އަތޮޅު ތަޢުލީމީ މަރުކަޒުތަކުގެ ނަން ބަދަލުކުރަން ވީތަ؟

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް އަމާޒުކުރެއްވި ސުވާލުތަކުގެ ތެރެއިން، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޤުނީ ސުވާލު ކުރެއްވީ، އަތޮޅު ތަޢުލީމީ މަރުކަޒު ތަކުގެ ނަން ބަދަލުކުރަން ވިސްނުން ގެންގުޅުއްވުމާ ގުޅޭ ގޮތުންނެވެ.

މުޤުނީގެ އެ ސުވާލު އަމާޒު ކުރެއްވުމުގައި މިހާރުގެ ޙާލަތަށް ބަލާއިރު ސަބަބުތަކެއް އެބަހުއްޓެވެ.

އަތޮޅު ތަޢުލީމީ މަރުކަޒުތަކަކީ އެއް އިރެއްގައި އަތޮޅުތެރޭގައި ތަޢުލީމު ދޭން ހުރި އެންމެ އިސް މަރުކަޒެވެ. އެއީ ސާނަވީގައި އިށީންނަން އަތޮޅުތެރެއިން ދަރިވަރުން ޖަމާވާ އެންމެ ބޮޑު ހިޔާވައްސެވެ. މި ހުރިހާ ސަބަބުތަކާ ހުރެ އެ މަރުކަޒުތަކަށް އޮތީ ޚާއްޞަ ގަދަރަކާއި އިޙްތިރާމެކެވެ.

މުޅި ރާއްޖެއަށް ތަޢުލީމު ފުޅާވަމުން ދާއިރު، އަތޮޅު ތަޢުލީމީ މަރުކަޒު މިހާރު ވެފައި ވަނީ އަތޮޅުގައި އޭލެވެލްއަށް ކިޔަވައިދޭ ހުރި އެންމެ މުހިންމު މަރުކަޒުގެ ގޮތުގައެވެ. އެ މަރުކަޒުންދޭ ތަޢުލީމެކޭ އެއް ފެންވަރަށް އަތޮޅުގެ އެހެން ރަށްރަށުން ގުރޭޑް 10އާ ހަމައަށް ތަޢުލީމުގެ ފުރުޞަތުތައް މިހާރު ލިބެމުން ދެއެވެ. އެހެންވެ އަތޮޅު ތަޢުލީމީ މަރުކަޒުތަކަށް އަތޮޅުތެރެއިން ކިޔަވަންދާ ކުދިން ނިސްބަތުން މަދުވެއްޖެއެވެ. އޭލެވެލްއަށް ކިޔަވަން ދާ ކުދިން މާ މަދެވެ. ޒަމާނަށް އަންނަމުންދާ ބަދަލާއެކު އަތޮޅުތެރޭގެ ތަޢުލީމަށް އެ މަރުކަޒުގެ މާ ބޮޑު ދައުރެއް ނެތެވެ.

މުޤުނީގެ އެ ސުވާލަށް، އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، ތަޢުލީމީ މަރުކަޒުތައް އުފެދިގެން އައީ ކޮމިއުނިޓީއަށް ވަކިކަހަލަ ޚިދުމަތްތަކެއް ދިނުމަށްޓަކައި ކަމަށެވެ. މިހާރުގެ ސިޔާސަތަކީ ކޮންމެ ސްކޫލަކީ { އެލްކޭޖީން ފެށިގެން ދިހައަކަށް، ނުވަތަ އެލްކޭޖިން ފެށިގެން 12އަށް} ކިޔަވައި ދޭ ސްކޫލަކަށް ބަދަލުކުރެއްވުމެވެ. އަދި އެކަމަނާ ވިދާޅުވީ ވަކި ސްކޫލަކަށް ކިޔާ ނަމަކުން ތަފާތު ކުރުމެއް މިހާރަކު ނެތް ކަމަށެވެ.

"ތަޢުލީމީ މަރުކަޒުތަކުގެ ނަން ބަދަލުކުރުން އެއީ { ބަހުސް ކުރެވޭ ކަމެއް.} ތަޢުލީމީ މަރުކަޒެއް ރަށެއްގައި ހުރުމަކީ ބައެއް ބޭފުޅުން ވަރަށް ފަޚުރުވެރިވާ ކަމެއް. އަނެއްބައި ބޭފުޅުން، ނަން ބަދަލުކުރައްވަން އެދިވަޑައިގަންނަވާ. ނަން ބަދަލުކުރުމުގެ ކަންތަކާ އަޅުގަނޑުމެން އިތުރަށް މަޝްވަރާ ކުރަން ޖެހޭނީ" އެޑިޔުކޭޝަން މިނިސްޓަރުގެ ޖަވާބަކީ މިއެވެ.

އިސްތިސްނާ ޙާލަތެއްގައި ނޫނީ، ތަޢުލީމީ މަރުކަޒުތަކުގެ ނަން ބަދަލުކުރަން ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާއިލް ސަޢުދުﷲ ދެކެވަޑައި ނުގަންނަވައެވެ. އިސްތިސްނާ ޙާލަތެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ އަތޮޅުގެ ރަށެއް، ސިޓީއަކަށް ބަދަލުކުރާ ހާލަތެވެ. ކުރީގައި ޏ، އަތޮޅު އޮތް ނަމަވެސް މިހާރު އެއީ ސިޓީއެކެވެ. ސިޓީއަކަށް ބަދަލުވުމުން އެ ސިޓީގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަމުގައި ތަނެއް މިހާރު ހުންނާކަށް ނުޖެހެއެވެ. ހަމަ އެގޮތަށް، ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުކުރުމުން ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ވެސް އެ ނަމުގައި ހުންނާކަށް ނުޖެހެއެވެ. މި އިސްތިސްނާ ޙާލަތުގައި ނަން ބަދަލުކުރާއިރު ވެސް ސަޢުދުﷲ ދެކެވަޑައިގަންނަވާ ގޮތުގައި، ނަމަށް ބަދަލު ގެންނަން ވާނީ އަސްލު ނަން ނުގެއްލޭ ގޮތަށެވެ. ކުޑަ ބަދަލެއް ގެނެސްގެންނެވެ.

" އަތޮޅު ތަޢުލީމީ މަރުކަޒުގެ ބަދަލުގައި ފުވައްމުލަކު ނޫނީ، ކުޅުދުއްފުށީ އެޑިޔުކޭޝަން ސެންޓަރު ބޭނުން ކުރެވިދާނެ. އަޞްލު ގެއްލޭ ގޮތަށް ނަންތައް ބަދަލުކުރުމަކީ އަޅުގަނޑަށް ތާއީދު ކުރެވޭ ކަމެއް ނޫން" ސައުދުﷲ ވިދާޅުވިއެވެ.

ސަޢުދުﷲ ވިދާޅުވީ، ނަމަށް ގެންނަ ބަދަލަކުން ބައެއް ފަހަރު "އައިޑެންޓިޓީ" ވެސް ގެއްލިގެންދާ ކަމަށެވެ. އެތަނަކަށް އޮންނަ ލޯތްބާއި އިޙްތިރާމް ވެސް ގެއްލިގެންދާ ކަމަށެވެ. އަމިއްލަ ޙަޔާތުން މިސާލު ނަންގަވަމުން އޭނާ ވިދާޅުވީ، ސަދަން ސެކަންޑްރީ ސްކޫލްގެ ނަން އެކި ނަން ނަމަށް ބަދަލު ވެގެން އައިސް މިހާރު އެތަނަށް ކިޔަނީ ޝަރަފުއްދީން ސްކޫލް ކަމަށެވެ. އޭގެ ސަބަބުން ސަދަން ސެކަންޑްރީ ސްކޫލުން ކިޔެވި ދަރިވަރެއްގެ ހައިސިއްޔަތުން ޝަރަފުއްދީން ސްކޫލޭ ބުނީމާ، ކިޔެވި ސްކޫލަށް އޮންނަ ލޯތްބާއި ކުލުނެއް ނުއުފެދޭ ކަމަށް ސަޢުދުﷲ ފާހަގަކުރެއްވިއެވެ.

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު މަތީން ދެކެވަޑައިގަންނަވާ ގޮތުގައި، ހާލަތަށާއި ތަޢުލީމަށް އައިސްފައިވާ ބަދަލާއެކު އަތޮޅު ތަޢުލީމީ މަރުކަޒު ތަކުގެ ނަމަށް ބަދަލު ގެނައުމަކީ މައްސަލައެއް ނޫނެވެ. ނަމަށް ބަދަލު ގެންނައިރު، އެރަށަކާ އެންމެ ގުޅޭ ނަމަކަށް އެ ނަން ވުމުން މުހިންމު ކަމަށް މަތީން ވިދާޅުވިއެވެ.

" އަތޮޅު ތަޢުލީމީ މަރުކަޒު ތަކުގެ ދައުރު ބަދަލުވެއްޖެ. ކުރާ މަސައްކަތަށް ވެސް ބަދަލުތަކެއް އަތުވެއްޖެ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބަދަލުގައި އެ ރަށަކާ ގުޅޭ ނަމަކަށް އެ މަރުކަޒުގެ ނަން ބަދަލުކުރުމަކީ، މިހާރަށް ބަލާއިރު މައްސަލައެއް ނޫން. "

އިޖްތިމާއީ މަސައްކަތުގައި، ގިނަ މަސައްކަތްތަކެއް ކުރެއްވި، މަސީގެ ބޯޑް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ، އަދުނާން ޙަލީމް ވިދާޅުވި ގޮތުގައި، ކޮމިއުނިޓީއަށް ޚިދުމަތް ކުރުމުގެ މަޤްޞަދުގައި ވަކި ޕްރޮޖެކްޓެއްގެ ދަށުން އުފެދިގެން އައި އަތޮޅު ތަޢުލީމީ މަރުކަޒު ތަކުގެ ދައުރު މިއަދު ބަދަލުވެއްޖެ ކަމަށެވެ. އެ ބަދަލާއެކު އެތަންތަނުގެ ނަން ބަދަލު ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އަތޮޅު މަރުކަޒު ތަކުގެ ނަމަށް ބަދަލު ގެންނައިރު، އެ ނަމަކީ އެ މަރުކަޒު ހުރި ރަށެއްގެ ރައްޔިތުންނަށް އެއްބަސްވެވޭ ނަމަކަށް ވާންޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރައްވައެވެ.

" ނަން ބަދަލުކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއް. އަތޮޅު ތަޢުލީމީ މަރުކަޒު އުފެއްދި މަޤްޞަދުގެ ބޭނުމެއް މިހާރަކު ނެތް. ބަދަލުކުރާ ނަމަކީ އެރަށަކާއި ތަޢުލީމާ ގުޅުންހުރި، އެ ބަޔަކަށް އެއްބަސްވެވޭ، މުހިންމު ނަމަކަށް ވާންޖެހޭ" އަދުނާން ވިދާޅުވިއެވެ.

" ނަން އެކަންޏެއް ނޫން، ބެޖާއި، ލަވަ ވެސް ބަދަލުކުރަން ފެނޭ"

ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަހުމޫދު ޝަޢުޤީ ވިދާޅުވީ، އަތޮޅު ތަޢުލީމީ މަރުކަޒު އުފެއްދީ، ވަކި މަޤްޞަދެއްގައި، ވަކި ޕްރޮޖެކްޓެއްގެ ދަށުން، ތަޢުލީމު އަތޮޅު ތެރެރަށް ފުޅާ ކުރުމަށް ކުރެވުނު މަސައްކަތެއްގެ ދަށުން ކަމަށެވެ. މުޅި އަތޮޅަށް، ހުރިހާ ރަށަކަށް ތަޢުލީމް ފުޅާވެފައި އޮތްއިރު، މިއަދުގެ ހާލަތަށް ބާލައިރު އަތޮޅު ތަޢުލީމީ މަރުކަޒު ތަކުގެ ނަން ބަދަލު ކުރުމަކީ މައްސަލައެއް ނޫން ކަމަށް ޑރ. ޝަޢުޤީ ވެސް ދެކެވަޑައި ގަންނަވައެވެ.

" ނަން ބަދަލުކުރުމަކީ މައްސަލެއް ނޫން. އެ ނަން އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޮތުގައި ހިފަހައްޓަންޖެހޭ ސަބަބެއް ނެތް. އޭގެ ވަގުތު މިހާރު ހިނގެއްޖެ. ނަން ބަދަލުކުރާއިރު، އެ ނަމަކީ އަތޮޅު ނޫނީ އެ ރަށެއްގެ ގިނަ ބަޔަކަށް އެއްބަސްވެވޭ ނަކަމަށް ވުން މުހިންމު ކަމަށް ދެކެން" ޑރ. ޝަޢުޤީ ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލްތަކަށް ނަން ދިނުމުގައި މިފަހަކަށް އައިސް އަޑު އިވެނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިންނާއި ޢިލްމް ފެތުރެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ރާއްޖެއަށް ޚިދުމަތް ކޮށްދެއްވާފައިވާ ރަސްރަސްކަލުންގެ ނަންފުޅާ ގުޅުވައިގެންނެވެ. މިހާރު މާލޭގައި އިމާރާތް ކުރަމުންގެންދާ ސްކޫލްތަކާއި ދާދި ފަހުން ހުޅުވި ސްކޫލްތަކުގެ ނަންތައް ޚިޔާރު ކޮށްފައި ވަނީ މިދެންނެވި ގޮތަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *