ކ. އަތޮޅު މަދަރުސާގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށައިފި

އަލަށް އިމާތް ކުރި ސޯޅަ ކުލާސްރޫމް ބޭނުން ކުރަން ފަށައި، ކާށިދޫގައި ހުންނަ އެ އަތޮޅު މަދަރުސާގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށައިފިއެވެ.

ކ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުޙައްމަދު ނަތީން ދަރިވަރު ނޫހަށް ވިދާޅުވީ، އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމާއެކު އެ ސްކޫލްގައި ކަރިކިއުލަމް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ގަޑިތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

" ކަރިކިއުލަމްގައި ބުނާ މިންގަނޑަށް ކިޔަވައިދޭން ފެށުނީ އަދި ކިރިޔާ" ނަތީން ވިދާޅުވިއެވެ.

ދެ ދަންފަޅިއަށް ކިޔަވައިދިންއިރު، ލައިބްރަރީއާއި އޭވީ ރޫމްވެސް ބޭނުން ކުރަމުން އައީ ކުލާހެއްގެ ގޮތުގައެވެ. އަދި ހޯލްގައި ވެސް ކިޔަވައިދޭން ޖެހުމުން އިތުރު ހަރަކާތް ކުރިއަށް ގެންދިޔައީ ވަރަށް ދަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯޅަ ކުލާސްރޫމް ހިމެނޭ އިމާރާތުގައި މަލްޓިޕާޕަސް ހޯލެއް ހިމެނެއެވެ. އެހެންވެ ހޯލުގައި ކުރިއަށް ގެންދަންޖެހޭ ހަރަކާތްތައް މިހާރު މާ ފުރިހަމައަށް ގެންދެވޭނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

450 އަށްވުރެ ގިނަ ކުދިން ކިޔަވަމުންދާ ކ. އަތޮޅު މަދަރުސާގައި ކިޔަވާ ދެމުން ގެންދަނީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށެވެ.

ނަތީން ވިދާޅުވީ، އެއް ދަންފަޅިއަށް ކިޔަވައިދެމުން ގެންދާނީ ކުރީގެ ބާ އިމާރާތުގެ ކުލާސްރޫމްތައް ވެސް ބޭނުންކޮށްގެންނެވެ. އެ ކުލާސްތައް ބޭނުން ނުކޮށް އެއް ދަންފަޅިއަށް ކިޔަވައިދޭން ދަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުޔެއް މި ލިބުނީ. ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް ލިބުނު ލުޔެއް މިއީ" ނަތީން ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *