އަފާ: ޕޯޑިއަމްކައިރިއަށް ހުއްޓުނު ފުރަތަމަ މުބާރާތުގައި ވެސް އެއްވަނަ

އަފާ، ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ވާހަކަ ދައްކަނީ: ލިބުނީ އުއްމީދު ކުރިވަރަށްވުރެ ފޮނި ކާމިޔާބީއެއް- ފޮޓޯ: ދިވެހި ބަހުގެ އެކެޑަމީ

ކުރިން ވާހަކަ ދައްކަނީ އެސަމްބްލީގައެވެ. މުދައްރިސުން ލިޔެފައި ދޭ އެއްޗެއް ބަލައިގެންނެވެ. ވާހަކަ ދެއްކުމުގެ މުބާރާތެއްގައި ވެސް ކުރިން ބައިވެރިއެއް ނުވެއެވެ. ކުއްލި މައުޟޫއަށް ވާހަކަ ދެއްކުމަކީ ވެސް އަލަށް ކުރި ކަމެކެވެ.

މަހެންހާ ދުވަހުގެ ފަރިތަކުރުންތަކަށްފަހު، ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގެ މަތީ ސާނަވީ އުމުރުފުރައިން އެއްވަނަ ލިބުމުން އިހަވަންދޫ ސްކޫލްގެ ޢާއިޝަތު އަފާ އަޝްރަފަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

" މުބާރާތް ފެށުމުގެ ކުރިން އުއްމީދެއް ނުކުރަން ވަނައެއް ލިބިދާނެ ކަމަކަށް. މުބާރާތުގައި ބައިވެރިވާން އައި އިރުވެސް ނިންމައިގެން ހުރީ، ވަގުތު ޖެހެންދެން ނުހުއްޓި ވާހަކަ ދެއްކުނަސް އެއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް" ދަރިވަރު ނޫހަށް އަފާ ކިޔައިދިނެވެ.

ސްޓޭޖްބިރާއި ހިތްނުތަނަވަސްވުމާ ދެކޮޅަށް ޕޯޓިއަމްކައިރީގައި އޭނާ ދެއްކީ ވަރަށް ބޮޑު ހިތްވަރެކެވެ. އަތޮޅު ތެރެއިން މުބާރާތުގައި ބައިވެރި މަދު ކުދިންގެ ތެރެއިން ވެސް އަފާގެ ނަން ފާހަގަކުރެވުނީ، އޭނާ ކުރި ބުރަމަސައްކަތުންނެވެ.

އަފާ ބުނީ، ނުހުއްޓި ވަގުތު ޖެހެންދެން ކުރި ހިތްވަރުން އެއްވަނަ ނޫނަސް ވަނައަކަށް އުއްމީދު ކުރެވުނު ކަމަށެވެ.

" ވާހަކަ ދައްކާ ނިމުމުން، ދެއްކި ވާހަކަތަކަށް ބަލައި ތިން ކުލައި ތަރިއެއްދޭ، އެއަށް ބަލާފައި މަންމަމެން ބުނި ދެވަނައޭ ހީވަނީ" ކިޔެވުމުގައި ވެސް ތަފާތު ދައްކަމުން އަންނަ އަފާ ބުންޏެވެ.

އަފާ ބުނީ، މުބާރާތުގެ ވާދަ ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބެއެވެ. ލިބުނު ވަގުތުގައި އެންމެ ބޮޑު އެހީތެރިކަމަކާއި ހިތްވަރެއް ދެއްވީ، އެ ސްކޫލްގެ ލީޑިންގ ޓީޗަރު ފަތުހުﷲ އަހުމަދު ރަޝީދު ސަރއެވެ. ސްކޫލުން ކޮށްދިން މަސައްކަތް އަފާ ފާހަގަކުރަނީ އުފަލާއެކުގައެވެ.

އަފާ ބުނީ، އެހެން ސްކޫލްތަކުން މުބާރާތުގައި ބައިވެރިވި ކުދިންނަކީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ތަފާތު ތަޖުރިބާތައް ކޮށްފައިވާ ދަރިވަރުންނެވެ. އެހެންވެ އެ ދަރިވަރުންނާ ވާދަކޮށް އެއްވަނަ ހޯދުމަކީ އެއީ ކުޑަކާމިޔާބީއެއް ނޫނެވެ.

ރަށު ސްކޫލުން އޭލެވެލްއަށް ކިޔަވަމުންދާ އަފާ ހުރީ ލިބުނު ކާމިޔާބީއާއެކު ވާހަކަ ދެއްކުން ހުއްޓާލާކަށް ނޫނެވެ. އެއްވަނަ ލިބުމަކީ އެއީ ވާހަކަ ދެއްކުން ތެރިއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް އަފާ ދެކެވެ.

އަފާއަކީ ކިޔެވުމުގައި ވެސް ތޫނުފިލި ކުއްޖެކެވެ. 21//20 ވަނަ އަހަރު ބޭއްވި އޯލެވެލްގައި އަށް މާއްދާއިން އޭ ސްޓާ ހޯދައިގެން އިހަވަންދޫ ސްކޫލްގެ ފަޚުރުވެރި އެއްވަނަ ހޯދީވެސް އޭނާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *