ސާނަވީގައި ބޭބެއަށް އެއްވަނަ ލިބި، އޭނާއަށް ތިންވަނަ ލިބުމުން މާޔޫސްވިއެވެ. އެކަމުން އަރައިގަތީ، ދުޢާ އިޖާބަ ކުރައްވާނެކަން ގަބޫލުކޮށް، ކާމިޔާބީއަށް މަސައްކަތް ކޮށްގެންނެވެ.
ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަނުން މި އަހަރު މަތީ ސާނަވީ ނިންމި ދަރިވަރުންގެ ތެރެއިން ނުވަ ދަރިވަރަކަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ލިބުނެއެވެ. މި ނުވަ ދަރިވަރުންގެ ތެރެއިން ވެސް ހަ މާއްދާއިން އޭ ސްޓަރ ހޯދީ އެންމެ ދަރިވަރެކެވެ. އެއީ ނާޝާ ނަސީމެވެ.

ކިޔެވުމުގައި ނާޝާ ހިނގީ އޭނާގެ ބޭބެ ނަސަމް ނަސީމްގެ ފިޔަވަޅު މަތިންނެވެ. ކިޔެވުމުގައި ބޭބެ ހޯދި ފަދަ ކާމިޔާބީތައް ހޯދަން އޭނާ ބޭނުންވިއެވެ. ދެބެއިން ވެސް ކިޔެވީ ޖަމާލުއްދީނުންނާއި ސީއެޗެއެސްއީންނެވެ. ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން ސާނަވީ އިމްތިޙާނުން ނަސަމްއަށް ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ލިބުނެވެ. އަދި ޓްރެވަލް އެންޑް ޓޫރިޒަމުން ދުނިޔެއިން އެއްވަނަ، ބިޒްނަސްއިން މުޅި ދުނިޔެއިން ނުވަ ވަނަ ލިބުނެވެ.
ހަ މާއްދާއިން އޭ ސްޓަރ، ދެ މާއްދާއިން އޭ ލިބިގެން ސާނަވީ އިމްތިޙާނުން ނާޝާއަށް ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނައެވެ. ބޭބެ ފަހަތުން ކުރިއަރަމުން އައި ނާޝާއަށް މި ނަތީޖާއިން މާޔޫސްވިއެވެ. އޯލެވެލްގައި ނުލިބުނު ނަތީޖާއެއް އޭލެވެލްގައި ނެރެވިދާނެ ބާވައޭ، އެތައްފަހަރަކު ސުވާލު އުފެއްދިއެވެ.
" އޭލެވެލް، އޯލެވެލްއަށް ވުރެ އުނދަގޫ ވީމަ ފުރަތަމަކޮޅު ވަރަށް ބިރު ގަތް. ހިތްވަރު ވެސް އެލޭ. އޯލެވެލް އިން ނުލިބުނު ނަތީޖާއެއް ވަކި އޭލެވެލް އިން ލިބޭހޭ ވަރަށް ކިޔިން" ނަތީޖާއާ މެދު އޭރު ކަންބޮޑުވި ނާޝާ ބުންޏެވެ.

އޭނާއަށް އެ ވަގުތު އެންމެ މުހިންމީ މަންމަމެންގެ ލޯތްބާއި ގާތް ރައްޓެހިން ދިން ހިތްވަރެވެ. ހިތްވަރު އޭނާ ލިބިގަތީ ވެސް އެ މީހުންގެ ފަރާތުންނެވެ.
" މަންމަމެން ބުނާނެ ނިމިފައި އޮންނަ ކަންކަން ދޫކޮށްލާށޭ. އޭލެވެލް މީ އާ ފެށުމެކޭ. ކަށިން ހިތްވަރު ނެރޭށޭ"
އޯލެވެލްގެ ނަތީޖާގެ މަތިން ހަނދާން ނައްތާލިއެވެ. މަތީ ސާނަވީއަށް މަސައްކަތް ފެށިއެވެ. ކިޔެވުމާއިގެން އޭނާ ކުރިއަށް ދިޔައީ އިތުބާރާއި ޔަގީންކާމާއެކުގައެވެ.
އާ ހިތްވަރަކާއެކު ފަށައިގަނެ ހައިރާންކުރުވަނިވި ނަތީޖާއެއް
އޭލެވެލްގައި ނާޝާ ކިޔެވީ ކެމިސްޓްރީއާއި ބަޔޮލޮޖީއާއި ފިޒިކްސްގެ އިތުރުން އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހިސާބެއެވެ. އެއީ އަބަދުވެސް އެންމެ ކިޔަވާ ހިތްވާ މާއްދާއެވެ. ދެން އިސްލާމާއި ދިވެއްސެވެ. ދެ މާއްދާއިން ޓިއުޝަން ނެގިއެވެ. ފިޒުކްސްއިން ޓިއުޝަން ނެގީ ގުރޭޑް 11 ގައި އެންމެ ތިން މަހެއްހާ ދުވަހުއެވެ. ދިވެހިން ޓިއުޝަން ނެގީ ގުރޭޑް 12ގައި ފަހު ސެމިސްޓަރގައެވެ.

ސާނަވީގެ ނަތީޖާ މިފަހަރު ހިނިތުންވެލީ ނާޝާގެ ކޮޅަށެވެ. މަތީ ސާނަވީގައި ބޭބެއަށްވުރެ ކުރިއަށް އޭނާ މި ފަހަރު ފިޔަވަޅު އެޅީ ހަ މާއްދާއިން އޭ ސްޓަރ ހޯދައިގެންނެވެ. މަތީ ސާނަވީގައި ބޭބެއަށް ލިބުނީ ދެ އޭ ސްޓަރއާއި ހަތަރު އޭ އެވެ. އެކައުންޓިންގ އިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ ބޭބެ ހޯދިއެވެ. ހަޔަރ އެޗީވާސް ސްކޮލަރޝިޕްގެ ދަށުން ބޭބެ ދަނީ ޔުނިވަރސިޓީ އޮފް ލީޑްސްގައި އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ކިޔަވަމުންނެވެ.
ނާޝާ ބުނީ އޭނާގެ ކާމިޔާބީގެ ސިއްރަކީ ކުރި މަސައްކަތާއި ނަމާދާއި ދުޢާއެވެ.
" އަޅުގަނޑު ގާތު މީހަކު ބުނި، ދުޢާކުރަން އެންމެ ރަނގަޅު ވަގުތަކީ ވާރޭވެހޭ ވަގުތާއި ސަޖިދައިގައި އޮންނަ ވަގުތާއި ރޯދަ މަހުގައި ކަމަށް. އަޅުގަނޑު އެ ނަޞޭހަތުގެ ބޭނުން ހިފޭތޯ ވަރަށް ބެލިން. ދެން ހަމަ ގަދައަޅާ މަސައްކަތް ކުރީ. ދުޢާ އިޖާބަ ކުރައްވާނެ ކަމަށް ގަބޫލުކޮށް އަމަލުން ކާމިޔާބީއަށް މަސައްކަތް ކުރީ. ކާމިޔާބީގެ ސިއްރަކީ އެޔޭ ބުނެވޭނީ"
ނާޝާ ކުރި މަސައްކަތާއި ދުޢާއިން އޭނާއަށް ލިބުނީ ހިތްހަމަޖެހުމެވެ. މަތީ ސާނަވީ އިމްތިޙާނާ ކުރިމަތިލީ ވެސް އިތުބާރާއި ޔަގީންކަން އޮވެގެންނެވެ.
" އިތުބާރާއި ޔަގީންކާން އޮތް ނަމަވެސް އުއްމީދު ކުރީ ފަސް މާއްދާއިން އޭ ހޯދައިގެން ސްކޮލަރޝިޕަށް. ހަ މާއްދާއިން އޭ ސްޓަރ ހޯދައިގެން ރައީސްގެ ސްކޮލަރޝިޕަށް އުއްމީދެއް ނުކުރަން"
ކިޔެވުމުގައި އަމިއްލަ ސްޓައިލެއް
ނާޝާ ބުނީ، އޭލެވެލްގެ ތަފާތު ފެންނަނީ ސިލަބަހުގެ ކޮންޓެންޓްގެ މިންވަރުންނެވެ. އޯލެވެލަށް ތިން އަހަރުދުވަހު ކިޔަވާހާ ކޮންޓެންޓް އޭލެވެލްގައި އެއް އަހަރުން ކިޔަވަން ޖެހެއެވެ. ދަސްކުރަން ޖެހޭ ކޮންޓެންޓް ގިނަ ވެފައި ދަސްކުރަން ލިބޭ ވަގުތު މަދެވެ.
" އޭލެވެލްގައި ކިޔަވަނީ އޯލެވެލް ގައި ހަމަ ކިޔެވި އެއްޗެހި، އެކަމަކު ވަރަށް ޑީޓެއިލްކޮށް. ކިޔަވާ ގަޑީ ބޮލު ތެރޭ ވަރަށް އޮވޭ އެ ހިޔާލު. ދެތިން ޓޮޕިކް ކިޔާވާފަ ބަލާލާއިރު އަދި ބާކީ އޮންނާނެ ވިއްސަކަށް ޓޮޕިކް. އެހެންވެ މެންޓަލީ ވަރަށް ވަރުބަލިވޭ."

އޭލެވެލްގެ ފުރަތަމަ ދުވަސްކޮޅު ކިޔެވުމާއިގެން ކުރިއަށްދާން ނާޝާއަށް އުނދަގޫވިއެވެ. އެކަމުން އަރައިގަންނަން އޭނާ ގެންގުޅުނީ އަމިއްލަ ސްޓައިލެކެވެ.
" ކޮންމެ މާއްދާއަކަށް ޗެކްލިސްޓެއް ހެދީ. ހުރިހާ ޓޮޕިކެއް، ސަބް ޓޮޕިކެއް ހިމަނައިގެން، ކިޔަވައިދިން އޯޑަރަށް ނަމްބަރު ޖެހީ. އެހެން ހެދީމާ ފަސޭހަވެފައި އަމިއްލަ ޕްރޮގްރެސް ފެނި ދެން ކިޔަވަން އޮންނަ ބައި ފެނޭ. ނޯޓްސް ގިނަވެގެން ގޮސް ޓޮޕިކެއް ދޫކޮށް ލެވިދާނެ ކަމުގެ ބިރު ފިލާ. ޗެކްލިސްޓް ބަލައިގެން އޯޑަރަށް އަޅުގަނޑު ކޮންމެ ފަހަރަކު ވެސް ކިޔެވީ"
ނާޝާ ބުނީ ކިޔަވަން ފަސޭހައީ އަޑުއަހައިގެންނެވެ. ކްލާސް ގަޑީގައި ޓީޗަރ ކިޔައިދޭ އިރު އަޑުއަހާ އޮޅުން ފިލުވަނީއެވެ. ކިޔަވައިދޭ ވަގުތު އަމިއްލަ ނޯޓްސް ވެސް ނަގަނީއެވެ. ފަހުން ރިވައިޒް ކުރާއިރު ނޯޓްސްއަށް ބަލައިގެން ކުލާހުގައި ކިޔަވާއެއްޗެހި ހަނދާން ކުރަނީއެވެ.
" ކޮންސެޕްޓް އެއްކޮށް އަންޑަރސްޓޭންޑް ވީމާ ދެން ވަރަށް ފަސޭހަ އަމިއްލައަށް ގޭގައި ކިޔަވަން"
ކުޑައިރުއްސުރެ ކިޔެވުމަށް ލޯބިކުރި ނާޝާ، ކިޔަވާށޭ ކިޔާފައި ވަކި ތާވަލެއް ނުގެންގުޅެއެވެ. ކިޔަވަނީ ކިޔަވާހިތްވީމައެވެ.
" ބައެއް ދުވަހު ދެތިން ގަޑިއިރު އަނެއް ދުވަހު މުޅިދުވަސް ވެސް ކިޔެވުމުގައި ހޭދަކުރަން. އަޅުގަނޑު ގަބޫލެއް ނުކުރަން ގިނަ ވަގުތު ކިޔަވައިގެން ނަތީޖާ ރަނގަޅު ވާނެ ކަމަކަށް. މަދު ވަގުތު ކޮޅަކު ކިޔެވިޔަސް އެއިރަކު އެ ކުއްޖެއްގެ ފުރިހަމަ ކޮންސެންޓްރޭޝަން ކިޔެވުމަށް އޮންނަ ނަމަ މާ އިފެކްޓިވް ވާނެ"
ނާޝާއަށް ކިޔަވަން އެންމެ ފަސޭހައީ ރޭގަނޑުއެވެ. ކިޔަވާ ގަޑީގައި އެއްވެސް އަޑެއް އިވިގެން ނުވާނެއެވެ. އެހެންވެ އޭނާ ކިޔަވަނީ އެންމެންނިދައި ހަމަހިމޭންވީމައެވެ.
" އެއްކޮށް އަޑުމަޑު ނުވަންޏާ އެއްވެސް ވަރަކަށް ނުކިޔެވޭ. އެހެންވެ ރޭގަނޑު އެންމެން ނިދީމަ ކިޔަވަނީ"
ނާޝާ ދެކޭގޮތުގައި ގްރޫޕް ސްޓަޑީއަކީ ކިޔަވަމުން މަޖާކޮށްލަން ކުރަން ވަރަށް ރަނގަޅު ކަމެކެވެ. ރައްޓެހިންނާ އެއްކޮށް މަހަކު ދެފަހަރު ގްރޫޕް ސްޓަޑީ ބޭއްވިއެވެ. އޮންލައިން ކޮށާއި ގޭގައެވެ.
" ގިނަ ވަގުތު ސަކަރާތް ޖަހަނީ. އެކަމަކު ކިޔަވާލާ އެއް ގަޑިއިރު ނޫނީ ދޮޅު ގަޑިއިރު ދައްކާ ވާހަކަ ވަރަށް ހަނދާން ހުރޭ. ނޭނގޭ ތަންތަން އެކަކު އަނެކަކަށް ކިޔައިދީ، ޖަވާބުތަކާ މެދު ބަހުސް ކުރީމަ ބޮލުގައި ހަރުލާފައި ހުރޭ ދައްކާ ވާހަކަ. އަނެއްކާ، ކޮމްޕްލެކްސް ކޮންސެޕްޓެއް އެހެން ކުއްޖަކަށް ކިޔައިދިނީމާ ނަގައިގަންނަން މާ ފަސޭހަ"
ކިޔެވުމުގެ މަރުޙަލާގައި ރަނގަޅު އެކުވެރިން ވަރަށް މުހިންމު
ނާޝާ ދެކޭގޮތުގައި ރަނގަޅު އެކުވެރިންނަކީ ވަރަށް މުހިންމު ބައެކެވެ. ކިޔަވާ ދުވަސްވަރު އެފަދަ އެކުވެރިންގެ މުހިންމުކަން އިންތިހާއަށް ބޭނުންވެއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ކިޔަވާ ކުއްޖެއްގެ އިހުސާސް އެންމެ ރަނގަޅަށް އެނގޭނީ ކިޔަވާ ކުއްޖަކަށެވެ." ކުލާހަށް ދާ ހިތްނުވުމާއި ޓެސްޓް ދުވަސްކޮޅު އިހްސާސް ކުރަން ޖެހޭ ބިރާއި ސްޓްރެސް، މަސައްކަތް ކޮށްގެން ވެސް ބޭނުންވި ނަތީޖާ ނުލިބުނީމާ އެވާ ދެރަ، ދަރިވަރަކަށް މާބޮޑަށް އެނގޭނެ. އެހެންވެ ރަނގަޅު ސަޕޯރޓް ސިސްޓަމް އެއް އޮންނަން ޖެހޭނެ އެކުވެރިން ތެރޭގައި ވެސް" ތަޖުރިބާގެ އަލީގައި ނާޝާ ވާހަަކަ ދެއްކިއެވެ.

" ވަގުތު ހޭދަ ކުރަންވީ ހަމައެކަނި ކިޔަވާކަށް ނޫން. އަޅުގަނޑު، ރައްޓެހިންނާ އެއްކޮށް ބޯ ހަމަޖައްސާލަން ބޭރަށް ދަން. ޓެސްޓް ހަފްތާ ނިމުނީމާ އުފާ ފާޅުކުރަން ވެސް ދަން. ދެރަވީމާ މަޖާކޮށްލަން ވާހަކަ ދައްކަން. އެ އެންމެންނާ ނުލާ ސްކޫލް ނުލާހިކު ފޫހިވީސް. އަޅުގަނޑަށް ކިޔަވަން ހިތަވަރުދީ މޯޓިވޭޓް ކޮށްދިނުމުގައި ވެސް އަޅުގަނޑުގެ އެކުވެރިން ވަރަށް މުހިންމު ރޯލެއް އަދާކުރި. އެއީ ޝައްކެއް ނެތް ކަމެއް"
ނާޝާ އެންމެ ކުޑައިރު ވާން ބޭނުންވީ ޓީޗަރަކަށެވެ. އޭގެ ފަހުން ޕައިލެޓަކަށް ވެސް ވާން ބޭނުންވިއެވެ. މިއަދު އޭނާގެ ސިކުނޑީގައި އެނބުރެނީ ސާރޖަންއަކަށް ވުމުގެ ޚިޔާލެވެ. އެ ޚިޔާލު އޭނާގެ ހިތުތެރޭގައި ޖާގަހެދީ ގުރޭޑް އަށެއްގައި ބައިލޮޖީ ކިޔަވަން ފެށި ހިސާބުންނެވެ. ހަށިގަނޑުގެ ނިޒާމުތަކާ މެދު އެފެދުނު ޝަޢުޤުވެރިކަމަކީ މެޑިސިންގެ ދާއިރާއިން ކުރިއަށްދާން ނިންމި އެންމެބޮޑު ސަބަބެވެ.
ނިންމާލަމުން ނާޝާގެ ހުރިހާ ޝުކުރެއް އޮއްސާލީ އާއިލާއަށެވެ. އޭނާގެ ކުރިއެރުމަށް އާއިލާއިން ދިނީ ސައްތައިން ސައްތައެވެ.

" ކިޔަވާ ވަގުތު ގޭތެރެއިން އަޑު އެއްކޮށް މަޑު ވޭތޯ އެންމެން ސަމާލުވާނެ. ބްރޭކް ގަޑީ ހަފާލަން ނަޓްސްކޮޅެއް ނޫނީ މޭވާ ކޮޅެއް ބޭނުން ވީމަ ގަނެދީ ރައްކާކުރޭ. ކޮންމެ ޓާރމެއް ނިމުނީމަ އެއިރަކު ކުރި މަސައްކަތަށް މަރުހަބާ ކިޔާ، ކުރިޔަށް އޮތް ބަޔަށް ހިތްވަރުދޭ" ކާމިޔާބީއާ މެދު ހިތްހަމަޖެހިފައި ހުރި ނާޝާ ބުންޏެވެ.
" މަންމަ އާ ބައްޕައަށް އަދި އާއިލާއަށް ބުނެލަން އޮތީ ދެއްވި ހުރިހާ ހިތްވަރަކާ ނަސޭހަތަށް ޝުކުރިއްޔާ އޭ. އަދި މި ލިބުނު ފުރުސަތު ހެޔޮ ގޮތުގައި ހިފާނެ ކަމުގެ ޔަގީންކަން އަރުވަމޭ"
advertisment
ހިޔާލު