ޅ. އަތޮޅު ތަޢުލީމީމަރުކަޒުގެ ދަރިވަރުންނަށް ފުރާވަރު ކޭމްޕް ބާއްވައިފި

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން، ހިންނަވަރުގައި ހުންނަ ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް "ފުރާވަރު ކޭމްޕް" ބާއްވައިފިއެވެ. މި ކޭމްޕްގައި އެ މަރުކަޒުގެ 113 ދަރިވަރުން ބައިވެރިވިއެވެ. މިއީ މި ކޭމްޕް ކުރިއަށް ގެންދާ 86 ވަނަ ފަހަރެވެ.

ކުރިއަށް ގެންދިޔަ 86 ވަނަ ފުރާވަރު ކޭމްޕު ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ދެއްކެވި ވާހަކަ ފުޅުގައި، ކޮންމެ ދަރިވަރަކުވެސް ތައުލީމީ ހަޔާތް ނިންމައި މުޖުތަމައަށް ނުކުންނަ އިރު މުޖުތަމައިން ބަލައިގަންނާނެ ފަދަ ހަރުދަނާ ރިވެތި އުސޫލުތަކެއްގެ ދަރިވަރަކަށްވުމަށާއި އެ ޕްރޮގްރާމުން ދަސްވި އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެދިވަޑައިގެންނެވިއެވެ.

އޮގަސްޓް 25 އިން 27 އަށް ހިންވަރުގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ.

ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ގައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް އޮޅުންފިލުވައިދީފައިވެއެވެ. އަދި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ. އަދި މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މައުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. އަދި ވަގުތުގެ މުހިންމުކަމާއި އަބަދުވެސް ގަޑިން ގަޑިއަށް ކަންކަން ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކުގެ މައުލޫމާތު ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ހިއްސާކޮށްފައިވެއެވެ. އަދި އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން ބުނެދީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަން ބުނެދީފައިވެއެވެ. އަދި ގަނާކުރުމުގެ ނުރައްކަލާއި ގަނާ ކުރުމުން ލިބޭ ގެއްލުމާއި އެފަދަ ކަންކަމުން އެހެން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މައުލޫމާތުވެސް ދަރިވަރުންނަށް ދީފައިވެއެވެ. އަދި ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމާއި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތަކުގެ މައުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ ކިބައިގައި ގައުމީ ލޯބި އިތުރުކުރުމާއި ގައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވައި، ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ. އެ ކޭމްފުގެ ތެރެއިން ސްކޫލްތަކުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ބައެއް ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *