ސާނަވީ އިމްތިޙާނުގައި ހިމެނޭ އެސްއެސްސީއާއި ކޭމްބްރިޖްގެ އޯލެވެލް މާދަމާ ފަށާއިރު ހުރިހާ ސްކޫލަތަކުން ވެސް އިމްތިޙާނަށް ވަނީ ތައްޔާރުވެފައެވެ.
މި މަހުގެ 11 އަދި 12 ވަނަ ދުވަހު އާޓްސް މާއްދާގެ ޓެސްޓް ވަނީ ބާއްވާފައެވެ. އޭގެ ފަހުން ދެން ޓެސްޓް ފަށާނީ މާދަމާއެވެ. މާދަމާ ފަށާނީ އެސްއެސްސީ އިމްތިޙާނެއެވެ. އޮންނާނީ އިސްލާމް މާއްދާގެ ކަރުދާސް އެކެކެވެ.

އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން އިމާދުއްދީން ސްކޫލުން ވަނީ ހަތަރު ސްކޫލަކަށް އަމާޒުކޮށްގެން "އަރުތަ" ނަމުގައި ކޭމްޕެއް ބާއްވާފައެވެ. މިއީ އެ ސްކޫލުން އިސްނަގައިގެން ގުރޭޑް 10 ގެ ދަރިވަރުން ސާނަވީ އިމްތިޙާނަށް ތައްޔާރު ކުރުމާއި، ދަރިވަރުން ބާރުވެރި ކުރުވުމަށް ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. ދިހަ ދުވަހަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި މި އަހަރު ބައިވެރިވީ ވ. ކެޔޮދޫ ސްކޫލާއި ތ. މަޑިފުށީ ސްކޫލާއި ވ. އަތޮޅު ތަޢުލީމީ މަރުކަޒާއި ށ. އަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.
މާލޭގެ ސަރަޙައްދުގެ އެހެން ސްކޫލްތަކުން ވެސް އަތޮޅުތަކުގެ ބައެއް ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ތާޖުއްދީނާއި އިސްކަންދަރާއި ޖަމާލުއްދީނާއި ހުރަވީ ސްކޫލް ހިމެނެއެވެ.
ޣާޒީ ސްކޫލްގެ ޕްރިންސިޕަލްކަމާ ދާދި ފަހުން ހަވާލުވެ ވަޑައިގެންނެވި ތާޖުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދު ވިދާޅުވީ އެ ސްކޫލުން މި އަހަރު ސާނަވީގައި 141 ދަރިވަރުން ބައިވެރިވާ ކަމަށެވެ.
" އަޅުގަނޑުމެންގެ ވެސް އުއްމީދު މަތި" ބަޝީރާ ވިދާޅުވިއެވެ.
އެނާ ވިދާޅުވީ އޯލެވެލްއަށް އެ ސްކޫލުން ދަރިވަރުން ތައްޔާރު ކުރީ ދެ ގޮތަކަށް އިސްކަންދީގެންނެވެ. އެއީ އާންމުކޮށް ބާއްވާ އެކްސްޓްރާ ކުލާސްތަކާއި ވަކިވަކި މާއްދާތަކުން ދަރިވަރުންނަށް ފޯކަސް ކޮށްގެން ކުރިއަށް ގެންދިޔަ ކުލާސްތަކެވެ.
" ރިސޯސް ބޭފުޅުން ގެނެސްގެން ވެސް އަޅުގަނޑުމެން ކުލާސްތައް ކުރިއަށް ގެންދިޔައިން. އޭގެ އިތުރުން ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ޓީޗަރަކާއެކު ކިޔެވުމުގެ ފުރުޞަތު ވެސް ހޯދައިދެވުނު" 1600 އެއްހާ ދަރިވަރުން ކިޔަވަމުންދާ ޣާޒީ ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ ވިދާޅުވިއެވެ.
ށ. ފޭދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަޝީދު ވިދާޅުވީ އެ ސްކޫލުން މި އަހަރު އޯލެވެލްގައި 17 ކުދިން އެސްއެސްސީގައި 16 ކުދިން ބައިވެރިވާނެ ކަމަށެވެ.
އެނާ ވިދާޅުވީ ޓީޗަރުންނަށް ކުރެވެން ހުރިހާ މަސައްކަތެއް ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ކޮށްދެވިއްޖެ ކަމަށާއި މިހާރު ކުރިއަށް ގެންދަނީ އިމްތިޙާނަށް ތައްޔާރުވުމަށް ދަރިވަރުންނަށް ދޭންޖެހޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކަމަށެވެ.

" އުއްމީދު ކުރަނީ ރަނގަޅު ނަތީޖާއަކަށް" 200 އެއްހާ ދަރިވަރުން ކިޔަވަމުންދާ ށ. ފޭދޫ ސްކޫލްގެ ޕްރިންސިޕަލް ނަޝީދު ވިދާޅުވިއެވެ.
ނ. ލަންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފު އަބްދުއްރަހީމް ވިދާޅުވީ ސާނަވީ އިމްތިޙާނަށް އެ ސްކޫލުން މި އަހަރު ކުރާ އުއްމީދު މަތިކަމަށާއި މި އަހަރު އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނާމެދު ބޮޑު އުއްމީދެއް ކުރެވޭ ކަމަށެވެ.
" މިފަހަރު ޑްރީމް ބެޗެއް އިމްތިޙާނުގައި އިށީންނަނީ" ޔޫސުފު ވިދާޅުވިއެވެ.
އެ ސްކޫލުގެ ދިހަ ދަރިވަރުން ސާނަވީ އިމްތިޙާނުގައި ބައިވެރިވާނެއެވެ.
ޔޫސުފު ވިދާޅުވީ އެ ސްކޫލުން އަމާޒަކީ ފާސްވާ އިންސައްތަ ސައްތައިން ސައްތައިގައި ހިފެހެއްޓުމާއެކު މަދުވެގެން 50 އިންސައްތަ ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުމެވެ.
" ހަފްތާ ބަންދެއް ނުދާނެ ސްޓަޑީ ކޭމްޕެއް ނުބާއްވާ. މިހާތަނަށް 15 ކޭމްޕް ބޭއްވިއްޖެ. ރިސޯސް ބޭފުޅުން މާލޭގެ ސްކޫލްތަކާއި އަތޮޅުތަކުގެ ސްކޫލްތަކުން ގެނެސްގެން ސެޝަންތަކެއް ވެސް ކުރިއަށް ގެންދިޔައިން" އޭނާ ވިދާޅުވިއެވެ.
ހދ. ކުމުންދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު އާދަމް ވިދާޅުވީ އެ ސްކޫލުން ސާނަވީ އިމްތިޙާނުގައި 18 ދަރިވަރުން ބައިވެރިވާނެ ކަމަށާއި އޭގެ ތެރެއިން ހުރިހާ މާއްދާއެއްގައި ބައިވެރިވާނީ 12 ދަރިވަރުން ކަމަށެވެ. އޭނާ ވިދާޅުވީ ފަސް މާއްދާއިން ފާސްވި އިންސައްތަ މި ފަހަރު 75އާއި 80އާ ދޭތެރޭގައި ހިފެހެއްޓޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

" ކުރީ އަހަރު ގަދަ ދިހައެއްގައި ވެސް ހިމެނުނީ އެންމެ ދަރިވަރެއް. މިފަހަރު އެ އަދަދުވެސް އިތުރުވާނެ ކަމަށް ބެލެވޭ" މުހައްމަދު އާދަމް ވިދާޅުވިއެވެ.
އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވެސް ސްކޫލްތަކާއި ރަށްރަށުގެ ކައުންސިލުތަކުން ވެސް ހިންގިއެވެ. ދަރިވަރުންނާއި ބައްދަލުކޮށް ހަދިޔާ ދިނުމާއި އެކުދިންނަށް ޚާއްޞަކޮށްގެން ރޯދަ ވީއްލުން ފަދަ ކަންތައްތައް އިންތިޒާމް ކުރިއެވެ.
މި އަހަރު އެސްއެސްސީ އިމްތިޙާނުގައި 6،106 ދަރިވަރުން އޯލެވެލްގައި 6،698 ދަރިވަރުން 245 ސެންޓަރުގައި އިމްތިޙާން ހަދާނެއެވެ.
advertisment
ހިޔާލު