" އަހަރެން ބޭނުން ވަނީ އަންހެން ކުއްޖަކަށް ވިޔަސް ލިޔެލާޖަހަން ދަސްކުރަން"
ލިޔެލާޖެހުމަކީ ލަކުޑިގަނޑެއް ދިގުހަރުގައި އަޅައިގެން ލިޔާކަށްޓަކުން ކޮށައި އެއަށް ބޭނުންވާ ސިފައެއް ގެނެސް އޭގައި ލާހިއްޕުމެވެ.
ތުޅާދޫ ސްކޫލްގެ ގުރޭޑް 3 ގައި މިހާރު ކިޔަވަމުންދާ ފާތިމަތު ޢީރަމް ޝިމާލު އެންމެ ކުރަން ބޭނުންވާ މަސައްކަތަކީ އެއީއެވެ. އަންހެން ކުއްޖަކަށް ވިޔަސް އެއީ ކުރެވޭނެ މަސައްކަތެއްކަން ސާބިތުކޮށްދޭން ބޭނުންވެއެވެ.
ކޮށައިމަށައިގެން ލަކުނޑިގަނޑުގައި އެނާގެ މަންމަ ޖައްސާ ސިފައަށް ރީތިކަން ގެނެސްދެނީ ޢީރަމްއެވެ. އޭނާގެ ކަމަކީ ކުރެހުންނަގައި ރިއްސެޔޮލާ ޕޮލިސްކުރުމެވެ. މިއީ ހުސްވަގުތުގައި މަންމައާއެކު އެނާ ކުރާ މަސައްކަތެވެ. އެކަމުގައި ފޫއްސެއް ނުވެއެވެ. އެއީ ކުރާ ހިތުން ކުރާ މަސައްކަތެކެވެ.
ޢީރަމްއަށް އެކަމުގެ ތެރެއަށް ވަދެވުނީ މަންމައާއި ބައްޕަ އެ މަސައްކަތުގައި އުޅޭތީއެވެ. އެމީހުން ކުރާ މަސައްކަތުގައި ބައިވެރިވެ އަތްގާތްކޮށް ދިނުމުގެ ތެރެއިންނެވެ.
ޢީރަމް އެންމެ ފުރަތަމަ ލާނެގީ މާޖަހާއެއްޗެއްގައެވެ. އެއަށްފަހު، ގަލަންޖަހާއއްޗެހި ފަދަ ކުދިކުދި އެއްޗެތީގައި އޭނާ އެ ދަނީ ލާނަގަމުންނެވެ.
" ލާނަގާ ރިއްސެޔޮ އުނގުޅަން އަދި މި ދެނީ" ޢީރަމްގެ މަންމަ ޝުނާނާ އިދުރީސް ބުންޏެވެ.
ޝުނާނާ ބުނީ، ލާނެގުމުގެ މަސައްކަތް ޢީރަމް ފެށީ އަށް އަހަރުގައެވެ. ދަސްކުރި ފަހުން އެ މަސައްކަތުގެ ތެރޭގައި އަބަދު އުޅެން އޭނާ ބޭނުންވެއެވެ.
" ކިޔެވުމަށް އިސްކަންދީފައި ލިބޭ ހުސްވަގުތުތަކުގައި އެ މަސައްކަތް ކުރުވަނީ" ޝުނާނާ ބުންޏެވެ.
ޝުނާނާ ވެސް އެ މަސައްކަތުގެ ތެރެއަށް ވަނީ ސްކޫލް ދައުރުގައެވެ. އޭގެ ފަހުން ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، އަލުން އެ މަސައްކަތް ފެށީ ކޮވިޑްގެ ފުރަބަންދުގެ ތެރޭގައެވެ. އާއިލީ ގާތް އެކުވެރިއެއްގެ އެހީތެރިކަމާ އެކު ގައެވެ. އެ ފެށި ގޮތަށް ވިޔަފާރިއެއްގެ ގޮތުގައި އޭނާ ދަނީ އެ މަސައްކަތް ފުޅާ ކުރުރަމުންނެވެ. ރަށު ކައުންސިލަރެއްގެ ޒިންމާ އަދާ ކުރަމުން އެ މަސައްކަތް ކުރަނީ ލިބޭ ހުސްވަގުތުގައެވެ.
ޝުނާނާ ބުނީ، ޢީރަމްގެ މަސައްކަތް މިހާރު ވަރަށް ރީތި ކަމަށާއި، ވިއްކަން ނެރޭ ވަރަށް އެ މަސައްކަތް ތަރައްޤީ ކޮށްފި ކަމަށެވެ.
" އަޅުގަނޑު އަމާޒަކީ އުމުރުން 11 އަހަރު ވާއިރު، މި މަސައްކަތް އެންމެ އެކަށޭނެ ގޮތުގައި ދަސްކޮށްދިނުން" ޝުނާނާ ބުންޏެވެ.
" މީގެ ދެތިން ދުވަސް ކުރިން އައިސް ބުނެފި. އަންހެން ކުއްޖަކަށް ވިޔަސް ލިޔެލާޖަހަން ވެސް ދަސްކުރަން ބޭނުމޭ. އެކަން ކުރެވޭނެއޭ" ސުނައިނާ ހުރީ އޭނާ ފެށި މަސައްކަތް އަލިފުން ޔާޔަށް ޢީރަމްއަށް ދަސްކޮށްދޭށެވެ.
ހިޔާލު