އަމީނިއްޔާ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމަށް ބަދަލު ގެނެސް ފަހައިދޭނެ ބަޔަކު ހޯދަނީ

އަމީނިއްޔާ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމަށް ބަދަލު ގެނެސް ފަހައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ޔުނީފޯމް ފަހައިދޭނެ ބަޔަކު ހޯދަން ދިވެހި ސަރުކާރުގެ ގެޒެޓްގައި އެ ސްކޫލުން އިއުލާން ކުރީ ޔުނީފޯމްގެ ބައެއް ސައިޒްތައް ނުލިބިގެން ބެލެނިވެރިން ހިތްހަމަނުޖެހިފައިވާ ދަނޑިވަޅެއްގައެވެ.

އަމީނިއްޔާގެ އެ އިއުލާނުގައި ބުނެފައިވާ ގޮތުން ބީލަމުގައި ބައިވެރިވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހު މައުލޫމާތު ސާފުކުރުމަށްފަހު، އަންނަ މަހުގެ ހަތަރުވަނަ ދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހެއެވެ.

ބީލަން ކަރުދާހުގައިވާ މައުލޫމާތު ތަކަށް ބަލާއިރު، އެ ސްކޫލްގައި މިހާރު ކިޔަވަމުން ގެންދަނީ 2441 ކުދިންނެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކުން 60 ދުވަހުގެ ތެރޭގައި ޔުނީފޯމް ވިއްކަން ފަށަންޖެހެއެވެ. ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޔުނީފޯމް ވިއްކަން ޖެހޭނީ އެ ސްކޫލާއެކު އެއްބަސްވެފައިވާ އަގެއްގައެވެ. އަދި ދިރާސީ އަހަރުގެ ހުރިހާ ހިސާބެއްގައިވެސް ހުސްނުވެ ޔުނީފޯމް ލިބެން ހުންނަންޖެހެއެވެ. ވަކި ޚާއްޞަ ސައިޒަކަށް ބެލެނިވެރިއަކު ޔުނީފޯމެއް ފަހަން ބޭނުންވެއްޖެނަމަ އެކަން ކޮށްދޭންޖެހޭނީ އެ ގްރޭޑެއްގެ ޔުނީފޯމް ވިއްކާ އަގަށްވުރެ 20އިންސައްތަ ބޮޑު ނުވާ އަގަކަށެވެ.

އަމީނިއްޔާ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ބަޔަކު ހޯދަން އިއުލާން ކުރީ މިހާރު ބޭނުން ކުރަމުންދާ ޔުނީފޯމަށް ބަދަލުތަކެއް ގެނެސްފައެވެ. އެ ޔުނީފޯމް ބަދަލުކުރީ ހުސްވި އަހަރުއެވެ. އަދި ރަސްމީ ޔުނީފޯމްގެ ގޮތުގައި މިހާރު ބޭނުން ކުރާ ރޫނެގި ހުދު ޔުނީފޯމްވެސް އަންނަ އަހަރު ބަދަލުކުރަން އެ ސްކޫލުން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *