ޖަލާލުއްދީން ސްކޫލުގެ އެއްވަނަ ދަރިވަރު، އައްފާން ބަންޑުން ކޮށްލީ މަންމައަށް އޮތް ލޯބި

ލޯބީގެ ނަމަކީ މަންމާ! ނޫރަކީ، ލޮލަކީ މަންމާ! ފިރުކީ ޙަޔާތް ތީ މަންމާ، ދޭނީ މި ނަފްސާއި ޖާން. މަންމާ މިދޭ އިހުތިރާމް، ގެންދޭ އެތައްހާސް ސަލާމް. ގުރުބާންވެވޭ ސިއްރަކީ، މަންމަގެ ލޯތްބާއި މަޤާމް،

މަންމާ މި ދޭ އިޙްތިރާމް"

ޖަލާލުއްދީން ސްކޫލްގެ ފާއިތުވި އަހަރު އެންމެ މޮޅު ދަރިވަރު ޙަސަން އައްފާން އަލީ، އޭނާގެ ހިތުގައި މަންމައަށް އޮތް ލޯބި ބަންޑުން ކޮށްލީ، އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ޕޯޑިއަމް ކައިރީގައި ހުއްޓި ހުރެއެވެ. އޭރު އެ މަންޒަރު ބަލަން އެ ހޯލުގައި އިން އޭނާގެ މަންމަގެ ލޮލުން ފައިބަމުން ދިޔައީ އުފާވެރި ކަމުގެ ކަރުނައެވެ. މައިވަންތަ ކަމުގެ ކުލުނެވެ.

" އެއީ ދަންވަރަކަސް، އިމްތިހާނަށް ދަސްކޮށް ނިމުމުން ނޫނީ، ބާލިހުގައި ބޯއަޅާލަން ޖެހިލުންވި ފަރާތް. ކާމޭޒު ކައިރީގައި އަޅުގަނޑު ބައިންދައިގެން، ނަޞޭހަތުގެ ލަފާ ދެއްވާ ފަރާތް. އެއީ އަބަދު ވެސް އަޅާލުމާއި އޯގާތެރިކަން އިންތިހާއަށް ދޭ ފަރާތް."  އައްފާންގެ ހިތުގައި މަންމައަށްޓަކައި އޮތް ލޯބި އެންމެންގެ ކުރިމަތީގައި ހުޅުވާލިއެވެ.

ޖަލާލުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރަށް ވުމަކީ އެއީ އުއްމީދެއް ނަމަވެސް އެ އުއްމީދު ޙާޞިލްވާނެ ކަމަށް އޭނާ ހިއެއް ނުކުރެއެވެ.

" ދެ ފިކުރެއްގައި ހުރީ، އެއް ވަނަ ލިބުމަކީ އެއީ ސަޕްރައިޒެއް" ދަރިވަރު ނޫހާ ވާހަކަ ދައްކަމުން އައްފާން ބުންޏެވެ.

އައްފާން ބުނީ އޭނާގެ ކާމިޔާބީގެ ހިއްސާދާރަކީ މަންމަ ކަމަށާއި 60 އިންސައްތަ ދޭނީ މަންމައަށް ކަމަށެވެ.

" މަންމަގެ މަސައްކަތުން އެ ހިތްވަރު ލިބުނީ. މަންމަގެ މަސައްކަތުން ހިތްވަރު ނެރުނީ"

އެ އުފާވެރި ހަފްލާގައި އައްފާން ވަނީ އޭނާއަށް ކިޔަވައިދެއްވި ހުރިހާ މުދައްރިސުންނަށް ވެސް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. އަދި މައިންބަފައިންނާއި ދައްތަމެން އޭނާއާމެދު ކުރާ އުއްމީދުތަކާއި ދޭ އެހީތެރިކަމާއި ލޯތްބަށް ފަށްފަށުން ޝުކުރު އަދާކޮށް ފައެވެ.

ޕްރީ ސްކޫލަށްފަހު ގުރޭޑް އަށަކާ ހަމައަށް އައްފާން ކިޔެވީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން ޖަލާލުއްދީނާ ގުޅި، ކާމިޔާބީގެ ފުރަތަމަ މަރުޙަލާއަށްފަހު އެ ސްކޫލުން އޭލެވެލްއަށް ކިޔަވަން ފެއްޓީއެވެ.

އޯލެވްގައި އައްފާން ދިޔައީ ގަދަ ދިހައެއްގެ ހަތަރު ވަނައަށެވެ. އެއީ ހަ އޭސްޓަރ އާއި އެއް އޭ އަދި އެއް ބީ ލިބިގެންނެވެ.

ސިއްޙީ ދާއިރާއިން ކުރިއަށް ދާން ނިންމައިގެން ހުއްޓަސް، ކުރިއަށް ދާނެ ދާއިރާއެއް އޭނާ ނުނިންމައެވެ.

" ސިއްޙީ ދާއިރާއިން ފެންނާނީ، އެއަށްވުރެ ކުރިން އޭލެވެލްގައި ރަނގަޅު ކާމިޔާބީއަކަށް މަސައްކަތް މި ކުރަނީ"

އައްފާން ބުނީ އޯލެވެލްގައި ލިބުނު ފަދަ ކާމިޔާބެއް ހޯދުމަކީ އެއީ މަންމަގެ އުއްމީދެއް ކަމަށާއި އެ އުއްމީދު ޙާޞިލް ކޮށްދޭން އޭނާ ވަރަށް ބޭނުންވާ ކަމަށެވެ.

" ކާމިޔާބީ ތަކުރާރު ކުރަން ވަރަށް މަސައްކަތް އެބަކުރަން. އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރެވޭ"

އައްފާން ބުނީ، އެއްވަނަ ދަރިވަރުގެ ގޮތުގައި ޓްރޮފީއާއެކު ގެއަށް އައުމުން، ހަފްލާގައި އިނދެ މަންމައަށް ވަރަށް ގަދައަށް ރޮވުނު ވާހަކަ މަންމަ ބުނި ކަމަށެވެ.
" މަންމަ ބުނީ، ދަރިފުޅު ދެއްކި ވާހަކަ އަޑުއަހާފައި ވަރަށް ބޮޑަށް ރޮވުނޭ، އަމިއްލައަށް ހޭ އެ ދެއްކި ވާހަކަ ލިޔުނީ" އައްފާން ބުންޏެވެ.

" އަޅުގަނޑު ބުނިން، އާއެނކޭ އަމިއްލައަށޭ ލިޔުނީ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *