ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގެ ދެވަނައިގައި ހިމެނުނު ހެނބަދޫ ސްކޫލްގެ މުޙައްމަދު ނާއިލަށް އިނގިރޭސި މާއްދާއިން ލިބުނީ އޭނާ އާއި ކިޔަވައިދިން ޓީޗަރުންނަށް ވެސް ހައިރާންކޮށްލި ނަތީޖާއެކެވެ. އޭނާ ހޯދީ އިނގިރޭސި މާއްދާއިން އޭ ސްޓާއާއެކު މުޅި ދުނިޔެއިން ވެސް އެއްވަނަ އެވެ. ދިވެހި މާއްދާ ފިޔަވައި ދެން ހުރި ހުރިހާ މާއްދާއަކުން ވެސް ހޯދީ އޭ ސްޓާއެވެ. އޭ ލިބުނީ ދިވެހިންނެވެ.
" މަސައްކަތް ކުރިން އެކަމަކު އެއްވަނަ ލިބިދާނެ ކަމަށް ގަބޫލެއް ނުކުރަން. އެކަމަށް އުއްމީދެއްވެސް ނުކުރަން" ނާއިލް ބުންޏެވެ.
ނާއިލްގެ ކިޔެވުމުގެ ބޮޑުބައެއް ބިނާވެފައި އޮންނަނީ ކުލާސްރޫމް ތެރޭގައެވެ. ގޭގައި ކިޔަވަނީ ކުލާސްރޫމްތެރޭގައި ހަދަންޖެހޭ މަސައްކަތެއް ނުނިމިއްޖެ ހާލަތެއްގައި ނޫނީ ޓެސްޓަކުން ބޭނުންވާވަރުގެ ސްކޯއެއް ނުހޯދިއްޖެނަމައެވެ. އެގޮތަށް މަސައްކަތް ކުރުމުން ގޭގައި ކުރަންޖެހޭ މަސައްކަތް ވަރަށް ކުޑައެވެ.

އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ލިބުނަސް އޭނާ އެންމެ ގަޔަވާވެގެން ކިޔެވި މާއްދާއަކީ ބަޔޮލޮޖީއެވެ. އިންސާނުންގެ ހަށިގަނޑު އުފެދިފައި ހުންނަ ގޮތާއި މަސައްކަތްކުރާ ގޮތް އެއީ ނާއިލްގެ ވަރަށް ބޮޑަށް ޝަޢުގުވެރިވާ ދާއިރާއެކެވެ. ބަލިބައްޔާއި އެއާ ގުޅޭ ނަންތައް ހޯދުމަކީ އޭނާގެ އަމިއްލަ ރިސާރޗުގެ ތެރެއިން އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. ނާއިލު އުޅެނީ ފޮތުގެ ތެރޭގައެވެ. ދިރާސާ މަޒުމޫނުތަކާއި ވާހަކަ ކިޔުމަކީ އޭނާގެ ދުވަހީ ތާވަލުގައި ކޮންމެ ދުވަހެއްގެ ރެސީޕީގެ ލޮނު ހެޔޮވަރުކޮށްދޭ ބައިތަކެވެ. އޭގެތެރެއިން ވެސް އެންމެ މުހިންމީ ޑިކްޝަނަރީއަށް އޭނާދޭ ސަމާލުކަމެވެ. ފޫހިވާ ވަގުތުތަކުގައި އޭނާ ހުޅުވަނީ ޑިކްޝަނަރީއެވެ. އެއިން ހޯދަނީ އަލަށް އިވޭ ބަސްތަކުގެ މާނައެވެ.
" އާ ބަހެއް އިވުނީމާ، ބަލަނީ އޭގެ ޕެޓާންއަށް. އަމިއްލައަށް އޭގެ މާނަ ހިތަށް ގެނެސްފައި، ދެން ބަލަނީ ޑިކްޝަނަރީން އޭގެ މާނަ" ކިތަންމެ އިރަކުވެސް އެ މަސައްކަތުގެ ތެރޭގައި ނާއިލަށް ވަގުތު ހޭދަކުރެވިދާނެއެވެ. އެކަން ކުރަން އޭނާ ފުއްސެއް ނުވެއެވެ.
" ދައްތަވެސް ބުނާނެ ތިހާ ވަރަށް ފޮތުގެ ތެރޭގައި އުޅެން ފޫއްސެއް ނުވޭހޭ. ޝަޢުޤުވެރިކަން ނުގެއްލޭހޭ " ހެމުން ހެމުން ނާއިލް ބުންޏެވެ.
ނާއިލް ބުނީ އޯލެވެލްއަށް ތައްޔާރުވިރުވެސް އާ ބަސްބަސް ހޯދާ، ޚާއްޞަ ލިޔުންތަކުގައި ބަސްތައް ބޭނުންކޮށްފައި ހުންނަ ގޮތް އެކްސްޕެރިމެންޓް ކުރާކަމަށެވެ.
"އަމިއްލަ ތަފާތު ގޮތަކަށް ނިޔެވޭތޯ ބަލަނީ. އަދި އެގޮތަށް ލިޔެފައި ޓީޗަރަށް ދައްކައި ރަނގަޅުތޯ ޗެކްވެސްކުރަން"
ނާއިލްބުނީ އަމިއްލައަށް ކިޔަވަން ބޭނުންވެގެން އުޅޭ ކުއްޖަކަށް ޓިއުޝަން އެހާ މުހިންމެއް ނޫން ކަމަށެވެ. އޭނާވެސް ޓިއުޝަން ނެގީ އެންމެ ތިން ދުވަހުއެވެ. ކެމިސްޓްރީގެ ފިލާވަޅެއްގެ ބޭސިކްބައި ފަހުމު ނުވެގެން، ސްކޫލްގައި ކެމިސްޓްރީ ކިޔަވައިދޭ ޓީޗަރު ކައިރިންނެވެ.
" ފިލާވަޅުގެ ބޭސިކްބައި ފަހުމު ނުވީމާ ޓިއުޝަނަށް ދިޔައީ. އެއީ ވެސް އެންމެ ތިން ދުވަހު. އޭގެ ފަހުން ޓިއުޝަން ނުގަން"
ޓެސްޓް ކައިރިވިޔަސް ހޭލާހުރެގެން ފިލާވަޅު ދަސްކުރުމަކީ އޭނާ ކުރި ކަމެއްނޫނެވެ. ނިދިނަގާލާފައި އެކަން ކޮށްގެން ކުރުމަކީ އެއީ އެނާއަށް ކުރެވޭ ކަމެއް ނޫނެވެ. އެއަށްވުރެ ނިދި މާ މުހިންމެވެ.
ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުން އޭލެވެލްއަށް ކިޔަވަމުންދާ ނާއިލްއަށް ކުރިއަށް ދާނެ ދާއިރާއެއް ނިންމަން އުނދަގޫވިއެވެ. ވަރަށް ގިނަ ވަގުތު އެކަމަށް ހޭދަވިއެވެ. އެންމެ ފަހުން ސިއްޙީދާއިރާއިން ކުރިއަށް ދާން ނިންމީ އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޮތް އެންމެ މުހިންމު ދާއިރާއަކީ އެއީ ކަމަށް ވާތީއެވެ.
ނާއިލްގެ ކާމިޔާބަކީ އެއީ ހެނބަދޫގެ ސްކޫލަށާއި އެ އާއިލާއަށް ލިބުނު ބޮޑު ފަޚުރެކެވެ. އޭނާގެ މިހާރުގެ އަމާޒަކީ އޭލެވެލްއެވެ. އޯލެވެލްގައި ހޯދި ފަދަ ކާމިޔާބެއް އޭލެވެލްގައިވެސް ހޯދުމެވެ.
advertisment
ހިޔާލު