ދެ ނަމާދު ދޭތެރޭގައި ވީޓީވީން ފޮނުވާ ގުރުއާނުގެ އަޑު އެހުމަކީ ކޮންމެ ދުވަހަކު އޭނާ ކުރާކަމެކެވެ. އަލްގާރީ އިބްރާހިމް ޝިފާޢުގެ ދިގު ރާގަކީ އޭނާއަށް މާ ކަމުދާ ރާގެކެވެ. ފެށުނީއްސުރެ ނިމެންދެން ޓީވީ ދޮށުގައި އިންނަނީ އެއަށް އޮންނަ ޝައުގެއްގެ ބޮޑުކަމުންނެވެ. ކުޑައިރު އުފެދުނު އެ ޝައުގުން، ނ. ހޮޅުދޫއަށް އުފަން މުހައްމަދު ސާއީ މުބާރިކް މިއަދު އެ ދަނީ ދިގުރާގަށް ކިޔެވުމުގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުންނެވެ. ކާމިޔާބީގެ ހަރުގަނޑަށް ތަށްޓަކަށް ފަހު ތަށްޓެއް އިތުރު ކުރަމުންނެވެ. އޭނާގެ ކާމިޔާބީގެ ހަރުގަނޑަށް އެންމެ ފަހުން އިތުރުވީ ރަންތާޖު ޤުރުއާން މުބާރާތުގެ ފަޚުރުވެރި ތާޖެވެ.
ރައީސުލް ޖުމުހޫރިއްޔާގެ އަތްފުޅުން ރޭ ރަންތާޖު އެޅުއްވުމުން، ސާއީދު ބުނީ އެ ރަންތާޖުގެ ޙައްޤުވެރިއަކީ އޭނާގެ މަންމަ ކަމަށެވެ.
" މަންމާ! މިރޭ އަޅުގަނޑު ރަންތާޖު ކާމިޔާބުކޮށްފިން. މަންމައާ ނުލައި މި ހިސާބަށް އާދެވުމަކީ ވެސް ވަރަށް ނާދިރު ކަމެއް. މަންމައާ ނުލައި އެކި މުބާރާތްތަކުގައި ބައިވެރިވެ ރަން ވަނަތައް ހޯދުމަކީ އެއީ ނަދިރުކަމެއް" ސާޢީ ބުންޏެވެ.
" މި ޕޯޑިއަމްގައި ރަންތާޖުގެ ވެރިޔާއަކީ އަޅުގަނޑެއްނޫން. ހައްގު ފަރާތަކީ ތިޔަ މަންމަ. މަންމަ ކޮށްދެއްވި މަސައްކަތަކީ އަގުވަޒަން ކުރެވޭނެ މަސައްކަތެއް ނޫން. މަންމަ ތިޔަވި ޤުރުބާނިއަކީ ވަޒަންކުރެވޭނެ އެއްޗެއްނޫން. ވަރށް ބޮޑަށް ޝުކުރިއްޔާ މަންމަދެކެ ވަރަށް ލޯބިވޭ" އެ ހިސާބަށް ބުނެވުނުތަނާ ސާޢީއަށް ރޮވިއްޖެއެވެ. އޭރު އެ ހަފުލާގައި އިން ސާޢީގެ މަންމަ ފާތިމަތު ސީމާގެ ލޮލުން ފައިބަމުން ދިޔައީ އުފާވެރި ކަމުގެ ކަރުނައެވެ.

ރަށު ސްކޫލާއި ގުރުއާން ކުލާސްތަކުގައި ބައިވެރިވެ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ބޭއްވި އެތައް މުބާރާތެއްގައި ބައިވެރިވެ އޭނާ ވަނީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައެވެ. މާލެއަށް ބަދަލުވުމުގެ ބޭނުމަކީ ވެސް ގުރުއާން ކިޔެވުމުގެ ހުނަރު އިތުރަށް ތަރައްގީކުރުމެވެ.
މާޔޫސް ނުވުން: ކާމިޔާބީގެ ސިއްރު
ސާއީ ވާހަކަ ދައްކަން ފެށީ ތިން އަހަރު ފުރުނު ފަހުންނެވެ. އަކުރުތައް ކިޔަނީ ވެސް އެހައި އުނދަގުލުންނެވެ. ސާއީގެ މަންމަ ސީމާ ދަރިވަރު ނޫހަށް ކިޔައިދިން ގޮތުގައި، އަކުރުތައް ކިޔަން ދަސްކޮށް، ވާހަކަ ދައްކަން ސާޢީ ފެށީ ހޮޅުދޫ ޒަމާނީ ޤުރުޢާން ކުލާހަށް ދާން ފެށިފަހުންނެވެ. އެ ކުލާހުގެ ޓީޗަރު ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ.
" މަންމަ، ބައްޕަ ކިޔަން ފެށީވެސް ތިން އަހަރާ ދެ މަސް ފާއިތުވި ފަހުން. އަކުރު ކިޔަން ވެސް އެހައި އުނދަގޫ. އަކުރުތައް ކިޔާ ގޮތުން ކުދިން ދިމާ ވެސް ކުރި. މަލާމާތްކޮށް ހީނވެސް ހަދާ " ސީމާ ބުންޏެވެ.

ކިތަންމެ ވަރަކަށް ދިމާކޮށް، މަލާމާތް ކުރިއަސް ސާއީއަކީ އެކަމާ ދެރަވެގެން ވާހަކަ ދައްކާ ކުއްޖެއް ނޫނެވެ. އެއީ އޭނާގެ އާދައެވެ. ބޭނުން ވާނީ އެކަމެއް ރަނގަޅުކޮށް، ކާމިޔާބީއަކާ ހަމައަށް ވާސިލުވުމަށެވެ. އެކަމާ ވިސްނައި ދެރަވުމަކީ ދުވަހަކު ވެސް އޭނާގެ ފަރާތުން ފެނުނު ކަމެއް ނޫނެވެ.
ސާއީ ބުނީ ކަމެއް ނުވުމަކީ މާޔޫސްވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެކަމެއް ހާސިލުކުރަން ކުރަންޖެހޭނީ މަސައްކަތެވެ. ލާންވީ ހިތްވަރެވެ. "އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުން ސާއީ ދިޔައީ ދެވަނަ އަށެވެ. އެކަމާ އޭނާ ދެރައެއް ނުވެއެވެ. އެ ދުވަހު ކަނޑައެޅި އަޒުމް ހާސީލުކުރީ 2019 އަހަރު ބޭއްވި ތިން މުބާރާތުން އެއްވަނަ ހޯދައިގެންނެވެ. އެއީ އަލްކައުނު ޤުރުއާން މުބާރާތާއި، ފަލާހު ޤުރުއާން މުބާރާތާއި، ގައުމީ ޤުރުއާން މުބާރާތެވެ. 2021 ވަނަ އަހަރު ބޭއްވި ޤައުމީ ޤުރުއާން މުބާރާތާއި އިސްލާމިކް ޔުނިވަރސިޓީން ބޭއްވި ޤުރުއާން މުބާރާތުން ވެސް އެއްވަނަ ހޯދިއެވެ.
ސާއީ އަކީ ދިގުރާގަށް ކިޔެވުމުގައި ދެވަނަ އެއް ނެތް ކުއްޖެކެވެ. ގައުމީ ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދީ އެ މުބާރާތުގައި ބައިވެރިވި ހާފިޒުންނާ ވެސް ވާދަކޮށްފައެވެ.
" ވަރަށް ޗެލަންޖު ކުރާހިތްވާނެ. އުނދަގޫ ކަންތައް ކުރަން ބޭނުންވާނީ. އެ ކަމެއް ހާސިލްކޮށްފައި ނޫނީ ހުއްޓަލެއް ނުލާނެ." ސީމާ ބުންޏެވެ.
ސާއީ ބުނީ ޤުރުއާނުގެ ތެރެއަށް ވަދެވުނީމާ މީހާގެ އަޚުލާގަށާއި، އުޅުމަށް ވެސް ބަދަލުތަކެއް އަންނަ ކަމަށެވެ. އޭގެ ހެޔޮ އަސަރު ދިރިއުޅުމަށް ވެސް ކުރާކަމަށެވެ. ގޭތެރޭގައި އުޅޭއިރު، ބޭއިޚުތިޔާރުގައި ވެސް ޤުރުއާން ކިޔެވެއެވެ. މޭޒު ދޮށުގައި ކާން އިންނައިރު ވެސް އިނދެވެނީ ޤުރުއާން ކިޔާލަ ކިޔާލައެވެ.
" އެންމެ އުނދަގުލީ ފާހާނާތެރޭގައި ހުރެ ވެސް ކިޔަވާތީ. އެކަން ހުއްޓުވުނީ ވަރަށް މަސައްކަތުން ވަރަށް ބޮޑަށް މަސްކަތްކޮށްގެން. ޚާއްޞަކޮށް ގާރީ ޝިފާއުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު" ސީމާ ބުންޏެވެ.

ސާއީގެ ކާމިޔާބީގައި އެންމެ ބޮޑު ޝުކުރެއް އޮތީ އޭނާގެ މައިންބަފައިންނަށެވެ. ކިޔަވައިދެއްވި އުސްތާޛުންނަށެވެ. ވަކިން ޚާއްޞަކޮށް އަލްގާރީ އިބްރާހިމް ޝިފާޢު އާއި ޣަސްރަގު ނާޒިމް ގެ ނަން އޭނާ ފާހަގަކުރެއެވެ ސާއީގެ މަންމަގެ ނަސޭހަތަކީ ހުއްޓާ ނުލައި ގުރުއާނުގެ އިލްމުން ކުރިއަށްދިއުމެވެ. އެ އުމުރުގައި އެހައި ހިސާބަށް ދެވުނީމާ ވެސް ބައެއް ކުދިން ކިޔެވުން ހުއްޓާލައެއެވެ. އެހެންވެ އަބަދުވެސް ޤުރުއާނުގެ އިލްމުގެ ތެރޭގައި އުޅެން އޭނާ ބޭނުންވެއެވެ. އެއީ ސަބަބުތަކެއް ހުރީމައެވެ.
" އަޅުގަނޑު ވަރަށް ބުރަކޮށް މަސްކަތް ކޮށްގެން ސާއީ މިހާ ހިސާބަށް ގެނައީ. މާލެއަށް ބަދަލުވީ ވެސް މާ ބޮޑު އެއްޗެއް ލިބިގެން ނޫން. ތަންތަނަށް ކައްކައިދީ، ރޮށިފިހެދީ، ބަތްޕާރުސަލް ހައިދީގެންގެން ލިބުނު އެއްޗަކުން އުޅުނީ. ވަރަށް ހާލުގައި ކިޔަވައި ދިނީ. އޭގެ އަގު ސާއިލް ހޯދާ ދިނީ ވެސް ބުރަ މަސައްކަތުން. އެކަމާ ވަރަށް އުފާވޭ" ސީމާ ބުނެފައިވެއެވެ.
މިހާރު އޭލެވެލްއަށް ނިންމާފައިވާ ސާޢީ ބޭނުންވަނީ ޤުރުޢާނުގެ ޢިލްމުން ކުރިއަށް ދާށެވެ. މިސްރާބު ހުރީ މަދީނާ ޔުނިވަރސިޓީން ފުރުޞަތެއް ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ.
advertisment
ހިޔާލު