މުދައްރިސުންގެ ދުވަހު، ގުރައިދޫ ސްކޫލުން މުދައްރިސުން ގެންގޮސް ލީ މޫދަށް

މުދައްރިސުންގެ ދުވަސް ފާހަގަ ކުރަން، ކ. އަތޮޅު ގުރައިދޫ ސްކޫލުން އެ ސްކޫލުގެ މުދައްރިސުން ގެންގޮސް ލީ މޫދަށެވެ. " ސަޕްރައިޒް" އެއްގެ ގޮތުގައި އެ މީހުންނަށް ހޯދައި ދިނީ މޫދުގައި ތަފާތު ކުޅިވަރުތައް ކުޅޭނެ ފުރުޞަތެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު, އެރަށު ކައިރީގައި ހިއްކާފައި އޮތް ފަސްގަނޑާ ކައިރިއަށް ގެންގޮސްލީ، އެމީހުން ކުރިން ތަޖުރިބާކޮށްފައި ނުވާ، މޫދުގެ އެތައް ކުޅިވަރެއްގައި ބައިވެރި ކުރުވާށެވެ. ސްނޯކްލީންއާއި ކެނޯއާއި ޖެޓްސްކީ ދުއްވުން ފަދަ އެތައް ތަޖުރިބާއެއް ހައެއްކަ ގަޑިއިރަށް ދެމިގެން ދިޔަ އެ ޙަރާތަކުން މުދައްރިސުންނަށް ހޯދައިދިނެވެ.

ދިވެހިންނަކީ ކަނޑުގެ ދަރިންނަށް ވި ނަމަވެސް، އަމަލީ ގޮތުން އެފަދަ ތަޖުރިބާ ކުރާ ޓީޗަރުން ވަރަށް މަދެވެ. އެހެންވެ ގުރައިދޫ ސްކޫލުން، މުދައްރިސުން މޫދަށް ގެންދިޔައީ އެ ތަޖުރިބާ ކޮށްދޭށެވެ. މިފަހަރުގެ ޝިޔާރަކަށް ހެދީ މޫދު ކުޅިވަރެވެ.

މިކަން ކޮށްދިނުމުގައި ގުރައިދޫ ވޯޓަރ ސްޕޯޓްސް ސެންޓަރާއި މަންތާ ޑައިވް ސެންޓަރުގެ އިތުރުން ޑައިވް ޕޮއިންޓްގެ ފުރިހަމަ އެއްބާރުލުން ގުރައިދޫ ސްކޫލަށް ލިބުނެވެ.

" މުދައްރިސުން ގެންދިޔައިރު ނޭނގޭނެ ކީއްކުރަންކަން މި ގެންދަނީކީ. ބޭނުންވި ސަޕްރައިޒް މުދައްރިސުންނަށް ދެވިއްޖެ" ގުރައިދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ސިރާޖު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަން ރޭވުމުގައި އެންމެ އިސްދައުރެއް އަދާކުރީ އެޑްމިން ސްޓާފުން ކަމަށާއި، އެކަމަށްޓައި ހުރިހާ އެޑްމިން ސްޓާފުންނަށް ޝުކުރުދަންނަވާ ކަމަށެވެ.

350 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ގުރއިދޫ ސްކޫލުގެ 40 މުދައްރިސުން މޫދު ކުޅިވަރު ޙަރަކާތުގައި ބައިވެރިވިއެވެ.

" ބައެއް މުދައްރިސުން ބުނި، އެންމެ އުފާވެރި މުދައްރިސުންގެ ދުވަހޭ އެއީ" ސިރާޖު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *