ފަހި ކުތުބުޙާނާއިން ކިޔައިދިނީ އުތުރުން ދެކުނަށް ރާއްޖޭގެ ތާރީޚާއި އާދާކާދަ

ޤަޢުމީ ޔުނިވަރސިޓީގެ "ފަހި ކުތުބުޚާނާ" އިއްޔެ ވަނީ ބާއްވާފައެވެ. އިއްޔެ ހަވީރު ފެށި "ފަހި ކުތުބުޚާނާ" ނިންމާލީ ރޭ ގައެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ތާރީޚާއި އާދަކާދަ އެއްތަނަކުން ކިޔައިދިން ފެހި ކުތުބުޚާނާ ހުޚުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

ފަހި ކުތުބުޚާނާއިން ފެނިގެން ދިޔައީ ރާއްޖޭގެ އުތުރުން ދެކުނަށް ދެމިފައި އޮތް މުއްސަނދި ސަޤާފަތާއި އާދަކާދައެވެ. ދިވެހިންގެ ދިރިއުޅުމާއި އެ އަތޮޅަކަށް ޚާއްޞަ އުފެއްދުންތަކާއި މައުލޫމާތެވެ. މިއީ މިފަހަކަށް އައިސް ބޭއްވި މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

ޤައުމީ ޔުނިވަރސިޓީން ކުރިއަށް ގެންދިޔަ މި މުހިންމު ފަހި ހަރަކާތް ކުރިއަށް ދިޔައިރު، ކޮންމެ އަތޮޅަކަށް ވަކި ސްޓޯލެއް ޚާއްޞަ ކޮށްފައިވެއެވެ. އެ އަތޮޅެއްގެ މައުލޫމާތު ގެނެސްދިނީ، އެ ސްޓޯލެއްގައި ތިބި، އެ ޔުނިވަރސިޓީގެ ދަރިވަރުންނެވެ. އަދި ގިނައީ އަތޮޅުތަކަށް ނިސްބަތްވި ދަރިވަރުންނެވެ.

ކޮންމެ ސްޓޯލެއްވެސް ތައްޔާރު ކޮށްފައި ވަނީ، އެ އަތޮޅެއްގެ މައުލޫމާތު އެންމެ ފަސޭހައިން ލިބިދެވޭނެ ގޮތަށެވެ. މައުލޫމާތުގެ އިތުރުން އަތޮޅުގެ އުފެއްދުންތައް ވެސް ދައްކާލަން ބަހައްޓާފައި ހުއްޓެވެ.

" މިއީ ވަރަށް ސަޅި ކަމެއް، އެއްތަނަކުން ހުރިހާ އަތޮޅެއްގެ މައުލޫމާތު ލިބުމަކީ ވަރަށް މުހިންމު ކަމެއް. މިއީ ދާއިމީ ގޮތެއްގައި ކުރަން މުހިންމު ކަމެއް" ފަހި ކުތުބުޚާނާއަށް ރޭ ވަން ކިޔަވާ ކުއްޖަކު ބުންޏެވެ.

" މިއީ ފެށުމެއް ކަމަށް ބަލައި، ގިނަ ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތަށް ކުރިއަށް ގެންދިއުން އެއީ މުހިންމު ކަމެއް ކަމުގައި ދެކެން"

އެހެން ދަރިވަރަކު ބުނީ، ރާއްޖޭގެ ތާރީޚާއި ސަޤާފަތް ކުދިންނަށް ކިޔައިދޭންޖެހޭ ގޮތް ތަފާތު ކުރަންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ޔުނިވަރސިޓީފަދަ މުވައްސަސާތަކުން އިސްނަގައިގެން ކަމަށް ގަބޫލުކުރާކަމަށެވެ.

" މިތަނުން ވަދެވުނީމާ ވަރަށް އުފާވޭ. ހުރިހާ އަތޮޅެއްގެ މައުލޫމާތު އެއްތާކުން ފެންނަން އެހުރީ. އަދި އަތޮޅުތަކުގެ އުފެއްދުންތައް އެއްތާކުން ފެންނަން ހުރުމަކީ ވަރަށް ގަޔާވި ކަމެއް" އެ ދަރިވަރުގެ ޝުޢޫރު ފާޅުކުރިއެވެ.

"ފަހި ކުތުބުޚާނާ" ގެ މަޤްޞަދަކީ، އެ ޔުނިވަރސިޓީގެ ލައިބްރަރީގެ ޚިދުމަތާ ގުޅޭ މައުލޫމާތު އަންގައިދިނުމާއި، ލައިބްރަރީއިން މައުލޫމާތު ލިބިގެން ދަނީ ފޮތްތަކުން އެކަނި ނޫންކަން އަންގައިދިނުމެވެ. ފޮތް ކިޔާތަނެއްގެ ބަދަލުގައި، އާ ކަންކަންތައްތައް ދަސްކޮށްދޭ ނުވަތަ އާ މައުލޫމާތު ލިއްބައިދީ، ހަރަކާތްތަކުން ވެސް މީހުންގެ ހަނދާނުގައި ހަރުލާފަދަ މައުލޫމާތުތަކެއް ލައިބްރަރީއިން ފޯރު ކޮށްދިނުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *