* ތިން މާއްދާއިން ފުލް މާކްސް ހޯދައިގެން މުޅި ދުނިޔެއިން އެއްވަނަ، އެއް މާއްދާއިން އެންމެ މާކުހެއް މަދުވެގެން މުޅި ދުނިޔެއިން ދެވަނަ
އޭލެވެލްގައި ބައިވެރިވި ހަތަރު މާއްދާގެ ތެރެއިން ތިން މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ، އަނެއް މާއްދާއިން އެންމެ މާކުހެއް މަދުވެގެން މުޅި ދުނިޔެއިން ދެވަނަ ލިބުން އެއީ އޭލެވެލްގައި ދިވެހި ދަރިވަރަކު ހޯދި އެންމެ މަތީ ނަތީޖާއެވެ. ސީއެޗްއެސްއީގެ ޝާއިން މުޙައްމަދު ރިފްޢަތުގެ މި ކާމިޔާބީ، އެ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ވެސް ސިފަކުރެއްވީ އެ ސްކޫލްގެ ތާރީޚުގައި ވެސް ލިބުނު އެންމެ މަތީ ނަތީޖާގެ ގޮތުގައެވެ.
"ޝާއިން ހޯދީ ސީއެޗްއެސްއީގެ ތާރީޚުގައި ވެސް ދަރިވަރަކު ހޯދި އެންމެ މަތީ ނަތީޖާ" ސަފޫރާ ވިދާޅުވިއެވެ.
ސީއެޗްއެސްއީން އޭނާ ކިޔެވީ އިސްލާމާއި ދިވެއްސާއި މެތްސްއާއި ފިޒިކްސްއާއި ކެމިސްޓްރީއެވެ. އޭގެ ތެރެއިން މެތްސްއާއި ފިޒިކްސްއިން މުޅި ދުނިޔެއިން އެއްވަނަ ހޯދީ ކޮންމެ ޔުނިޓަކުން ސައްތައިން ސައްތަ މާކްސް ހޯދައިގެންނެއެވެ. ކެމިސްޓްރީން ދުނިޔެއިން ދެވަނަ ލިބުނީ އެންމެ މާކުހެއް މަދުވެގެންނެވެ. އޭލެވެލްގައި ދެން ހެދީ ފާދަރ މެތަމެޓިކްސްއެވެ. އަމިއްލަ ގޮތުން އެ މާއްދާގައި ބައިވެރިވެ ހުރިހާ ޔުނިޓަކުން ސައްތައިން ސައްތައާއެކު އެ މާއްދާއިން ވެސް ދުނިޔެއިން އެއްވަނަ ހޯދިއެވެ. އިސްލާމާއި ދިވެހިން ލިބުނީ އޭ ސްޓާރއެކެވެ.

" ޕްރިފެކްޓެއްގެ ގޮތުގައި އަދި ޑެޕިއުޓީ ކެޕްޓަނެއްގެ ގޮތުން ވެސް ސްކޫލްގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ، އަމިއްލައަށް ވަގުތުތައް ބަހާލައިގެން ކިޔަވަން ހިތްވަރާއެކު މަސައްކަތް ކުރި ދަރިވަރެއް އެއީ" ޝާއިންގެ މަސައްކަތާ މެދު ފަޚުރުވެރިވެވަޑައިގެން ޕްރިންސިޕަލް ސަފޫރާ ވިދާޅުވިއެވެ.
ބ.އޭދަފުއްޓަށް އުފަން ޝާއިން ސާނަވީ ނިންމީ ޖަމާލުއްދީން ސްކޫލުންނެވެ. އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދިއިރު، ނުވަވަނަ މާއްދާއެއްގެ ގޮތުގައި އެކައުންޓިންގ ހެދީ އަމިއްލަ ގޮތުންނެވެ. އެ މާއްދާއިން ވެސް އޭނާ ހޯދީ އޭ ސްޓަރއެކެވެ.
" ސްކޫލުން ފުރުޞަތު ނުލިބުނީ ސައިންސް ސްޓްރީމްގައި ކިޔަވަމުން އިތުރު މާއްދާއެއްގެ ގޮތުގައި އެކައުންޓިން ކިޔަވަން. އެހެންވެ އަމިއްލަ ގޮތުން ކިޔެވީ" ޝާއިން ބުންޏެވެ.
އޭލެވެލްއަށް ކިޔަވަން ފެށިއިރު ވެސް ޝާއިން ހިތުއަޅައިގެން ހުރީ ރައީސްގެ ސްކޮލަރޝިޕް ހޯދައިގެން އިންޖިނިއަރިންގެ ދާއިރާއިން ރާއްޖެއިން ބޭރަށް ކިޔަވަންދާށެވެ. ޝާއިންއަށް ލިބުނު އާދަޔާ ޚިލާފު ކާމިޔާބީއާއެކު އެނާގެ ނަޞީބު މިފަހަރު އޭނާ ގޮސް ލީ ކޭމްބްރިޖް ޔުނިވަރސިޓީއަށެވެ. މިފަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އޭޝިޔާއިން ފުރުޞަތު ލިބުނު ހަތަރު ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކީ ޝާއިންއެވެ.
ރައީސްގެ ސްކޮލަރޝިޕްގެ ދަށުން އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީއަކުން ކިޔެވުމުގެ ފުރުސަތު ލިބުނަސް ކޭމްބްރިޖަށް ދާން ޝާއިންއަށް އޮތީ ބޮޑު ހުރަހެކެވެ. ކޭމްބްރިޖް ޔުނިވަރސިޓީން ޖާގަ ދެނީ ފަސްޓް ޑިގްރީގެ އިތުރުން މާސްޓާރސްއަށް ވެސް ކިޔަވާ ދަރިވަރުންނަށެވެ.
ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ ދަށުން ކިޔެވޭނީ ފަސްޓްޑިގްރީއަށެވެ. މާސްޓާސްއަށް ކިޔަވަން ޖެހޭނީ އަމިއްލަ ޚަރަދުގައެވެ. އެހެންވެ ކޭމްބްރިޖުން ފުރުޞަތު ލިބުނަސް ކިޔަވަން ދެވުމުގެ ފުރުޞަތު އޭނާއަށް ހަންޏެވެ.
" ކޭމްބްރިޖަށް ދެވެން އަންނަނީ މާސްޓަރސްއަށް ކިޔެވޭނެ ކަމުގެ ޔަގީންކަން ލިބިގެން. އިތުރު ސްކޮލަރޝިޕެއް ނޫނީ ސްޓޫޑެންޓް ލޯނެއް ލިބިގެން"
ޝާއިންގެ އުއްމީދަކީ އޭނާއަށް އެ ފުރުޞަތު ސަރުކާރުން ނޫނީ އަމިއްލަ ފަރާތަކުން ނަމަވެސް ހަމަޖައްސައި ދިނުމެވެ.
ޝާއިން ބުނީ، ކޮވިޑް 19ގެ ޢާލަމީ ވަބާއާއެކު އޮންލައިންކޮށް ކިޔަވަންޖެހުމުގެ ސަބަބުން ހީވެސް ނުކުރާވަރުގެ ބޮޑު ބަދަލެއް ކިޔެވުމަށް އައި ކަމަށެވެ. ކިޔެވުމުގެ ތެރެއަށް ނުވަދެވި މީހާ މާޔޫސްވި ކަމަށެވެ.
" ހީވެސް ނުކުރާވަރުގެ ބޮޑު ބަދަލެއްއައި. ކިޔެވުމުގެ މަތިން އެއްކޮށް ފޫހިވި" ޝާއިން ބުންޏެވެ.

ޝާއިން ބުނީ ކިޔެވުމުގެ ތެރެއަށް ވަންނަން ފުރުޞަތު ހުޅުވުނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސްކޫލްތައް ހުޅުވި ކިޔަވަން ފެށުމުންނެވެ.
" ސްކޫލަށް ދާން ފެށުމުން ކިޔެވުމުގެ ތެރެއަށް ވަދެވި ސީދާ އެކަމަށް ފޯކަސްކުރެވުނީ. ކިޔެވުމާއިގެން ކުރިއަށް ދެވުނީ"
އޭލެވެލް އިމްތިޙާނަށް ތައްޔާރުވެފައި ވަނިކޮށް ޓެސްޓް ޕޭޕަރުތަކެއް ލީކުވެގެން އިމްތިޙާން ކެންސަލް ކުރަންޖެހުމަކީ ވެސް ޝާއިންއަށް ލިބުނު އިތުރު މާޔޫސްކަމެކެވެ.
" އިމްތިޙާނަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ވަނިކޮށް ކެންސަލް ކުރުމުން ވެސް ހިތް ނުތަނަސްވި. މާޔޫސްވި. ދެން ވާނެ ގޮތަކާ މެދު ފިކުރުބޮޑުވެފައި ހުންނަން ޖެހުނީ"
އޭލެވެލް އިމްތިޙާން ބޭއްވީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. ޓެސްޓަށް ތައްޔާރުވީ ގެއްލުނުތަން އަލުން ފޫބައްދަން މަސައްކަތް ކުރަމުންނެވެ. އެކަމުގައި އޭނާ ދިޔައީ ކުރި ހޯދަމުންނެވެ.
އިމްތިޙާން ކައިރިވީމާ ދިވެހި މާއްދާއިން ޝާއިން ޓިއުޝަން ނެގިއެވެ. ދެން ޓިއުޝަން ނެގީ އަމިއްލަ ގޮތުން ކިޔެވި ފާދަރ މެތަމެޓިކްސްއިންނެވެ.
މަތީ ސާނަވީގައި ކިޔެވި ހަ މާއްދާގެ ތެރެއިން ދިވެހި މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދޭނެ ކަމުގެ ސައްތައިން ސައްތައިގެ ޔަގީން ކަމެއް އޭނާއަށް އޮތެވެ.
" ދިވެހި ޓެސްޓަށް ދިޔައިރު ވެސް އެހާ ރަނގަޅަކަށް ތައްޔާރެއް ނުވެވޭ. ޓެސްޓް ނިންމާފައި ގެއަށް އައިސް މަންމަމެން ގާތުގައި ވެސް ބުނިން އޭ އެކޭ ލިބޭނީ"
އޭލެވެލްގެ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނެން ދިވެހި މާއްދާއިން އޭ ސްޓާރ ހޯދަންޖެހޭއިރު، އެ މާއްދާއިން އޭއެއް ލިބުމަކީ އެއީ އޭނާ ބޭނުންވި އަމާޒަށް ދިއުމަށް އެޅޭނެ ހުރަހަކަށް ވާތީ، ޝާއިން ހުރީ ފިކުރެއްގެ މަތީގައެވެ. ނަތީޖާ ލިބުނުއިރު ދިވެހިން ލިބުނީ ވެސް އޭ އެކެވެ.

" ދިވެހިން އޭ އެއް ލިބުނީމާ ޓީޗަރުންގެ އިރުޝާދާއެކު ރީޗެކް ކުރަން އެދުނީ. ނަޞީބަކުން ރީޗެކް ކުރުމުން އޭ އިން އޭ ސްޓަރއަކަށް ބަދަލުވެއްޖެ"
ޝާއިން ބުނީ ދިވެހި މާއްދާއިން ލިބިދާނެ ނަތީޖާއަކާމެދު ޝައްކުވީ ސިލަބަސް ބަދަލުވިއިރު، ކުރިން ލިޔަންޖެހޭ މިންވަރު އާ ސިލަބަހުގައި އިތުރުކޮށްފައި އޮންނާތީ އެއީ ކުރިން ކުރަމުންއައި ކަމަކަށް ނުވާތީއެވެ.
ކިޔެވުމުގައި އާދަޔާ ޚިލާފު ނަތީޖާއެއް ހޯދަމުންދާ ޝާއިން ކިޔަވަނީ ހަމަހިމޭން ވަގުތު ތަކުގައެވެ. ގޭގެ އެންމެން ނިދައި ހަމަހިމޭން ވުމުން ޝާއިން ތެދުވެ އިންނަނީ ކިޔަވާށެވެ. އަޑުގަދަ މާހައުލަކީ ކިޔެވުމަށް އެންމެ އެކަށޭނެ މާހައުލެއް ނޫނެވެ. އެހެންވެ އެފަދަ މާޙައުލެއް ގޭތެރޭގައި ބޭއްވުމަށް މަންމައާއި ބައްޕަ ވަރަށް ބޮޑު އިސްކަމެއް ދިން ކަމަށް ޝާއިން ބުންޏެވެ.
ކިޔަވާށެކޭ މަންމައާއި ބައްޕަ ނުބުނާ ކަމަށާއި އޭނާ ކިޔެވީ ކިޔަވާ ހިތުން އަމިއްލައަށް އެކަމަށް އެދިގެން ކަމަށް ޝާއިން ބުންޏެވެ.
" މަންމަ، ކިޔަވާށޭ ބުނީމާ ފޮތެއް ނަގައިގެން އިނދެ ކިޔެވިޔަސް ކާމިޔާބެއް ނުވާނެ. އުއްމީދެއް ނޫނީ ލަނޑުދަނޑިއެއް އޮވެގެން އެއް އަމާޒަކަށް ގަދައަޅައި މަސައްކަތް ކޮށްގެން ކިޔަވަންޏާ ކާމިޔާބު ލިބޭނީ"
ކުޑައިރު ވާހަކަ ފޮތް ކިޔުމުގައި ގިނަ ވަގުތު ހޭދަކުރިޔަސް އޯލެވެލްއާ ހިސާބުން ޝާއިން ހޯދާ ބަލަން ފެށީ ކިޔަވަމުންދާ މާއްދާތަކާ ގުޅޭ މައުލޫމާތެވެ. އެ މައުލޫމާތު ހޯދުމުގައި ގިނަ ވަގުތު ހޭދަކުރީ ޔޫޓިއުބާއި ވިކިޕީޑިއާގެ ތެރޭގައެވެ.
ޝާއިން ބުނީ އޯލެވެލްއަށްވުރެ އޭލެވެލް އޭނާއަށް ފަސޭހަވި ކަމަށާއި، އޯލެވެލްގައި ކޮންމެ ޓޮޕިކަކުން އަންނަނީ މަދު އެއްޗެއް ކަމަށްވާއިރު، އޭލެވެލްގެ ސިލަބަސް ފުޅާވެފައި ކިޔައިދޭ އެއްޗެއް ގިނަވީމާ " އަންޑަސްޓޭންޑްވާން" ފަސޭހަވި ކަމަށެވެ.

" އޯލެވެލްގައި އޯވަރސިމްޕްލިފައި ކޮށްފައި ވަރަށް ކުޑަކޮށް ކިޔާދެނީ. އެހެންވެ ފަހުމެއް ނުވޭ. އެއާ ޚިލާފަށް އޭލެވެލްގައި ވަރަށް ފުޅާކޮށް ކިޔަވައިދެނީ. އެހެންވެ ފަހުމްވޭ މާ ފަސޭހައިން"
ޝާއިން ބުނީ ކިޔެވުމަކީ މިހާރު އުނދަގޫ ކަމެއް ނޫން ކަމަށެވެ. ޓީޗަރުން ކިޔަވައިދޭ ގަޑީގައި ދޭހަވާ ވަރަށް އޭގެ ތެރެއަށް ވަނުން މުހިންމު ކަމަށާއި އިތުރު މައުލޫމާތު ހޯދަން ވާނީ އަމިއްލައަށް ކަމަށެވެ.
" އޭލެވެލްއަށް އަމާޒުކޮށް ހަދާފައި ހުންނަ ވަރަށް ގިނަ ވީޑިއޯތައް ޔޫޓިއުބުން ފެންނަން އެބަހުރި. އެ ވީޑިއޯތަކުގައި ހުންނަނީ ފަސޭހައިން އެނގޭ ގޮތަށް ކިޔާދީފައި. ކިޔަވާ ކުއްޖާގެ އަތްފޯރާފަށުގައި މައުލޫމާތު މިހާރު ލިބެން އެބަހުރި. ބޭނުންވަނީ ހިތްވަރެއް. އެކަމަށް އެދިގެން މަސައްކަތް ކުރުން."
ޝާއިން ބުނީ އޭނާގެ ކާމިޔާބީގައި ޖަމާލުއްދީނާއި ސީއެޗްއެސްއީގައި ކިޔަވައިދިން ޓީޗަރުންގެ ހިއްސާ ބޮޑު ކަމަށެވެ. ނޭނގޭއެއްޗެއް އޮޅުން ފިލުވައިދިނުމާއި ކިޔެވުމާއިގެން ކުރިއަށް ދިއުމަށް ދެއްވި ހިތްވަރާއި ދިން ނަޞޭހަތުގެ ފައިދާ އޭނާއަށް ކުރި ކަމަށެވެ. ގެއްލޭ ފިލާވަޅުތަކާއި ދޭހަ ނުވާ ޓޮޕިކްތައް ވެސް މުދައްރިސުންގެ ގާތު އަހައިގެން އޮޅުން ފިލުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ސީއެޗްއެސްއީގެ ހުރިހާ ޓީޗަރުންނަކީ ދަރިވަރުންނަށް އިތުރު ގަޑި ނަގައިދީގެން ވެސް ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ބައެއްކަން ޝާއިން ފާހަގަކުރިއެވެ.
ޝާއިން ބުނީ ދިވެހި މާއްދާއަށާއި އިސްލާމް މާއްދާއިން ކުރިއަށް ދިއުމަށް މަގުކޮށިގެން ދިޔައީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ކޯޗެއްގެ ގޮތުން ޖަމާލުއްދީނަށް މަސައްކަތް ކޮށްދެއްވި އަންވަރު އިބްރާހިމް (އަންވަރު ސަރ) ކޮށްދެއްވި މަސައްކަތުންނެވެ.
" ވާހަކަ ދެއްކުމުގެ މުބާރާތަށް ތައްޔާރުވުމަށް ކުރަން ޖެހުނު މަސައްކަތާއި އެއްކުރި މައުލޫމާތުގެ ހަޤީޤީ ފައިދާ އިމްތިޙާނުން ފެނިގެން ދިޔައީ. އެހެންވެ އަންވަރު ސަރއަށް ހިފެހެއްޓުމެއް ނެތް ޝުކުރެއް އަރިސްކުރަން"

ޝާއިންގެ ކާމިޔާބީގައި މަންމައާއި ބައްޕައާއި އާއިލާގެ މީހުންގެ ހިއްސާބޮޑެވެ. މަންމަމެން ކޮންދިން ކަންތައްތަކާއި ކިޔެވުމަށް ދެއްވި ހިތްވަރާއި ދިން ނަޞޭހަތަކީ މާދަމާ ދުނިޔޭގެ ކޮންމެ ޔުނިވަރސިޓީއަކުން ކިޔެވިޔަސް ހަނދާން ބަހައްޓަންޖެހޭ ކަންތައްތައް ކަމަށް ހެޔޮހިތުން ޝާއިން ޤަބޫލުކުރެއެވެ.
" މަންމައާއި ބައްޕަގެ އެ ލޯތްބާއި ކުލުނާއި ދިން ނަޞޭހަތާ ނުލައި މިވަރުގެ ކާމިޔާބެއް ނުލިބުނީސް" ޝާއިންގެ އަޑުގައިވަނީ އުފާވެރިކަމެވެ.
ޝާއިން ބުނީ އިމްތިޙާން ފެށުނުއިރު، މަންމައާއި ބައްޕަ ރާއްޖޭގައި ނެތް ކަމަށާއި، އެ ވަގުތު ޒިންމާ އަދާކުރީ މާމަ ކަމަށެވެ. އިމްތިޙާނަށް ހުރިހާ ވަގުތެއް ހުސްކޮށްލެވުނީ މާމަގެ ލޯތްބާއި ކުލުނާއެކު ކޮށްދިން މަސައްކަތްތަކުގެ ސަބަބުންނެވެ.
advertisment
ހިޔާލު