ކަނޑުހުޅުދޫ ސްކޫލްގެ ދަރިވަރުން ޢީދު ދުވަހުވީ މާލިތަކަށް

ގއ. ކަނޑުހުޅުދޫގައި ޢީދު ފާހަގަކުރުމުގެ ޒިންމާ އަބަދު ވެސް ނަގާ އެއް ފަރާތަކީ އެރަށު ސްކޫލެވެ. ރަށުގެ އެންމެންގެ މެންދުގައި އިޖްތިމާއީ ގުޅުން ބަދަހިކޮށް އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރަން އެ ސްކޫލުން ކުރިއަށް ގެންދާ ޢީދު ހަރަކާތްތައް ފުދެއެވެ.

ޢީދުގެ ހަރަކާތްތައް މި އަހަރު އެ ސްކޫލުން ފެށީ ރަށުގެ ބަނދަރު ސަރަޙައްދުގައި ބޭއްވި ޢީދަށް ހަނދު ބެލުމުގެ ޙަރަކާތުންނެވެ. ހުކުރު ދުވަހަކީ ޢީދު ކަމަށް ކަނޑައެޅުމާއެކު ދެން ފެނުނީ ޢީދުމަޅިއަށް ދަރިވަރުން ތައްޔާރުވިތަނެވެ. ޢީދުމަޅިޖަހަން ދަރިވަރުން ދިޔައީ ވެސް ބެރުދުއްމާރީގެ ޕެރޭޑެއްގައެވެ. އީދުމަޅިއާއެކު މުޅިރަށް ހުޅުދާންވެގެން ދިޔައެވެ. އެ މަންޒަރު ބަލަން ރަށުގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް އެ ސަޙައްދައް ޖަމާވިއެވެ.

ކަނޑުހުޅުދޫ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު ނާދިޔާ ވިދާޅުވީ ޢީދު ފާހަގަކުރުމަކީ އެ ސްކޫލުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ބޭނުމަކީ މުޖްތަމައުގެ އެންމެހާ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމެވެ. އެކަން ކުރުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރެވޭނެ ބަޔަކީ ސްކޫލާއި ސްކޫލްގެ ދަރިވަރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޢީދުމަޅިއަށްފަހު، ޢީދު ދުވަހުގެ ހެނދުނު ބޭއްވި ސައި ހަމަޖައްސައި ދިނީ ރަށު ކައުންސިލުންނެވެ. ސައި އޮތީ ވެސް އެންމެންނަށް ބައިވެރިވެވޭ ގޮތަށެވެ.

ޢީދު ދުވަހުގެ ހަވީރު އޮތީ "މާލިޕެރޭޑް"އެވެ. އެ ރަށުގެ ބޮޑެތި މަގުތަކުގައި ބޭއްވި އެ ޕެރޭޑްގައި އެ ސްކޫލްގެ ހުރިހާ ކުދިންނަށް ފުރުޞަތު ދިނެވެ.

" މަދު ކުއްޖަކަށް ބައިވެރިނުވެވި ދާނީ" ނާދިޔާ ވިދާޅުވިއެވެ.

150 އެންހާ ދަރިވަރުން ކިޔަވަމުން އަންނަ ކަނޑުހުޅުދޫ ސްކޫލުގެ ކޮންމެ ކުއްޖަކު ޢީދު ދުވަހުވީ މާއްޔަކަށެވެ. ފުޅި މާއްޔާއި ގޯނި މާއްޔާއި ފަތު މާއްޔާއި ފޮށިމާއްޔާއި ފޮތި މާލި ފަދަ އެތައްވައްތަރެއްގެ މާލި ފެނުނެވެ.

ރަށުގެ އެންމެން ނުކުމެ ދަރިވަރުންގެ އެ މަސައްކަތުގައި ބައިވެރިވިއިރު ޢީދުގެ އުފަލުގައި ވެސް ބައިވެރިވެވުނީއެވެ.

ނާދިޔާ ވިދާޅުވި ގޮތުގައި ޢީދަށް ތައްޔާރުވުމުގެ މަސައްކަތް އެ ސްކޫލުން ފެށީ ދެ ހަފްތާ ކުރިންނެވެ.

" ދަރިވަރުންގެ މަސައްކަތުގައި ބެލެނިވެރިންނާއި ކައުންސިލާއި ރަށުގެ ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވެެސް ލިބުނު" މިދިޔަ މަހު ޕްރިންސިޕަލްކަމާ ހަވާލުވެ ވަޑައިގެންނެވި ނާދިޔާ ވިދާޅުވިއެވެ.

ޢީދު ފާހަގަކުރުމުގައި ގިނަ ރަށްރަށުގައި ތަފާތު ހަރަކާތްތައް ހިންގައެވެ. އެންމެންނަށް ބައިވެރިވެވޭ ޢީދު ހަރަކާތްތަކުން މިފަހަރު ކަނޑުހުޅުދޫ ސްކޫލުން ގެނެސްދިނީ އެރަށުގެ ރައްޔިތުންނަށް ހިނިތުންވުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *