ޖަމާލުއްދީން: ވާހަކަ ދެއްކުމުގެ މުބާރާތުގައި އެންމެ ވިދުން ގަދަ ސްކޫލް

ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ނިމިގެން ދިޔަ އިރު ސްކޫލްތަކުގެ ބައިން އެންމެ ބޮޑަށް ވިދާލީ ޖަމާލުއްދީން ސްކޫލެވެ. ދަށު ސާނަވީ ބައިގެ ތަށި ޖައްސަ ޖައްސައިން ތިން ފަހަރު ހޯދައި އެ އުމުރުފުރައިގެ ތަށި އެ ސްކޫލުން ވަނީ މިލްކު ކޮށްފައެވެ. ސާނަވީ ބައިގެ ތަށި ފާއިތުވި ދެ އަހަރު ގެންދިޔައީ ވެސް ހަމަ އެ ސްކޫލުންނެވެ. ދަށު ސާނަވީ ބައިން އެއްވަނަ ދަރިވަރާއި، ސާނަވީ ބައިން ތިން ވަނައަށް އެންމެ މޮޅު ދަރިވަރަކީ ވެސް ޖަމާލުއްދީނުގެ ދަރިވަރުންނެވެ. 2019 ވަނަ އަހަރު ބޭއްވުނު ވާހަކަދެއްކުމުގެ ގައުމީ މިބާރާތުގައި އެ ސްކޫލުން ބައިވެރިވި ހުރިހާ ޢުމުރުފުރާއަކުން 1 ވަނަ ވަނީ ހޯދާފައެވެ.

ވާހަކަދެއްކުމުގެ މުބާރާތުގައި ޖަމާލުއްދީން ސްކޫލުން މި އަހަރު ބައިވެރިވި ދަރިވަރުނާއެކު ކޯޗް އަންވަރާއެކު: ޖަމާލުއްދީން ސްކޫލުން ދަނީ އެ މުބާރާތުގައި ތަފާތު ދައްކާފައި-

ފާއިތުވި ތިން އަހަރު ބޭއްވި ވާހަކަ ދެއްކުމުގެ ބުރާތުގައި ޖަމާލުއްދީނަށް ލިބުނު ވަނަތައް:

2018 ވަނަ އަހަރު ދަށު ސާނަވީ ބައިން 1 ވަނަ ސުކޫލް

2018 ވަނަ އަހަރު ދަށު ސާނަވީ ބައިން 1 ވަނަ ދަރިވަރު

2018 ވަނަ އަހަރު ސާނަވީ ބައިން 3 ވަނަ ސްކޫލް

2019 ވަނަ އަހަރު ދަށު ސާނަވީ ބައިން  1 ވަނަ ސުކޫލް

2019 ވަނަ އަހަރު ސާނަވީ ބައިން  1 ވަނަ ސުކޫލް

2019 ވަނަ އަހަރު އިބްތިދާއީ ބައިން 1 ވަނަ ސްކޫލު

2019 ވަނަ އަހަރު އިބްތިދާއީ ބައިން 1 ވަނަ ދަރިވަރު

2022 ވަނަ އަހަރު ދަށު ސާނަވީ ބައިން 1 ވަނަ ސްކޫލް

2022 ވަނަ އަހަރު ސާނަވީ ބައިން 1 ވަނަ ސްކޫލް

2022 ވަނަ އަހަރު ދަށު ސާނަވީ ބައިން 1 ވަނަ ދަރިވަރު

2022 ވަނަ އަހަރު ސާނަވީ ބައިން 3 ވަނަ ދަރިވަރު

ނޯޓް: 2020 އަދި 2021 ގައި ކޮވިޑާ ގުޅިގެން މުބާރާތް ނުބާއްވައެވެ.

ޖަމާލުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު ފަޒުނާ ވިދާޅުވީ، ވާހަކަ ދެއްކުމުގެ މުބާރާތުގައި އެ ސްކޫލުގެ ވިދުން ގަދައީ ދުރާލާ ރޭވިގެން އެ ސްކޫލުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ފަޒުނާ  ފާހަގަ ކުރެއްވީ " ގުލްފާމު" ގެ ނަމުގައި އާންމުކޮށް ހުޅުވާލައިގެން ކީ ސްޓޭޖް އެކެއްގައި ހިމެނޭ، ގުރޭޑް އެކަކުން ތިނެއްގެ ހުރިހާ ދަރިވަރުންނަށް އެ ސުކޫލުން ކުރިއަށް ގެންދާ ވާހަކަދެއްކުމުގެ މުބާރާތެވެ.

" އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކީ ސްޓޭޖް އެކެއްގެ ހުރިހާ ކުދިންނަށް އޮންނާނެ. އެއްވަނަ ބުރުން ދެވަނަބުރުން ގޮސް އެންމެ ރަނގަޅު ދިހަ ކުދިން ހޮވަނީ. ވަރަށް ރަނގަޅަށް ވާހަކަ ދައްކާ ދަރިވަރުން އެ މުބާރާތުގެ ތެރެއިން ކޮންމެ އަހަރަކުވެސް ފާހަގަކުރެވޭ. ތިން އަހަރުވާއިރު އެކުދިންގެ ތެރެއިން މޮޅު ހުނަރުވެރި ދަރުވަރުން ފާހަގަވޭ. އެކަމަށް ޝައުގުހުންނަ ކުދިންވެސް ދެނެގަނެވޭ" ފަޒުނާ ވިދާޅުވިއެވެ.  

ފަޒުނާ އިތުރަށް ވިދާޅުވީ ވާހަކަ ދައްކަން ދަސްކޮށްދިނުމަށް "ރިހި ދޫ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ކުލާހަކީ ވެސް ކުދިންގެ ޝަޢުޤުވެރިކަން އިތުރުވި ކުލާހެކެވެ. އެ ކުލާހުން އެތައް ކުދިންނަކަށް ވާހަކަ ދެއްކުމުގައި ކުރިއަށް ދިއުމަށް ބިންގާއަޅައިދިނެވެ. މީގެ އިތުރުން ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކޮށްދިނުމަށް ހިންގޭ ކުލާސްތަކަކީ ވެސް ކާމިޔާބީގެ ދަތުރުގެ ބައެއް ކަމަށް ފަޒުނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދަރިވަރުންނަށް ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުލާސްތަކެއް ކުރިއަށް  ގެންދަން. ޚާއްޞަކޮށް މުބާރާތް ފެށުމުގެ އެތައް ދުވަހެއް ކުރިން ވާހަކަދެއްކުމުގެ ޕޫލަށް ކުދިން ހޮވާ ޕްރެކްޓިސްކުރުވަން. އަންނަ އަހަރަށް ތައްޔާރުވުމަށް އަންނަ ހަފުތާގައި ވާހަކަދެއްކުމުގެ ޕޫލަށް ކުދިން ނަގާނެ. މިއީ އެއްދުވަހުން ދެ ދުވަހުން ކުރި މަސައްކަތެއްގެ ނަތީޖާއެއް ނޫން. މިއީ ރޭވުމުގެ ތެރެއިން ކުރެވުނު މަސައްކަތެއްގެ ނަތީޖާ" ފަޒުނާ ވިދާޅުވިއެވެ.

ޖަމާލުއްދީނުން ކުރިއަށް ގެންދިޔަ ވާހަކަ ދައްކަންދަސްކޮށްދޭ ކުލާހުގައި ދަރިވަރުން- މިފަދަ ކުލާސްތަކުގެ ސަބަބުން ވާޙަކަ ދެއްކުމުގައި ކާމިޔާބު ހޯދަން ދަރިވަރުންނަށް މަގުފަހިވޭ- ފޮޓޯ: ޖަމާލުއްދީން ސްކޫލް

ފަޒުނާ ވިދާޅުވީ،  ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި އެ ސްކޫލްގެ ވިދުން ގަދަ ވުމުގައި ކޯޗް އަންވަރު އިބްރާހިމްގެ ވަރަށް ބޮޑު ހިއްސާއެއް އެބަ އޮތް ކަމަށެވެ. ކުދިން ތައްޔާރު ކޮށްދިނުމުން ފެށިގެން، މުބާރާތްތައް ކުރިއަށް ގެންދިއުމުގައި އަބަދު ވެސް އޭނާގެ އެއްބާރުލުން ސްކޫލަށް ލިބޭ ކަމަށް ފަޒުނާ ވިދާޅުވިއެވެ.

" އެއީ ދަރިވަރުން ތައްޔާރު ކުރުމަށް އެންމެ ރަނގަޅު ކޯޗް. ސްކޫލުން އެދޭ ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުމެއް އަބަދުވެސް ދެއްވާ. ކާމިޔާބީގައި އަންވަރުގެ ހިއްސާ ވަރަށް ބޮޑު" ފަޒުނާ ފާހަގަކުރެއްވިއެވެ.

ޖަމާލުއްދީންގެ ކާމިޔާބީއާ މެދު އެ ސްކޫލުގެ އަދަބީ ކަންކަން ރާވައި ހިންގަމުން އަންނަ އަންވަރު އިބްރާހީމް ވިދާޅުވީ އެ ކާމިޔާބީގައި ސްކޫލުގެ ރޭވުންތެރިކަމާއި ދަރިވަރުންނާއި ބެލެނިވެރިންގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.

" ސްކޫލުން އަޅުގަނޑާ ހަވާލުކުރީ އަޅުގަނޑު ބޭނުންވާ ގޮތަކަށް ރާވާލައިގެން އަދަބީ ހަރަކާތްތައް ކުރިއަށް ގެންދަން. ވާހަކަދެއްކުން އަޅުގަނޑުމެން ފެށީ މީގެ 5 އަހަރު ކުރިން. އެންމެ ދަށު ގުރޭޑްތަކުން ފެށިގެން ދަރިވަރުން ތަމްރީނު ކުރެވޭތޯ ބެލީ. ޕްރިންސިޕަލްގެ ވިސްނުންފުޅަކީ ކޮންމެ ކުއްޖަކަށް ވެސް ފުރުޞަތު ފަހިކޮށްދެއްވުން. ސްޓޭޖެއްގައި ވާހަކަދައްކާލުމުގެ ފުރުޞަތު ކޮންމެ ކުއްޖަކަށް ވެސް އޮތުން. އެ ވިސްނުމާއެކު ހަރަކާތްތައް ހުޅުވާލީ ގްރޭޑް 2،1 އަދި 3 ގެ ދަރިވަރުންނަށް. އެހެން ގުރޭޑްތަކަށް ހިންގީ ކުލާސްތަކެއް. ހަގީގަތުގައި ކާމިޔާބީ ލިބުމުގެ އެއް ސިއްރަކީ އެއީ" ތަޖުރިބާކާރު ކޯޗު އަންވަރު ވިދާޅުވިއެވެ.

އަންވަރު އިތުރަށް ވިދާޅުވީ އޭނާގެ އަދަބީ ގިނަ ކުލާސްތަކަށް މުދައްރިސުންނާއި ބެލެނިވެރިން ސަމާލުކަން ދެއްވާ ކަމަށާއި ދަރިވަރުން ގަވައިދުން ފޮނުއްވާ ކަމަށެވެ.

" މުބާރާތް ކައިރިވުމުން ޚާއްޞަ ކުލާސްތައް މި ބާއްވަނީ ކޮންމެ ހުކުރު ހޮނިހިރަކު. ހެނދުނު 6 ޖަހާއިރު ދަރިވަރުންނަށް އަންނަން ކިޔަން. އެގަޑިއަށް ގަބޫލުވެ ޕްރެކްޓިސްއަށް ދަރިވަރުން އާދޭ. ބެލެނިވެރިން އެ ދަރިވަރުން އެބަ ފޮނުއްވާ. ހަގީގަތުގައި މިއީ ވަރަށް ބޮޑު ގުރުބާނެއް" އަންވަރު ހިއްސާކުރެއްވީ އޭނާގެ ތަޖުރިބާއެވެ.

މި އަހަރުގެ މުބާރާތުން ދަށު ސާނަވީ ބައިން 1 ވަނަ ހޯދި ފާތުމަތު ސާރާ ނަޒީރު ބުނީ ސްކޫލުން ބޭއްވި ވާހަކަދެއްކުމުގެ ގުލްފާމަކީ އޭނާގެ ކާމިޔާބީގެ ސިއްރު ކަމަށެވެ.

ދަށު ސާނަވީ ބައިން އެއްވަނަ ހޯދި ސާރާ: ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވުމަށް މަގުފަހިވެ ކުރިއަށް ދެވުނީ ސްކޫލްގައި ބޭއްވި މުބާރާތްތަކުން ލިބުނު ފުރުޞަތުތަކުން

" އަޅުގަނޑަށް ގްރޭޑް 1 ން ފެށިގެން ވާހަކަދައްކަން ފުރުޞަތު ލިބުނު. ގްރޭޑް 2 ގައި ބޭއްވުނު ގުލްފާމު މުބާރާތުން 2 ވަނަ ލިބުނު. އެ ހިސާބުން އަޅުގަނޑަށް ކޮންފިޑެންސް ލިބެން ފެށީ. ކެރިގެން ވާހަކަދެއްކޭ ގޮތްވީ. އޯޑިއެންސާ ކުރިމަތިލާއިރު ވިސްނަންވީ ކަންކަން އެނގުނީ. އަޅުގަނޑުގެ މަންމައާއި އާއިލާ އަދި އަންވަރ ސަރގެ އެހީތެރިކަމާއެކު މިއަދު މި ކާމިޔާބު މި ލިބުނީ" 2019 ވަނަ އަހަރުގެ ގައުމީ މުބާރާތުން އުމުރުފުރާއިން 2 ވަނަ ހޯދައި މި އަހަރު އެ އުމުރުފުރާއިން 1 ވަނަ ހޯދި ސާރާ ބުންޏެވެ.

ތެދެކެވެ. އަދަބީ އުޑުގައި ޖަމާލުއްދީންގެ ވިދުން ވަރަށް ގަދައެވެ. އެތައް ތަރިއެއް އެބަ ފިޔަ ޖަހައެވެ. މި ކާމިޔާބީ ގުޅިފައިވަނީ ރޭވުންތެރިކަމާ އެކު ކުރެވުނު މަސައްކަތްތަކާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *