ހއ. ދިއްދޫގެ އެންމެ އަލިގަދަ ތަރިއަކަށް މިއަހަރު ހޮވުނީ އަލްހާފިޒާ ބައްސާމާ ސުލައިމާނެވެ. ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ބާއްވާތާ މިއީ ދެވަނަ އަހަރެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ވެސް ބައްސާމާ ބައިވެރިވިއެވެ. އެފަހަރު ދިޔައީ މުބާރާތުން ހަތަރު ވަނަ އަށެވެ.
ބައްސާމާ ބުނީ، އޭނާ މި އަހަރުގެ މުބާރާތުގައި ބައިވެރިވީ ޝަރުޠެއް ވެސް ކަނޑައަޅައިގެންނެވެ. އެއީ މުބާރާތުން އެއްވަނަ ލިބިއްޖެނަމަ ދެން އެ މުބާރާތުގައި ވާދަ ނުކުރުމެވެ.
" އެއްވަނަ ލިބިއްޖެނަމަ، އެހެން ކުދިންނަށް ފުރުޞަތު ދޭން ބޭނުންވޭ. އެހެންވެ މާކުރިން ވެސް ނިންމާފައި އޮތް ނިންމުމެއް އެއީ" މަންމަ ދިން ހިތްވަރާއެކު މި އަހަރުގެ މުބާރާތުގައި ބައިވެރިވި ބައްސާމާ ދަރިވަރު ނޫހަށް ބުންޏެވެ.

" މަތީ ސާނަވީ ނިންމާލިއިރު ރަށާއި މާލޭގައި ބޭއްވި ގިނަ މުބާރާތްތަކުން ގިނަ ވަނަތައް ހޯދިއްޖެ. އެހެންވެ ދިރިއުޅުމުގެ މަސައްކަތުގެ ތެރޭގައި އުޅޭއިރު، މުބާރާތްތަކުގައި ވާދަކުރުމުގެ ބަދަލުގައި ބޭނުންވަނީ އާއިލާގެ ތެރެއިން ކޮއްކޮމެންނަށް ވެސް ފުރުޞަތު ދޭން"
ބައްސާމާ ވަނީ ޤައުމީ މުބާރާތުން އެއް ފަހަރު ވަނައެއް ހޯދާފައެވެ. އޭގެ އިތުރުން ރަށާއި އަތޮޅު ފެންވަރުގައި ބޭއްވި މުބާރާތްތަކުން ފެށިގެން މާލޭގައި ބޭއްވި ފަލާޙު ޤުރުއާން މުބާރާތް ފަދަ އެތައް މުބާރާތަކުން އެތައް ވަނައެއް ވަނީ ހޯދަފައެވެ.
ބައްސާމާ ބުނީ ދިއްދޫގެ އެންމެ އަލިގަދަ ތަރިއަކަށް ވުމަށް އޭނާ ކުރި މަސައްކަތުގައި މި އަހަރުގެ މުބާރާތް ދިޔައީ ހީކުރި ވަރަށްވުރެ ވާދަވެރިކޮށެވެ. މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ފެންވަރު ވެސް މާ ބޮޑުތަން ރަނގަޅެވެ.
ޤުރުއާން މުބާރާތްތަކުން ކާމިޔާބީ ހޯދުމަށް މަސައްކަތްކުރާއިރު އަބަދުވެސް ކައިރީގައި ހުންނަ މަންމަ މިފަހަރު ރަށުގައި ނެތުމުން ބައްސާމާއަށް ކުރަންޖެހުނު މަސައްކަތް ދެގުނަވިއެވެ. މިފަހަރު އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ފިރިމީހާއެވެ.

" މުބާރާތްތަކަށް ތައްޔާރު ކޮށްދިނުމުގެ ހުރިހާ މަސައްކަތެއް ކުރަމުން އައީ މަންމަ. މަންމަ ރަށުގައި ނެތުމުން، މަންމަގެ ދިން އިރުޝާދާއެކު ހުރިހާ މަސައްކަތެއް ކޮށްދިނީ ފިރިމީހާ" ބައްސާމާ ބުންޏެވެ.
" ސުވާލުކުރަންވީ ތަންތަން ބުނެދީ، ހެދޭ މިސްޓޭކް ރަނގަޅުކޮށްދީ، އެ ހުރިހާ ކަމެއްގައިވެސް މަންމައާއި ފިރިމީހާގެ އެހީތެރިކަން ލިބުނީ"
ބައްސާމާ ބުނީ ތަޖުވީދުގެ ބަޔަކީ އަބަދުވެސް އޭނާއަށް އެންމެ އުނދަގޫބައެވެ. ތަޖުވީދުގެ ބައިން ސުވާލުތައްކޮށް އެ ދަސްކޮށްދިނުމުގައި ދިއްދޫ ސްކޫލްގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އޭނަގެ ބޮޑުދޮންތަގެ އެހީތެރިކަން ވަރަށް ބޮޑު ލިބުނު ކަމަށް އޭނާ ފާހަގަކުރިއެވެ.
ބައްސާމާއަށް ފަސޭހައީ ކުރު ރާގަށް ކިޔަވާށެވެ. ދިގު ރާގަށް ކިޔަވަން ދަސްކުރަނީ ވެސް މުބާރާތަކަށް އަރަންވީމައެވެ. ދިގުރާގަށް ލައްވަންޖެހޭ ހުރިހާ ބަޑިއެއް ލައްވާފައި ކިޔުވުމަކީ އޭނާއަށް އެހާ ފަސޭހަކަމެއް ނޫނެވެ. އެހެންވެ މުބާރާތްތަކުގައި ބައިވެރިވާއިރު ވެސް ދިގު ރާގުގެ ބައިން ލިބޭ މާކްސް މަދުވެއެވެ.

އެންމެ ކުޑައިރުއްސުރެ ބައްސާމާ އުޅުނީ ޤުރުއާނުގެ ތެރޭގައެވެ. މަންމައަކީ ގެކައިރީގައި އުޅޭ ކުދިންނަށް ޤުރުއާން ކިޔަވައިދޭ މުދައްރިސެކެވެ. ޤުރުއާނަށް މަންމަގެ ހިތުގައި އޮތް ލޯބި ބައްސާމާގެ ހިތުގައިވެސް އޮތެވެ. ގޭތެރެއިން އަބަދުހެން އިވެނީ ރޭޑިއޯއިން ކިޔަވާއަޑެވެ. ޤުރުއާން ހިތުދަސް ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔަސް ގުރޭޑް އެކަކަށް ދިޔައިރު އައްމާ ފޮތް އެކީ ދަސްކޮށްފިއެވެ. އޭރުއްސުރެ ޤުރުއާން މުބާރާތްތަކުގައި ބައިވެރި ކުރުވުމަށް މަންމަ ދިޔައީ އޭނާ ތައްޔާރު ކުރަމުންނެވެ.
ޤުރުއާން ކިޔެވުމަށް ދޭ ސަމާލުކަމާއި ދަސްކުރާލެއް އަވަސްކަމުން ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ފެށީ މާލެ ބަދަލުވެ ކިޔަވަން ފެށުމަށްފަހުއެވެ. އަރަބިއްޔާގައި ކިޔަވަން ދިޔައިރުވެސް ޤުރުއާން ކިޔަވައި ދިނުމުގައި މަންމަ ކުރަމުން ދިޔަ މަސައްކަތް ހުއްޓާނުލައެވެ.
" ޤުރުއާން ކިޔެވުމަށް ދޭ ސަމާލުކަމާއި އަވަހަށް ދަސްކުރާތީ އަރަބިއްޔާގެ ޓީޗަރުން އެދުނީ ޤުރުއާން ހިތުދަސްކުރަން ފަށަން"
އެ މީހުން ދިން އިރުޝާދާއެކު މަންމަގެ އެހީތެރިކަމާއެކު ޢުމުރުން ތޭރަ އަހަރުގައި ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ފެށިއެވެ. ޤުރުއާން ހިތުދަސްކޮށްވެސް ނިންމާލީ ގުރޭޑް ދިހައެއް ނިންމި ހިސާބުންނެވެ. އޭގެ ފަހުން މުރާޖައާ ކުލާހެއްގައި ދެ އަހަރު ދުވަހު އުޅެފައި ޤުރުއާނާބެހޭ މަރުކަޒުގައި އޮންނަ ހިފުޒު ކޮމިޓީއަށް ކިޔައިދިނީ ގުރޭޑް 12 ނިންމާފައެވެ. ހާފިޟާ ކަމުގެ ސަނަދު ލިބުނީ ޢުމުރުން 19 އަހަރުގައެވެ.

" ހިތުދަސްކޮށް ނިންމާފައި ކޮމިޓީއަށް ކިޔަދޭން ލަސްވީ ސާނަވީއަށް ވަގުތު ދޭންވެގެން" ބައްސާމާ ބުންޏެވެ.
ޤުރުއާން މުބާރާތުން ވަނަ ހޯދަން ބޭނުންވާ ދަރިވަރުންނަށް ބައްސާމާ ދޭ ނަޞޭހަތަކީ ކިޔެވުމުގައި ޖެހޭ ކުށްތައް ފާހަގަކޮށް ވީހާވެސް ބޮޑަކަށް އެކުށްތައް ރަނގަޅު ކުރުމަށް ސަމާލުކަން ދިނުމެވެ. މުބާރާތަކުން އެއްވަނަ ލިބުމަކީ އެއީ އެއް ފަހަރުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި ގަދައަޅައި މަސައްކަތް ކުރަން ބައްސާމާ ނަޞޭހަތް ދެއެވެ.
" އަމިއްލައަށް ކިޔަވާއިރު ދިމާވާ މައްސަލަތަކެއް ފާހަގައެއް ނުކުރެވޭނެ. ޤުރުއާން ހިތުދަސްކުރާ ކުދިންގެ ކިޔެވުން އެންމެ އިތުބާރު ކުރާ މީހަކަށް ކިޔައިދިނުން މުހިންމު"
ބައްސާމާ ބުނީ މުބާރާތެއްގައި ކިޔަވަން ފަރިތަކުރުމާ ޤުރުއާން ހިތުދަސްކުރަން ކިޔެވުމާ ތަފާތު ކަމަށާއި ދަސްކުރަންވާނީ ކިޔަވަން ފަސޭހަވާނެ ގަޑިއެއްގައި ކަމަށެވެ.
advertisment
ހިޔާލު