އިއްޒުއްދީން ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާންކޮށްފި

މާލޭގައި އަލަށް ފަށާ އިއްޒުއްދީން ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާން ކޮށްފިއެވެ.
ކުރީގެ އެމްއެއީއެސް ހިންގި އިމާރާތުގައި ފަށާ މި ސްކޫލަށް ޕްރިންސިޕަލަކު ހޯދަން ތައުލީމާބެހޭ ވުޒާރާއިން އިއުލާން ކުރީ ބުދަދުވަހުއެވެ.

ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުން ޕްރިންސިޕަލަކަށް ވުމަށް އެދޭ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ 1:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް ތައުލީމާބެހޭ ވުޒާރާއަށް ހުށަހަޅަން ޖެހެއެވެ. އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭއިރު، އީ.މެއިލް އެޑްރެހަކީ، careers@moe.gov.mv އެވެ.

ޕްރިންސިޕަލަކު ހޮވަން ބާއްވާ އިންޓަރވިއު އޮންނާނެ ތަން، އެ އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ހަތް ދުވަސްތެރޭގައި އަންގާނެކަމަށާއި، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވާން ތައްޔާރުވެގެން ތިބުމަށް އެދިފައިވެއެވެ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭއިރު، ކުރިމަތިލާ ފަރާތްތަކުގެ އަދަދު ދިހައަކަށް ވުރެ އިތުރުނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތަކަމަށް އެ އިއުލނުގައި ބުނެފައި ވަނީ، ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެންނެވެ.

އިއްޒައްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ވުމަށް އެދޭ ފަރާތްތަކަށް ކަނޑައަޅާފައިވާ އެންމެ ދަށް ޝަރުޠަކީ ޓީޗިން ސަރވިސް އޮފިސަރ ތިނެއްގެ ޝަރުޠެވެ. އެއީ ޓީޗިން ސަރވިސް އޮފިސަރ ތިނެއްގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ ޓީޗިން ސަރވިސް އޮފިސަރ ތިނެއްގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް ހަތަރެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލް ކޮށްފައިވުމާއި އެކު، ކިޔަވައި ދިނުމުގެ ރޮނގުން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުމެވެ.

އެންމެ މަތީ ޝަރުތެއް ކަމަށް ކަނޑައަޅާފައި ވަނީ ޓީޗިން ސަރވިސް އޮފިސަރ އެގާރައިގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޓީޗިން ސަރވިސް އޮފިސަރ 11 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް ހަތަރެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮގުން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ. އަސާސީ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 6295ރ އާއި 15،5620ރ އާ ދެމެދެވެ. މީގެ އިތުރުން ސަރވިސް އެލަވަންސެއްގެ ގޮތުގައި މަހަކު 2500ރ ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %28 ލިބޭނެ ކަމަށް ބުނެފައިވެއެވެ. ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހިއްޖެނަމަ ސަޕޯޓިންގް ކޯ އެލަވަންސް ދޭއް، ގެ ގޮތުގައި އެލަވަންސެއް ދޭނެކަމަށް ބުނެފައިވެއެވެ. ސަޕޯޓިންގ ކޯ އެލަވަންސް ދޭއްގެ ގޮތުގައި ދެނީ 900ރ އާއި 1500ރ އާ ދެމެދުގެ އެލަވަންސެކެވެ.

ޕްރިންސިޕަލްގެ މަސްއޫލިއްޔަތުގެ ގޮތުގައި 22 ކަމެއް ކަނޑައަޅާފައި ވެއެވެ. އެއީ:
1- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިޔާސަތުތަކާ ޤައުމީ މަންހަޖާއި އެއްގޮތްވާ ގޮތުގެމަތިން އުނގަންނައިދިނުމުގެ ޙަރަކާތްތައް ރާވައި ހިންގުން
2- ދަރިވަރުންގެ ތަޢުލީމީ ފެންވަރު ރަނގަޅުކޮށް ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ޙަރަކާތްތައް ރާވައި ހިންގުން.
3- ދަރިވަރުންގެ ކިބައިގައި ދީނީ އަދި އަޚްލާޤީ ރަނގަޅު އާދަތައް ހަރުލެއްވުމަށް ޙަރަކާތްތައް ރާވައި ހިންގުން.
4- ވަށާޖެހިފައިވާ ތަޢުލީމަށް މަގުފަހިވާނެހެން އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުން
5- ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ޕްރޮފެޝަނަލް ޑިވަލޮޕްމެންޓް ޕްރޮގްރާމްތައް ރާވައި ހިންގުން.
6- ދަރިވަރުންނަށް ފައިދާވާނެހެން ސްކޫލުގެ ޙަރަކާތްތައް ރާވައި ތަންފީޒު ކުރުން
7- ސްކޫލްގެ ވިޝަން، މިޝަން، ސްކޫލުން ދެކޭގޮތް އަދި ފިލޯސަފީ އެކަށައަޅައި އެކުލަވާލުން.
8- ރަނގަޅު ފެންވަރެއްގައި އުނގެނުމަށާއި ކިޔަވައި ދިނުމަށް މަގުފަހިކޮށްދިނުމަށް ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށް ދިނުން.
9- ސަރުކާރުގެ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސްކޫލްގެ ޢިމާރާތްތަކާއި ފައިސާގެ ކަންކަން ބެލެހެއްޓުން.
10- ބެލެނިވެރިންނާއި ސްކޫލާއި ދެމެދު ރަނގަޅު ގުޅުމެއް ޤާއިމްކޮށް ދެމެހެއްޓުން.
11- ކަންކަން ނިންމުމުގައި ހުރިހާ ދަރިވަރުންނަށް ހަމަހަމަ ގޮތެއްގައި ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުން
12- ސްކޫލުގެ ކިޔަވައިދިނުމާއި ގުޅޭ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުން
13- ސްކޫލުގެ ސީނިއަރ މެނޭޖްމެންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ރާވައި ބެލެހެއްޓުން
14- ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުމުގެ ފެންވަރުބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
15- ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް ބެލެނިވެރިންނާއި ޙިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
16- ސްކޫލް މާޙައުލަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާޙައުލަކަށް ހެދުން
17- ސްކޫލުގެ މާޙައުލު، ވަކިން ޚާއްސަކޮށް ކްލާސްރޫމަކީ އުނގެނުމަށް މަގުފަހިވާ ތަނަކަށް ހެދުން
18- ސްކޫލުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި ރެކޯޑްކުރުމާއެކު، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން
19- ސްކޫލުގެ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ދުވަހުން ދުވަހަށް ފޯރުކޮށްދިނުން
20- ސްކޫލުގެ އެކިކަންކަމާއި ބެހޭ ގޮތުން ބެލެނިވެރިންނަށް ބޭނުންވާ މަޢުލޫމާތު ޙިއްސާކުރަމުން ގެންދިއުން.
21- ސްކޫލްގެ ރެކޯޑްތައް ބެލެހެއްޓުން.
22- ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރަމުންގެންދާކަން ކަށަވަރުކުރުން.
ޕްރިންސިޕަލަކީ ސްކޫލް ހިންގުމާއި ޙަވާލުކުރެވޭ އެންމެ އިސްފަރާތަށްވުމާއެކު، ސްކޫލުން ރާވާ ހިންގާ ހުރިހާ ޙަރަކާތްތަކެއްގެ ފުރިހަމަ ޒިންމާ، ޕްރިންސިޕަލް އުފުލަން ޖެހޭނެ ކަމަށެވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *