ވޯލްޑް ކަޕްގެ ފޯރީގައި، ހަ އަހަރުގެ ހާޖަރު ދަސްކުރީ 32 ޤައުމުގެ ނަމާއި، ދިދަ

ވޯލްޑް ކަޕްގެ ފޯރި އިތުރުވަމުން އަންނައިރު، ހަ އަހަރުގެ ހާޖަރު މުޙައްމަދު ނަދީމް ދަސްކުރީ އެ މުބާރާތުގައި ބައިވެރިވި 32 ޓީމުގެ ނަމާއި ދިދައެވެ.

ހާޖަރަކީ އާޖެންޓީނާގެ ސަޕޯޓަރެކެވެ. އޭނާގެ ޔޫޓިއުބު ޗެނަލަށް ލި ވީޑިއޯގައި، އާޖެންޓީނާގެ ޖޯޒީއެއް ލައިގެން ހުރެ، ވޯލްޑް ކަޕްގައި ކުޅޭ ހުރިހާ ޤައުމުތަކެއްގެ ދިދަ ވަކިވަކިން ދައްކާލާ، އެ ދިދަ ނިސްބަތްވާ ޤައުމު ތަކުގެ ނަންތައް އިނގިރޭސި ބަހުން ކިޔާދެއެވެ.

ޤައުމުތަކުގެ ދިދައިގެ އިތުރުން އެ ދިދަ ތަކުގައި ބޭނުން ކޮށްފައިވާ ކުލަތަކަށް ދަންދެން ހާޖަރު ހިތުދަހެވެ.

ހާޖަރުގެ މަންމަ އާމިނަތު ނަސީރާ ބުނީ، ވޯލްޑް ކަޕްގެ ފޯރި އެގޭގައި ވެސް ގަދަ ކަމަށެވެ. އެ ފޯރީގެ ތެރެއިން ޤައުމުތަކާއި ދިދަ ތަކުގެ ނަންތައް ހާޖަރު ދަސްކުރަން ކުރީއެވެ.

" ކުޅުމުގެ ތެރެއިން ކަންތައްތައް ދަސްކުރަން ބާރުއަޅަން. ވޯލްޑް ކަޕްގެ ފޯރީގައި ޤައުމުތަކުގެ ނަންތައް ދަސްކުރަން ފެށީ." ހާޖަރުގެ މަންމަ ބުންޏެވެ.
" އެއް ދުވަހަކު އައިސް ބުނެފި ބައެއް ޤައުމުތައް އެނގެއޭ. ދެން އޭނާ ލައްވާ ކިއުއްވީ. ހުރިހާ ޤައުމެއްގެ ނަމާއި ދިދައާއި ދިދައިގެ ހުންނަ ކުލަތަކަށް ދަންދެން ކިޔައިދިން"

އާޖެންޓީނާ ކުޅޭ ރޭރޭ އެ ޓީމަށް ސަޕޯޓްކުރަން އާއިލާއާއެކު ހާޖަރު ބައިވެރިވެއެވެ. އެ ފޯރީގެ ތެރެއަށް އޭނާއަށް މިހާރު ވަނީ ރަނގަޅަށް ވަދެވިފައެވެ. ހާޖަރު، އެންމެ އުފާވީ ދެ ވަނަ ބުރަށް އާޖެންޓީނާ ދިޔައީމައެވެ.

ކިޔެވުމުގައި ވެސް ނަމޫނާ ދައްކަމުން އަންނަ ހާޖަރަކީ ކެއްކުމުގައި ވެސް ކުޅާދާނަ ކުޑަކުޑަ ޝެފެކެވެ. ކެއްކުމުގެ ތެރެއަށް ވަދެވުނީ މަންމައަށް އެހީވާން ބަދިގެއަށް ވަދެ އުޅުމުގެ ތެރޭގައެވެ.

ހާޖަރުގެ ޔޫޓިއުބު ޗެނަލަށް ވަންނަ ކޮންމެ މީހަކަށް ފެންނާނީ ހަމައެކަނި ކެއްކުމުގެ ހުނަރެއް ނޫނެވެ. ބަލާމީހުން ގަޔާވާގޮތަށް ކައްކާ ޝޯވ ހުށަހަޅައި ދިނުމަކީ ވެސް ހާޖަރުގެ އާދަޔާ ޚިލާފު ހުނަރެކެވެ. އިނގިރޭސި ބަހުން އެ ޝޯވްތައް ހުށަހަޅަމުންދާއިރު، ލޮނު ހެޔޮވަރީ ކައްކާ އެއްޗެހީގައެއް ނޫނެވެ. ޝޯވ ތަކުގައި ވެސް ލޮނު ހެޔޮވަރެވެ.

ހާޖަރު މިހާރު ބޭނުން ވަނީ އާޖެންޓީނާގެ ސަޤާފީ ކެއުމެއް ތައްޔާރު ކުރާށެވެ. އަދި ވޯލްޑް ކަޕްގެ 32 ޓީމުގެ ދިދަތައް ހިމެނައިގެން ކުކީސް ވެސް ހަދާށެވެ. މި ހަފްތާ ބަންދުގައި އެ މަސައްކަތް ފަށަން ހާޖަރު ހުރީ ނިންމައިގެންނެވެ.

ކެއްކުމުގައި ހާޖަރު އިސްކަން ދެނީ ސިއްޙަތަށް ފައިދާހުރި ކާނާއަށެވެ. އިންޓަވަލަށް ތައްޔާރު ކުރާނީ ވެސް މަންމައާއެކު، އެފަދަ ކާނާއަށް އިސްކަންދީގެންނެވެ.

ފެތުމަކީ ވެސް ހާޖަރު ކުރިއަށް ދާން ބޭނުންވާ ކުޅިވަރެކެވެ. ވަރަށް ކުޑައިރު ފަތަން ދަސްކޮށްފިއެވެ. ބީއެމްއެލް ކިޑްސް ސްވިމިންއާއި ސްވިމިން އެސޯސިއޭޝަނުން ބޭއްވި ފެސްޓިވަލުގައި 25 މީޓަރަށް ފަތައިގެން، ދެ ފަހަރެއްގެ މަތިން މެޑަލް ވެސް ވަނީ ހޯދާފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *