ދުޅަހެޔޮ ސިއްޙަތެއްގައި ކުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރަކީ ސްކޫލުން ދަސްކޮށްދޭ މުހިންމު އެއްބައި: ޑރ. އައިޝަތު އަލީ

ދުޅަހެޔޮ ސިއްޙަތެއްގައި ކުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރަކީ ސްކޫލުން ދަސްކޮށްދޭ މުހިންމު އެއްބައި ކަމުގައިވުން މުހިންމު ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެއެވެ.

ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، ސްކޫލް ތެރޭގެ މާހައުލަކީ ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިވާނޭހެން ބައްޓަން ކުރެވިފައިވާ މާހައުލަކަށް ވާންޖެހޭ ކަމަށެވެ. އަދި ދަރިވަރު ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރަކީ، ސްކޫލުން ދަސްކޮށްދޭ މުހިންމު އެއްބައި ކަމުގައިވުން މުހިންމު ކަމަށެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ސްކޫލްތަކުގައި ރައްކާތެރި މާހައުލެއް ޤާއިމް ކުރުމަށާއި ކޮންމެ ސްކޫލަކީވެސް ދުޅަހެޔޮ ސިއްހަތަކަށް ފަހި މާޙައުލެއް އޮތް ސްކޫލަކަށް ހެދުމުގެ މަސައްކަތަކީ ވަރަށް ވެސް އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. ދަރިވަރުންގެ އުނގެނުމުގެ ފެންވަރު މަތިކޮށް، އެފެންވަރުގައި އެކަން ދެމެހެއްޓުމަށްޓަކައި، ދަރިވަރުންގެ ވަށައިގެން އެތައްކަމެއް ފަހިވެފައި ހުންނަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

" ދަރިވަރަކު ބަލިވެގެން ސްކޫލަށް ނާދެވޭ ކޮންމެ ދުވަހަކީ އެ ދަރިވަރަށް ޓީޗަރަކާއެކުގައި ހޭދަކުރާ ވަގުތުގެ ތެރެއިން މަދުވެގެން ފަސް ގަޑިއިރު ގެއްލިދާނެ ކަމެއް. މީގެ ނަތީޖާއަކީ އެދުވަހުގެ ފަސް ގަޑިއިރު ތެރޭގައި ކުލާހުގައި ހުށަހަޅައިދިން އާ މަފްޙޫމްތަކާއި، ފަރިތަކުރުންތައް އެދަރިވަރަކަށް ގެއްލިގެން ދިއުމުގެ ފުރުޞަތު ބޮޑުކަން" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

" މިގޮތަށް ގެއްލޭ ކޮންމެ ދުވަހެއްގެ ސަބަބުން ދަރިވަރުގެ އުނގެނުމުގައި އިތުރު ދަތިތަކެއް ކުރިމަވެދާނެ. ކޮންމެ ކުއްޖެއްގެ ސިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަކީ އެކުއްޖެއްގެ ފުރިހަމައަށް ހެދިބޮޑުވުމަށް، އަދި ކޮންމެ ކުއްޖެއްގެ ހަޔާތް އުފާވެރި ހަޔާތަކަށް ހެދުމަށްޓަކައި އޮންމެހެން ލާޒިމްކަމެއް"

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރާ އަހަރުތަކަކީ އެދަރިވަރުންގެ ތަރުބިއްޔަތުގެ ވަރަށް މުހިންމު އަހަރުތަކެއް ކަމަށެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބޭނުންވާނޭ އާދަކާދަތަކާއި މަޢުލޫމާތަކަކީ، ދަރިވަރުންގެ ސްކޫލް ދައުރުގައި ކުދިންނަށް ފޯރުކޮށްދިވިއްޖެނަމަ، އެކުދިންގެ މުޅިހަޔާތް ފަހި އަސަރެއް ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދުޅަހެޔޮ ސިއްޙަތަށް ފަހި މާހައުލެއް ޤާއިމްވެފައިވާ ސްކޫލް މާހައުލަކީ، ދަރިވަރުންނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ، ސިއްޙީގޮތުން ރިވެތި އާދަތައް އަށަގަނެފައިވާ ތިބި ދަރިވަރުންނަށް ހެދުމަށްޓަކައި، ސްކޫލް ޙިއްސާވާ ހުރިހާ އެންމެން، ސްކޫލުގައި ހިންގާ ހުރިހާ ކަމެއްގައި ވެސް ސިއްޙަތަށް މަގުފަހިވާނޭ ގޮތަށް ކަންތައްތައް ރާވާ ހިންގުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *