ފަރުމަސްވެރިކަމަށް ދެވިހިފި މުދައްރިސް: ޖަލީލުގެ ހުސް ވަގުތު، އެހެން މީހުންނަށް ޖެހެނީ"ދިމާކުރަން"

މެންދުރު ކުރީގައި، ސްކޫލްގައި ކިޔަވައި ދެއްވުމުގައެވެ. އަޞްރަށްފަހު، ފަރުމަސްވެރިކަމުގައި ކަނޑުމަތީގައެވެ. މިއީ ބ. މާޅޮހު ސްކޫލްގެ ބިޒްނަސް މުދައްރިސް އަބްދުލް ޖަލީލުގެ ދިރިއުޅުން ކުރުކޮށް އޭނާ ކިޔައިދެއްވި ގޮތެވެ.

ހިތްހެޔޮ ސަކަ މިޒާޖެއްގެ ޖަލީލަކީ ހުނަރުވެރި "ތަފާތު ފަންނު" ވެރިއެކެވެ. ކިޔައިވައި ދެއްވުމަކީ އޭނާގެ ރަސްމީ މަސައްކަތެވެ. ފަރުމަހުގެ މަސްވެރިކަމަކީ އުފަލާއި މަޖަލުގެ ތެރެއިން "ދެވިހިފި" ކުޅިވަރެކެވެ. އެއީ މިހާރު ރަނގަޅު އާމްދަނީއެއް ލިބޭ ވިޔަފާރިއެކެވެ. އެ މަސައްކަތުގައި އޭނާގެ މަދަދުޤާރަކީ ބައްޕައެވެ. ވިއްސަކަށް ފޫޓްގެ ޑިންގީގައި، ފަޅުން ބޭރު ނުވެވޭނަމަ ހަމަ ނިންޖެއް އެ ދެ ބަފައިންނަކަށް ނުލިބެއެވެ.

ދެ ބަފައިން ގިނަ ވަގުތު ކަނޑުމަތީގައި

ޖަލީލު ވިދާޅުވީ، މެންދުރު 1ޖަހާއިރު ސްކޫލްގެ މަސައްކަތްތައް ނިންމާލެވެއެވެ. މެންދުރުގެ ކެއުމަށްފަހު، އަރާމުކުރަން ކުޑަ ވަގުތު ކޮޅެއް ހޭދަކުރުމަށްފަހު، އަޞްރުން ތިރި ވެލީމާ އެވީ ދެ ބަފައިން ޑިންގީގައި ފަރުމަހަށް ނުކުންނާށެވެ. އެނބުރި ރަށަށް އަންނަނީ ރޭގަނޑު 10އާއި 11 އާ ދޭތެރޭގައެވެ. އެއީ ފާއިތުވި 14 އަހަރުގެ ތެރޭގައި މަދު ދުވަހެއްގައި ނޫނީ ބަދަލެއް ނާންނަ ތާވަލެކެވެ. މި ތާވަލަށް ބަދަލެއް އަންނަނީ ހުކުރު ވިލޭރެއާއި ހުކުރު ދުވަހުއެވެ. ހުކުރު ވިލޭ ރެއަކީ ޗުއްޓީ ރެއެކެވެ. ހުކުރު ދުވަހުގެ އަޞްރުން ފައިބައިގެން މަސްވެރިކަމަށް ނުކުންނަނީ، ރޭ ވެސް ކުރާ ގޮތަށެވެ. ރަށަށް އެނބުރި އަންނަނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. ކައިރި ރިސޯޓް ތަކަށް މަސްވިއްކައިގެން ފަރުމަހުން އެކަށީގެންވާ އާމްދަނީއެއް މިހާރު ލިބެއެވެ.

ޖަލީލު ވިދާޅުވީ، މޫސުމް ގޯސްވެގެން ނޫނީ ސްކޫލްގައި ކަމެއް އޮވެގެން ފަރުމަހަށް ނުނުކުމެވޭ ރޭރޭ ނިދަން ވެސް އުނދަގޫވާ ކަމަށެވެ.

" ހަމަ ރަނގަޅަށް ވެސް ދެވިހިފާފައި ހުންނަނީ. މޫސުން ގޯސްވެގެން ނޫނީ ސްކޫލްގައި ކަމެއް އޮވެގެން، ފަރުމަހަށް ނުދެވޭ ރޭރޭ ނުއެއް ނިދޭ. އެފަދަ ރޭރޭ އަތިރިއަށް ފައިބާ، އެބައިންނަން ހިތްދަތިވެގެން މޫދަށް ބަލަހައްޓައިގެން. "

ޖަލީލު ވިދާޅުވި ގޮތުގައި، އޭނާއަށްވުރެ ބޮޑަށް މަސްވެރިކަމަށް ދެވިހިފާފައި ހުންނަނީ އޭނާގެ ބައްޕައެވެ.

" ބައްޕަ، މިކަމަށް މާ ބޮޑަށް ފޯރި ހުންނާނެ. އެހެންވީމަތާ މިހެން މި އުޅެވެނީ" ޖަލީލުގެ ފަރުމަސްވެރިކަމުން ދައްކައި ދެނީ އެ ދެ ބަފައިންގެ މެދުގައި އޮތް ގުޅުމެވެ. ލޯތްބެވެ.

ކިޔވައި ދިނުމުގެ އިތުރުން ދެން ލިބޭ ހުސްވަގުތުގެ ބޭނުން ވިޔަފާރިއަކަށް ބަދަލު ކޮށްލަން ގެންގުޅުނު ނަމަކީ ވެސް އަޖައިބެއް ކަހަލަ ނަމެކެވެ.

" ވިޔަފާރިއެއް ކުރާނަމޭ ހިތާ ކުންފުންޏެއް ރަޖިސްޓްރި ކުރީ. ނަކަމަށް ކީ " ހުސްވަގުތު ޕްރައިވެޓް ލިމިޓެޑް"

ފަރުމަސްވެރިކަން ކުރަން މިހާތަނަށް ހަތަރު ޑިންގީވެސް ބަދެފިއެވެ. ފުރަތަމަ ބަނދެ ދުއްވި ޑިންގީ ކުޑަވެގެން އެ ވިއްކާލާފައި އިތުރު އެއްޗެއް ހޯދީއެވެ. އެގޮތަށް ގޮސް މިހާރު ބޭނުންކުރަނީ ހަތަރު ވަނަ ޑިންގީއެވެ. ނަމަކީ " ހުސްވަގުތު 4 " އެވެ. އެ މަސައްކަތުގައި އިތުރު ދޯންޏެއް ވެސް މިހާރު ގެންގުޅެއެވެ. އެއީ ވެލިނެގުމުގެ މަސައްކަތަށެވެ.

ޖަލީލު ވިދާޅުވީ ކުރިން ކުރި ގޮތަށް މަސްވެރިކަން، މި އަހަރުގެ ޖުލައި މަހުން ފެށީގެން ނުކުރެވޭ ކަމަށެވެ.

" ޖުލައިން ފެށިގެން ކުރިން ކުރި ގޮތަކަށް ނުކުރެވޭ"

ޖަލީލުގެ ހުސްވަގުތު، މިހާރު އާމްދަނީއެއް ލިބޭ މަސައްކަތެއް

ކޮވިޑްގެ ޢާލަމީ ވަބާގައި ފުރަބަންދު ކުރަންޖެހުނު ރަށްތަކުގެ ތެރޭގައި މާޅޮހުވެސް ހިމެނުނެވެ. އެ ދުވަސްވަރު ދިމާވީ ވެސް ރޯދަމަހާއެވެ. އަންހެނުންނަށް އަތްގާތްކޮށްލަ ދޭން، ދަރިންނާއެކު ކޮންމެ ދުވަހަކު ވެސް ބަދިގެއަށް ޖަލީލު ވަންނަވައެވެ. އެހެން އުޅުމުގެ ތެރޭގައި އެއް ދުވަހަކު ބަޖިޔާ ހަދަން އުޅެމުން އެ މަންޒަރު ފޯނުން ރެކޯޑް ކުރެއްވިއެވެ. ބަޖިޔާ ހަދައިދޭ ގޮތް ކިޔައިދޭ އެ ކުރު ވީޑިއޯ އޭނާގެ އަމިއްލަ ފޭސްކުބު ޕޭޖަށް ލިއެވެ.

" ފޭސްބުކަށް ލީމާ އިސާހިތަކު ވައިގައި ހިފައިފި. އެ ލިބުނު ހިތްވަރުގައި ދެ ވަނަ ވީޑިއޯއެއް ވެސް ލައިފިން" ދެ ވަނަ ވީޑިއޯއާއެކު ޖަލީލުގެ އަތުގައި ނަޞީބު ހިފިއެވެ.
" މި ދެ ވީޑިއޯ ދޫކޮލި ފަހުން ގުޅީ ފަތަހަ ސްޓަރ ގެ މެނޭޖިންގ ޑިރެކްޓަރު. ގުޅާފަ ބުނީ ތިމަންނަމެން ބޭނުމޭ ތި ހަދާ ޕްރޮގްރާމް ސްޕޮންސަރ ކުރަން. ރަސްމީ ސިފައެއްގައި ޕޭޖެއް ތައްޔާރު ކުރާށޭ"

"ޖަލީލުގެ ހުސްވަގުތު" ގެ ނަމުގައި ޕޭޖެއް ހަދައިގެން އެ މަސައްކަތް ފެށީ އެ ހިސާބުންނެވެ. އެ އަހަރުގެ ރޯދަމަހު، "ފަތަހަ ސުންބުލި ބަނދިގެ ތެރެއިން" ގެ ނަމުގައި އެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

ރޯދަމަހަށްފަހު އެ މަސައްކަތަށް މަޑުޖެހުމެއް އައެވެ. ދޭތެރެއަކުން އިތުރު ވީޑިއޯތަކެއްގެ މަސައްކަތް ވެސް އެނާ ކުރެއްވިއެވެ. އޭގެ ފަހުން ބޭނުންވީ ކިޔަވާ ކުދިންނަށާއި ސްކޫލްތަކަށް ވެސް ބޭނުން ކުރެވޭ ފަދަ ވީޑިއޯތަކެއް ތައްޔާރު ކުރާށެވެ. އެ ޚިޔާލުގެ ތެރެއިން އުފަންވެގެން އައީ ދިވެހި ބަހުގައި ބޭނުންކުރާ މުހާވަރާތަކަށް އަމާޒުކޮށް ކުރު ވީޑިއޯ ހުށަހަޅައި ދޭށެވެ. އެ ވީޑިއޯގައި ގެނެސްދޭ މުހާވަރާތައް ދިމާކުރަން ހުޅުވާލައިގެންނެވެ.

" ދިމާކުރަމާ" ގެ ނަމުގައި ހަތަރު ބައި ގެނެސް ދިން ފަހުން އެ ޕްރޮގްރާމް ސޮޕޮންސަރ ކުރަން ބައެއް ފަރާތްތަކުން ގުޅިއެވެ. އޭރު އެކަމަކަށް އެހާ ޝަޢުޤުވެރިކަމެއް ޖަލީލެއް ނުދެއްވައެވެ.

" ފަތަހަ ސްޓަރގެ އެމްޑީ އަނެއްކާވެސް ގުޅީ. ގުޅާފައި ބުނީ، ރަނގަޅު އެއްޗެއް ލިބޭ ގޮތަށް ވިޔަފާރި މޮޑަލަކަށް ތިކަން ކުރަންވީ ނޫންހޭ. ސްޕޮންސަރ ކުރާނެ މީހުން ވާނެ ނޫންހޭ"

އޭގެ ފަހުން ޖަލީލުގެ ވިސްނުން ވެސް ބަދަލުކުރެއްވިއެވެ. ވިޔަފާރި މޮޑަލަކަށް އެ މަސައްކަތް ދީލާލެއްވިއެވެ.

" ހުސްވަގުތު ކުރަން ފެށި މި މަސައްކަތުން މިހާރު ރަނގަޅު އާމްދަނީ އެއް އެބަލިބޭ"

ކޮންމެ އަންގާރަ ދުވަހު، ޖަލީލުގެ ހުސްވަގުތު ޕޭޖުން  ގެނެސްދޭ، ދިވެހި ބަހުގެ މުހާވަރާ، ދިމާކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ މީހަކަށް ޕިއްޒާއެއް ދެ އެވެ. ދެ ފަރާތަކުން ވަނީ އެ ޕްރޮގްރާމް ސްޕޮންސަރވެސް ކޮށްފައެވެ.

" ފެށިއިރު، ހަދިޔާއަކަށް ދިނީ ވިއްސަކަށް ކާށި، ކެށިކެޔޮގަނޑެއް ވިއްސަކަށް މަސްދަޅު، އެކަމަކު މިހާރު ޕިއްޒާއެއް އެބަދެވޭ"

ދެ އަނތްބަށް އިނުމުގެ ޑިޕޮލަމާ ކޯސް- އެންމެ މުހިންމު މަސައްކަތް

ކޮވިޑްގައި ކަރަންޓީންވާން ޖެހުމުން، ލިބުނު ހުސްވަގުތުގައި ޖަލީލް ފެއްޓެވި ޅެން ހައްދަވާށެވެ. ކޮންމެ ދުވަހަކަށް ޅެމެއް ހަދައި އެ ޅެން ފޭސްބުކަށް ވެސް ލެއްވިއެވެ. ފަހުން އެ ހުރިހާ ޅެމަމަކަށް ވީޑިއޯ ހަދާނަމޭ ހިތައި، ފުރަތަމަ ހެއްދެވީ " ދެ އަނތްބަށް އިނުމުގެ ޑިޕޮލަމާ ކޯސް" ގެ ވީޑއޯއެވެ. 6:18 މިނިޓްގެ އެވީޑިއޯގައި ޖަލީލް ގެނެސްދެއްވީ، ދެ އަނތްބަށް މީހަކާ އިނުމުގެ ކުރިން ވިސްނަންޖެހޭ ކަންތައްތަކާއި އިނުމަށްފަހު ދިމާވާ ކަންތައްތައް ކުރުކޮށް، އެހާމެ މަޖާ ގޮތަކަށެވެ. އެ ވީޑިއޯ އެތައް ބަޔަކަށް ކަމުދިޔައެވެ.

" އެ ވީޑިއޯ ބަލާފައި ނުދަންނަ އެތައް ބަޔަކު މެސެޖްކުރި އެ ކަމުގޮސްގެން" އެ ވީޑިއޯ 126،000 މީހުން މިހާތަނަށް ބަލާފައިވެއެވެ.

ޖަލީލުގެ އެ މަސައްކަތުގައި ވީޑިއޯ ނަގަން ޚާއްޞަ މީހެއް ނުގެންގުޅެއެވެ. ވީޑިއޯ ނަގަނީ ދަރިންނާއި އަންހެނުން ނޫނީ އެވަގުތަކު ދިމާވާ ރައްޓެއްސެކެވެ.

" އެވަގުތަކު ޖެހޭ މީހާ އެއީ ކެމެރާމަން"

 

ޖަލީލު ވިދާޅުވީ، އަމިއްލައަށް ކުރަން ފެށި މަސައްކަތް، ސްޕޮންސަރކޮށް ހަދިޔާ ދޭން ފެށުމުން އިތުރު މަސައްކަތެއް ކުރަންޖެހުނު ކަމަށާއި، މުހާވަރާ ދިމާކުރާ މީހުންގެ ނަންތައް ތައްޔާރު ކޮށްދިނުމުގައި ބޮޑުދައިތަގެ ދަރިއެއްގެ ފިރިމީހާގެ އެހީތެރިކަން ލިބޭ ކަމަށެވެ.

" އެ ނޫނީ މުޅިންވެސް މި އުޅެނީ ދަރިންނާއި އަންހެނުން" ހަތަރު ކުދިންގެ ބައްޕަ ވިދާޅުވިއެވެ.

ޖަލީލަކީ އޭނާގެ ހުސްވަގުތުން އެތައް ފިލާވަޅެއް އެތައް ބަޔަކަށް، ކޮންމެ ހަފްތާއަކު ގެނެސްދޭ މަދު މުދައްރިސުންގެ ތެރެއިން "އެކަކެވެ."

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *