ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް އޭލެވެލްއަށް ކިޔަވަން ސީއެޗްއެސްއީން ފުރުޞަތު ދޭން ނިންމައި، ދިރާސީ އާ އަހަރު ގުރޭޑް އެގާރައިގައި ކިޔަވާ ދަރިވަރުންގެ ނަންތައް އެ ސްކޫލުން އާންމުކޮށްފިއެވެ.
ސީއެޗްއެސްއީއަށް ވަނުމަށް، ޖުލައި ހަތްވަނަ ދުވަހު ކުރި އިއުލާނުގެ މުއްދަތު އިއްޔެއަށް ހަމަވިއިރު، އެ ސްކޫލްގެ ގުރޭޑް 11އަށް ވަންނަން އެދުނު ދަރިވަރުންގެ ތެރެއިން ޝަރުޠު ހަމަވި ހުރިހާ ދަރިވަރުންނަށް ފުރުޞަތު ދީފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ. ޝަރުޠު ހަމަވި 711 ދަރިވަރަކަށް ކިޔެވުމުގެ ފުރުޞަތު ވަނީ ީދީފައެވެ.
ސީއެޗްއެސްއީއަށް ވަނުމަށް އެ ސްކޫލުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ގުރޭޑް 11އަށް ވަދެވޭނީ، 1 މެއި 2021 ގެފަހުން ބައިވެރިވެފައިވާ އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވާ ދަރިވަރުންނަށެވެ. މީގެތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވާންޖެހެއެވެ.
ދިރާސީ އާ އަހަރު ގުރޭޑް 11އިން ޖާގަ ދެވޭނީ 550 ދަރިވަރުންނަށް ކަމަށާއި ވަންނަން ބޭނުންވާ ދަރިވަރުން އެ އަދަދަށްވުރެ އިތުރުވާނަމަ ކުދިން ނެގުމުގައި އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ކުދިންނަށް އިސްކަން ދެވޭނެ އެ ސްކޫލުން ކުރިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ. ސްކޫލަށް ވެއްދުމުގައި އިސްކަންދެނީ، ދިވެހި، އިސްލާމް، އިގިރޭސި، ހިސާބު އަދި އެންމެ މަތިން ފާސްވެފައިވާ އިތުރު 4 މާއްދާ ހިމަނައިގެން ޖުމްލަ 8 މާއްދާއަށް ލިބޭ ސްކޯއަށް ބަލައިގެން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް ގުރޭޑް 11އަށް ވަންނަން އެދުނު ދަރިވަރުންގެ ތެރެއިން ޝަރުޠު ހަމަވި ހުރިހާ ދަރިވަރުންނަށް މިހާރު ވަނީ އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ދީފައެވެ.
ސީއެޗްއެސްއީއާ އަލަށް ގުޅޭ ދަރިވަރުންނަށް މަރުޙަބާ ދަންނަވައި، އެ ސްކޫލުން ބުނީ، ދަރިވަރުންގެ ކިލާސްތައް ހަމަޖައްސާނީ އޮންލައިން ރަޖިސްޓްރޭޝަން ފޯމް މެދުވެރިކޮށް، މާދަމާގެ 2:00 ގެ ކުރިން ހުށަހެޅުމުން ކަމަށެވެ. އަދި ދަރިވަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދާނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.
ސީއެޗްއެސްއީން ގިނަ ދަރިވަރުންނަށް ފުރުޞަތު ދިންއިރު، އެ ސްކޫލްގެ އާ އިމާރާތް ނިންމައި، ދިރާސީ އަހަރުގެ ތެރޭގައި ކިޔަވައިދޭން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
advertisment
ހިޔާލު