ހިތްފަހި ހަތަރެއް- ތަޢުލީމީ ވަޒީރުގެ ގަލަންކޮޅުން

ޑރ. ޢާއިޝަތު ޢަލީ

މި ނޮވެންބަރު މަހަކީ، ތަޢުލީމީ ވުޒާރާގެ ޒިންމާ ބޮޑު، އަދި ބުރަ މަސައްކަތާ އަޅުގަނޑު ހަވާލުވިތާ ހަތަރު އަހަރުފުރޭ މަހެވެ. ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ތަޢުލީމީ ނިޒާމަށް އަވަސް ނަޒަރެއް ހިންގައިލުމުން ހިތަށް ވެރިވަނީ، ތަޢުލީމާއި ތަރުބިއްޔަތު ކުރިއެރުވުމަށް ކުރަންޖެހިފައިވާ ކަންކަމެވެ. މިކަންކަމާއިގެން ކުރިއަށް ދިއުމަށް ހިތްވަރު ލިބެނީ، އެތައް ދަތިތަކާއެކުވެސް ހޯދިފައިވާ ކާމިޔާބުތަކެވެ.

ނާސްތާ ޕްރޮގާރާމުން ދަރިވަރުންގެ ޖިސްމާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލެއް ގެނުވި، މި އަހަރުގެ މިހާތަނަށް 821 ދަރިވަރުންނަށް ނާސްތާ ވަނީ ފޯރުކޮށް ދެވިފައި- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސްކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، އެންމެ ބޮޑު އިސްކަމެއް ދެއްވީ ރިޔާސީ ވަޢުދުތައް ފުއްދެވުމަށެވެ. މިގޮތުން، ފާހަގަ ކޮށްލެވޭ އެންމެ މުހިއްމު އެއްކަމަކީ، ދަރިވަރުންނަށް ނާސްތާ ދިނުމެވެ. މި ޕްރޮގްރާމް، 2019 ވަނަ އަހަރު ތަންފީޒުކުރަން ފެށިފައިވެއެވެ. ބޭނުމަކީ، ދަރިވަރުންގެ ޖިސްމާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލެއް ގެނައުމެވެ. ދަރިވަރުން ފިލާވަޅުތަކަށްދޭ ސަމާލުކަން ބޮޑުކުރުމެވެ. ދަސްކުރުމަށް ހިތްފަހިކުރުމެވެ. ހަށިގަނޑު ގަދަކުރުމެވެ. މި ޕްރޮގްރާމް ހުރިހާ މަދަރުސާތަކަށް ފެށިތާ އެއް އަހަރުތެރޭ މުޅި ދުނިޔެ ސިއްސުވާލި ކޮވިޑް-19 ގެ ފަރަ ރާއްޖެ އަތުވެއްޖެވެ. ކޮވިޑްގެ ނުރައްކާތެރިކަމުން، މި މަޝްރޫޢު މެދުކަނޑާލުމަށް ފަހު، ދެން ފެށުނީ، 2022 ވަނަ އަހަރެވެ. ނަމަވެސް، މިފަހަރު ޕްރޮގްރާމް ފެށިގެން ދިޔައީ ޤައުމުގެ އިޤްތިޞާދީ ޙާލަތަށް ރިއާޔަތްކޮށް ވީހާވެސް އިސްރާފު ކުޑަވާނޭހެން ކޮންމެހެން ނާސްތާ ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. ކޮވިޑްގެ ތެރޭގައި، ނާސްތާ ދިނުން، ތަޢުލީމާ ބެހޭ ޤާނޫނުގައި ހިމެނި ފާސްކުރެވިއްޖެއެވެ.

މާލެ ސަރަޙައްދުގައި އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ތެރެއިން ވަށައިޖެހޭ ތަޢުލީމެއް ފޯރުކޮށް ދޭ އެއް ސްކޫލަކީ އިއްޒުއްދީން ސްކޫލް. މާލޭގެ ސަރަޙައްދުގެ އާބާދީއަށް ބަލައި ހުޅުމާލޭގައި ގިނަ ސްކޫލްތަކެއް އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފަށާފައި- ފޮޓޯ: ރައީސް އޮފީސް

ތަޢުލީމާ ބެހޭ ޤާނޫނޭ ތޯއެވެ؟ މި ޤާނޫނަކީ ސަރުކާރުގެ މައްޗަށް ވަކި ކަންތައްތަކެއް ލާޒިމުކޮށް، ތަޢުލީމީ ބައެއް ކަންކަން އިންތިޒާމުކުރާނޭ ގޮތް ބަޔާންކޮށްފައިވާ ޤާނޫނެވެ. ޤާނޫނު އެކުލަވައިލުމަށް ކުރީގެ ސަރުކާރުތަކުން ވެސް، މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް، މި ޤާނޫނު ފާސްކުރެވުނީ އެ ޤާނޫނުގެ މަސައްކަތް ކުރަންފެށިތާ ގާތްގަނޑަކަށް 15 އަހަރު ފަހުން، މި ދައުރުގައެވެ. 10 ނޮވެމްބަރު 2020 ގައި ތަޞްދީޤު ކުރެވި، 10 އޮގަސްޓް 2021 ގައި ވަނީ ދިވެހިރާއްޖޭގެ ފުރަތަމަ ތަޢުލީމީ ޤާނޫނަށް ޢަމަލުކުރަން ފެށިފައެވެ. ޤާނޫނުން ތަޢުލީމާބެހޭ ވުޒާރާއަށް ލިބިދޭ އެއް ބާރަކީ، ދިވެހިރާއްޖޭގެ މުދައްރިސުންގެ ތަމްރީނުގެ ފެންވަރު ކަނޑައެޅުމެވެ. މިގޮތުން، މީގެ ފަހުން، މުދައްރިސަކަށް ވުމަށް ފުރިހަމަ ކުރާ ކޯސްތައް ވާންޖެހޭނީ، ތަޢުލީމާ ބެހޭ ވުޒާރާއިން ކަނޑައަޅާ ފެންވަރަކަށް، ވުޒާރާއިން ކަނޑައަޅާ ގޮތަކަށް ހިންގާ ކޯސްތަކަކަށެވެ. މިކަމުގެ ނިހާއީ ނަތީޖާއަކަށް ވާނީ، ކިޔަވައިދޭ މުދައްރިސުންގެ ފެންވަރު ރަނގަޅުވުމާއި މިކަމާ ގުޅިގެން މަދަރުސާ ނިންމާ ދަސްވެނީންގެ ފެންވަރު ރަނގަޅުވުމެވެ.

މަދަރުސާ ނިންމާ ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒެވެ. އެންމެ ބޮޑަށް އެހީ ބޭނުންވާ މަދަރުސާތައް ދެނެގަނެ "ސްކޫލް ވެހި" ޕްރޮގްރާމްގެ ތެރެއިން 80 މަދަރުސާއެއް ހިމަނައި ތިން އަހަރު ވަންދެން ކުރެވުނު މަސައްކަތުގެ އެދެވޭ ނަތީޖާ ފެންނަން ފަށައިފިއެވެ. މި ޕްރޮގްރާމްގައި އެންމެ އިސްކަމެއް ދެވެނީ މަދަރުސާގެ ހިންގުންތެރިން ހަރުދަނާކޮށް މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށެވެ. އެންމެ ފަހުން ބޭއްވުނު ޘާނަވީ ނިންމާ އިމްތިޙާނުތަކުން މި މަދަރުސާތަކުން ބައިވެރިވި ދަރިވަރުންގެ ތެރެއިން 70 އިންސައްތަ ވަނީ މަދުވެގެން ފަސް މާއްދާއިން ފާސްވެފައެވެ. މި ފެށުނު އާ ދިރާސީ އަހަރު އިތުރު 35 މަދަރުސާއެއް މި ޕްރޮގްރާމްގައި ބައިވެރިވުމާއެކު ދިވެހިރާއްޖޭގައި މި ވަގުތު ހިންގާ ސަރުކާރު މަދަރުސާތަކުގެ 50 އިންސައްތަ މަދަރުސާ ހިމެނޭ ގޮތަށް މި ޕްރޮގްރާމް ވަނީ ފުޅާކުރެވިފައެވެ.

ކޮންމެ މަދަރުސާއެއްގެ ހުންގާނު ހަރުދަނާ ކެޔޮޅަކާ ހަވާލުކުރުމަށްޓަކައި މަދަރުސާތަކުގެ ނާޒިރުން ކުރިއެރުވުމުގެ ގޮތުން ވޭތުވެދިޔަ ހަތަރު އަހަރު ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ. މަދަރުސާ ހިންގަން ރަނގަޅު ވެރިން ނެތް ތަންތަނަށް އަމާޒުކޮށް ސްކޮލަރޝިޕް ސްކީމެއް ތަޢާރަފްކުރެވި 18 ބޭފުޅަކު މެލޭޝިޔާގެ ޔުނިވަރިސިޓީ އޮފް މަލާޔާގައި މި ވަގުތު ތަޢުލީމު ޙާޞިލުކުރަމުން އެބަދެއެވެ. އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަންނަ ދިރާސީ އަހަރު ފެށޭއިރު ތަމްރީނުވެފައިވާ ނާޒިރަކު ސަރުކާރުން ހިންގާ ކޮންމެ މަދަރުސާއެއްގައި ހުންނާނެކަމުގެ ހިތްހަމަޖެހުމެވެ.

މަދަރުސާ ހިންގަން ރަނގަޅު ވެރިން ނެތް ތަންތަނަށް އަމާޒުކޮށް ސްކޮލަރޝިޕް ސްކީމެއް ތަޢާރަފްކު ރުމުގެ ނަތީޖާއަކީ އަންނަ ދިރާސީ އަހަރު ފެށޭއިރު ތަމްރީނުވެފައިވާ ނާޒިރަކު ސަރުކާރުން ހިންގާ ކޮންމެ މަދަރުސާއެއްގައި ހުންނާނެކަމުގެ ޔަޤީންކަން ލިބުން- ފޮޓޯ: ރައީސް އޮފީސް

ހަރުދަނާ ހިންގުންތެރީންނާއި ހީވާގި މުދައްރިސުން މަދަރުސާތަކާ ނުގުޅޭ އެންމެ ބޮޑު ސަބަބެއް ކަމުގައި ވެފައިވަނީ މި ދާއިރާގެ މުސާރަތައް ކުޑަވުމެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދު ފުއްދަވައި، މި ހިނގާ 2022 އަހަރުގެ މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ، ޖުމްލަ 8889 ފަންނީ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސްދެއްވާފައިވެއެވެ. މުސާރަ ކުޑަވެ ދާއިރާއިން ވަކިވި މުދައްރިސުން އެނބުރި ދާއިރާއަށް އައުމުގެ ޝައުޤު އުފެދިއްޖެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ދިނުމަށްޓަކައި ކުރަމުން މިދާ މަސައްކަތްތަކަށް އާ ޖޯޝަކާއި ފޯރިއެއް އަތުވެއްޖެއެވެ.

ވަށާޖެހޭ ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށް ދިނުމަށް، ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގާއި ތަޢުލީމީ ދާއިރާއަށް، އުމްރނީ ގޮތުން ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ދިނުމަކީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ. މި ވަގުތު ރާއްޖޭގެ 148 ރަށެއްގައި، އެއް ދަންފަޅިއަށް ހިންގޭ 150 ސަރުކާރު މަދަރުސާ އެބަހުއްޓެވެ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ދުވަސްވަރު ރާއްޖޭގައި ހުރި 212 މަދަރުސާ އެއްދަންފަޅިއަށް ހިންގުމަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ދެނެގަނެވިފައިވެއެވެ. އެ އޮޑިޓަށް ބަލާ ބަޖެޓު ތަންދޭ މިންވަރަކުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި ޢުމްރާނީ ވަޞީލަތްތައް ޤާއިމު ކުރަމުން ގެންދެވެއެވެ. މިގޮތުން މިހާތަނަށް 220 ޕްރޮޖެކްޓެއް ބަޖެޓު ކުރެވިފައިވެއެވެ. އޭގެ ތެރޭގައި 1288 ކިލާސްރޫމްއާއި 81 މަލްޓިޕަރޕަސް ހޯލް އާއި 340 އެހެނިހެން މަޝްރޫޢު ހިމެނެއެވެ. އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގައި، ވަށާފާރު، ސްޓާފްރޫމް، އޮފީސް އިމާރާތް، ލެބޯޓަރީ، ލައިބްރަރީ ފަދަ ތަރައްޤީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މުޅިއެކު 44 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރުވަނީ ނިންމާ އެ އިމާރާތްތައް ބޭނުން ކުރަން ފަށާފައެވެ. އަދި މިވަގުތު 97 މަޝްރޫޢުއެއްގެ މަސައްކަތް އެބަ ކުރިއަށްދެއެވެ. އަދި 16 މަޝްރޫޢުއެއް ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިފައިވެއެވެ. ބާކީ 49 މަޝްރޫޢުގެ މަސައްކަތް ވަނީ ޕްލޭނިންގ، އަދި ޓެންޑަރިންގ މަރުހަލާގައެވެ.

ބަޖެޓު ތަންދޭ މިންވަރަކުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި ޢުމްރާނީ ވަޞީލަތްތައް ޤާއިމު ކުރަމުގެ މަސައްކަތް ދަނީ ކުރިއަށް. މިހާތަނަށް 150 ސްކޫލެއް އެއް ދަންފަޅިއަށް ބަދަލު ކުރެވިފައިވޭ- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

މި ވަގުތު އެއް ދަންފަޅިއަށް ހިންގަމުންދާ 44 މަދަރުސާއެއްގައި ވަނީ "ވަށާޖެހޭ" ތަޢުލީމުދޭން ފަށާފައެވެ. މި މަދަރުސާތަކުގައި ދުވަސް ފެށިގެންދަނީ ފަތިސް ނަމާދަށްފަހު ކުޅިވަރުގެ ގަޑިއަކުންނެވެ. ދަރިވަރުންނާއެކު ބެލެނިވެރިންނާއި ރަށު މުޖުތަމަޢުގެ އެހެނިހެން އަފުރާދުން ކަސްތަރުގައި ބައިވެރިވާތަން ފެނުމުން ހިތަށް ވެރިވަނީ ތަސައްލީ އާއި ދިލާސާ ޝުޢޫރުތަކެވެ. ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި މަދަރުސާތަކުގެ ދައުރު ހާމަވެއެވެ. މި މަދަރުސާތަކުގައި ކަސްރަތު ގަޑިއަށް ފަހު ދަރިވަރުން އަވަސްވެގަންނަނީ ހެނދުނުގެ ނާސްތާއަށެވެ. ނާސްތާ ގަޑީގައި އެކުވެރިންނާ އެކު ހޭދަކޮށްލާ އުފާވެރި ވަގުތަށްފަހު ދަރިވަރުން އެނބުރެނީ ކިޔެވުމަށެވެ. ކިޔެވުމުގައި 4 ވަރަކަށް ގަޑިއިރު ހޭދަ ކުރުމަށްފަހު ދެން ފެށެނީ ކުލަބު ހަރަކާތްތަކާއި ހުނަރުތައް ދަސްކުރުމުގެ ވަގުތުތަކެވެ. ދުވަހަށް ކަނޑައަޅާފައިވާ ވަގުތު ނިންމާލުމަށްފަހު ދަރިވަރުންނާއި މުދައްރިސުން ގެއަށް ދަނީ އެދުވަހުގެ މަދަރުސާގެ މަސައްކަތް ނިމުމުގެ ހިތްހަމަޖެހުމާއެކު ޢާއިލާ އާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. މިހާރު މި މަސައްކަތްކުރަނީ އިތުރު މަދަރުސާ ތަކަށް މި ޕްރޮގްރާމް ފުޅާކުރުމަށެވެ.

ތަޢުލީމީ ނިޒާމުގެ ހިއްސާދާރުންގެ ލަފައާއެކު މަންހަޖު އިޞްލާޙްކުރެވި ފޮތްތަކަށާއި މުޤައްރަރުތަކަށް ބަދަލުގެންނަންވަނީ ފެށިފައި. އަންނަ ދިރާސީ އަހަރަށް ގްރޭޑް 3އެއްގެ މުޤައްރަރުތަކާއި ފޮތްތައް އިޞްލާޙްކޮށް އާ މުޤައްރަރުތަކާއި ފޮތްތައް ބޭނުންކުރަން ފަށާނެ- ފޮޓޯ: ރައީސް އޮފީސް

ކޮންމެ ރަށެއްގެ ދަރިވަރުންނަށްވެސް ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެވެ. އެގޮތުން ތަޢުލީމީ ނިޒާމުގެ ހިއްސާދާރުންގެ ލަފައާއެކު މަންހަޖު އިޞްލާޙްކުރެވި ފޮތްތަކަށާއި މުޤައްރަރުތަކަށް ބަދަލުގެންނަންވަނީ ފެށިފައެވެ. އަދި މިހާރު، ފައުންޑޭޝަންއާއި ގްރޭޑް 1 އަދި 2ގެ މުޤައްރަރުތަކާއި ފޮތްތައް އިޞްލާޙްކޮށް ނިމި މިވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި އަންނަ ދިރާސީ އަހަރަށް ގްރޭޑް 3އެއްގެ މުޤައްރަރުތަކާއި ފޮތްތައް އިޞްލާޙްކޮށް އާ މުޤައްރަރުތަކާއި ފޮތްތައް ބޭނުންކުރަން ފެށޭނެއެވެ. މުޤައްރަރުތައް އާކުރުމަކީ ބަދަލުވަމުންދާ ދުނިޔެ މަޖުބޫރުކުރުވާ ކަމެކެވެ.

ސެޓްލައިޓް ސްކޫލުން، ބެލެނިވެރީންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، އެންމެ ނާޒުކު އުމުރުފުރާގައި ދަރިން އެމީހުންނާއި ދުރަށް އެހެން ރަށަކަށް ގޮސް ކިޔަވަން ޖެހުމުގެ ބަދަލުގައި އަމިއްލަ ރަށުގައި އެމީހުންގެ ގާތުގައި ތިބެގެން ކިޔެވޭނެ ފުރުޞަތު ފަހިވުން- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ކުދި އާބާދީތަކަށް އެކަށޭނަ ތަޢުލީމީ ނިޒާމެއް ޤާއިމުކޮށް، ރާއްޖޭގައި މަދަރުސާ ނެތް 3 ރަށް ކަމުގައިވާ ވ. ތިނަދޫއާއި، ބ. ފެހެންދޫގައި 2020 ވަނަ އަހަރު ވަނީ ސެޓެލައިޓް ނިޒާމުން ކިޔަވައިދޭން ފަށާފައެވެ. އަދި މަތީ ގްރޭޑްތައް ނެތް ރަށްތަކުގައިވެސް ސެޓެލައިޓް ނިޒާމުން އެ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދެވޭނެ ފުރުޞަތުތައްވަނީ ހޯދައިދެވިފައެވެ. މިވަގުތު ގއ. ކޮނޑޭއާއި   ބ. ފުޅަދޫގެ ބެލެނިވެރީންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެންމެ ނާޒުކު އުމުރުފުރާގައި ދަރިން އެމީހުންނާއި ދުރަށް އެހެން ރަށަކަށް ގޮސް ކިޔަވަން ޖެހުމުގެ ބަދަލުގައި އަމިއްލަ ރަށުގައި އެމީހުންގެ ގާތުގައި ތިބެގެން ކިޔެވޭނެ ފުރުޞަތު ފަހިވެގެންދިއުމެވެ. އަދި ބ. ފެހެންދޫގެ ބެލެނިވެރިން ތިބީ 14 އަހަރު ވަންދެން ދޭހާ އަތްވާ ވެހޭހައި ވިއްސާރާއެއްގައި ކަނޑު ހުރަސްކޮށް ދަރިން މަދަރުސާއަށް ގެންދަން ކުރި ދަތުރުތައް ނިމުމަކަށް އައުމުން އެކަމުގެ އުފާވެރިކަމުގައެވެ. ނުބައި މަގަކުން ދަރިފުޅު ގޮސްދާނެކަމަށް އޮތް ބިރުވެރިކަން ފިލައިގެން ގޮއްސިއެވެ. އަދި ދަރިވަރުންނަށް އެކުދިންގެ އަމިއްލަ މަދަރުސާއެއް ހުރިކަމުގެ އުފާވެރި އިޙްސާސްތައް ކުރެވެން ފަށައިފިއެވެ. މީގެ އިތުރުން އޭ-ލެވެލްއާ ހަމައަށް ކިޔަވަން ބޭނުން ދަރިވަރުންނަށް އެ އަތޮޅަކުން އޭ-ލެވެލްއާ ހަމައަށް ކިޔެވޭނެ އިންތިޒާމުތައްވެސް މިވަނީ ހަމަޖެހިފައެވެ. އަދި އޭ-ލެވެލް ހެދުމަށް ބޭނުންވާ ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން ސަރުކާރު މަދަރުސާއަކުން ޖާގަ ނުލިބޭ ދަރިވަރުންނަށް އަމިއްލަ މަދަރުސާއަކުން އޭ-ލެވެލް އާ ހަމައަށް ކިޔެވުމަށް ސަރުކާރުން މިވަނީ ފައިސާގެ އެހީވެސް ހަމަޖައްސައިދެއްވާފައެވެ.

ކޮވިޑުގެ ދަތި ހާލަތުގައިވެސް ކިޔަވައިދިނުން ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަށް ޓެލިކިލާސްތަކާއި އޮންލައިން މަންސަތަކުގައި ނަގައިދެވުނު ކިލާސްތައް ފިލާ ޕޯރޓަލްގައި ރައްކާކުރެވިފައި ވާކަމީ ފަހުން އެފިލާވަޅުތައް މުޠާލިޔާކޮށްލަން ބޭނުންވާ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު އެހީއެއް- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

މާ ބޮޑު ހުރަސްތަކެއްނެތި ކޮވިޑުގެ ދަތި ހާލަތުގައިވެސް ކިޔަވައިދިނުން ހުއްޓުނަ ނުދީ ކުރިއަށް ގެންދެވުނުކަން އެއީ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ. މިކަން ފަހިކޮށްދިނީ މުދައްރިސުންނާއި، ބެލެނިވެރިންނާއި މަދަރުސާތަކުގެ ހިންގުންތެރިންނާއި މިނިސްޓްރީއާއި މަދަރުސާތަކުގެ އެންމެހާ މުވައްޒަފުންގެ މިންނެއް މަސައްކަތުންނެވެ. ވަރަށް ފަންނުވެރިކަމާއެކު ކުރިއަށް ގެންދެވުނު ޓެލިކިލާސްތަކާއި އޮންލައިން މަންސަތަކުގައި ނަގައިދެވުނު ކިލާސްތައް ފިލާ ޕޯރޓަލްގައި ރައްކާކުރެވިފައިވާކަމީ ފަހުން އެފިލާވަޅުތައް މުޠާލިޔާކޮށްލަން ބޭނުންވާ ދަރިވަރުންނަށް ވަރަށް ބޮޑު އެހީއެކެވެ. މަދަރުސާ ބަންދުކުރެވިފައި އޮތް ދަނޑިވަޅުގައިވެސް ކިޔަވައިދީ، މާ ބޮޑު ލާރނިންގ ލޮސްއަކާ ކުރިމަތި ނުވެ ރައްކާތެރި ކަމާއެކު މިސަރަޙައްދުން ހުރިހާ މަދަރުސާއެއް އެންމެ އަވަހަށް ހުޅުވި ޤައުމަކަށް ދިވެހިރާއްޖެ ވީކަން އެއީ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ފަހުރެވެ.

ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ޝާމިލު ވެއްޓެއް ބިނާ ކުރުމުގެ މަސައްކަތް ހުރިހާ ސްކޫލްތަކެއްގައި ވެސް ކުރިއަށް އެބަ ގެންދެވޭ. މިކަމުގެ ނަތީޖާ ސްކޫލްތަކުން ދަނީ ފެންނަމުން- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށްޓަކައި މި މިނިސްޓްރީގައި މުޅިން އަލަށް އުފެދުނު ޑިޕަރޓްމަންޓްއިން މަދަރުސާތަކުގައި ހުރިހާ ކުދީން ބައިވެރިވާ ޝާމިލު ވެއްޓެއް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ. މިގޮތުން އިންކްލޫސިވް ކޯޗުން ތަމްރީން ކުރެވި ކުދި މަދަރުސާތަކުގެ މުދައްރިސުންނާއި، ދަރިވަރުންނާއި ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައި ދެއްވާ މުދައްރިސުންނަށް ތަފާތު ތަމްރީނުތައް ހިންގާފައިވެއެވެ. ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލާއި، ޏ. ފޯއްމުލަކު ހާފިޒު އަޙްމަދު ސްކޫލުގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯރޓް ޔުނިޓްތައް ޤާއިމުކުރެވި އެތަންތަނުގެ އެހީ ވަނީ ކައިރި މަދަރުސާތަކަށް ލިބެން ފަށާފައެވެ. އަދި ހއ. ދިއްދޫ ސްކޫލާއި ލ. އިހައްދޫ ސްކޫލާއި ގދ. ތިނަދޫގެ އަބޫބަކުރު ސްކޫލުގައި މި ފަދަ 3 ސަޕޯރޓް ޔުނިޓް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ. މި ޑިޕަރޓްމަންޓްއިން ކުރެވުނު އިތުރު މަސައްކަތްތަކުގެ ތެރޭގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށާއި މީހުންނަށް އަމާޒުކޮށް ޝާމިލު އަޑުގެ ނަމުގައި ސްކްރީން ރީޑިންގ ސޮފްޓްވެއަރ އެއްވަނީ ތައާރަފުކުރެވިފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށާއި މީހުންނަށް އަމާޒުކޮށް ޝާމިލު އަޑުގެ ނަމުގައި ނެރުނު ސްކްރީން ރީޑިންގ ސޮފްޓްވެއަރއަކީ އެފަދަ ކުދިންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކަށް ގެނަވުނު އިންގިލާބީ ބަދަލެއް- ފޮޓޯ: ރައީސް އޮފީސް

ހަމަ ޤައިމެވެ. ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ތަޢުލީމީ ދާއިރާއަށް އެދެވޭ ބަދަލުތަކެއް އަންނާން ފަށައިފިއެވެ. ދަރިވަރުންދެކެ ލޯބިވާ، ތަޢުލީމުގެ އަގު ވަޒަންކުރާ ހެޔޮވެރިއެއްގެ ލަފާފުޅާއެކު އުއްމީދަކީ ކުރިއަށް އޮތް އަހަރަކީވެސް ތަޢުލީމީ ދާއިރާއަށް އިތުރު އާރޯކަމާއި ފާޤަތިކަން އަންނާނެ އަހަރެއްކަމުގައިވާނެކަމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *