"ނާކާމިޔާބުވި ކޮންމެ ފަހަރަކު ފެށީ އާ ފޮޅުވަތަކުން، އާ ޕެރެގްރާފަކުން"
ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި 2017 ވަނަ އަހަރު ބައިވެރިވެ ފަސް ރަތާއެކު ފެއިލްވިއެވެ. ޖެހިގެން އައި މުބާރާތުގައި ރަތް ފަސް ސުވާސާއަށް ބަދަލުކޮށް ލެވުނެއެވެ. ދެން ޖެހިގެން އައި އަހަރު ފަސް ރަންތަރިއާއެކު ދަށު ސާނަވީން އެއްވަނަ ހޯދިއެވެ.
މިއަހަރު ބޭއްވި ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި މަތީ ސާނަވީން އެއްވަނަ ހޯދާ، އެ ޢުމުރު ފުރައިން އެންމެ މޮޅު ސްކޫލުގެ ޝަރަފު، ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަނަށް ހޯދާ ދިން އަހުމަދު އަލާއު އިސްމާއިލުގެ ކާމިޔާބީ ފެށެނީ ހިރިޔާ ސްކޫލުންނެވެ.
ހިރިޔާ ސްކޫލްގެ އަދަބީ ފޯވަހިން އުފެއްދި މި ވާހަކަ ދެއްކުންތެރިޔާ ވަނީ މިހާތަނަށް ދަށު ސާނަވީއާއި މަތީ ސާނަވީން އެއްވަނަ ހޯދާ، ވާހަކަ ދެއްކުމުގައި އޭނާ ގެންގުޅުނު އަމިއްލަ ވަންތަ ސްޓައިލް ދިފާއުކޮށްފައެވެ.

ވާހަކަ ދެއްކުންތެރިކަމާ ދިމާލަށް އަލާއުގެ ހިތް އަނބުރާލީ ހިރިޔާގެ ގުރޭޑް ދޭއްގައި ކިޔަވަމުން ދިޔައިރު ބޭއްވި އަދަބީ ފޯވަހިން އެ ސްކޫލަށް ހުޅުވާލައިގެން ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތުންނެވެ. ސްކޫލް ފެންވަރުގައި ބޭއްވި މުބާރާތްތަކުން ތަފާތު އެކި ވަނަތައް ހޯދިއިރު، 2019 ވަނަ އަހަރު އިންޓަރ ހައުސް މުބާރާތުން އެއްވަނަ ހޯދިއެވެ.
ޤައުމީ މުބާރާތައް ހިރިޔާ ތަމްސީލުކުރަން އަލާއު އެރީ 2017 ވަނަ އަހަރުއެވެ. އޭރު އޭނާ ކިޔަވަމުން ދިޔައީ ގުރޭޑް 6ގައެވެ.
" ފުރަތަމަ އަހަރު ލިބުނީ ފަސް ރަތް. އެވަގުތު ވަރަށް ދެރަވި. އެކަމަކު ޖެހިގެން އައި ދުވަހު ހޭލާފައި ހިތަށް އެރީ ރަތަކުން ނިންމާނުލާނަމޭ އަދި މަސައްކަތް ކުރާނަމޭ. އެކުރި މަސައްކަތުން ދެވަނަ އަހަރު ރަތް ބަދަލުކޮށްލެވުނީ ސުވާސާއަށް. އެވަރުން ވެސް ދުލެއް ނުކުރަން. އޭގެ ފަހުން ބޭއްވި މުބާރާތުން ފަސް ރަންތަރި ހޯދާ ދަށު ސާނަވީން ވެސް އެއްވަނަ ހޯދީ" އަލާއުގެ ކާމިބީ ކުރުކޮށް ކިޔައިދިނެވެ.

އަލާއު ބުނީ 2019 ވަނަ އަހަރު ދަށު ސާނަވީން އެއްވަނަ ލިބުމުން އުފާވި ނަމަވެސް ތަށިބަލާ ނުދެވުމުން ވަރަށް ދެރަވި ކަމަށެވެ. އިނާމް ދިނުމުގެ ޖަލްސާ އޮތް ރޭ ފުރައިގެން ދާންޖެނުނީ ސްކައުޓް ޖަމްބަރީއެއްގައި ބައިވެރިވުމަށެވެ. އަލާއުގެ ފަރާތުން ދަށު ސާނަވީގެ ދަށި އުފުލާދީ އޭނާގެ މަންމައެވެ. އޭގެ ފަހުން މަތީ ސާނަވީ އެއްވަނަ ލިބުނު ތަށި އުފުލާލުމުގެ ޝަރަފު އޭނާއަށް ލިބުނެވެ.

އަލާއު ބުނީ އޭނާ ބޭނުންވީ ވާހަކަ ދެއްކުމުގައި އަމިއްލަ ސްޓައިލެއް ގެންގުޅޭށެވެ. އަމިއްލަ ސްޓައިލަކީ ތަންކޮޅެއް މަޖާ އެކަމަކު ސީރިއަސްކޮށް ބުނާއެތި ވަރަށް ސީރިއަސްކޮށް ބުނެވޭ ސްޓައިލެކެވެ.
" ބުނަން ބޭނުންވާ އެއްޗެއް އެންމެ ފުނަށް ވެސް ފޯރާވަރަށް ބުނެވެންވާނެ"
ނަމޫނާއަކަށް ބެލީ ވާހަކަ ދެއްކުމުގައި ދެވަނައެއް ނެތް އިބްރާހިމް ޝިހާބެވެ.
" ޝިހާބު ވެސް މަޖާކޮށް ވާހަކަ ދައްކާފައި ސީރިއަސްކޮށްލާ ގޮތް ވަރަށް ސަޅި. ދެން ބެލީ ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް މޮޅެތި މީހުންގެ ވާހަކަ ދެއްކުން ނަކަލު ކުރެވޭތޯ. އެއަށްފަހު އަމިއްލަ ސްވިސްޓެއް ގެނެސްގެން ސިނާރިއޯއެއް ކުރިއޭޓްކޮށްގެން ގުޅުވާލަނީ" އަލާއު ބުންޏެވެ.
" ވާހަކަ ދެއްކުމުގައި ބަލަން ތައްގަނޑަކަށް ވާހަކަ ނުދައްކަން. ތަފާތު ގޮތްތަކެއް ގެނެސްގެން ފަނޑިޔާރުންގެ ސަމާލުކަން ހޯދަން މަސައްކަތް ކޮށްފައި ހުންނާނީ"
ޕްރެކްޓިސް ކުރާއިރު އަލާއު ފުރަތަމަ ކުރާކަމަކީ މައުޟޫ ނަގާފައި މައުލޫމާތުތައް އަމިއްލައަށް އަތުރާލަނީއެވެ. ދެން ވީހާވެސް ގިނައިން ފަރިތަކުރާނީ، ލޯގަނޑެއްގެ ކުރިމަތީގައި ހުރެގެން ރެކޯޑް ކުރަމުންނެވެ. ރެކޯޑިން ބަލައިގެން ހެދިފައި ހުރި ގޯސްތައް ފާހަގަކުރަނީ އަމިއްލައަށެވެ. ދެން ކޯޗުންނާއި ޓީޗަރުން ކައިރިއަށް ގޮސް އޭގައި ހުރި މައުލޫމާތުގެ ކުށްތަކާއި ބަހުގެ ކުށްތަކާއި އަޑުގެ ވޭރިއޭޝަންތަކަށް ޚިޔާލު ހޯދަނީއެވެ.
އަލާއު ބުނީ، މި އަހަރުގެ މުބާރާތައް ތައްޔާރުވާން ސީއެޗްއެސްއީން ގެނައި ފަންނީ ތަޖުރިބާކާރުން ދިން މައުލޫމާތާއި އިރުޝާދުތަކާއެކު ވާހަކަ ދައްކާނެ ގޮތް ރޭވީ މުބާރާތުގައި ބައިވެރިވި ސީއެޗްއެސްއީގެ ދަރިވަރުން އަމިއްލައަށެވެ.

" ޓީމުގެ އެންމެން އެއްމޭޒެއްގެ ކައިރިއަށް އައިސް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅީ. ބައެއް ތަންތަންކޮޅު ހުންނާނެ އަމިއްލަ ސްޓައިލުގެ އިތުރުން ކުދިން ބޭނުންވި ގޮތަށް ބަދަލުވެސް ކޮށްފައި. ވަރަށް ބައިވަރު މީހުންގެ އެހީތެރިކަން ލިބިގެން ޓީމް ވާރކެއްގެ ގޮތުގައި ކުރިއަށް ދިޔައީ" އަލާއު ބުންޏެވެ.
އަލާއު ބުނީ ސްޓޭޖް ބިރު އެއްކޮށް ކަނޑުވައެއް ނުލެވޭނެ ކަމަށާއި އެ ބިރު ހުންނަން ވެސް ޖެހޭ ކަމަށެވެ.
" ސްޓޭޖް ބިރު ކޮންމެވެސް ވަރަކަށް ހުންނަންޖެހޭނެ. އެހެން ނޫނީ އޯވަރ ކޮންފިޑެންސް ވެދާނެ " އަލާއު ބުންޏެވެ.
" ޕޯޓިއަމް ކައިރިއަށް ހުއްޓިލާފައި ހިތަށް އަރުވަނީ އެންމެން ތިބޭނީ ދައްކާވާހަކަ އަޑުއަހާށޭ. ކޮންމެ ހާލަތެއްގައި ވެސ އޯޑިއަންސް ކޮންޓްރޯލް ކުރާނަމޭ އަމިއްލައަށް"
އަލާއު ބުނީ، ވާހަކަ ދެއްކުންތެރިކަމާ އޭނާ އާ އޮތީ ހިތާހިތުގެ ގުޅުމެކެވެ. އެހެންވެ ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިނުވެވޭ ހާލަގތުގައި ކޯޗެއްގެ ގޮތުގައި ނަމަވެސް ކުރިއަށްދާން ބޭނުންވާ ކަމަށެވެ.
އަލާއުގެ ކާމިޔާބީގެ ފަހަތުގައި އެތައް ބަޔަކު ތިބިއިރު، ޝުކުރު އަދާކުރަން އޮތް ލިސްޓް ވަރަށް ދިގެވެ.
advertisment
ހިޔާލު