އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތާޖުއްދީން ސްކޫލުން ކުރިއަށް ގެންދާ "ދާލަ" ކޭމްޕުން، އެ ސްކޫލުން ކުރިއަށް ގެންދާ "ބަޑީސް" ޕްރޮގްރާމުގެ ކާމިޔާބުކަން ފެންނަމުންދާ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
ދާލަ ކޭމްޕަކީ ދިރިއުޅުމުގެ އަސާސީ ކަންތައްތައް ދަސްކޮށްދިނުމުގެ އަމާޒުގައި ތާޖުއްދީނުގައި ކިޔަވަމުންދާ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ "ތާޖް ޕާރލްސް" ގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭމްޕް ބާއްވަނީ އާ ކަންތައްތައް ދަސްކުރުމާއި، މަޖާ އެކުވެރި މާހައުލެއްގައި އާ ރައްޓެހި ރަހުމަތްތެރިން އެ ކުދިންނަށް ހޯދައި ދޭށެވެ.
މިދިޔަ ހޮނިހިރު ދުވަހު ތާޖުއްދީނުގައި ކުރިއަށް ގެންދިޔަ ކޭމްޕަށް އެ ދަރިވަރުން އައުމުން، މަރުޙަބާކީ އެ ދަރުވަރުންގެ "ބަޑީސް"އާއި ޓީޗަރުންނެވެ.
ބަޑީސް ޕްރޮގްރާމަކީ ތާޖުއްދީން ސްކޫލުގައި "އެޑަލްޓް ހެލްޕާރސް"ގެ ނަމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.
ދާލަ ކޭމްޕުގައި މިފަހަރު ޕާރލްސްގެ 26 ދަރިވަރުންނަށް އެހީވުމަށް، އެ ދަރިވަރުންގެ " ބަޑީސް"ގެ ގޮތުގައި އެ ސްކޫލްގެ ގުރޭޑް 9ގެ ނުވަ ދަރިވަރުން ބައިވެރިވިއެވެ.

ދާލަ ކޭމްޕުގައި މެންދުރުގެ ކެއުން ތައްޔާރު ކުރީ ޕާރލްސްގެ ދަރިވަރުން އަމިއްލައަށެވެ. މެންދުރަށް ތައްޔާރު ކުރީ މަސްބަތެވެ. މަސްބަތް ތައްޔާރު ކުރުމުގައި އެ ދަރިވަރުންނަށް "ބަޑީސް"ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެއެވެ. ބައެއް ތަކެތި ކޮށުމާއި ނޮޅުން ފަދަ އެތައް ކަމެއް ކުރީ އެ ދަރިވަރުން އަމިއްލައަށެވެ.
ތާޖުއްދީނުގެ ސެން ޑިޕާޓްމަންޓްގައި އިސްކޮށް މަސައްކަތް ކުރައްވާ ލީޑިންގ ޓީޗަރު ރައުނާ ރަމީޒު ދަރިވަރު ނޫހަށް ވިދާޅުވީ، ކެއްކުމުގައި އެ ދަރިވަރުން ބައިވެރިވީ ކުރާހިތުން ކަމަށާއި ފަސޭހަ ކުދިކުދި ކަންތައްތަކުން ފެށިގެން އުނދަގޫ ކަންތައްތައް ވެސް ކުރަން ބޭނުންވި ކަމަށެވެ.
" ބައެއް ފަހަރު ގޭގައި އެފަދަ ކުދިން އަތަށް ވަޅިއެއް ނުދީފާނެ. އެކަމަކު އަޅުގަނޑުމެން މި ކޭމްޕު ތެރެއިން އެކުދިން އަތަށް ޓީޗަރެއް ނޫނީ "ބަޑީސް"ގެ ބެލުމުގެ ދަށުން ވަޅި ވެސް ދިނިން. އެއްޗެހި ކޮށައި މަށަން ދިނީމާ ވެސް ވަރަށް ގަޔާވެގެން އެކަމެއް ކުރަނީ. ކުދިކުދި ކަންތައްތަކުން ވެސް ބޮޑު ހިތްހަމަޖެހުމެއް އެކުދިންނަށް ލިބިގެންދޭ" ރައުނާ ވިދާޅުވިއެވެ.
ދާލަ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މެންދުރުގެ ކެއުން ތައްޔާރުކޮށް ނިންމާފައި މެންދުރު ނަމާދަށްފަހު ކެއުމުގެ ކަންތައް ކުރިއަށް ގެންދާ ގޮތަށެވެ. މެންދުރު ނަމާދު ޖަމާއަތުގައި ކުރީ ވެސް ޕާރލްސްގެ ދަރިވަރެކެވެ.
ރައުނާ ވިދާޅުވީ ބައެއް ކުދިންނަކީ ވަކިއެއްޗެއް ނޫނީ ނުކާ ކުދިންނެވެ. އެކަމަކު ކޭމްޕްގައި ހުރިހާ ކުދިން އެއްކޮށް ކާއިރު، ހުރިހާ ކުދިން ވެސް ބައިވެރިވާ ކަމަށެވެ.

" ބައެއް ކުދިން ބޭނުމެއް ނުވާނެ ބައެއް އެއްޗެހި ކާކަށް. އެކަމަކު އެކުދިންނަށް ކޭމްޕަށް އާދެވުނީމާ ކޭމްޕްގައި ކާން ވާނީ ކޭމްޕްގައި ހުންނަ އެއްޗިއްސަށް ވާތީ އެކުދިން އެ އެއެއްޗެހި ކާކަން ފާހަގަކުރެވުނު. އެކަން ބެލެނިވެރިން ވެސް ފާހަގަކޮށްފައިވޭ" ރައުނާ ވިދާޅުވިއެވެ.
ދަރިވަރުންނަށް ތަފާތު ތިން ހުނަރެއް ދަސްކޮށްދޭން އަމާޒުކޮށް ދާލަ ކޭމްޕުގައި ހަދާފައި ވަނީ ތިން ސްޓޭޝަނެކެވެ. ފުރަތަމަ ސްޓޭޝަނުން ދަސްކޮށްދިނީ ތިނޯހަށް ރޮދި ލައްވައިގެން ފޮތިކޮޅެއްގައި ގޮށް ހަރުކުރާށެވެ. އެއީ ޔުނީފޯމުން ގޮށެއް ނެއްޓޭ ހާލަތުގައި ވެސް އެ ދަރިވަރުން އަމިއްލައަށް އެކަން ކުރަން ބާރުއަޅައި ދަސްކޮށް ދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ދެވަނަ ސްޓޭޝަނުން ދަސްކޮށްދިނީ ދަރިވަރުން ބޯނެ ޖޫހެއް އެ ކުދިން އަމިއްލައަށް ތައްޔާރު ކުރުމެވެ. ތިން ވަނަ ސްޓޭޝަނުގައި މަސައްކަތް ކުރީ ކޭމްޕްގެ ޝަރަފުވެރި މެހުމާނަށް ދޭނެ ހަދިޔާއެއް ތައްޔާރު ކުރުމެވެ. ހަދިޔާއަކަށް ދަރިވަރުން ތައްޔާރު ކުރީ އެކި ދުޢާތައް ހިމެނޭ ކަރުދާސްކޮޅުތަކެއް ލާފައިވާ ކުޑަ ޖާއެކެވެ.
މިހާރު ކުރިއަށް ގެންދާ "އައި އޭމް ޕޮޒިބަލް" ކެމްޕޭނުގެ ބައެއް ގޭމްތައް ވެސް މި ކޭމްޕްގެ ތެރެއިން ވަނީ ދަރިވަރުންނަށް ތަޢާރަފުކޮށްފައެވެ. އެ ގޭމްތަކާ ގުޅޭ ޚާއްޞަ ސެޝަން ނަންގަވާދެއްވީ ޣާޒީ ސްކޫލްގެ ސެންޓީޗަރެކެވެ.

ރައުނާ ވިދާޅުވީ، ޕާރލްސްގެ ދަރިވަރުންގެ "ބަޑީސް"އަށް ވާން އެ ސްކޫލްގެ ގިނަ ދަރިވަރުން ޝައުޤުވެރިވާ ކަމަށެވެ. މިހާރުވެސް އެ ސްކޫލުގެ ކޮންމެ ކުލާހެއްގައި އެފަދަ ދަރިވަރެއްގެ ބަޑީއެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބަޑީސް" ޕްރޮގްރާމް ފެށީ، ޕާރލްސްގެ ދަރިވަރުންނަށް ބޭނުންވާ ވަރަށް ޓީޗަރުން ނެތިގެން ދިރާގު ސްޕޯޓްސް ފެސްޓިވަލުގައެވެ. އެ ފެސްޓިވަލުގައި ޕާރލްސްގެ ކޮންމެ ދަރިވަރަކަށް "ބަޑީސް"ގެ ގޮތުގައި އެ ސްކޫލްގެ ގުރޭޑް 9އާއި ދިހައެއްގެ ދަރިވަރަކު ހަމަޖެއްސިއެވެ. ފެސްޓިވަލް ފެށިގެން ނިމެންދެން އެ ދަރިވަރުން އުޅުނީ ބަޑީސްގެ ގޮތުގައެވެ. އެކުދިންނަށް އެހީތެރިވުމުގައެވެ.
ރައުނާ ވިދާޅުވީ އޭގެ ފަހުން ދާލަ ކޭމްޕްގައި، "ބަޑީސް" ގެ ގޮތުގައި ސްކައުޓުން ބޭނުން ކުރުމުން ގާރލްގައިޑުން ވެސް "ބަޑީސް"އަށް ވާން ބޭނުން ވެގެން ހުށަހެޅި ކަމަށެވެ.

" ބަޑީސް" ޕްރޮގްރާމުން ފެނުނު އެންމެ މުހިންމު މަންޒަރަކީ ޕާރލްސް ގެ ދަރިވަރުންނާ މެދު އެހެން ދަރުވަރުން ދެކޭގޮތް ބަދަލުވުމެވެ.
" މިފަހަރު "ބަޑީސް"ގެ ގޮތުގައި އުޅުނު ކުއްޖެއްގެ ކައިރީގައި އެ ދަރިވަރު ކިހިނެއްހޭ އަހާލީމާ ބުނީ، އެކުދިން އަޞްލު ތަފާތެއް ނޫނޭ ތަފާތު ވަނީ ތަފާތު ކުރީމައޭ." ރައުނާ ބުންޏެވެ.
"ބަޑީސް"ގެ ގޮތުގައި ޕާރލްސްގެ ދަރިވަރުންނާ ހަވާލުކުރަނީ މުހިންމު މައުލޫމާތު ހިއްސާ ކުރުމަށްފަހުއެވެ. އޭގެ ފަހުން ހުރިހާ ކަމެއް އެ ދަރިވަރުން ގެންދަނީ އެކުދިންނާ ގުޅިގެން އަމިއްލައަށެވެ.

ރައުނާ ވިދާޅުވީ ކޭމްޕް ބާއްވާ ދުވަސްވަރަކީ ޓެސްޓް އޮންނަ ދުވަސްވަރާ ދިމާވާތީ ގުރޭޑް 10 ގެ ދަރިވަރުންނަށް ބައިވެރި ނުވެވޭ ކަމަށެވެ. އެހެންވެ މީގެ ކުރީ ފަހަރު ތަކުގައި ގުރޭޑް ދިހައެއް ނިންމި ދަރިވަރުންނަށް އެ ފުރުޞަތު ދީފައިވާ ކަމަށެވެ.
advertisment
ހިޔާލު