އިޝާ: އަލަށް އުފެއްދި "ޔަންގް ފިޝަރސް ކުލަބު"ގެ ރައީސަކަށްވި އަންހެން ދަރިވަރު

ރާއްޖޭގެ ސްކޫލެއްގައި އަލަށް އުފެއްދި "ޔަންގް ފިޝަރސް ކުލަބު"ގެ ރައީސަކަށްވީ އަންހެން ދަރިވަރެކެވެ. އިހަވަންދޫ ސްކޫލްގައި އުފެއްދި "ޔަންގް ފިޝަރސް ކުލަބު"ގެ ރައީސްއަކީ ގުރޭޑް 8ގެ ދަރިވަރު އާމިނަތު އިޝާ ލީޝަލް އަދުނާނެވެ. މިއީ ރާއްޖޭގެ ސްކޫލެއްގައި މަސްވެރިކަމާ ގުޅުން ހުރި މިފަދަ ކުލަބެއް އުފެއްދި ފުރަތަމަ ފަހަރެވެ.

"ޔަންގް ފިޝަރސް ކުލަބު"ގެ ރައީސް ކަމުގެ މަޤާމަށް އިޝާ އާ އެކު އިތުރު ދަރިވަރަކު ވާދައެއް ނުކުރެއެވެ.

އިޝާ ބުނީ، މަސްވެރިކަމަށް އަބަދުވެސް ޝަޢުޤު ހުންނާތީ، ކުލަބު މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމި ހިސާބުން، ރައީސްކަން ބޭނުންވި ކަމަށެވެ.

" ވާދަވެރިކަމެއް ނެތި ލިބުނީ" އިޝާ ބުންޏެވެ.

އިޝާ ބުނީ، މަސްވެރިކަމަށް ޝަޢުޤު އުފެދުނީ ކާފަގެ ފަރާތުން ކަމަށާއި، މަސްވެރިއަކަށް ވެފައި ކާފަގެ މުރާލި މަސައްކަތާމެދު ފަޚުރުވެރިވާ ކަމަށެވެ.

އިޝާ ބުނީ، ކުލަބުގެ މަސައްކަތް ހީކުރިވަރަށްވުރެ މާ ޝަޢުޤުވެރިކަމަށެވެ. ކުރިން ނޭނގޭ އެތައް މަޢުލޫމާތެއް މިވީ ދެ ހަފްތާގެ ތެރޭގައި ވެސް އެނގިއްޖެ ކަމަށެވެ.

" ހީކުރި ވަރަށްވުރެ މާ ޝަޢުޤުވެރިކޮށް ކުލަބުގެ ޙަރަކާތްތައް ދަނީ. ކުލަބުގެ އެހެން މެމްބަރުން ވެސް ޝަޢުޤުވެރިކަމާއެކު ބައިވެރި ވަނީ" އިޝާ ބުންޏެވެ.

އިޝާ ބުނިގޮތުގައި، ޒަމާނީ މަސްވެރިކަމުގައި ޖިންސްގެ ތަފާތެއް މިހާރު ނެތް ކަމަށާއި، ވަކި ޖިންސަކަށްވުރެ ބޮޑަށް ކުރިއަށްދާނީ ކުރާ މަސައްކަތަކުންނެވެ.

އިޝާއަކީ ފަރުމަހުގެ މަސްވެރިކަމަށް ވަރަށް ފޯރި ހުންނަ ދަރިވަރެކެވެ. ލިބޭ ޗުއްޓީގައި ޑިންގީ ފަދަ ތަކެތީގައި ޢާއިލާގެ މީހުންނާއެކު މަސްބާނަށް ދެއެވެ. އެހެންދާ ގިނަ ދުވަސްދުވަހު މަސްވެސް ބާނައެވެ.

" ފަރުމަހުގެ މަސްވެރިކަމަށް ދަނީ، މަސް ބާނާވެސް ހަދަން"

ކުލަބުގެ ހަރަކާތް ކުރިއަށްދާ ވަރަކުން މަހަށް ކަނޑުމައްޗަށް އަރަންޖެހޭ ވަގުތު ގިނަވާނެއެވެ. ދޮށީގެ މަސްވެރިކަމަށް ދޯނީގައި މާ ކަނޑަށް ވެސް ނުކުންނާނެއެވެ. އޮއިވަރާއި މޫސުމާއި ހުރިހާ އާލާތެއްގެ ބޭނުން ހިފާނެއެވެ. ކަނޑުގެ ދިރުންތަކާއި މޫސުމާގުޅޭ އެތައް މައުލޫމާތެއް ހޯދާ ބަލާނެއެވެ. އެ ހުރިހާ ކަމަކަށް އޭނާ ހުރީ ތައްޔާރުވެގެންނެވެ. ކުލަބުގެ އެހެން ދަރިވަރުންނާއެކުގައެވެ.

" މިއީ ކޮންމެ ކުއްޖަކަށް ވެސް މުހިންމު ކުލަބެއް. ފަޚުރުވެރި ދިވެއްސެކޭ ބުނާއިރު، އަޅުގަނޑުމެންގެ ވަށައިގެންވާ ކަންތައް އެނގެން އެބަޖެހޭ. މި ކުލަބުގެ ހަރަކާތްތަކުގެ ތެރެއިން ކިޔައި ދެނީ، އެކަންތައްތައް. ޝަޢުޤުވެރި ގޮތަކަށް"

"ޔަންގް ފިޝަރސް ކުލަބު"ގައި އުގަންނައިދޭ ކަންތައްތަކުން ޤައުމީ މަންހަޖުގައި ބަޔާންކޮށްފައިވާ ގިނަ ޤާބިލިއްޔަތު ތަކެއް ޙާޞިލް ކުރެވޭ ކަމަށް އިހަވަންދޫ ސްކޫލުން ދެކެއެވެ. މޯލްޑިވްސް ފިޝަމެންސް އެސޯސިއޭޝަންގެ އެހީތެރިކަމާއެކު އިހަވަންދޫ ސްކޫލުން ފެށި ކުލަބުގެ ޙަރަކާތްތައް ކުރިއަށް ގެންދަނީ ސީ ސްކައުޓް ކޮންސެޕްޓަށެވެ. ކުލަބު ހަރަކާތެއްގެ ގޮތުގައި މަސްވެރިކަމުގެ ސިނާއަތާ ގުޅުން ހުރި ޕްރޮގްރާމްތައް ހިންގާނެއެވެ. ދަރިވަރުންނަށް ބެޖް ލިބެނީ މި ޕްރޮގްރާމްތަކުގެ އެހީގައި ކުރިއަށް ގެންދާ ކަންތައްތައް ފުރިހަމަ ކުރަމުންދާ ވަރަކުންނެވެ. އެހެން ހަރަކާތެކޭ އެއްގޮތަށް "ޔަންގް ފިޝަރސް ކުލަބު"ގެ މެމްބަރުންނަށް ޚާއްޞަ ޔުނީފޯމެއް ވެސް ބޭނުން ކުރާނެއެވެ. އެއީ މިހާރު ސްކޫލްތަކުގައި ހިންގާ "ޔުނީފޯމް ބޮޑީ"ގެ ހަރަކާތައް އިތުރުވި މުހިންމު ޙަރަކާތެކެވެ.

މި ޙަރަކާތުގެ ސަބަބުން އިޝާ ފަދަ އެތަކެއް ދަރިވަރުންނަށް މަސްވެރިކަމަށް ޝަޢުޤު އުފެދޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *