ޑރ. އާސިޔަތުގެ ކޮލަމް: މުދައްރިސުންގެ ދުވަސް، މުދައްރިސުންނާ މެދު ދެކެވޭ ވާހަކަތައް ފެނުމުން ކަންބޮޑުވޭ

ޑރ. އާސިޔަތު މުޙައްމަދު ދީދީ

މުދައްރިސުންގެ ދުވަހެއް ފާހަގަކުރެވެމުން ދިޔައިރު ޢާންމުންގެ ތެރޭގައި މުދައްރިސުންނާ މެދު ތަފާތު ގޮތްގޮތަށް ވާހަކަދެކެވެމުންދާތީ ފެނެއެވެ. މިކަމާ ގުޅޭ ގޮތުން ތަފާތު ބޭފުޅުންގެ ރައުޔުތައް ހާމަކުރަމުން ގެންދަވާތީ ފެނެއެވެ. އެ ވާހަކަތައް އަޅުގަނޑަށް ގޯސްކޮށް މާނަކުރެވޭނަމަ އެ ވާހަކަތައް ދެއްކެވި އަދި ލިޔުއްވި ފަރާތްތަކުން އަޅުގަނޑަށް މާފުކޮށްދެއްވާނެ ކަމަށް އުއްމީދުކުރަމެވެ. މުދައްރިސުންނާ މެދު ދެކެވެމުންދާ މި ވާހަކަތަކާ މެދު އަޅުގަނޑު އިންތިހާއަށް ކަންބޮޑުވެ ދެރަވެއެވެ. މިވާހަކަތައް އިވި އަދި ފެނުމުން އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ މުދައްރިސުންނަކީ ހަމަ އެ ވިދާޅުވާހާ ގޯސް ބައެއް ބާވައެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރަން ޅޮހީ ސްކޫލުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ: ޅޮހީ ސްކޫލް

މުދައްރިސުންގެ ދުވަހެއް ފާހަގަކުރަމުންދާތީ އެކަމާ ކަންބޮޑުވުންތައް ފާޅުކުރާ މީހުންގެ ވާހަކަތަކަށް ބަލާލުމުން ހިތަށް އަރަނީ މި ޤައުމުގައި ފާހަގަ ކުރަމުންދަނީ ހަމައެކަނި މުދައްރިސުންގެ ދުވަހެއްތޯއެވެ؟ ތަފާތު އެކި ނަންނަމުގައި ތަފާތު ދުވަސްތައް ފާހަގަ ކުރަމުންދާއިރު މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ނުކުރެވެންވީ ސަބަބެއް ނުވިސްނެއެވެ. އެއީވެސް ނުހަނު ބުރަކޮށް މަސައްކަތްކުރަމުންދާ ޚިދުމަތްތެރިންތަކަކަށް ވީއިރު، މުދައްރިސުންގެ ދުވަހެއް ފާހަގަކުރުމުން ހިތްނުތަނަވަސްވާ ފަދަ ފާޑުކިޔުންތައް ރައްދުވާންވީ ކީއްވެހެއްޔެވެ؟ ސްޕޮންސަރ ހޯދައިގެންނާއި އެކި ގޮތްގޮތުން ބޮޑެތި ހަފުލާތައް ބާއްވައި އެކި ނަންނަމުގައި ދުވަސްތައް ފާހަގަ ކުރަމުން ދަނީ ހަމަ އަޅުގަނޑުމެންގެ ކުރިމަތީގައި ނޫންހެއްޔެވެ؟ މުދައްރިސުންގެ ދުވަސް ، މުދައްރިސުން ފާހަގަ ކުރުމުން އެހާ ބޮޑުކަމަކަށް ވަނީ ކީއްވެހެއްޔެވެ؟ މިއީ ހިތުގައި އުފެދޭ ސުވާލުތަކެވެ.

މުދައްރިސެއްގެ ހައިސިއްޔަތުން އަޅުގަނޑު ހޭދަކުރި 20 އަހަރު ތެރޭގައި މުދައްރިސުންގެ ދުވަސް ފާހަގަކުރަން ފައިސާ ނުދީގެން ކުއްޖަކަށް ނިކަމެތިކަމެއް ލިބިގެންދިޔަ ތަނެއް ދުވަހަކުވެސް ނުދެކެމެވެ. އެ ދުވަސް ފާހަގަކުރުމަށްޓަކައި ހަދިޔާ ނުދީގެން ކުއްޖަކު ބާކީކޮށް އެއްޗެހި ކިޔައި އުޅުނު ތަނެއްވެސް ނުދެކެމެވެ. އަދި ބެލެނިވެރިޔަކު އެފަދަ ޝަކުވާއެއް ކުރި އަޑެއްވެސް ނާހަމެވެ. ހަނޑުލުގައި ވީ ހުންނަފަދައިން ކޮންމެ ދިމާއަކުންވެސް ނޭދެވޭ ކަމެއް ފެނިދާނެއެވެ. އެހެންނަމަވެސް ހުރި މައްސަލަތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ހުރިހާ މުދައްރިސުން ގޯސްކުރަނީ ކީއްވެހެއްޔެވެ؟ މުދައްރިސެއްގެ ހައިސިއްޔަތުން ދަރިވަރުން ދެކެ އަޅުގަނޑު ވެސް ނިހާޔަތަށް ލޯބިވެއެވެ. އެއީ އެކުދިންގެ ފަރާތުން ލިބޭ އެއްޗެއްގެ ބޭނުމުގައެއް ނޫނެވެ. އެކުދިންގެ ތެރެއިން ވެސް އެންމެ ނިކަމެތިހެން ހީވާ ކުއްޖާ ދެކެ މާ ބޮޑަށް ލޯބިވެއެވެ. އެ ކުއްޖާ އާއި މާ ބޮޑަށް އަޅާލެވެއެވެ. މިއީ އަޅުގަނޑުގެ ތަޖުރިބާއެވެ. މިއީ ކުދިންނާމެދު މުދައްރިސުންގެ ހިތުގައިވާ ލޯތްބެވެ. މިކަން ވަރަށް ގާތުން އަޅުގަނޑަށް ފެންނަމުންދެއެވެ. ވީއިރު، މުދައްރިސުންގެ މަސައްކަތަށް ހެޔޮބަހެއް ނުބުނެވޭ ތާނގައި ފާޑުކިޔުންތައް އަމާޒުކުރަންވީ ކީއްވެހެއްޔެވެ؟

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިތަދޫ ސްކޫލުން ބޭއްވި ޚާއްޞަ ޙަރަކާތުގެ ތެރެއިން- ފޮޓޯ: ހިތަދޫ ސްކޫލް

މިއަހަރުގެ މުދައްރިސުންގެ ދުވަހު އަޅުގަނޑާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ މުދައްރިސުންނަށް ހަދިޔާއެއްގެ ގޮތުން އެއިން ކޮންމެ މުދައްރިސަކަށް ވަކިން އަޅުގަނޑު މެސެޖެއް ލިޔުނީމެވެ. އެ މުދައްރިސެއްގެ ހުރި ހުނަރަކާއި ޤާބިލުކަމެއްގެ ވާހަކަ ފާހަގަކޮށް ރަނގަޅަށް ކުރެވޭ ކަންތައްތަކުގެ ވާހަކަތައް ލިޔެ 100 މުދައްރިސުންނަށް ދިނުމަކީ އަޅުގަނޑަށްވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންނަމަވެސް މެސެޖު ކިޔާލުމުން އެ މުދައްރިސުންނަށް ލިބިގެންދާނެ ހިތްހަމަޖެހުމާއި އުފާ އެނގޭތީ އަޅުގަނޑުގެ ވަގުތާއި ހާލަތަށްވުރެ އެ އުފާ ހޯދައިދިނުން އަޅުގަނޑަން މުހިންމުވީއެވެ. އެ މެސެޖު ކިޔާލުމަށްފަހު އަޅުގަނޑަށް ލިބުނު މެސެޖުތަކުން ހަމަ އެހާމެ ބޮޑު އުފަލެއް އަޅުގަނޑަށް ވެސް ލިބުނެވެ. އެހެންކަމުން ލޯބިން ކުއްޖަކު ނުވަތަ ބެލެނިވެރިޔަކު ބުނެލާ ދެތިން ބަހަކުން އަޅުގަނޑުމެން މުދައްރިސުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވާނެކަން ޔަގީނެވެ.

ހަމަގައިމުވެސް ބެލެނިވެރިޔެއްގެ ހަސިއްޔަތުން އަޅުގަނޑުގެ ދަރިންނަށް ހިދުމަތް ކޮށްދެއްވާ މުދައްރިސުންދެކެ އަޅުގަނޑު އިންތިހާއަށް ލޯބިވެއެވެ. ކޮންމެ ދުވަހަކު 6 ގަޑިއިރު ވަންދެން 30 ވަރަކަށް ކުދިން އެއްތަނެއްގައި ބައިތިއްބައިގެން އެކުދިންގެ މުސްތަގުބަލް އުޖާލާކުރެވޭތޯ ކޮންމެ މުދައްރިސަކު ވެސް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރަމުން ގެންދެއެވެ. އަޅުގަނޑަކީ ވެސް 3 ކުދިންގެ މަންމައެއްގެ ހައިސިއްޔަތުން ބުނެލަމެވެ. ގުރޭޑު 9 އާ ހިސާބަށް އެއްކުއްޖަކަށް އާދެވިފައި ހުރިއިރު ދުވަހަކު ވެސް މުދައްރިސުންގެ ދުވަސް ފާހަގަ ކުރަން ފައިސާ  ހޯދަން ސްކޫލުން ނާންގައެވެ. މުދައްރިސުންނާ ގުޅުން ހުރި ކަމެއްގައި އެއްޗެއް ހޯދަން އެދިއްޖެ ހާލަތެއްގައި އަޅުގަނޑަށް ވީމިންވަރަކުން ދޭންވެސް ބޭނުމެވެ. މި ދުވަހާ ގުޅިގެން އަޅުގަނޑުގެ ކުއްޖަކު ދުވަހަކުވެސް މުދައްރިސަކަށް ހަދިޔާއެއް ނުދެއެވެ. އަދި އެގޮތަށް ހަދިޔާ ނުދޭތީ އެހެން ކުދިންނާ ތަފާތުކޮށްގެން ނުވަތަ ހަދިޔާ ނުދީގެން މުދައްރިސަކު އެއްޗެއް ބުނެގެން ޝަކުވާއެއްވެސް ނުކުރެއެވެ. މިހާރު ހަދިޔާ ދިނުމަކީ ރާއްޖޭގެ ގިނަ ސްކޫލްތަކުގައި އުސޫލެއްގެ ގޮތުން މަނާވެސް ކުރެވިފައިވާ ކަމެއްކަން މި ފުރުޞަތުގައި ހަނދާންކޮށްދެމެވެ. އެހެންކަމުން ކަމެއްކޮށްފައި އެކަމުގެ ވާހަކަ ދައްކަމުންދާއިރު މުދައްރިސުންނަކީ ހިތެއްނެތް، އިހުސާސްތަކެއް ނެތް ބަޔެއްކަމުގައި ދެކެނީ ހެއްޔެވެ؟

ދެން އޮތީ ކޮންސެޓާއި ސީއޭ ގަޑިއަށް ބޭނުންވާ ތަކެތި ހޯދަންޖެހޭ ވާހަކައެވެ. ސްކޫލްގައި ކިޔެވުމާ ގުޅޭ ހަރަކާތްތައް ނުބާއްވާނަމަ ބެލެނިވެރިން އެ ސްކޫލެއް ބަލައިނުގަންނަކަން ފާހަގަކުރެވެއެވެ. އަދި ތަޢުލީމު އުނގެނުމަކީ ހަމަ އެކަނި ފޮތުގައި އޮންނަ އަކުރެއް ދަސްކުރުން ނޫންކަމާއި މިފަދަ ހަރަކާތްތަކަކީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރު ކުރުމަށް ނުހަނު ބޭނުންތެރި ހަރަކާތްތަކެއްކަން ހަނދާންކޮށްދެމެވެ. އެހެންކަމުން އަޅުގަނޑަށް ފެންނަ ގިނަ ބެލެނިވެރިން، ކުދިން މިފަދަ ހަރަކާތްތަކުގައި ބައިވެރިކުރަނީ އެކަމުގެ މުހިންމުކަން އެނގި ތިބެމެ، އެކަމަށް ނުހަނު ބޭނުންވެސް ވެގެންނެވެ. އަދި ދަރިވަރުންވެސް އެފަދަ ހަރަކާތްތަކުގައި ބައިވެރިވަނީ ހަމަ އެހާމެ ބައިވެރިވާ ހިތުންކަމީވެސް އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވެގެން ދަސްކުރާ ހުނަރުތައް އަމަލީ މައިދާނުގައި އެކުދިންގެ ކިބައިން ފެންނަމުންދާކަމުގައި ދަންނަވަންޖެހެއެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނޮޅިވަރަމު ސްކޫލުން ބޭއްވި ޚާއްޞަ ކެއުމުގެ ތެރެއިން- ފޮޓޯ: ނޮޅިވަރަމު ސްކޫލް

ސީއޭ ނުވަތަ އެހެނިހެން މާއްދާތަކުގެ ޕްރެކްޓިކަލް ގަޑިތަކަށް ތަކެތި ހޯދާ ވާހަކަ ދައްކަވާއިރު ބައެއްފަހަރު ކުޑަ މަސައްކަތަކުން ހޯދޭ ނުވަތަ ހިލޭ ލިބެން ހުންނަ ތަކެތިވެސް ގަނެލަނީ އަޅުގަނޑުމެން ވެސް ކަންކަން ފަސޭހަ ކުރުމަށްޓަކައި ނޫންތޯއެވެ؟ އިހަކަށްދުވަހު އަޅުގަނޑުގެ ކުޑަ ދަރިފުޅު ސްކޫލުގައި ގުނަން ދަސްކުރުމަށްޓަކައި  ކޮންމެވެސް 100 އެއްޗެއް ފުޅިއަކަށް އަޅާފައި ފޮނުވަން މުދައްރިސް އެންގެވުމުން އަޅުގަނޑު ކަންތައް ކުރި ގޮތް ތިޔަ ފަރާތްތަކާ ހިއްސާކޮށްލާނަމެވެ. އަޅުގަނޑު ކަންތައް ކުރި ގޮތަކީ ފުރިޖުން ފުޅިއެން ނަގައި ހުސްކޮށްގެން ދަރިފުޅު ގޮވައިގެން މަދޮށިގަހެއްގެ ދޮށަށް ގޮސް 100 މަދޮށި ގުނައި ހަމަކޮށްގެން ދަރިފުޅުގެ އަތަށް ދީފައި ސްކޫލަށް ފޮނުވީއެވެ. އަޅުގަނޑު ދަރިފުޅު ގޮވައިގެން ކުލާހަށް ދިޔައިރު، ކުލާހުގެ ކުދިން އަތުން ފެނުނީ މާބުލްސް އަޅާފައި ހުރި ފުޅިތަކާ ބްލޮކުސް ފަދަ ތަކެތި އަޅާފައި ހުރި ފުޅިތަކެވެ.

ހަމައެގޮތަށް އެއްޗެއް ތަތްކޮށްލަން ހަރުގަނޑެއް ދީފައި ފޮނުވާށޭ ބުނި ދުވަހުވެސް އަޅުގަނޑުގެ ދަރިފުޅު ގެންދިޔައީ ގޭގައި ހުރި ފޮށިގަނޑެއް ކަފައިގެންނެވެ. އެދުވަހުވެސް އެހެންކުދިންގެ އަތުން ފެނުނީ ފިހާރަތަކުން ގަނެދީފައި ހުރި ގަނޑުތަކެވެ. ކުދިން ގާތު ހޯދަން ބުނާ މަޢުލޫމާތު ވެސް ކުއްޖާ ލައްވައި އެމަޢުލޫމާތު ކިޔުއްވައި ނޯޓުކުރުވުމުގެ ބަދަލުގައި ފަސޭހައީ ޕްރިންޓްކޮށްދޭ ތަނަކަށް ގޮސް، މަޢުލޫމާތު ހޯދަންޖެހޭ ސުރުޚީ ބުނުމަށްފަހު އެ މަޢުލޫމާތު ކަރުދާހަކަށް ޕުރިންޓު ކުރުވުން އެއީ ކަންކުރައްވާގޮތް ކަމުގައިވާނަމަ އެއީ ހަމަ ޚަރަދު ބޮޑުވާނެ ގޮތެއް ނޫންހެއްޔެވެ؟ ކުދިންގެ ކިޔެވުމާ ގުޅުންހުރި އެއްޗިހި ގަންނަން ޖެހޭކަން އަޅުގަނޑު ވެސް ޤަބޫލުކުރަމެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ކިބައިގައި ނެތީ އިޤުތިޞާދުކުރުމުގެ ރިވެތި އާދައެވެ. ހުރީ ކަންކަމަށް ފާޑުކިޔުމުގެ ވިސްނުމެވެ. މީގެ ބަދަލުގައި މިފަދަ ކަންކަމުގައި އިޤުތިޞާދުކުރުން އިސްކުރެވޭނަމަ ހަރަދު ކުޑަވުމުގެ އިތުރުން ކުދިންނަށްވެސް އެ އާދަ ދަސްވާނެ ނޫންތޯއެވެ؟

މުދައްރިސުންގެ ދުވަހު އެބޭފުޅުން ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް އެބޭފުޅުން އުފާވާކަހަލަ ދެތިން ބަހެއް ބުނެލެވޭނަމަ ނުވަތަ ލިޔެލެވޭނަމަ އެއީ ލިބިގެންދާނެ ކިހާބޮޑު ހިތްހަމަޖެހުމެއް ހެއްޔެވެ؟ އަޅުގަނޑުމެން މުދައްރިސުން ބޭނުންވަނީ ލޯބިން ބުނެލާ ނުވަތަ ލިޔެލާ ބަހެކެވެ. ކުދިންގެ އަތުން ވެސް އަދި ބެލެނިވެރިންގެ އަތުންވެސް އެއްވެސް ހަދިޔާއެއް ބޭނުމެއް ނޫނެވެ. މުދައްރިސުންގެ ދުވަސް މިހާރު ބަދަލުވެފައި ވަނީ މުޅި ސޯޝަލް މީޑިއާ އާއި ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން މުދައްރިސުންނާ ދިމާއަށް ފާޑުކިޔުންތައް އަމާޒުކޮށް ހައްޤު ނޫން ބަސްތައް ބުނެ އެމީހުންގެ ގޯސްކަން ހާމަކޮށްދޭ ދުވަހެއްގެ ގޮތުގައެވެ. އިންސާނުންނަށްވީތީ އަޅުގަނޑުމެން މުދައްރިސުންގެ މަސައްކަތް ވެސް ބަލައިގަނެ ހެޔޮބަހެއް ބުނާނެ ބަޔަކު ތިބުމަށް އެދެވެއެވެ. އެފަދަ ބަސްތައް އިވުމުން އަޅުގަނޑުމެންގެ ހިތްތައް އުފަލުން ފޮޅެއެވެ. ރެއާދުވާލު ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށް ހިތްއެދެއެވެ. އެންމެ ކުޑަމިނުން ހިތްހަމަޖެހޭ ދެތިން ކަމެއް ހޯދައިގެންވިޔަސް ހެޔޮ ބަހެއް ބުނެލާނެ ދުވަހަކަށް ނުހަނު އިންތިޒާރުކުރެވެއެވެ. އެދުވަސް އަޅުގަނޑުމެންނަށް ދެއްކެވުން އެދި ހިތާ ހިތާ ދުއާކުރެވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *