މަނާލް: ދަނޑުމަތީގައި ވެސް، ކިޔަވައި ދިނުމުގައި ވެސް "ކުއީން"އެއް

ތަޢުލީމީ ގުޅުމުން ބޭއްވި ޓީޖީ ކަޕްގެ ހޭންޑް ބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުރިއަށް ދަނީއެވެ. ކުޅެނީ އަމީނިއްޔާ ސްކޫލާއި ހިރިޔާ ސްކޫލެވެ. ޔެސް ޓީވީން އެ މެޗް ލައިވް ކުރަމުން ދިޔައިރު، ކޮމެންޓޭޓަރު ތަކުރާރުކޮށް އެންމެ ގިނައިން ކީ އެއް ނަމެކެވެ. އަމީނިއްޔާގެ ޓީމުގެ ޖޯޒީ ނަމްބަރު 12 މަރިޔަމް މަނާލްގެ ނަމެވެ. އަމީނިއްޔާއިން ޖެހި ކޮންމެ ގޯލަކާއެކު އެ ނަން އާދެއެވެ. އެނާގެ ކުޅުން މޮޅެވެ. ޖެހި ގޯލުގެ އަދަދު ގިނައެވެ.

މުޅި މުބާރާތުގައި 26 ގޯލު ޖެހިއިރު، ފައިނަލް މެޗްގައި އެކަނި ވެސް ނުވަ ގޯލް ޖެހިއެވެ. ހިރިޔާގެ މައްޗަށް 9-8ން ކުރި ހޯދިއެވެ. ޗެމްޕިއަންކަން ހޯދާ، ތައްޓާއެކު ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ވެސް ހޯދީއެވެ.

އޭގެ ތިން އަހަރު ކުރި

2019 ވަނަ އަހަރު، ޓީޖީ ކަޕްގެ ކުއާޓާ ފައިނަލުން އަމީނިއްޔާ ކަޓައިގެން ދިއުން މަނާލަށް ވަރަށް ހިތްދައްޗެވެ. ޗެމްޕިއަންކަން ހޯދާފައި ނޫނީ ހުއްޓާ ނުލަން ނިންމީ އެ މެޗަށް ފަހުއެވެ. ޖެހިގެން އައި ދެ އަހަރު ވެސް ކޮވިޑްއާ ގުޅިގެން މުބާރާތެއް ނުބާއްވައެވެ. އެހެންވެ އޭނާ ހިތު އަޅައިގެން ހުރި ކަންތައް އޮތީ މި މަހުގެ އަށް ވަނަ ދުވަހުގެ ރެއާ ހަމައަށެވެ.

" މި އަހަރު މުބާރާތަށް އިއުލާން ކުރުމާއެކު ކުޅެވޭނެހެން ހީވާ އެންމެންނަށް މެސެޖް ކުރިން. ގޫގުލް ފޯމް ވަކިވަކިން ފޮނުވައިގެން ފުރުވިން. ޓީމެއް ހަމަކުރަން އަތް ފުނާ އެޅީ" މަނާލް ބުންޏެވެ.

ޓީމެއް ހަމަވާވަރު ކޮށްފައި، ދެން ބެލީ ކޯޗެއް އަތުޖެހޭތޯއެވެ. ދެތިން މީހަކާ ވާހަކަ ދެއްކިއެވެ. ކިޔާ އަގު ބޮޑުކަމުން އެކަން ކުރެވޭ ވަރެއް ނުވިއެވެ. ދެން ބެލީ ބެލެނިވެރިންގެ ތެރެއިން އެކަން ކުރެވޭނެ މީހަކު ހުރިތޯއެވެ. އެންމެ ފަހުން އެކަން ކާމިޔާބުކޮށް ޕްރެކްޓިސް ފަށަން ބެލިއިރު، މެދު ޓާމް ޗުއްޓީ ކައިރިވާތީ ޓީޗަރުންތައް ބިޒީ ވެއްޖެއެވެ.

މަނާލް: ޓީޖީ ކަޕްގެ ހޭންޑް ބޯޅަ މުބާރަތުގެ ޗެމްޕިއަންކަން ހޯދާ، ތަށި ހިފައިގެން: ކާމިޔާބީގެ ނަތީޖާއަކީ ހިތްވަރު-
" ފުރަތަމަ ދެ ތިން ރޭ، ހައެއްކަ މީހުން ހަމަ ނުވޭ. އެވަރުން ވެސް ދުލެއް ނުކުރަން. އައި ބޔަކާއެކު ޕްރެކްޓިސް ކުރިއަށް ގެންދިޔައީ. ޓީމް ހަމަކޮށް، ބައެއް ސްކޫލްތަކާއެކު ފްރެންޑްލީ މެޗްތަކެއް ވެސް ކުޅުނިން މިއީ ދޫކޮށް ނުލާ އެއް ވާނެއްގައި ހިފެހެއްޓުމުގެ  ނަތީޖާ"

12 ނަމްބަރު ޖޯޒީގައި، ކެޕްޓަން ބޭންޑް އަޅައިގެން މަނާލް ނުކުތީ އަމީނިއްޔާގެ ޓީމު ގޮވައިގެންނެވެ. އެނބުރި އައީ ބޭނުންވި ތައްޓާ އެކުގައެވެ. އޭނާގެ އުއްމީދުތައް ފުރިހަމަކޮށްފައެވެ.

ޤައުމީ ފެންވަރުގައި، ކުލަބު ލެވެލްގައި

ދަށު ސާނަވީގައި ކިޔެވިއިރު އިންޓަރ ސްކޫލް މުބާރާތެއްގައި ނުކުޅެއެވެ. ޖަމާލުއްދީނުން އަމީނިއްޔާއަށް ބަދަލުވި ފަހުން އިންޓަރ ސްކޫލް ފެންވަރުގައި ބާސްކެޓް ކުޅުނެވެ. ބާސްކެޓް ޓީމުގެ ކެޕްޓަނަކީ ވެސް މަނާލްއެވެ. އޭގެ ފަހުން ކުލަބު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ވެސް ކުޅުނުނެވެ.

ހޭންޑް ބޯޅަ ތަޢާރާފު ކުރުމުން މަނާލް ވަގުތު ހުސްކުރީ އެއަށެވެ. ހޭންޑް ބޯލް ޤައުމީ ޓީމަށް ހޮވިގެން އިންޓަރނޭޝަނަލް ދެ މުބާރާތެއްގައި ވެސް ކުޅުނެވެ. ޤައުމީ ފެންވަރުގައި ކުޅުން ހުއްޓާލީ ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވި ހިސާބުންނެވެ. އޭގެ ފަހުން ކުލަބު ލެވެލްގައި ނެޓް ބޯޅައާއި ހޭންޑް ބޯޅަ ކުޅުނެވެ.

މަނާލް ދެ ދަރިންނާއި ފިރިމީހާއެކު: އާއިލާގެ ސަޕޯޓަކީ ކުރިއަށްދާން ލިބޭ އެންމެ ބޮޑު ހިތްވަރު

 

ކުޅިވަރުގައި މަނާލްގެ އިންސްޕިރޭޝަނަކީ ބައްޕައެވެ. އެއީ ވިކްޓަރީގެ ލެޖެންޑް ހުސައިން ވަހީދެވެ. ދެން ހުރީ ފިރިމީހާއެވެ. އޭނާއަކީ ބާސްކެޓްގެ މުހިންމު ތަރިއެކެވެ.

ދިހައެއް ނިންމި ގޮތަށް ނުކުތީ ކިޔަވައިދޭން

ކިޔަވައިދިނުމަކީ މަނާލްގެ ޕްރޮފެޝަނެވެ. ކުދިކުދި ބުދުތައް އަތުރައިގެން އެއަށް ކިޔަވައިދޭން ކުޑައިރު ފެށި މަސައްކަތަކީ މިއަދު މުދައްރިސެއްގެ ގޮތުގައި ކުރިއަށް ދިއުމުގެ ފެށުމެވެ.

" އަބަދުވެސް ތުއްތު ކުދިންނަށް ކިޔަވައިދޭން ހިތްވޭ. އެމީހުނާއެކު އުޅޭ ހިތްވޭ"

އަމީނިއްޔާއިން އޯލެވެލް ނިންމި ތަނުން ވަނީ އަހުމަދިއްޔާއަށެވެ. އޭރު 17 އަހަރު ނުފުރެއެވެ. ނާސަރީ ޓީޗަރެއްގެ ޒިންމާއާ ހަވާލުވެގެން ނުކުތް ހުރި މަނާލްގެ ބަހުރުވައިން ނަމަ ހުރީ " ރޮލާ" އެވެ. ދަސްވި އެއްޗެއް ދަސްވަމުން ދިޔައީ ލީޑިންގ ޓީޗަރަކަށް ހުންނެވި ސޯބިރާ އަހުމަދު (ސޯބި މިސް) ގެ ކައިރިންނެވެ.

މަނާލް ސޯބި މިސްއާއެކު: މުދައްރިސެއްގެ ގޮތުގައި ގިނަ ކަންތައްތަކެއް ދަސްކޮށް ދިނުމުގައި މުހިންމު ރޯލެއް އަދާކޮށްދެއްވި
" ސޯބި މިސް ކިޔައިދެއްވި އެއްޗަކުން ރޯ ފިލަން ފެށީ. އޭރު، ބޭބީ ނާސަރީ ކުލާހެއް ހޭންޑްލް ކުރަން ޖެހިދާނެ އެކަނިމާ އެކަނިވެސް. އެހެން އުޅެމުން ގޭނިގެން ކުރިއަށް ދިޔައީ" މަނާލް ކިޔައިދިނެވެ.
" އިތުރަށް ރޯ ފިލަން ބޭނުން ވާތީ، ކިޔަވައި ދެމުން، ސެޓްފިކެޓް ލެވެލްއިން ފެށީ ކިޔަވަން"

މަނާލް ބުނީ، މިޒާޖުގެ ގޮތުންނާއި އުޅޭއިރު ތަފާތު ވައްތަރުގެ ދަރިވަރުންނާ ދިމާވަމުން ދިއުމުން އެކަމާ ވަރަށް ބޮޑަށް ފިކުރު ކުރެވެން ފެށުނު ކަމަށެވެ. އެކުދިން ގެންގުޅޭނެ ގޮތް ދެނެގަންނަން ބޭނުންވި ކަމަށެވެ.

މަނާލް ބުނީ، އެހެން ސްކޫލްތަކުގައި އެ ކަހަލަ ކުދިން ގެންގުޅެނީ ކިހިނެއް ބާވައޭ؟ އެއީ އަބަދުވެސް ހިތުގައި އުފެދޭ ސުވާލެއް ކަމަށެވެ.

" ޝަތޫ މިސް {ޝަތުރަތު ޝާކިރު} ނަންގަވައި ދެއްވި ޕީޑީ ސެޝަނެއްގެ ތެރެއިން މި އެނގުނީ. އޯޓިޒަމްއާއި ޑައުންސިންޑްރަމް ފަދަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތަފާތުތައް. އޭރު ވެސް އެފަދަ ކުދިންތަކެއް ގެންގުޅުނިން. އޭރު އެކުދިން ހިފަހައްޓަނީ އެއްޗެއް އެނގިގެން ނޫން. އެގޮތް މިގޮތަށް މަސައްކަތް ކޮށްގެން" ހާލަތު އޮތް ގޮތް މަލާން ތަފުޞީލް ކޮށްދިނެވެ.

އިންކުލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން މިހާރު، މާސްޓާސްއަށް ކިޔަވަމުންދާ މަނާލް ބުނީ، އަމީނިއްޔާއަށް ބަދަލުވީ 2017 ވަނަ އަހަރު ޝަތޫ މިސް ތަނަވަސްކޮށް ދެއްވި ފުރުޞަތެއްގައެވެ. އެ ދުވަހަށްފަހު މަނާލް މަސައްކަތް ކުރަމުންދަނީ އަމީނިއްޔާގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނަގަންނައި ދިނުމުގައެވެ.

" ކޮންމެ ޓީޗަރަކަށް ވެސް ނޯމަލް ކުދިންނަށް ކިޔަވައިދެވިދާނެ. އެކަމަކު މިފަދަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެއްމެންނަކަށް ކިޔަވައި ނުދެވޭނެ.. އެހެންވެ އެ ޗެލެންޖު ނެގީ. ރިސްކެއް ނަގާފައި އަމީނިއްޔާއަށް ވަނީ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *