މިނިސްޓަރު އެދިވަޑައިގަތީ، ފޮތާ ދޯޅުވެ، ގިނަގިނައިން ފޮތް ކިޔަން

ކާމިލު ދީދީ ޕްރައިމަރީ ސްކޫލްގެ ދަރިވަރުންނަކީ ފޮތާދޯޅު، ގިނަގިނައި ފޮތް ކިޔާ ދަރިވަރުންނަށް ވުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދި ވިދާޅުވެއްޖެއެވެ.

ކާމިލު ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ" އަޅުގަނޑު އެދެނީ މި ސްކޫލުގެ ނަން އެބޭފުޅަކަށް ނިސްބަތްވާ އަލް އުސްތާޛް އަޙްމަދު ކާމިލްދީދީ ފަދައިން މި ސްކޫލުގެ ދަރިވަރުންނަކީ ފޮތާ ދޯޅު، ގިނަގިނައިން ފޮތް ކިޔާ، މުޖުތަމަޢުގައި ހޭލުންތެރިކަން ފަތުރާ ދަރިވަރުންތަކަކަށްވުން"

މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، އެ ސްކޫލް ނިސްބަތްވަނީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލް މަޢާރިފް އަލްއުސްތާޛް އަޙްމަދު ކާމިލްދީދީއަށް ކަމަށާއި، އެ މަނިކުފާނަކީ ދިވެހި ބަހުން ތަފާތު ފޮތްތައް ލިޔުއްވާފައިވާ އަދީބެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ބަސް އިއްވެވި މޮޅު ބަސް މޮށުންތެރިއެއް ކަމަށާއި، ވެއަތުވެދިޔަ ޤަރުނުގައި ދުލާއި ޤަލަމުން ލިބިހުރި ޢިލްމާއި ހުނަރުން އަނެކުންނަށް އުގަންނައިދީ އޭގެ މަންފާ އާންމު ކުޅަ ދިވެހިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ބޭފުޅެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

" އެ މަނިކުފާނުގެ ހޮބީއަކީ މި ސްކޫލުގެ މޮޓޯކަމުގައިވާ ފޮތް ބެލުމާއި ފޮތް ކިޔުމާއި ލިޔުއްވުން" މިނިސްޓަރު ވިދާޅުވިއެވެ.

 ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް ހުޅުވުމުގެ އުފާވެރި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މަދްރަސާތަކަށް ޚާއްޞަ ނަންނަން ކިޔަނީ، އެ ނަމުން ދަރިވަރުންނަށާއި މުދައްރިސުންނަށް ފިލާވަޅުތަކެއް ލިއްބައިދޭން ކަމަށެވެ. ސްކޫލްތަކުގެ ނަމަށް ނިސްބަތްވާ ފަރާތްތައް ކުރެއްވި މަތިވެރި ކަންކަމުންނާއި އެ ބޭފުޅުންގެ އުޅުމުންނާއި އަޚްލާޤުން، ދަރިވަރުންނަށް އިލްހާމެއް ހޯދައިދޭން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޅަފަތަކީ ކުއްޖެއްގެ އުމުރުގައި އަންނާނެ އެންމެ މުހިއްމު އެއް ދުވަސްވަރު ކަމަށާއި، މި އުމުރުފުރާގައި ވަރަށް ހަލުވި ކަމާއެކު ވިސްނުމުގެ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި، ނަފުސާނީ ގޮތުންނާ އެހެން ގޮތްގޮތުން ކުދިން ތަރައްޤީވަމުން ބޮޑުވަމުންދޭ ކަމަށެވެ. މި އުމުރުފުރާގައި ކާމިޔާބުކަމާއެކު އެކިއެކި މަރުހަލާތައް ފުރިހަމަކުރުން، އެހެނިހެން އުމުރުފުރާތަކުގެ ކާމިޔާބީއާ ލާމެހިފައިވާ ކަމަށާއި، މި މަރުހަލާ އުފާވެރިކަމާ ކާމިޔާބުކަމާ އެކު ދަރިވަރުން ފުރިހަމަކުރުން އެއީ ވަރަށް މުހިއްމު ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

" ޅަފުރައިގައި ކަންކަން ހޯދާ ދެނެގަންނަން ކުދިން ވަރަށް ޝައުޤުވެރިވޭ. އަދި އެކުދިން ކަންކަން ދަސްކުރާލެންވެސް ވަރަށް އަވަސް. އެހެންކަމުން ދަރިވަރުންގެ ފަށާތަޢުލީމު މަރުހަލާއަކީ ފައްސި ތަޖްރިބާތަކެއް ދަރިވަރުންނަށް ލިއްބައިދޭ މަރުހަލާއަކަށް ހެދުން މުހިއްމު"

މިނިސްޓަރު ވަނީ، ކާމިލު ދީދީ ސްކޫލާގުޅޭ ދަރިވަރުންގެ ބެލެނިވެރިންނަށް ވެސް ޚާއްޞަ މެސެޖެއް ދެއްވާފައެވެ.

" އަޅުގަނޑުމެން ޔަޤީންކަން އަރުވަން ބޭނުމީ މިއަދު މިތާ މިތިބި ކުދިން ފަށާ ދަތުރުގައި، 2ވަނަ މަންމައިންގެ ގޮތުގައި އަދި ބައްޕައިންގެ ގޮތުގައި އަޅުގަނޑުމެން ތިބޭނެކަން. މި ތުއްތު ކުދިންނަށް އުޅުންތަކާއި ގުޅުންތައް ތަރުތީބުކުރުމަށް ދަސްކޮށްދޭނެކަން. އަދި މި ދަރިވަރުން ސާނަވީ މަރުހަލާއަށް ފުރިހަމައަށް ތައްޔާރުކޮށްދޭނެކަން"

މިނިސްޓަރު ވިދާޅުވީ، އެ ސްކޫލް ހުޅުވުމުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާބާދުވީ ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

" މާދުރުގައި ހުރި ސްކޫލަކަށް ދަރިފުޅު ގެންދިއުމުގެ ބަދަލުގައި ހިނގާލާފައި މަދު މިނިޓް ކޮޅަކުން ދަރިފުޅު މިހާރު ސްކޫލަށް ލެވޭނެ. ދަރިފުޅު ބަހަށް ލާފައި އެކަނި ފޮނުވާލަން ފަސްޖެހޭ ބެލެނިވެރިންނަށް ގޭ ބެލްކަނީގައި ހުރެ ދަރިފުޅު ސްކޫލަށް ވަންނަ މަންޒަރު ބަލާލެވޭނެ"

ދިރާސީ މި އަހަރުގެ ދެވަނަ ޓާމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ޚާއްސަކުރެވިގެން ހުޅުވޭ  ޞަލާހުއްދީން ސްކޫލުގައިވެސް ކިޔެވުން ފެށޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެ ސްކޫލަކީ އެލްކޭޖީން ފެށިގެން ގްރޭޑް 10އަކާއި ހަމައަށް ކިޔަވައިދެވޭނެ ސްކޫލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *