މީގެ ސާޅީސް އަހަރުގެ ކުރިއެވެ. ލ. ގަމުގެ ކަތީބަކު އެ ރަށުގެ ތިން އަވަށުގައި، އަތް ފުނާ އަޅަމުން ދިޔައީ ޓީޗަރުކަން ކިޔަވަން މާލެ ދާނެ ކުއްޖަކު ފެނޭތޯއެވެ. އެއްގެއިން އަނެއްގެއަށް ކަތީބު ވަންނަވަމުން ދަނިކޮށް، އަބޫބަކުރު އަހުމަދާ ބައްދަލުވިއެވެ. އެއީ، 37 އަހަރު މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، ވަކިވެވަޑައިގެންނެވި އަބޫބަކުރު ސަރގެ ތަޢުލީމުގެ ދަތުރުގެ ފެށުމެވެ.
" އަބަދުވެސް ކިޔަވާ ހިތްވޭ، ކިޔަވާ ދޭ ހިތްވޭ. އެހެންވެ އެ ލިބުނު ފުރުޞަތުގެ ބޭނުން ހިފީ" އަބޫބަކުރު ސަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ދުވަސްވަރު ގަމު މަތިމަރަދޫ ސްކޫލްގައި ފަސް ވަނަ ކިލާހާ ހަމައަށް ކިޔަވައިދެމުން ދިޔަ ނަމަވެސް، އެއްވެސް މަދަރުސާއަކަށް ކިޔަވަން ދިޔަ ހަނދާނެއް ނެތް ކަމަށެވެ. ކިޔެވިއެއްޗެއް އޭރު ކިޔެވީ މައިންބައިންބަފައިންގެ ގާތުންނާއި އަމިއްލަ މަސައްކަތުންނެވެ.
" އޭރު އޮންނާނެ ފަސޭހަ ހިސާބު ކިޔާ ފޮތެއް. އޭގައި އޮންނާނެ ނަންބަރުތައް ހަދަންވީ ގޮތް، ވަރަށް ފަސޭހައިން އެނގޭގޮތަށް ކިޔާދީފައި. އެއްކޮށް ކަނޑާ ގުނަކޮށް ގެއްލަން ދަސްކުރީ އެ ފޮތް ބަލައިގެން. މި ހަތަރުބައި ވަރަށް ރަނގަޅަށް އެ ފޮތުން ދަސްވި. ޤުރުއާނުގެ ބައިތައް ދަސްވީ މައިންބަފައިންގެ ފަރާތުން" އެންމެ ކުރީގެ ހާލަތަށް ބަކުރު ސަރ ފީނާ ލެއްވިއެވެ.
" އޭރު ފެންވަރެއް ހުރެގެންނެއް ނޫން ކޯހެއް ހަދަނީކީ ވެސް"
ލިބުނު ފުރުޞަތުގެ ބޭނުން ދޫކޮށް ނުލައްވައި، ދެ އަހަރު ދުވަހުގެ ޕްރައިމަރީ ޓީޗަރު ކަމުގެ ކޯސް ނިންމައި، ސަނަދު ނެންގެވިއެވެ.

ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި 1983 އަހަރު ކިޔަވައިދެއްވަން ފެއްޓެވީ، ގދ. ގައްދޫގައި ޖަޕާނު ސަރުކާރުގެ ފަރާތުން އިމާރާތް ކުރި އެ އަތޮޅު މަދަރުސާގައެވެ. އޭރުގެ އުޞޫލުތައް އޮންނަ ގޮތުން ކޯސް ނިންމާފައި އަމިއްލަ ރަށަށް ނުދެވެއެވެ. ދާންޖެހެނީ އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާ ސްކޫލަކަށް ކަނޑައަޅާ މުއްދަތަކަށެވެ.
އޭގެ އެއް އަހަރު ފަހުން، ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. އުފަން ރަށު މަދަރުސާ، މަތިމަރަދޫއާ ހަމައަށް ފޯރީ ލ. ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށްފަހުއެވެ.
މަތިމަރަދޫ ސްކޫލްގައި ކިޔަވައިދެއްވުމުގެ އިތުރުން އެ މަދަރުސާ ހިންގުމުގެ ޒިންމާ ވެސް އުފުއްލަވަމުން ގެންދެވީ އަބޫބަކުރު ސަރއެވެ.
ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހުންނަވައި، ހުރިހާ މާއްދާއެއް ވެސް ކިޔަވައިދެއްވިއެވެ.

" އަޅުގަނޑުމެންނަކީ އިނގިރޭސި ބަސް ކިޔަވައިދެވޭ ފެންވަރުގެ ބައެއް ނޫން. އެކަމަކު އޭރުގެ ހާލަތަށް ބަލާއިރު އިނގިރޭސި ބަސް ވެސް ކިޔަވައިދޭން ޖެހުނު" އަބޫބަކުރު ސަރ ވިދާޅުވިއެވެ.
" ގުރޭޑް އެކެއްގައި، އޭބީސީޑީ އަކުރުތައް ދަސްކޮށްދިނުމާއެކު ދެ އަކުރާއި ތިން އަކުރުގެ ބަސްތައް، މިސާލަކަށް ސީއޭޓީ ކެޓް، އާރުއޭޓީ ރެޓް، ފަދަ ބަސްތައް ދަސްކޮށްދެވުނީމާ އެއިރަށް ފުދޭ. ކިޔަވައިދޭނެ މުގައްރަރެއް ނޯވޭ. ބޭބީ ނާސަރީ ކުދިން ވެސް މިހާރު އެއަށް ވުރެ ކުރީގައި އުޅޭނީ" އަބޫބަކުރު ސަރ، އެހާރާއި މިހާރުގެ ތަފާތު ސާފަކޮށްދެއްވިއެވެ.
ޤަތަރުގެ އަމީރުގެ ޚަރަދުގައި ގަމު މަތިމަރަދޫ އަވަށުގައި އިމާރާތްކުރި ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ކިޔެވުން ފެށުމުގެ ގޮތުން، އަބޫބަކުރު ސަރ، އެތަނަށް ބަދަލުކުރެއްވީ 1997ގައެވެ. އެހެން ނަމަވެސް ބައެއް ކަންތައްތައް ހަމަނުޖެހި އެ ސްކޫލްގެ ކިޔެވުން ފެށީ ޖެހިގެން އައި އަހަރުއެވެ.

އަބޫބަކުރު ސަރ ފަހުން ޚާއްޞަވީ އިސާލާމް މާއްދާއަށެވެ. ކިޔަވައި ދެއްވީ ގުރޭޑް 4އާއި5 އަދި 6ގެ ކުލާސްތަކަށެވެ.
މަތީ ތަޢުލީމަށް ކިޔެވުމަށް ލިބިވަޑައިގެންނެވި ފުރުޞަތުގެ ބޭނުން ކުރައްވައި، ސާނަވީ އިސްލާމް މުދައްރިސް ކަމުގެ ޑިޕްލަމާ ކުއްލިއްޔަތުއް ދިރާސަތުލް އސްލާމިއްޔާ އިން ފުރިހަމަ ކުރެއްވިއެވެ. އަދި އަރަބި ލެންގުއޭޖުން އެޑްވާންސް ސެޓްފިކެޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޙާޞިލް ކުރެއްވިއެވެ.
އަބޫބަކުރު ސަރގެ އުފަލާއި ހިތްހަމަޖެހުމަކީ އޭނާގެ ދަރިވަރުން މިއަދު ހަމަދު ސްކޫލުގެ އިތުރުން އެހެނިހެން ސްލޫލްތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވުމެވެ. ޓީޗަރުންނާއި، ލީޑިންގ ޓީޗަރުންނާއި ޕްރިންސިޕަލުންގެ ގޮތުގައި ތިއްބެވީ އޭރުގެ ދަރިވަރުންނެވެ.
" ވަރަށް އުފާވޭ އޭރުގެ ދަރިވަރުން މިހާރު ކިޔަވައި ދެއްވުމުގެ ޒިންމާދާރު ވަޒީފާ ތަކުން ފެނުނީމާ."
އޭނާ ކިޔަވައި ދެއްވި ދަރިވަރުންގެ ތެރޭގައި އަމިއްލަ ދަރިންނާއި ކާފަ ދަރިވަރިން ހިމެނެއެވެ. އެއީ އޭނާއަށް ލިބިވަޑައިގެންނެވި ވަކި ކުޑަ އުފަލެއް ނޫނެވެ.

ޙަމަދު ސްކޫލްގައި 25 އަހަރެއްހާ ދުވަހު ކިޔަވައިދެއްވުމަށްފަހު، ސިވިލްސާވިސްއިން މުސްކުޅި ކުރެއްވީ ހުސްވި އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހާ ހަމައަށް 37 އަހަރާއި ނުވަމަހާއި 11 ދުވަހު، ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވީ އެތައް ދަރިވަރުންނެއް ބިނާ ކުރުމުގައެވެ. ޒަމާނީ ތަޢުލީމާއެކު އާ ޖީލަކަށް މަސައްކަތް ހަވާލުކޮށްފައި ގޭގައި ހުންނެވިއަސް އޭނާގެ ހިތް އޮތީ ހަމަދު ސްކޫލްގެ ހަތަރު ފާރުގެ ތެރޭގައެވެ.
advertisment
ހިޔާލު