ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ކެޔޮދޫ ސްކޫލުން ގެންދިޔައީ ހަތިމް ކުރުމުގެ ހަރަކާތެއް

ދިރާސީ އާ އަހަރުގެ ކިޔަވަން ފެށުމުގެ ކުރިން ވ. ކެޔޮދޫ ސްކޫލުން ޤުރްއާން ހަތިމް ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މި ހަރަކާތް މިދިޔަ އަހަރުގައިވެސް އެ ސްކޫލުން ކުރިއަށް ގެންދިޔައެވެ. ދިރާސީ އާ އަހަރުގެ ފެށުން ފާހަގަ ކުރުމަށް ކެޔޮދޫ ސްކޫލްގައި ބޭއްވުނު ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.
ކެޔޮދޫ ސްކޫލްގެ ޕްރިންސިޕަލް ޒައީމާ ހުސައިން ދަރިވަރު ނޫހަށް ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ، އާދީއްތަ ވިލޭރޭ ފަތިސް ނަމާދު ބޮޑު ޖަމާއަތުގައި ދަރިވަރުންނާއި މުދައްރިސުން ބައިވެރިވުމަށްފަހުއެވެ.

" ކޮންމެ އަހަރަކުވެސް ހަތިމް ކުރުމާއި ޖަމާއަތުގައި ނަމާދު ކުރުން ކުރިއަށް ގެންދަން. ހަތިމް ކުރުމުގެ ހަރަކާތުގައި ގްރޭޑް 7ން މަތީގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިން ވަނީ ބައިވެރިވެފައި " ޒައީމާ ވިދާޅުވިއެވެ.

ކެޔޮދޫ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭން އެންމެ ފުރަތަމަ ފެށި ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. އަދި ހެނދުނުގެ ނާސްތާ ޕްރޮގްރާމްވެސް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔަ ސްކޫލްތަކުގެ ތެރޭގައި އެ ސްކޫލް ހިމެނެއެވެ.
ޒައީމާ ވިދާޅުވި ގޮތުގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށައި، ހެނދުނު ކުރިއަށް ގެންދާ ކުޅިވަރާއި ކަސްރަތުގެ ހަރަކާތުން ދުވަސް ފެށުމުން އެ ސްކޫލްގެ ދަރިވަރުންނަށް ހީވެސް ނުކުރާ ވަރުގެ ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

" ފަތިސް ނަމާދަށްފަހު، ދަރިވަރުން ކުޅިވަރުކުޅެން ފޮނުވަން އަޅުގަނޑުމެން ބާރު އަޅަނީ. އެގޮތަށް ދުވަސް ފެށުމުން، ތާޒާކަންމަތީގައި އެދުވަހުގެ ކިޔެވުން ފެށައިގަނެވި، ހަރަކާތްތެރި ދުވަހަކަށް މުޅި ދުވަސް ބަދަލުކޮށްލެވޭ" ޒައީމާ ވިދާޅުވިއެވެ. " ކުރިން ނެގިމަޑުވެ، ފިލާވަޅަށް ސަމާލުކަން ނުދޭ ކުދިންވެސް ފިލާވަޅުގެ ތެރެއަށް ވަދެވި، ކިޔެވުމަށް ސަމާލުކަންދޭ މިންވަރު އިތުރު"

ކެޔޮދޫ ސްކޫލަކީ ޕްރީސްކޫލުން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މިހާރު އެ ސްކޫލްގައި 190 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *