ނާއިޝް، ބިޒްނަސް ކިޔެވިޔަސް ވާން ބޭނުން ވަނީ ޕައިލެޓަކަށް

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ސާނަވީ މަރުޙަލާ ނިންމާލިއިރު، އެންމެ މޮޅު ދަރިވަރަށް ވެވިދާނެ ކަމަށް ހއ. ކެލާއަށް އުފަން ނާއިޝް ނަސީމް އުއްމީދެއް ނުކުރެއެވެ. އޭނާ ޤަބޫލުކުރި ގޮތުގައި އެ މަޤާމަށް ވާދަކުރާނެ އެތައް ކުދިންނެއް އަހުމަދިއްޔާ ސްކޫލްގައި އެބަތިއްބެވެ. އެ މަޤާމަށް އެހާވެސް ވާދަވެރިކަން ބޮޑެވެ.

" އެންމެ ފަހު ވަގުތު ވެސް އުއްމީދެއް ނުކުރަން އެންމެ މޮޅު ދަރިވަރަށް ވެވިދާނެއެކޭ. އެކަމަކު ވަރަށް ކައިރިން ވާދަ ކުރެވޭނެ ކަމުގެ އުއްމީދު އޮތް" 2020/2021 ވަނަ އަހަރު ސާނަވީ އިމްތިޙާނުން ވެސް އެއްވަނަ ހޯދި ނާއިޝް ބުންޏެވެ.

ސާނަވީ އިމްތިޙާނުން އެއްވަނައަށް ދިޔަ 27 ދަރިވަރުންގެ ތެރޭގައި އަހުމަދިއްޔާގެ ހަތަރު ދަރިވަރުން ހިމެނުނެވެ. ބިޒްނަސް މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ހޯދާ، އެ ހަތަރު ދަރިވަރުންގެ ތެރެއިން ވެސް އެންމެ ފަޚުރުވެރި ދަރިވަރަކީ އޭނާކަން ނާއިޝް ސާބިތުކޮށް ދިނެއެވެ.

ކެލާގައި ހުންނަ ޝެއިޚް އިބްރާހިމް ސކޫލުން ގުރޭޑް ހަތެއް ނިންމައި، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ވަންއިރު، ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ނާއިޝްގެ ހިތުގައި އޮތެވެ. އެކަމަކު ރަށްފުށުގެ އެ އަމާން މާޙައުލުން މާލޭގެ ހަލަބޮލިކަމުގެ ތެރެއަށް ކިޔަވަން ނުކުތްއިރު، އުއްމީދު ކުރި ވަރަށް ވުރެ އަހުމަދިއްޔާގެ ކިޔަވައި ދިނުން އޭނާއަށް މާ ރަނގަޅެވެ.

" އަހުމަދިއްޔާއަށް ވަންނަން ނިންމީ އެންމެ ރަނގަޅު ޗޮއިސްއަކީ އެއީ ކަމަށް ބައްޕަމެންނަށް ވެސް ފެނުނީމާ"

އޭނާއަށް އެންމެ ކަމުދަނީ ނޭނގޭ އެއްޗެއް ފަސޭހައިން އަހާލެވޭނެ އިންތިޒާމް ހަމަޖައްސާފައި އޮންނާތީއެވެ.

" ފިލާވަޅު ދަސްކުރަމުންދާއިރު، ނޭނގޭ އެއްޗެއް، ސުވާލު އުފެދޭ ކަމެއް އޮތިއްޔާ ވައިބަރ ގުރޫޕުގައި، މުދައްރިސް ކައިރިގައި އަހާލަންވީ، އޭރުން އޭގެ ޖަވާބު ނޫނީ އެކަން ވާގޮތް ސާފުކޮށްދޭނެ"

ނާއިޝް ދެކޭ ގޮތުގައި އެކުވެރިންނާއެކު ގުރޫޕް ސްޓަޑީ ހެދުމަކީ ވެސް އެއީ ކުރިއަށް ދިއުމަށް ކޮށޭ މަގެކެވެ.

ނާއިޝްއަށްގެ ޚާއްޞަ މާއްދާއަކީ ހިސާބެވެ. އެ މާއްދާއަށް އޭނާ ޝަޢުޤުވެރި ވަނީ "ޗެލެންޖް"ތަކާ ކުރިމަތިލާން ބޭނުން ވާތީއެވެ. އުނދަގޫ ނަމްބަރުތައް ކިތަންމެ އުނދަގުލުން ނިންމާލެވުމަކީ އޭނާއަށް އާދަޔާ ޚިލާފު ހިތްހަމަ ޖެހުމެއް ލިބޭ ކަމެކެވެ.

ނާއިޝްއަށް އެންމެ އުނދަގޫ މާއްދާއަކީ އިނގިރޭސިއެވެ. ރަށު ސްކޫލުން މާލެ ބަދަލުވިއިރު ވެސް ސީ ގުރޭޑަށްވުރެ މައްޗަކަށް ނާރައެވެ. އެހެންވެ އެ މާއްދާއަށް ޚާއްޞަ ސަމާލުކަމެއް ދިނެވެ. ޓިއުޝަން ނެގިއެވެ. އޯލެވެލް އިމްތިޙާން ފަސް ކުރުމުން، ލިބުނުހާ ވަގުތެއް ހުސްކުރީ އެކަމަށެވެ.

" ކޮވިޑްގެ ތެރޭގައި އޮންލައިންކޮށް ކިޔަވަން ޖެހުމުން ހުސްވަގުތު ލިބޭ، އެ ލިބޭ ހުސްވަގުތު ބޭނުން ކުރީ ޔޫޓިބުގެ އެހީގައި އިނގިރޭސި މާއްދާއަށް" މިހާރު އަޙްމަދިއްޔާ ސްކޫލްގެ ގުރޭޑް 12ގައި ކިޔަވަމުންދާ ނާއިޝް ބުންޏެވެ.

ނާއިޝް ބުނީ، އިނގިރޭސި މާއްދާއިން އޭ ސްޓަރއެއް ލިބިދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ. މަސައްކަތް ކުރީ އެންމެ ރަނގަޅު ނަތީޖާ ހޯދާށެވެ.

ހަމައެކަނި ފާސްވާން ބޭނުން ވެގެން ކިޔެވުމާއި އެންމެ މަތީ މާކްސް ހޯދަން ކިޔެވުމަކީ ތަފާތު ދެ ކަމެއް ކަމަށް ނާއިޝް ދެކެއެވެ. އޭނޭގެ ތަޖުރިބާގެ އަލީގައި ބުނީ، އޭ ސްޓަރ ހޯދަން ބޭނުން ނަމަ އަމާޒު ކަނޑައަޅަން ޖެހޭނި އެއަށްވުރެ މައްޗަށެވެ.

" ޕްލޭނެއް ހަދައިގެން ގޯލެއް އޮންނަން ވާނެ. އޭ ސްޓަރއެއް ލިބޭނީ އެއަށްވުރެ މައްޗަށް އަމާޒު ކޮށްގެން"

ގުރޭޑް 12ގައި މި ހަފްތާގައި ކިޔަވަން ފެށި ނާއިޝް ބުނީ، ބިޒްނަސް ކިޔަވަމުން ދިޔަ ނަމަވެސް، އޭނާ ބޭނުން ވަނީ ޕައިލެޓަކަށް ވާށެވެ. ބިޒްނަސް ސްޓްރީމުން ކުރިއަށް ދާން ނިންމީ ވިޔަފާރީގެ މައުލޫމާތު އެނގެން ބޭނުންވާތީ ކަމަށެވެ. އެހެންވެ އޭލެވެލް ނިންމާފައި އޭނާގެ މިސްރާބު ހުރީ ޕައިލެޓްކަމާ ދިމާލަށެވެ.

ނާއިޝް ބުނީ، އޭނާގެ ކިޔެވުމުގައި މަންމައާއި ބައްޕަވި ޤުރުބާނީގެ އަގު އަދާކުރެވުނު ކަމަށް ވާނީ އޯލެވެލްގައި ހޯދި ފަދަ ކާމިޔާބީއެއް އޭލެވެލްގައި ވެސް ހޯދައިގެންނެވެ. މިހާރު އޭނާގެ ހުރިހާ މަސައްކަތެއް ހުސްކޮށްފައި ވަނީ އެކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *