އިބާގެ "ޓްރެކް ރެކޯޑް": އޯލެވެލް، އޭލެވެލް، ބެޗްލަރ އޮފް ނަރސިންގ ކޯހުން ވެސް އެއްވަނަ

ތަޢުލީމީ ޙަޔާތުގެ ކާމިޔާބީތައް ފަށްފަށްކުރާ ދަރިވަރުންގެ ލިސްޓުގެ ކުރިއަށް އަންނާނެ އެއް ނަމަކަށް އއ. ހިމަންދޫ ނޫރާނީމާގޭ، އާމިނަތު އިބާ މުޙައްމަދުގެ ނަން ވާނެއެވެ. އިބާގެ ތަޢުލީމީ ޙަޔާތުގައި، ޖެހިޖެހިގެން އައި އެންމެ މުހިންމު ތިން އިމްތިޙާނުން ވެސް އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދިއެވެ.

2016 ވަނަ އަހަރު، ސާނަވީ އިމްތިޙާނުގައި، އަށް އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދައި، ރައީސުލްޖުމޫރިއްޔާ ދެއްވާ އެވޯޑް ހާޞިލް ކުރިއެވެ. އޭގެ ދެ އަހަރު ފަހުން، 2018 ވަނަ އަހަރު، މަތީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދައިގެން ރައީސުލްޖުމުހޫރިއްޔާ ދެއްވާ އިނާމް ޙާޞިލް ކުރިއެވެ. އޭގެ ހަތަރު އަހަރު ފަހުން، ދިވެހި ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނަރސިންގއިން ބެޗްލަރ އޮފް ނަރސިންގ ކޯހުން ފަޚުރުވެރި އެއްވަނަ ހޯދާ، ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޢިނާމް ހާޞިލް ކުރިއެވެ.

ދަސްވެނިވި ރަސްމިއްޔާތުގައި ދަރިވަރުންގެ ފަރާތުން އިބާ ވާހަކަ ދައްކަނީ، ކިޔެވުމުގައި އޭނާ ހޯދީ މުހިންމު ކާމިޔާބީތަކެއް-

ޖެހިޖެހިގެން އައި އެންމެ ބޮޑު ތިން އިމްތިޙާނުން އެއްވަނަ ހޯދުން އެއީ އިބާގެ "ޓްރެކް ރެކޯޑް"އެކެވެ.

ކާމިޔާބީގެ އުފަލާއެކު، އިބާ ހުރީ ނަރުހެއްގެ ގޮތުގައި ބަލި މީހުންނަށް ޚިދުމަތް ކުރަން ނުކުމެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. އޭނާގެ މިސްރާބު ހުރީ އައިޖީއެމްއެޗާ ދިމާލަށެވެ.

" މިހާރު އިންތިޒާރު ކުރަނީ ވަޒީފާއަށް އިއުލާން ކުރާނެ އިރަކަށް" ކާމިޔާބީގެ އުފަލުގައި ހުރި އިބާ ދަރިވަރު ނޫހަށް ކިޔައިދިނެވެ.

ހިރިޔާ ސްކޫލުން 2016 ވަނަ އަހަރު އޯލެވެލް ނިންމި ނަމަވެސް، ސާނަވީއާ ހަމައަށް ކިޔެވި ސްކޫލްތަކުގެ ނަންތައް ގިނައެވެ. ތަފާތު ސަބަބުތަކާހުރެ އެތައް ސްކޫލެއްގައި ކިޔަވަން ޖެހުނެވެ. އޭގެ ސަބަބުން ކިޔެވުމަށް އޮތް ޝަޢުޤުވެރިކަމަށް ބުރުލެއް ނާރައެވެ. އެއް އަޒުމެއްގައި ކިޔަވައިގެން ސާނަވީ ނިންމައި، މަތީ ސާނަވީގައި ކިޔަވަން އިށީން އިރުވެސް ހިތުގައި ކުރަހާފައި އޮތީ ޑޮކްޓަރަކަށް ވުމުގެ ކުލަ ތަސްވީރެކެވެ. ނަމަވެސް އޭލެވެލްގެ ވަކި ހިސާބަކުން ޑޮކްޓަރުކަމުން ނަރުސް ކަމަށް އެ ކުލަ ތަސްވީރު ބަދަލުކުރިއެވެ.

" ބަލިމީހުންނާ އެންމެ ގާތުން މަސައްކަތް ކުރެވޭނެ ބަޔަކަށް ވާނީ ނަރުހުން. ބަލިމީހާއަށް އޯގާތެރިކަމާއި ކުލުނާއި ހަމްދަރުދީ އެންމެ ކައިރިން އަބަދުމެ ދެވޭނެ ބަޔަކީ ވެސް ނަރުހުން. އެހެންވެ އެ އިންސާނީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ތަޞައްވަރުގައި ނަރުހެއްގެ ގޮތުގައި ކުރިއަށް ދާން ނިންމީ" އެ ނިންމުން އިބާ ދިފާއު ކުރިއެވެ.

އޭލެވެލްއަށްފަހު، މަތީ ތަޢުލީމަށް ކިޔަވަން ދާނެ ތަނަކާ މެދު ގޮތެއް ނިންމަން އިބާއަށް ފަސޭހައެއް ނުވިއެވެ. އެއީ އޭނާގެ ގިނަ ރައްޓެހިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުން ދިއުމާއެކު އެމީހުންގެ ފަރާތުން ލިބޭ "ފީޑްބެކް" ތަކާ ގުޅިގެންނެވެ.

" އެ ހުރިހާ ރައްޓެހިންގެ ވާހަކަތައް އަޑުއަހައި، އެންމެ ރަނގަޅު " ޗޮއިސް" އަކަށް ފެނުނީ، ޤައުމީ ޔުނިވަރސިޓީން ކިޔެވުން. މިއަދާ ހަމައަށް ވެސް އެ ނިންމި ނިންމުމާ މެދު ފަޚުރިވެރިވޭ" އިބާ ބުންޏެވެ.
" ޢާއިލާގެ ކައިރީގައި ހުރެގެން ކިޔެވުމަކީ، ލިބޭ ވަރަށް ބޮޑު ނަޞީބެއް. ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް"

އިބާ ބުނީ، ނަރސިންގ ކިޔަވަން ފެށިއިރު، އެއީ އެހާ އުނދަގޫ މަސައްކަތެއްކަން ވިސްނިފައި ނެތް ކަމަށެވެ. ކިޔަވަން ފެށުމުން އިބާއަށް އިހުސާސް ކުރެވުނީ، ކުރަންޖެހޭ މަސައްކަތާއި ދަސްކުރަންޖެހޭ މިންވަރާއި ވަގުތު ދޭންޖެހޭ މިންވަރެވެ. ބުރަކަމާއި ވަރުބަލިކަން އެއް ފަރާތްކުރުމަށްފަހު، އޭނާ ކުރެހި ތަޞައްވަރުގައި ކުލަޖައްސަން ހިތްވަރު ގަދަކޮށް، ޢަޒުމާއެކު ދަތުރު ކުރިއެވެ.

" ކިޔަވައިދިން ހުރިހާ ލެކްޗަރާއިންގެ ފަރާތުން ވެސް ލިބުނީ އެހީތެރިކަން. އެއީ ކާމިޔާބު ކަމާއެކު ކޯސް ނިންމާލެވުނު އެންމެ މުހިންމު ސަބަބު. އަދި އާއިލާއި މަންމައާއި ބައްޕަ ވެސް ވަރަށް ސަޕޯޓިވް"

ކްރިޓިކަލް ކެއަރއަށް ޚާއްޞަވުމުގެ ޢަޒުމުގައި ހުރި އިބާ ބުނީ، ކްލިނިކަލް އެކްސްޕީރިއަންސްގައި ތަފާތު ތަޖުރިބާތަކެއް ކުރަންޖެހުނު ކަމަށާއި، އެއީ ވަޒީފާއަށް ނުކުތުމުގެ ކުރިން ލިބުނު ވަރަށް ރަނގަޅު " އެކްސްޕީރިއަންސް"އެއް ކަމަށެވެ. އެ ތަޖުރިބާގައި ވަރަށް ތަފާތު މީހުންނާ ބައްދަލުވެ ކުރިމަގަށް ބޭނުން ހިފޭނެ އެތައް ފިލާވަޅެއް ލިބުނު ކަމަށެވެ. އެ ފިލާވަޅުގެ ބޭނުން އަމަލީ ގޮތުން ކުރަން އިބާ ހުރީ ކެތް މަދުވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *