ބ. ދޮންފަނު ސްކޫލްގެ ޕީޓީއޭގެ އަހަރީ ޑިނަރނައިޓް " މަލާފަތް" ބޭއްވުމުގެ ތައްޔާރީތައް ފަށައިފިއެވެ.
ދޮންފަނު ސްކޫލުން އާންމު ކުރި ފޮޓޯތަކަށް ބަލާއިރު ވެސް ޕީޓީއޭގެ ތައްޔާރީތަކުގައި ބެލެނިވެރިން އަވެދި ނެތި މަސައްކަތް ކުރަމުން ދަނީ މަލާފަތަށް ބޭނުންވާ ދިވެހި އުފެއްދުންތައް ތައްޔާރު ކުރުމަށެވެ. މި މަސައްކަތުގައި، އެ މީހަކަށް ވެވުނު އެހީތެރިކަމެއް ދަނީ ފޯރުކޮށް ދެމުންނެވެ.

އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ބާއްވާ މަލާފަތުގައި ހުންނާނެ ކެއުންތައް ވެސް މިހާރު ވަނީ އާންމު ކޮށްފައެވެ. މައިގަނޑު ކެއުމުގެ ގޮތުގައި ހަތް ބާވަތެކެވެ. ބަނބުކެޔޮލީ ބަތާއި ފެނުކެއްކި އަލައާއި މާޅޮސްކޭލެވެ. މަސްބަތާއި އާވިން ކެއްކި ތަރުކާރީއެވެ. ދެ ވައްތަރުގެ ރޮއްޓާއި ހުދު ހަނޑުލުގެ ބަތެވެ. ރިހައިގެ ހަތަރު ވައްތަރެކެވެ. ކަނޑުކުކުޅު ރިހައާއި އަލުވި ކުޅި ރިހައެވެ. ރިހާކުރު ދިޔައާއި ގަރުދިޔައެވެ. ތިން ވައްތަރެއްގެ ފޮނިކާތަކެއްޗާއި ތިން ވައްތަރެއްގެ ފަންޏެވެ. ތިން ވައްތަރެއްގެ ސަޓަންޏާއި ފިހުނު މަހާއި މަސްކުރޮޅިއެވެ. ދެން ހުރީ ދިވެހި ކެއުމުގައި ބޭނުންކުރާ އާންމު ބާވަތްތަކެވެ. ރިސޯޓްތަކުން ވެސް މީހުން އަންނާނެތީއާއެކު، ދިވެހި ކެއުން ކަމުނުދާ ފަރާތްތަކަށް ކޮއްތުރޮށި ވަގުތުން ތައްޔާރުކޮށްދޭން ވަނީ ހަމަޖައްސާފައެވެ.
ލީޑިންގ ޓީޗަރު އައިޝަތު ނިޒްނާ ވިދާޅުވީ، މިއީ މަލާފަތް ބާއްވާ ދެ ވަނަ ފަހަރު ކަމަށާއި، މެދުކެނޑުނީ ކޮވިޑާ ގުޅިގެން ކަމަށެވެ.
އާންމުކޮށް ވިއްކާ ޓިކެޓްގެ އިތުރުން، އިތުރު ތިން ކެޓަގަރީއަކުން އަންނަނީ ވިއްކަމުންނެވެ. އެއީ ގޯލްޑް، ސިލްވަރ އަދި ބްރޯންޒެވެ.
އާންމުކޮށް ޓިކެޓެއް ވިއްކަނީ 150 ރުފިޔާ އަށެވެ.

ނިޒްނާ ވިދާޅުވީ، ޚާއްޞަ ކެޓަގަރީއަކުން ޓިކެޓެއް ގަންނަ ކޮންމެ ފަރާތެއްގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ދޭން ނިންމާފައިވާ ކަމަށެވެ.
" ޚާއްޞަ ޓިކެޓް ގަންނަ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ދޭނެ. އެއީ ސްކޫލަށް ފޯރުކޮށްދޭ އެހީތެރިކަމަކަށް ވާތީ" ނިޒްނާ ވިދާޅުވިއެވެ.
93 ދަރިވަރުން ކިޔަވަމުން އަންނަ ދޮންފަނު ސްކޫލުން ބުނީ، މަލާފަތުގައި ބައިވެރިވުމުގެ ދައުވަތު އެ އަތޮޅުގެ ހުރިހާ ރިސޯޓް ތަކަށާއި މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކަށާއި ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށެވެ.

" އަޅުގަނޑުމެން އުއްމީދު ކުރަނީ 1،000 މީހުން ބައިވެރިވާނެ ކަމަށް." ނިޒްނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮވިޑްގެ ކުރިން ފުރަތަމަ ފަހަރަށް ބޭއްވި މަލާފަތަށް ލައްކައެއްހާ ރުފިޔާ ލިބުނު ކަމަށާއި މިފަހަރު އެއަށްވުރެ އިތުރުވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

ނިޒްނާ ވިދާޅުވީ، އެ ސްކޫލުން ބާއްވާ އެފަދަ ހުރިހާ ޙަރަކާތެއް ވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވެނީ ބެލެނިވެރިންގެ ބުރަ މަސައްކަތުން ކަމަށެވެ.
" މަލާފަތުގެ ތައްޔާރީތަކަށް ބެލިޔަސް ބެލިވެރިންގެ ބުރަ މަސައްކަތް ފެނިގެންދޭ. އެއްބައިވަންތަ ކަމާއެކު ސްކޫލްގެ ހުރިހާ ކަމެއްގައި ބައިވެރިވަނީ. މިއީ ނަމޫނާ ބެލެނިވެރިން ތަކެއް"
advertisment
ހިޔާލު