ދަރިވަރުން ފެން ބުއިމަށް ބާރު އެޅުމުގެ ގޮތުން ރަސްގެތީމު ސްކޫލުން " ފެން ރަނގަބީލު" ޖަހަން ފަށައިފިއެވެ. އެ ސްކޫލުން މި ރަނގަބީލު ޖަހަން ފެށީ އާ އަހަރުގެ ކިޔެވުން ފެށުމާއެކުގައެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް އަޒުލީނާ ގާސިމް ދަރިވަރު ނޫހަށް ވިދާޅުވީ "ފެން ރަނގަބީލު" ތަޢާރަފު ކުރެއްވީ ފެންބުއިމަށް ކުދިން އިސްކަން ނުދޭތީއާއި ފެން ބުއިމުގެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގެ ގޮތުންނެވެ.
ރަސްގެތީމު ސްކޫލުން " ފެން ރަނގަބީލު ޖަހަނީ" ކިޔަވައިދޭ ކޮންމެ ދުވަހެއްގެ 10:10ގައެވެ. ސްކޫލުން އާންމުކޮށް ޖަހާ ރަނގަބީލާ އެ ރަނގަބީލު ތަފާތެވެ.
" މީގެ ސަބަބުން ފެން ބިއުމުގެ އާދަ ދަރިވަރުންގެ ކިބައިގައި ހަރުލާން ފަށާނެ. ގަޑިޖެހޭއިރު ދަރިވަރުން ތިބެނީ ތައްޔާރުވެގެން. ފެންބުއިމަށްފަހު ނޫނީ ކުލާހުން ބޭރަށް އެއްވެސް ކަމަކު ނުދެވޭނެ. އެއީވެސް މިކަމުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދޭން" އަޒުލީނާ ވިދާޅުވިއެވެ.
ފެންރަނގަބީލާއެކު ދަރިވަރުންނާއެކު މުދައްރިސުންވެސް ފެންބުއިމުގައި ބައިވެރިވެއެވެ.
" އަޅުގަނޑުމެންނަށް ފާހަގަވީ މަތީ ގްރޭޑް ތަކުގެ ދަރިވަރުން ފެންބުއިމަށް ސަމާލުކަން ނުދޭކަން. " ފެން ރަނގަބީލާއެކު އެކަންވެސް މިހާރު ހައްލުވީ" އަޒުލީނާ ވިދާޅުވިއެވެ.
ރަސްގެތީމު ސްކޫލަކީ އެއް ދަންފަޅިއަށް، ޕްރީސްކޫލުން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މިހާރު އެ ސްކޫލްގައި 125 ދަރިވަރުން ކިޔަވަމުން ދެއެވެ.
advertisment
ހިޔާލު