އއ. އަތޮޅު މަދަރުސާގެ ހުނަރު ޕްރޮގްރާމް: ވަލަށް ވަދެ ކާށި ހޮވުމަކީ ވެސް ހުނަރެއް

ދަރިވަރުންނަށް ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށް ދިނުމަށް ސްކޫލްތަކުން ދަނީ ތަފާތު ޕްރޮގްރާމްތައް އެކި ނަންނަމުގައި ހިންގަމުންނެވެ. ފެރިދޫގައި ހުންނަ އއ. އަތޮޅު މަދަރުސާއިން ފެށި ހުނަރު ޕްރޮގްރާމަކީ ވެސް ތަފާތު އެތައް ހުނަރުތަކެއް ހިންގާ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެ ސްކޫލުން ބުނީ، އާންމު ދިރިއުޅުމުގައި ކުރަންޖެހޭ ކަންތައްތަކަށް ބިނާކޮށް، ދިރިއުޅޭ ވެއްޓާއި ގުޅުން ހުރި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދޭން އިސްކަންދޭ ކަމަށެވެ.

އެހެންވެ އެ ސްކޫލުގެ ދަރިވަރުންނަށް މިފަހަރު ދަސްކޮށްދޭން ފެށި ހުނަރުތަކުގެ ތެރޭގައި، ވަލުން ކާށި ހޮވާށާއި، ގޭގައި، ފަސޭހައިން ގަސް ހަންދާނެ ގޮތާއި ތިނޯސް ބޭނުންކޮށްގެން އަތުން ފަހާނެ ގޮތެވެ. ކާއެއްޗެއް އަމިއްލައަށް ތައްޔާރު ކޮށްލާނެ ގޮތްތައް ހިމެނެއެވެ.

" ވަލުން ކާއްޓާއި ފަން ހޮވުމަކީ އެއީ އާންމު ދިރިއުޅުމުގައި މިހާރުވެސް ކޮން އުޅޭ މަސައްކަތެއް. އެ މަސައްކަތް ކުރި ގޮތް މިހާރުގެ ދަރިވަރުންނަކަށް ނޭނގޭ. މައިންބަފައިން އެކަން ކުރި ނަމަވެސް މިހާރަކު ދަރިން ބައިވެރިއެއް ނުކުރޭ" އއ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އިބްރާހިމް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، އެރަށު ވަލުތެރޭގައި ހުރި ރުއްގަހަކީ ރަށުގެ ކައުންސިލުގެ ދަށުގައި ހުންނަ ރުއްތަކެއް ކަމަށް ވާތީ، އެރީގެ ގޮތުގައި ރުއްގަނޑުން ހޯދާ ކާށީގެ ދެބައިކުޅަ އެއްބައި ދޭންޖެހެނީ ކައުންސިލަށެވެ.

އެކަަމަކު ދަރިވަރުން ކުރި މަސައްކަތުން، އެރި ކައުންސިލަކުން މިފަހަރު ނުނަގައެވެ.

" ކާށި ހޮވަން ވަލަށް ވަނުމުގެ ކުރިން ދަރިވަރުންނަށް އަޅުގަނޑުމެން ހުރިހާ މައުލޫމާތެއް ދިނިން. ހޮވާ ކާށިން އެރި ނެގެމާއި، ކާލިނަގައި އެއްކޮށްލައިގެން ކާށިތައް ގެންދިއުމާއި އެއްކުރާ ކާށީގެ ތެރެއިން ހުހި ވަކިކުރާނެ ގޮތް ވެސް"

ޝަރީފު ވިދާޅުވީ، އެ މަސައްކަތުގައި ކުދިން މަސްއޫލުވީ ކުރާހިތުންނެވެ.

" މީގެ ކުރިން އެފަދަ ކަމެއްގައި ދަރިވަރުން ބައިވެރި ކޮށްފައެއް ނެތް. ރަށްފުށުގެ ދިއިރުޅުމުގައި އެއީ ދަރިވަރުންނަށް ދަސްވެފައި ހުންނަންޖެހޭ މުހިންމު ހުނަރެއް"

ޝަރީފު ވިދާޅުވީ ގަސް އިންދާ ހެއްދުމުކީ ވެސް ކުދިން ބައިވެރިކޮށްގެން ބެލެނިވެރިންނަށް ކުރެވިދާނެ މުހިންމު މަސައްކަތެއް ކަމަށެވެ. ސްކޫލްގެ ގޯތިތެރޭގައި ގަސްއިންދައި ހެއްދި ނަމަވެސް، އެ ސްކޫލުން ބާރު އަޅަނީ ކޮންމެ ކުއްޖަކުވެސް އެ ކުއްޖަކު އުޅޭ ގޭގެ ގޯތިތެރޭގައި ގަސްއިންދައި އެއިން އާމްދަނީއެއް ހޯދުމަށެވެ.

" އެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައި ތިބި މީހުން ގެނެސްގެން އަޅުގަނޑުމެން މައުލޫމާތު ފޯރުކޮށް ދެނީ ގަސްއިންދާ ހައްދާނެ ގޮތުގެ. ފުޅިބުރިއެއްގައި ވެސް ގަހެއް އިންދައިގެން އެއިން ފައިދާއެއް ހޯދިދާނެ ގޮތެއް"

128 ދަރިވަރުން ކިޔަވަމުންދާ ސްކޫލްގައި ކުރިއަށް ގެންދާ ޕްރޮގްރާމުގައި ތިނޯސް ބޭނުންކޮށްގެން އަތުން ފެހުމާއި ކާއެއްޗެއް އަމިއްލައަށް ތައްޔާރުކޮށްލަން ދަސްކޮށްދޭން ގެންދިޔަ ޙަރަކާތްތަކަކީ ވެސް މުހިންމު އެހާމެ ބޭނުންތެރި ހުނަރުތަކެވެ.

އެ ހުރިހާ ހުނަރަކަށް ވެސް ދަރިވަރުން ތިބެނީ ބޭނުންވެފައެވެ.

" މި ޕްރޮގްރާމުގެ ތެރެއިން ދަސްވާ ކަންތައްތައް ދަރިވަރުން ގޭގައި އެބަކުރޭ. އެއީ އަޅުގަނޑުމެން ބޭނުންވާ ކަމަކީ" ޝަރީފު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *