަތް ކުރިއެވެ. އެންމެ ފަހުވަގުތު ޖެހިލުންވެ ދާން ބޭނުން ނުވަނީއެވެ.

ބެޗްލާސް އޮފް އިސްލާމިކް ސްޓަޑީޒް ކޯހަށް ވަންނަން މައީޝާ އެއްބަސްވީ އޭނާގެ ބެސްޓް ފެރެންޑުންގެ ތެރޭގައި ހިމެނޭ ސަހުމާ އަހުމަދުގެ އެދުމުގެ މަތިންނެވެ. އޭރު ވެސް އޭނާގެ ހިތް އޮތީ ޔުނިވަރސިޓީއާ ދިމާލާކަށް ނޫނެވެ. އާނއެކޭ ބުންޏަސް ހިތުގައި އޮތް ބިރުވެރިކަމާއި ނުތަނަވަސްކަން ކުޑައެއް ނޫނެވެ.

ސަހޫއާއެކު މަޢީޝާ: ކިޔެވުމުގައި ސަހޫ ދިން ހިއްތވަރާއި އޯގާތެރިކަމަކީ ކުރިއަށް ކިޔެވުމަށް ކުރިއަށް ދިއުމަށް އެޅުނު ބިންގަލެއް ކަމަށް މަޢީޝާ ދެކޭ-
" ސަހޫ އައިސް ފޯމް ފުރައިގެން. އަތުގައިހިފައިގެން ގެންގޮސް އެމްއެންޔޫއަށް ވެއްދީ. މިފަހަރު ކިޔަވަން ވާނެއޭ ބުނެ ފޯމް ލީ ވެސް އޭނާ"

ކޯހުގައި ކިޔަވަން ފެށީ ދެ މީހުން އެކީގައެވެ. ފިލާވަޅުތަކާއި އެސައިންމަންޓްތައް ވެސް ހެދީ ދެ މީހުން އެކީގައެވެ. ހިތްވަރު އެލޭ ކޮންމެ ފަހަރަކު ހިތްވަރު ދެމުން ދިޔަ " ބެސްޓް ފުރެންޑް"އެވެ. ކޮވިޑްގެ އާލަމީ ވަބާއާއެކު ގޭގައި ތާށިވެ ކިޔެވަންޖެހުނީ އޮންލައިންކޮށެވެ. ކޯހުގައި ކިޔެވި އެތައް ކުދިންނެއް ކޯސް ކުރިއަށް ގެންދަން ދަތިވެގެން ވަކިވެއްޖެއެވެ. ވަޒީފާ އަދާކުރަމުން ކިޔެވުމަށް ވަގުތު ނުދެވިގެން ސަހޫވެސް ކޯހުން ވަކިވެއްޖެއެވެ. އެންމެ ކައިރީގައި އެންމެ އެހީތެރިވި" ބެސްޓް ފްރެންޑް" ނެތުމުގެ އުނިކަން އިންތިހާއަށް މަޢީޝާއަށް އިހުސާސްވިއެވެ.

" އެންމެ ދެރަވީ ސަހޫވެސް ކޯސް ފުރިހަމަނުކުރެވި ވަކިވީމާ"

އެ ހިސާބަށް ދެވުނުއިރު މަޢީޝާއަށް ކިޔެވުމުގެ ތެރެއަށް ވަދެވިއްޖެއެވެ. އެމްއެންޔޫގެ ދާރިސުންގެ ފަރާތުން ވެސް ބޮޑު އެހީތެރިކަމެއް އޭނާއަށް ލިބުނެވެ. ފަސްޖެހުނު އެތައް ކަމެއްގައި އެމީހުންގެ އެހީތެރިކަން އިންތިހާއަށް ލިބުނެއެވެ.

" މީހެއްގެ ކުރިމައްޗައް އަރައި ބަހެއް ބުނެލަން ވެސް ކުރިން ނުކެރޭނެ. ވާނެއޭ ކުރެވޭނެއޭ ބުނެ ހިތްވަރުދީގެން އެފަދަ އެތައް ކަމެއް ކުރެވޭނެކަން އެ ދާރިސުން ސާބިތުކޮށްދިން" ކިޔެވުމަށް އިތުބާރު އުފައްދައި ދިނި އެމްޔޫގެ ދާރިސުންނެވެ. ހުރިހާ ދާރިސުންގެ ލޯބި މަޢީޝާއަށް ލިބުނެވެ. ކިޔެވުން ހުއްޓާލަން ޖެހިދާނެތީ އޮތް ބިރުވެރިކަމަށް މަޢީޝާ ދިޔައީ ނަމާދާއި ދުޢާއިން ވެސް ފަރުވާ ހޯދަމުންނެވެ.

މަޢީޝާގެ ކާމިޔާބީގައި އާއިލާގެ ހިއްސާވެސް ބޮޑެވެ. މަންމައާއި ބައްޕަގެ އިތުރުން އޭނާގެ ކޮއްކޮ މަލްސާގެ ނަން ފާހަގަކުރިއެވެ.

މަޢީޝާބުނީ ކޯހުން އެއްވަނަ ލިބުނުކަން އެންގީ ސަހޫއާއެކު ދަތުރެއްގައި ހުއްޓައި ކަމަށެވެ.

" ކޯހުން އެއްވަނަ ލިބުމުން ކުއްލި ޝޮކެއް ލިބުނީ"

އެ ވާހަކަ ސަހޫ ކައިރީގައި ބުނީ އޭގެ ފަހު ދުވަހުއެވެ. އޭނައަށް ވެސް ލިބުނީ ކުއްލި ޝޮކެކެވެ.

" ކިޔެވުމުގެ މަތިން ފޫހިވެ، އުނދަގޫ ވެފައި ހުއްޓާ ސަހޫ ހޯދަދިން ނަތީޖާއެއް މިއީ" އޭނާގެ ތައުރީފު ޝަހޫއަށް އޮއްސާލިއެވެ.
" މަންމަ އަބަދު ވެސް ބުނާނެ ސަހޫއާ ނުލައި މިކަމެއް ނުވާނެއޭ"

މަޢީޝާ ބުނީ، ދަސްވެނިވުމުގެ ރަސްމިއްޔާތައް ވެސް ސަހޫ އައި ކަމަށާއި ދެ މީހުން އެކީގައި ފޯޓޯ ނެގީ އެ ކޯހުގައި ދެމީހުން އެކުގައި އުޅުނު ދުވަސްތަކުގެ މަތިން ހަނދާންކޮށްދެމުން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *