އެހެން ދަރިވަރުންނެކޭ އެއް ފަދައިން އެ ދެ ދަރިވަރުން ވެސް ޔުނީފޯމާއެކު ދަނީ ސްކޫލަށެވެ. ނަމަވެސް އެ ދެ ދަރިވަރުން ޚާއްޞައެވެ. ޚާއްޞަ ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެ ސްކޫލުގެ ގްރޭޑް 7 ގައި ކިޔަވަނީ ހަމައެކަނި އެ ދެ ދަރިވަރުންނެވެ. އެންމެ ދެ ދަރިވަރުންނާއެކު ގްރޭޑެއް ކުރިއަށްދާ އިރު، މި ދެންނެވި ދެ ދަރިވަރުންނަށް ބޭނުންވާ ހުނަރުތައް އެންމެ ފުރިހަމައަށް ތަރައްގީ ކުރެވިދާނެތޯ މިއީ އުފެއްދިދާނެ ސުވާލެކެވެ. ނަމަވެސް މި ސުވާލަށް މ. މަޑުއްވަރީ ސްކޫލުން އެ ދަނީ ޖަވާބުދެމުންނެވެ. އެ ސްކޫލުގެ ގްރޭޑް 7 ގައި ތަޢުލީމު ޙާޞިލުކުރަމުން އަންނަ ފިރިހެން ދަރިވަރާއި އަންހެން ދަރިވަރަށް އެ ދަނީ އުނގެނުމުގެ އުފާވެރިކަން ހޯދައިދެމުންނެވެ.
" އެންމެ ފުރަތަމަ މި ދެ ދަރިވަރުން ގްރޭޑް 1 ށް ވަން އިރު، އެ ގްރޭޑުގައި 5 ދަރިވަރުން ތިބި. ނަމަވެސް ދަރިވަރުން މަދުވަމުން މަދުވަމުން އައީ. މިދިޔަ އަހަރުގެ ފުރަތަމަ ޓާމުގައި ތިބީ ދެ ދަރިވަރުން. ނަމަވެސް އެހެން ރަށަކުން މިރަށަށް ހިޖުރަކުރި ދަރިވަރެއް ދެވަނަ ޓާމުގައި ސްކޫލާ ގުޅުނު. އެހެންވެ ތިން ދަރިވަރުންނާއެކު އެޓާމުގެ ކިޔެވުން ކުރިއަށް ގެންދެވުނު. ނަމަވެސް މި އަހަރު ފެށުނު އިރު އެ ދަރިވަރު އެހެން ރަށަކަށް ބަދަލުވެއްޖެ. މިހާރު އަނެއްކާ ވެސް މި ތިބީ ދެ ދަރިވަރުން" އެއް ދަންފަޅިއަށް ކިޔަވައިދެމުންދާ މަޑުއްވަރީ ސްކޫލުގެ ގްރޭޑް 7 ގައި ތިބި ދެ ދަރިވަރުންގެ ގްރޭޑާމެދު އެ ސްކޫލުގެ ޕްރިންސިޕަލް މަރްޔަމް ރުޝްދާ ވިދާޅުވިއެވެ.
ރުޝްދާ ވިދާޅުވީ މުޅި ސްކޫލުގެ އާބާދީއަކީ މަދު އާބާދީއެއް ނަމަވެސް އެންމެ މަދުން ދަރިވަރުން ތިބީ ގްރޭޑް 7 ގައި ކަމަށެވެ. އެ ދަރިވަރުންނަށް ވެސް އެހެން ދަރިވަރުންނަށް ހުންނަ ފުރުޞަތުތައް ފަހިކުރެވެމުންދާކަމަށެވެ. ޚާއްޞަކޮށް އެ ދަރިވަރުންގެ ކިޔެވުމަށް ސަމާލުކަން ދެވޭ ކަމަށެވެ.
" އެ ދެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ނުވަ ޓީޗަރަކު އެ ކުލާހަށް ދުރުވޭ. އެހެން ސްކޫލުތަކުގައި ކިޔަވަމުންދާ މާއްދާތައް އެ ދެ ދަރިވަރުން ވެސް މި ސުކޫލުގައި ތިބެގެން ކިޔަވާ. މީގެ މާނައަކީ އެ ދެ ދަރިވަރުން ވެސް 10 މާއްދާ ކިޔަވަމުން ދެޔޭ" ޕްރިންސިޕަލް ވިދާޅުވިއެވެ.
" ކުދިން މަދުވުމަކީ މުޅިން އެހެންކަމެއް. އެ ކުލާކަށް ދުރުވާ ޓީޗަރުންނަށް އެ ދެ ދަރިވަރުންނަށް ކިޔަވައި ދިނުމަށް އުނދަގުލެއް ނޫން. ދެ ދަރިވަރުންނަކީ ވެސް ކިޔެވުމަށް ވަރަށް ޝައުގު ހުންނަ ދެ ދަރިވަރުން. އެހެންވީމާ ފަސޭހަތަކެއް ހުރޭ. ބައެއް ފަހަރު ޓިއުޝަން ނަގައިދޭ އުސޫލުން ދެ ދަރިވަރުން މޭޒު ކައިރިއަށް ގެނެސް ވެސް ބައެއް ފިލާވަޅުތައް ޓީޗަރުން ނަންގަވައިދެއްވާ. އަދި ދަރިވަރުން ތިބޭ ޑެސްކު ކައިރިއަށް ޓީޗަރު ދުރުވެ ވެސް ކިޔަވައިދެއްވާ"
މަޑުއްވަރީ ސްކޫލުން އެ ދެ ދަރިވަރުންގެ ހުނަރުތައް ތަރައްގީކުރުމަށް ވެސް ސަމާލުކަން ދެއެވެ. އެހެން ދަރިވަރުންނަށް ހުރި ފުރުޞަތުތައް ފަހިކޮށް ދިނުމަށްވެސް ވިސްނައެވެ.
" ދަރިވަރުންނަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ތަފާތު ހަރަކާތްތައް މި ސުކޫލުން ވެސް ކުރިއަށް ގެންދަން. ނަމަވެސް އެ ކަންކަން ކުރަނީ ގްރޭޑް ވައިސްކޮށެއް ނޫން. އެ ކަންކަން އިންތިޒާމު މި ކުރަނީ ކީސްޓޭޖްތަކަށް ބަހާލައިގެން. ނުވަތަ ހައުސްތަކުގެ މެދުގައި. މިގޮތަށް ޙަރަކާތްތައް ރޭވުމުން މި ދަރިވަރުންނަށް ވެސް އެކި ޙަރަކާތްތަކުން ފުރުޞަތުތައް ފަހިވެގެންދޭ" އެ ސްކޫލުގައި އިތުރު ހަރަކާތްތައް ރާވާ ގޮތް ޕްރިންސިޕަލް ވިދާޅުވެދެއްވިއެވެ.
މ. މަޑުއްވަރީގެ އާބާދީގައި 700 ވަރަކަށް މީހުން ތިބި ނަމަވެސް ރަށުގައި ދިރިއުޅެމުން ދަނީ 400 ވަރަކަށް މީހުންނެވެ. ދަރިންނަށް މަތީ ތަޢުލީމު ދިނުމަށް ޓަކައި ރަށުގެ ބައެއް އާއިލާތައް ވަނީ މާލެއަށް ހިޖުރަކޮށްފައެވެ. އެކަމުގެ ސަބަބުން ރަށުގައި ކިޔަވަމުންދާ ދަރިވަރުންގެ އަދަދު ދުވަހެއް ދުވަހަށް އަންނަނީ މަދުވަމުންނެވެ.
"ގިނަފަހަރަށް ވާގޮތަކީ ދަރިވަރަކު ސްކޫލު ނިމުމުން އެ ދަރިވަރަށް މަތީ ތައުލީމުދިނުމަށް ބެލެނިވެރީން އެހެން ރަށަކަށް ހިޖުރަކުރަނީ. އާއްމުކޮށް މާލެއަށް މި ބަދަލުވަނީ. އެގޮތަށް ބަދަލުވާއިރު ދެން ހުންނަ ދަރިފުޅު ވެސް ގެންދޭ. މުޅި އާއިލާ އެކުގައި ބަދަލުވަނީ. އެހެންވެ ސްކޫލުގެ އާބާދީ ދުވަހެއް ދުވަހަށް މި ދަނީ ދަށްވަމުން" ޕްރިންސިޕަލް ވިދާޅުވިއެވެ.
މަޑުއްވަރީ ސްކޫލުގައި މިހާރު ކިޔަވަމުންދަނީ 64 ދަރިވަރުންނެވެ. އެ ދަރިވަރުންނަށް ކިޔަވައި ދިނުމަށް 21 ޓީޗަރުން ޙަރަކާތްތެރިވާއިރު އެ ސްކޫލުގައި އެލްކޭޖީއިން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެއެވެ. ނަމަވެސް ކޮންމެ ގްރޭޑެއްގައި ވެސް ތިބީ 10 އަކަށްވުރެ މަދު ޢަދަދެއްގެ ދަރިވަރުންނެވެ. ތަފާތު ގޮންޖެހުން ތަކާއެކު ވެސް ބެލެނިވެރިންނާއި ދަރިވަރުންނަށް އެ ސްކޫލުން ދެނީ އާ އުންމީދެކެވެ. އެ އުންމީދުގައި ދަރިވަރުން ދަނީ ހިނިތުންވަމުންނެވެ.
advertisment
4 Responses
ތިހަކަލަ ބައެއް ސްކޫލުތައް އެބަހުރި. ތިޔައީ ސަރުކާރުން ވިސްނަންޖެހޭކަމެއް.
ސްކޫލް ހިންގަނީތޯ ނޫނީ ސްކޫލް ހިނގަނީ ތޯ މިނިސްޓްރީ އިން ގޮސްބަލާލަބަލަ. ބޮއްސުން ލާފަ އޮތް ސްކޫލެއް. ކުޑަކުއްޖަކު ޕްރުންސިޕަލަކަށް ހަދައިގެން މުޅި ސްކޫލުގެ ކިޔެވުން ހަލާކު ކޮށްލައިފި. ހިންގުން ދޯދިޔާކަމުން ރަނގަޅު ޓީޗަރުން ތައްވެސް ދަނީ. ތަމްރީނުނުވެ ކިތައް ޓީޗަރުން ތިބިކަން އެނގޭތަ 40%
މިނޫން ގޮތެއް ހޯދަން ވެއްޖެނޫންތަ؟ 2 ދަރިވަރުންނަށް ކިޔަވައިދޭން 21 ޓީޗަރުން، ޚަރަދު ބޮޑު، މީތަ މިކިޔާ އަނެއް ދިވެހި ރާއްޖެ؟ ތިޔަށްވުރެ ޚަރަދު ކުޑަވާނެ ކައިރީގަ އެހެން ރަށަކަށް ފޮނުވައިގެން ކިޔަވައި ދިނިއްޔާ، ތީގެން އެގެނީ އެކުދިންނާއި މައިބަފައިން ގެ މޮޅުކަމެއްނޫން، އާބާދީ ކުޑަވީމަ ބޮޑު އާބާދީ އޮތްތަނަކަށް ބަދަލުވާން ވިސްނަން ވެއްޖެ، ސަރުކާރުން މިފަދަ މީހުން މަދު އާބާދީ އޮންނަ ރަށްރަށް ހުސްކުރަން އެބަޖެހޭ،
މިފަދަކުދިން މަދު ސްކޫލްތައް ނިސްބަތުން ގިނަ މ.އަތޮޅުގަ .މަދުވވަރި ރަތްމަންދޫ ގަ ސްކޫލް ގެ ދަރިވަރުން އާދަޔާ ހިލާފަށް މަދު.ދައުލަތުން ވ ބޮޑު ހޭދައެއް އެބަކުރޭ އެ ސްކޫލްތަކަށް.އެޔައްވުރެ ރަނގަޅުކަންނޭގެ ދިއްގަރާ ދޭތެރޭ ރަނގަޅު ސްކޫލް ފެރީ ލޯންޗެއް ބާއްވާ ކުދިން ދިއްގަރަށް ގެންދިއުން.ހަރަދުވެސް ކުޑަވާނެ ސްކޫލްވެސް އިތުރށް ރަނގަޅުވެ ކުދިންގެ މުސްތަގުބަލްވެސް އުޖާލާ ވާނެ.ރަށުގަ ހުރެގެން ކުދިންނަށް ކިޔަވއިވެސް އޭރުން ދެވުނީ.