ޔުނިވަރސިޓީގެ ހަރަކާތްތަކުން ލިބޭ ތަޖުރިބާއަކީ، ޙަޔާތުގައި ފަހުން ނުލިބިދާނެ ތަޖުރިބާތަކެއް
ޤައުމީ ޔުނިވަރ ސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ޙަޔާތުގައި ވެސް ޖައްސަޖައްސައިގެން ދެވަނަ ދައުރަކަށް އެ ޔޫނިއަންގެ ރައީސްގެ މަގާމަށް އެކަކު އިންތިޚާބުވީ އެންމެ ދެ ފަހަރުއެވެ. އޭގެ ތެރެއިން އެކަކީ މި ދައުރުގެ ރައީސް ހުސައިން ޒައިދެވެ. ސޮސައިޓީ ފޯރ ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސުޓަޑީޒް (ޝެޓްސް)ގެ ނާއިބު ރައީސްގެ މަގާމުން ފެށިގެން، އެ ޔޫނިއަންގެ ރައީސް ކަމުގެ މަގާމަށް ކުރި ދަތުރުގައި އެމްއެންޔޫއެސްޔޫގައި މެދުކެނޑުމެއް ނެތި އޭނާ މަސައްކަތް ކުރާތާ މިއީ ފަސްވަނަ އަހަރެވެ.
ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުން އޭލެވެލް ނިންމައި، އެމްއެންޔޫއާ ގުޅުނު ޒައިދުގެ ބަހުންނަމަ އޭނާގެ "ދެވަނަ ގެ" އަކީ ވެސް އެއީއެވެ. ރާއްޖެޓީވީގައި ފުލްޓައިމް ކެމެރާމަނެއްގެ ވަޒީފާ އަދާކުރަމުން ފެކަލްޓީ އޮފް ހޮސްޕިޓަރލިޓީން ފަސްޓް ޑިގްރީއަށް ކިޔަވަމުންދާ ޒައިދަށް ލިބޭ ހުރިހާ ހުސްވަގުތެއް ހުސްކޮށްލަނީ އެމްއެންޔޫއެސްޔޫގެ މަސައްކަތްތަކަށެވެ. އޭނާގެ ހިތުގައި އެ ޔޫނިއަންގެ މަސައްކަތަށް ދެވިފައިވަނީ ވަރަށް ޚާއްޞަ ޝަޢުޤުވެރިކަމެކެވެ.

ޒައިދު ބުނި ގޮތުގައި އެމްއެންޔޫގެ ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ފެކަލްޓީގައި ކިޔަވަން ފެށިއިރު، އެ ފެކަލްޓީގެ "ޝެޓްސް" ގޮފީގެ ހަރަކާތްތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަކަށް ނުދެއެވެ. ގޮފީގެ ހިންގާ ކޮމިޓީގެ މެމްބަރަކަށް ނުވި ނަމަވެސް ބައެއް ހަރަކާތްތަކުގައި އިސްވެ އޭނާ އެ އަހަރު މަސައްކަތްތަކެއް ވެސް ކުރިއެވެ. ޖެހިގެންއައި އަހަރު، ޝެޓްސްގެ އިންތިޚާބުގައި ވާދަކުރީ ޙަމަދު ސްކޫލުގައި އެއްކޮށް އުޅުނު ސުއައިދު ޔޫނުސްއާއި ޙައްވާ ޝިއުރާ ޙަސަންއާއި އިތުރު ތިން ދަރިވަރުންގެ ޓީމެއް އެކުލަވައިލައިގެންނެވެ. އެ އިންތިޚާބުގައި ޒައިދު ވާދަކުރީ ނާއިބް ރައީސްގެ މަޤާމަށެވެ. ރައީސްގެ މަގާމަށް އަންނާކަށް އޭރު " ކޮންފިޑެންސެއް" ނެތެވެ. އިންތިޚާބު ކާމިޔާބުކޮށް، ކުރެވުނު މަސައްކަތުން އެ އަހަރު ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ ގޮފިތަކުގެ ތެރެއިން އެންމެ ކާމިޔާބު ދެވަނަ ގޮފީގެ މަގާމް ލިބުނެވެ.
"ޝެޓްސް" ގޮފީގައި ކުރެވުނު މަސައްކަތާމެދު އޭނާއަށް ލިބުނު ޔަގީންކަމާއެކު 2019 ވަނަ އަހަރު އެމްއެންޔޫއެސްޔޫގެ ޚަޒާންދާރުގެ މަގާމަށް ކުރިމަތިލިއެވެ. އޭނާ އެ މާގަމަށް ކުރިމަތިލީ އެ އެދައުރުގެ ރައީސް އަލީ ޝައްމޫނުގެ އެދުމުގެ މަތިންނެވެ. ޖެހިގެން އައި އަހަރު ނާއިބް ރައީސްގެ ޒިންމާއާ ކުރިމަތިލީ ޔޫނިއަންގެ މަސައްކަތުގައި ލިބެމުން ދިޔަ ތަޖުރިބާއާއެކު އެ އަހަރުގެ ރައީސް އަބްދުﷲ ޝަހުނީޒުގެ ޓީމުގައި ހިމެނިގެންނެވެ.
ހަތް ހާހެއްހާ ދަރިވަރުން ކިޔަވަމުންދާ ޔުނިވަރސިޓީގެ ހުރިހާ ދަރިވަރުން ހިމެނޭ ދިހަ ފެކަލްޓީގެ ދިހަ ގޮއްޕާއި އަތޮޅުތެރޭގައިވާ ހަތަރު ކެމްޕަހުގެ ހަތަރު ގޮއްޕާއެކު ކުރިއަށް ދާއިރު މަސްއޫލިއްޔަތާ އެއްވަރަށް ޒިންމާއާއި ޖަވާބުދާރީވާންޖެހޭ މިންވަރުވެސް ބޮޑެވެ. އެ ހުރިހާ ކަމަކާ ކުރިމަތިލީ އަމިއްލަ ނަފުސަށް ހޯދި އިތުބާރާއި އޭނާގެ ޓީމުން ދެމުންދާ ސަޕޯޓްގެ ސަބަބުން ކަމަށް ޒައިދު ބުންޏެވެ.

" ފާއިތުވި އަހަރުތަކުގައި އައި ރައީސުންގެ ޓީމުގައި ހިމެނިގެން ޔޫނިއަންގެ ތެރޭގައި މަސައްކަތް ކުރެވުނީ. އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުންގެ އެހީތެރިކަމާއެކު މިދިޔަ އަހަރު ރައީސް ކަމުގެ މަގާމަށް އައީ. މިދިޔަ އަހަރު ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހުނީމާ، މި ހިނގާ ދައުރަށް ވެސް ކުރިމަތިލީ" ޒައިދު ބުންޏެވެ.
ޒައިދު ބުނި ގޮތުގައި ސްޓޫޑެންޓް ޔޫނިއަންގެ ހަރަކާތްތައް އަހަރު ދުވަހަށް ފައްތާވަރަށްވުރެ ވެސް ގިނައެވެ. އޭނާ އިސްކަން ދެނީ ކުރީ ދައުރުތަކުން ފަށާފައިވާ ހަރަކާތްތައް ނުހުއްޓި ކުރިއަށް ގެންދާށެވެ. އޭގެ ފަހުން އިތުރު މުބާރާތްތައް ވެސް ތަޢާރަފު ކުރާށެވެ. މިއަހަރު އަލަށް ބެޑްމިންޓަށް މުބާރާތެއް ފަށަން ދަނީ ތައްޔާރު ވަމުންނެވެ. ބިލިޔާޑް މުބާރާތެއް ބޭއްވުމަކީ ވެސް މި އަހަރު ކުރަން ބޭނުންވާ ލިސްޓްގައި ހިމެނޭ ކަމެކެވެ.
" ކުދިންނަށް ފައިދާހުރި ހަރަކާތްތައް ހިންގަން ބަލަނީ. ކުޅިވަރުތަކަށް ބަލާއިރު ބެޑްމިންޓަން ތަޢާރަފު ކުރެވިއްޖެ. އަދި އެހެންމެ ބިލިއާޑް މުބާރަތެއް ވެސް ބާއްވާނަން" ޒައިދު ބުންޏެވެ.

ޒައިދު ބުނީ ކުޅިވަރު ހަރަކާތްތައް ހިންގާ ބައެކޭ ކިޔާފައި ފާޑުކިޔުންތައް ވެސް ޔޫނިއަންއަށް އަމާޒުވާ ކަމަށެވެ. އެކަމަކު ކުޅިވަރުގެ ހަރަކާތްތަކާއެކު ދަރިވަރުންނަށް ދިމާވާ ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ޒައިދު ބުންޏެވެ.
" އަހަރަމެން މި ބުނަނީ އަހަރަމެންނާ ހިސާބަށް އަންނާށޭ. ވާހަކަ ދައްކާށޭ. އިޝޫއެއް އޮތިއްޔާ ރަސްމީކޮށް މެއިލްކުރާށޭ. ވާހަކަ ދައްކައިގެން ކަންތައްތައް ރަނގަޅުކުރަން މަސައްކަތްކުރާނަމޭ. އަންނަ ޝައުވާތަކަށް ހައްލު ވެސް ހޯދާދީފައި ހުންނަނީ"
ހަތް ހާހަށްވުރެ ގިނަ ކުދިން އުޅޭ ތަނެއްގައި ކޮންމެ ކުއްޖެއްގެ ކައިރީގައި، ދަތިވަނީ ކޮންކަމެއްތޯ ވަކިވަކިން ނޭހޭނެ ކަމަށް ޒައިދު ބުންޏެވެ. ދަރިވަރުންނަށް ދިމާވާ ކަންތައްތައް ޙައްލު ކުރުމުގައި އެ ޔޫނިއަނުން ގިނަ މަސައްކަތްތަކެއްކޮށް ކާމިޔާބު ވެސް ކޮށްފައިވާކަން އޭނާ ފާހަގަކުރިއެވެ.
" ބައެއް ހާލަތްތަކުގައި އެބަދިމާވޭ ކުލާހަށް ހާޒިރުވާންޖެހޭ އަދަދަށް ހާޒިރު ނުވެގެންނޭ ބުނެ ދަރިވަރަކަށް އިމްތިޙާނުގައި ބައިވެރިނުވޭ ފަހަރު. ދަރިވަރަށް ގަބޫލު ކުރެވެނީ އޭނައަށް އިމްތިޙާނުގައި ބައިވެރިވެވެން ޖެހޭނެކަން. ނުވަތަ އޭނާއަށް ލިބުނު ގުރޭޑް މަތިވާން ޖެހޭނެކަން. އެފަދަ ހާލަތްތަކުގައި ދަރިވަރަށް އެޕީލް ކުރެވޭނެ. ކޯޓް ކޭހެއް ދާގޮތަށް ދާ އެޕީލް ކޮމިޓީގައި ދަރިވަރު ތަމްސީލު ކުރަން ދާނީ ޔޫނިއަންގެ އެކްސްކޯ މެމްބަރެއް. އެޕީލްގައި ފައިޓް ކޮށްގެން ވަރަށް ގިނަ ކޭސް ވިން ވެސް ކޮށްފައި ހުންނާނެ" ދަރިވަރުންނާ ދިމާވާ ކަންތައްތަކުގައި ކުރާ މަސައްކަތް ޒައިދު ތަފްޞީލް ކޮށްދިނެވެ.

ޒައިދު ބުނީ، ޔުނިވަރސިޓީން މާލެއާއި އަތޮޅުތެރޭގައި ޤާއިމް ކޮށްފައިވާ ދަލާނުތަކުގައި ވައިފައިގެ މައްސަލަ ޙައްލު ނުވެ ދިގުލައިގެން ގޮސްފައިވާ ކަމަށާއި އެތަނުގައި އުޅޭ ދަރިވަރުންގެ އެންމެ ބޮޑު ޝަކުވާއަކީވެސް އެއީ ކަމަށެވެ. ޔޫނިއަނުން އިސްނަގައިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވައިފައި ރަނގަޅު ކުރުމަށް ބޭނުންވާ ވަޞީލަތްތައް ޔުނިވަރސިޓީން މިހާރު ހޯދާފައިވާކަން ޒައިދު ފާހަގަކުރިއެވެ. ދަރިވަރުންގެ އުނގެނުމަށް ބޭނުންވާ ކުރާ ބައެއް މެޝިނަރީޒްތައް ހޯދާއިރު ޒަމާނީ އާލާތްތަކަށް ބަދަލުކުރަން ޔުނިވަރސިޓީން ނިންމާފައިވާކަން އޭނާ އުފަލާއެކު އެނާ ފާހަގަކުރިއެވެ.
ޒައިދު ބުނީ، 2018 ވަނަ އަހަރު ފެށި ލީޑަރސް ގުރޫޕަކީ ލީޑަރުން އުފެއްދުމަށް އެ ޔޫނިއަންއިން ކުރިއަށް ގެންދާ މުހިންމު ހަރަކާތެއް ކަމަށެވެ. ވަށައިޖެހޭ ތަޢުލީމެއްގެ ބޭނުމަކީ ދިރިއުޅުށް، އަމަލީ މައިދާނަށް ނުކުންނައިރު ރޯފިލާގައި ހުރި މީހަކަށް ވުމެވެ. އެ ހުރިހާ ކަމެއް އެ ޔޫނިއަންގެ ހަރަކާތްތަކުން ދަސްކޮށްދޭ ކަމަށް ޒައިދު ބުންޏެވެ. އެ ހުރިހާ ދަރިވަރުން ތަމްރީނު ކުރަނީ ވެސް ލިޑާރސް ގުރޫޕްގެ ތެރެއިންނެވެ.
ޒައިދު ބުނީ، ހިތްހަމަ ޖެހުމަކީ ލީޑަރސް ގުރޫޕްގައި ފުރަތަމަ އަހަރު އެންމެ ތިރީހަކަށް ކުދިން ބައިވެރިވިޔަސް، މި އަހަރު އެ ގުރޫޕްގައި ބައިވެރިވާ ދަރިވަރުންގެ އަދަދު 200 އެރުމެވެ.
އަމިއްލަ ތަޖުރިބާގެ އަލީގައި ޒައިދު ބުނީ، މީހާ މީހަކަށް ވަނީ ޔުނިވަރސިޓީގައި އުޅޭއިރު ހިންގާ ހަރަކާތްތަކުން ދަސްވާ އެއްޗަކުން ކަމަށެވެ.

"ކުރިން އޯޑިއަންސެއްގެ ކުރިމަތީގައި ބެހެއް ބުނަން ވެސް ނުކެރޭނެ. ޓައިމް މެނޭޖްމަންޓާއި މީހުންނާ ޑީލްކުރުމާއި މިހެން ގޮސް އެތައް ކަމެއް ދަސްވީ ހިލޭ ސާބަހަށް ކުރަމުން އައި މި މަސައްކަތުގެ ތެރެއިން" ޒައިދު ބުންޏެވެ.
" މިހާރު މިއީ ދެވަނަ ގެ. މިތާ {އެމްއެންޔޫގައި}ނޫޅޭ ރައްޓެހިންނާ ދިމާވާފަހަރު އަހާލާނެ، ކިހާވަރެއް ލިބޭތީހޭ ތިތާ ތިހާ ގިނަވަގުތު އުޅެނީ. ވޮލަންޓިއަރކޮށް އުޅޭ ވާހަކަ ބުނީމާ ބައެއް މީހުން ޖޯކްވެސް ޖަހާ. ހުރިހާ މަސައްކަތަކީ މުސާރައެއް ލިބޭނެ މަސައްކަތެއްނޫން. ތަފާތު ތަޖުރިބާއެއް މީ. ހަޔާތުގައި ފަހުން ކުރަން ނުލިބިދާނެ ތަޖުރިބާއެއް"
ކިޔެވުން ނިމޭގޮތަށް ގެއަށްދާ ކުދިންނާއި ލިބޭ ހުސްވަގުތުގައި ހަރަކާތްތެރިކޮށް މިތާ {އެމްއެންޔޫއެސް}ގައި އުޅޭ ކުދިން އަމަލީ މައިދާނުގައި ހާސްބައި ތަފާތު ވާނެކަމަށް ޒައިދު ދެކެއެވެ.
" ގޭގެ ހަތަރު ފާރުގެތެރޭގައި އޮވެގެން ދުނިޔެއަށް ލޮލެއް ނުހުޅުވޭނެ. ކޮންމެ މީހަކީވެސް ވަޒީފާގެ މާހައުލަށް ނުކުންނާނެ މީހެއް. ތަފާތު މިޒާޖުގެ މީހުންނާ އެފަދަ މާހައުލަކުން ދިމާވާއިރު، އެކަންތައްތަކާ ކުރިމަތިލާން ދަސްވަނީ ޔުނިވަރސިޓީގެ މި ދިރިއުޅުމުގެ ތެރެއިން. ކޮންމެ މަސައްކަތަކީ މުސާރައެއް ލިބެންޖެހޭ މަސައްކަތެއްނޫން. ވޮލަންޓިއަރ މަސައްކަތަކީ ވެސް ކޮންމެވެސް ހިސާބަކުން ކުރަންޖެހޭނެ ކަމެއް"
ޒައިދު ބުނީ އެމްއެމްޔޫއެސްޔޫ ކާމިޔާބު ކަމާއެކު ހިންގެނީ ޔުނިވަރސިޓީގައި އޮތް ރަނގަޅު މެނޭޖްމަންޓްގެ ސަބަބުންނެވެ. ބޭނުންވާ ހުރިހާ ކަމެއްގައި ޔުނިވަރސިޓީގެ އެހީތެރިކަން އިންތިހާއަށް ލިބޭކަން ޒައިދު ފާހަގަކުރިއެވެ.

އެންމެ ދަތިވާ ކަމެއްގެ ގޮތުގައި ފާހަގަކުރީ ހަރަކާތްތައް ހިންގަން ބޭނުންވާ ވަރަށް ފައިސާ ހަމަނުޖެހުމެވެ. ސްޓޫޑެންޓް ޗަންދާއިން ލިބޭ އެއްޗަކުން އެކަމެއް ނުވެއެވެ. ދެން ބުރަވާން ޖެހެނީ ސްޕޮންސަރުންނަށެވެ. އެއީ ކުރަން އެހާ ފަސޭހަކަމެއް ނޫނެވެ.
" ބައެއް ކުދިން ބުނޭ ޗަންދާއިން ކީއްހޭ ކުރަނީ. މި ހިންގާ ހުރިހާ ހަރަކާތެއް އެ ލިބޭ ޗަންދާއަކުން ކުރިއަށް ނުގެންދެވޭ. ލިބޭ މަދު ސްޕޮންސަރއެއް ލައިގެން ކިރިޔާ ހިފެހެއްޓެނީ. ސްޕޮންސަރވެސް ލިބެނީ ގުޅުން އޮންނަ ކޮންމެ ވެސް މީހެއްގެ އެހީތެރިކަން ހޯދައިގެން"
ޒައިދު ބުނީ، އެހެން ތަންތަނާ ޚިލާފަށް އެމްއެންޔޫއެސްޔޫގެ އެންމެ ބޮޑު ތަފާތަކީ އެކި ދައުރުތަކުގެ ރައީސުންގެ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބެމުންދިއުމެވެ. އެގޮތުން ކުރީގެ ދައުރު ތަކުގެ ރައީސުން ކަމަށްވާ އަރުޝަދު އަޝްރަފާއި، މުޙައްމަދު ޝާން އާމިރާއި އަލީ ޝައްމޫނާއި އަބްދުﷲ ޝަހުނީޒާއި އަލީ ރަޝީދު އަހުމަދުގެ ނަން އޭނާ ފާހަކުރިއެވެ. ޚާއްޞަ ގޮތެއްގައި ސްކޫލް ދައުރަށްސުރެ އެންމެ ކައިރީގައި ހުރި ސުއައިދު ޔޫނުސްގެ ނަން ފާހަގަކުރީ ޝުކުރުވެރިކަމާ އެކުގައެވެ.
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
ވަރަށް ހިއްމަތާއެކު މަސައްކަތް ކުރާ ނަމޫނާ ކުއްޖެއް ޒައިދަކީ. ޔޫނިއަން މި ލެވެލް އަށް ގެނައުމުގަ އިސް ރޯލެއް އަދާކުރި އިސްވާރެއް. ޕްރައުޑް އޮފް ޔޫ ބްރަދާ. އަހަރެންގެ ދެވަނަ ގޭޔަށްޓަކައި ތިތަކޮށްދޭ މިންނެތް މަސައްކަތަށް ޝުކުރުވެރިވަން