ޑރ. އާސިޔަތު މުޙައްމަދު ދީދީ
މިއަދަކީ ފޮނި އުންމީދުތަކަކާއެކު ދިރާސީ އާ އަހަރު ފަށައިގަންނަ އުފާވެރި ދުވަހެވެ. ކޮވިޑުގެ ހާލަތުގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަންނަށް ކުރަންޖެހިފައިވާ މަސައްކަތާއެކު ވެސް މުސްތަގުބަލަށް ކުރެވޭ އުންމީދުތައް ނުހަނު ގިނައެވެ. އެހެންނަމަވެސް މުޖުތަމަޢުގެ އަދުގެ ހާލަތަށް ބަލާއިރު ފެނިގެންދަނީ ކޮވިޑުގެ ވަބާއަށް ވުރެ މާ ނުރައްކާތެރި ހާލަތެކެވެ. މުޖުތަމަޢުން މިއަދު އިވެމުންދާ އަޑުތަކަކީ އަޅުގަނޑުމެންގެ ޅަދަރިންނަށް އިއްވަން އެންމެ އެކަށީގެންވާ އަޑުތަކެއް ނޫނެވެ. ހަމައެހެންމެ ފެންނަމުންދާ މަންޒަރުތަކަކީ އެކުދިންނަށް ދައްކަން އެންމެ ކަމުދާ މަންޒަރުތަކެއް ނޫނެވެ. މިއީ އެކުދިންގެ މުސްތަޤުބަލު ހަލާކުގެ ތެރެއަށް ވައްޓާލުމަށް މަގުފަހިވާ ކަންކަމަށް ވާއިރު މިކަމާމެދު ފުންކޮށް ވިސްނައި ރައްކާތެރި، އަމާން މުޖުތަމަޢެއް އެކުދިންނަށް ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ހަމަ ކޮންމެ ފަރުދެއްގެ ވާޖިބެކެވެ.

އަޅުގަނޑުމެންގެ ދަރިންނަށް މިއަދުގެ މުޖުތަމަޢުގައި ހިނގާ ހުރިހާ ކަމެއް ފެނި، އެ އަޑުތައް އިވެމުންދެއެވެ. ބައެއް ފަހަރު އެފަދަ އަޑުތައް އިވި ނުވަތަ އެފަދަ މަންޒަރުތައް ފެނުމުން އެ ކަންކަމާ ގުޅޭ ގޮތުން އިތުރަށް ހޯދައި ބެލުމަކީ ވެސް އެ ކުދިން ޝައުގުވެރިވެދާނެ ކަމެކެވެ. ކަންކަން ހޯދައި ބަލައި، ކަންކަމާ ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަކީ ރަނގަޅު ކަމެއްކަމުގައި ވިޔަސް މިއީ ކުދިންނަށް އެންމެ ފައިދާހުރި ގޮތެއްގައި ލިބިގަނެވޭ މަޢުލޫމާތު ކަމުގައި ނުވެދާނެކަން ގަބޫލުކުރަންޖެހެއެވެ. ސްކޫލް ފެށިގެންދާއިރު ކުދިންނަށް ލިބިފައިވާ މިފަދަ މަޢުލޫމާތުތައް އެހެން ކުދިންނާ ހިއްސާކުރުމާއި، އެފަދަ ކަންކަން ތަޖުރިބާކުރަން އުޅުމަކީ ނުވުމަށްވުރެ، ވުން ގާތް ކަންކަމެވެ. މިފަދަ ކަންކަން ނުވާނެޔޭ، ނުކުރާނެއޭ ނުވަތަ މިވެނި ކަމެއް އަޅުގަނޑުމެންގެ ތެރޭގައި ނެތޭ ބުނެ ހިތްހަމަ ޖައްސާލުން އެއީ ނުހަނު ފަސޭހަކަމެކެވެ. އެހެންނަމަވެސް މުޖުތަމަޢުގައި ހިނގާ ކޮންމެ ކަމަކުން އެތަނެއްގައި ދިރިއުޅޭ އެންމެންނަށް އޭގެ އަސަރު ފޯރާނެކަމާއި އެފަދަ ކަންކަން ހުރިހާ ދިމާއަކުން ވެސް ފެނިގެންދާނެކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. އެހެންކަމުން ބުއްދިވެރި ގޮތަކީ އެފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ބަލައިގެން ތައްޔާރަށް ތިބުމެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހާލަތު މިއަދު މިވަނީ ވަރަށްވެސް ކަންބޮޑުވާ ހާލަތެއްގައިކަމީ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ ހަގީގަތެކެވެ. ގޯސް ޢަމަލުތައް މިވަނީ އިންތިހާއަށް ގިނަވެފައެވެ. ޒުވާނުންނާއި ޅަޢުމުރުގެ ކުދިންގެ މެދުގައި ވޭޕުކުރުމަކީ ފެޝަނަކަށް ވެފައިވާއިރު، ޤާނޫނީ ގޮތުން ލައިސަންސް ލިބޭ ޢުމުރު ހަމަނުވަނީސް ސައިކަލް ދުއްވުމައި އެހެނިހެން އެފަދަ ޤާނޫނާއި ޚިލާފު ޢަމަލުތައް ކުރުމަކީ ވަރަށް އާދައިގެ ކަމެއްކަމުގައި މިވަނީ ވެފައެވެ. ރެއާދުވާލު ގެއިންބޭރުގައި އެކުވެރިންގެ ގްރޫޕްތަކާއެކު ވަގުތު ހޭދަކުރުމާ، ހުތުރު ބަހުން އެކަކު އަނެކަކާ މުޚާޠަބުކުރުމަކީ އެންމެ ރަނގަޅުގޮތެއް ކަމަށް މިވަނީ ބަލައިގެންފައެވެ. ކުދިންގެ ޢުމުރާނުގުޅޭ ނުވަތަ ބަލަންނުޖެހޭ ވީޑިއޯތަކާއި އެހެނިހެން މަންޒަރުތައް ބެލުމާއި ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ ޢަމަލުތަކަކީ އަދުގެ މުޖުތަމަޢާ ފައިހަމަކުރަން އެކުދިން ކުރާ ކަމަކަށް މިވަނީ ވެފައެވެ. މިފަދަ ކަންކަން ހިނގަމުންދަނީ ފާޅުކަންބޮޑު ގޮތެއްގައި ކަމަށްވިއަސް މިކަންކަން ހައްލުކުރެވޭނެ ގޮތެއް ނެތި އަޅުގަނޑުމެން ތިބެންޖެހިފައިވަނީ ބިރުވެރިކަމާއި މާޔޫސްކަމެއްގެ ތެރޭގައެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކިތަންމެ ވަރަކަށް އަޅުގަނޑުމެން މަސައްކަތް ކުރިނަމަވެސް ވަށައިގެން ފެންނަމުންދާ މަންޒަރުތަކާ އިވެމުންދާ އަޑުތަކަކުން ކުދިންނަށް އަސަރުކުރާނެ ކަމެވެ. ކުދިންނަށް ދަސްކޮށްދޭ އެއްޗަކަށްވުރެ ބޮޑަށް ވަށައިގެންވާ މާހައުލުން ފެންނަ ކަންކަމުން އެކުދިން ދަސްކުރާ މިންވަރު ބޮޑުކަމުގައި ޢިލްމުވެރިން ހާމަކުރައްވައެވެ. ވީއިރު، މިފަދަ ޢަމަލުތައް ހުއްޓުވެން އޮތީ ފަރުދީގޮތުން އަޅުގަނޑުމެން ކޮންމެމީހަކުވެސް އަދާކުރަންޖެހޭ ޒިންމާތައް އަދާ ކުރުމާއެކު މުޅިމުޖުތަމަޢު އިޞްލާހުވެގެން ކަމާމެދު ޝައްކެއްނެތެވެ.
ދިރާސީ އާ އަހަރު، ނުހަނު ފޮނި އުއްމީދުތަކާއެކު ފަށައިގަންނައިރު މުޖުތަމަޢުގައި ހުރި މިފަދަ ކަންކަން ހައްލުކުރުމަށް މަސައްކަތްކޮށް، އަޅުގަނޑުމެންގެ ދަރިން މިކަންކަމުން ސަލާމަތްކުރުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެކެވެ. މައިންބަފައިން ފިޔަވައި ކުދިންގެ ތަރުބިއްޔަތުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއްފަރާތަކީ ސްކޫލުތައް ކަމަށްވީއިރު، މުޖުތަމަޢުގައި ހުރި މިފަދަ ކަންކަމާ ގުޅޭ ވާހަކަތައް ދައްކަން އެބަޖެހެއެވެ. މިކަމުގައި އެހެންބަޔަކު ކުށްވެރިކުރުމުގެ ބަދަލުގައި ކުދިންގެ މުސްތަގުބަލަށްޓަކައި ފަރުދީ ޒިންމާ އަދާކުރުމުގައި އިސްނަގަންޖެހެއެވެ. މުޖުތަމަޢުގެ އަދުގެ ހާލަތަށް ބަލާއިރު އަދުގެ ޅަދަރިންނަށް އުޖާލާ މުސްތަގުބަލެއް، އުފާވެރި މާދަމައެއް ހޯދައިދިނުމަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތް ނުހަނު ބޮޑުވެފައި ބުރަ ކަމުގެ އިހުސާސްކުރެވެއެވެ. އެހެނަސް މިކަމުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް އަޅައިފިނަމަ ޤައުމުގެ މުސްތަގުބަލު ބަނަވެ، ހިތާމަވެރި ހާލަތެއް މެދުވެރިވުމަކީ ދުރުކަމެއް ނޫނެވެ. އެހެންކަމުން ފަރުދީ ހައިސިއްޔަތުން މިކަމަށް އިސްނަގައި އެންމެން ގުޅިގެން މުޖުތަމަޢުގެ މިހާލަތުން އަރައިގަތުމަށް މަސައްކަތްކުރުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ.

ދިރާސީ އާ އަހަރަށް މަރުހަބާކިޔަމުންދާ މިއަދު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ އަޅުގަނޑުމެންގެ ކުދިންނަށް ރައްކާތެރި ވެއްޓެއް ޤާއިމުކޮށްދިނުމަށެވެ. ސްކޫލުތަކާ ބެލެނިވެރިން އެކުގައި އަތުކުރި އޮޅާލަންވީ މާދަމާގެ ޒުވާނުންކަމުގައިވާ އަދުގެ ޅަދަރިންނަށް ރިވެތި ނަމޫނާ ދެއްކުމަށެވެ. އޭރުން އަޅުގަނޑުމެންގެ ކުދިންގެ މާދަމާ ނުހަނު އުޖާލާވެ، ގައުމުގެ މުސްތަގުބަލު ސަލާމަތުގެ އައްސޭރިޔަށް ގެންދިއުމަށް މިކުރާ މަސައްކަތް ކާމިޔާބުވެގެންދިޔުމަކީ ދާދި ގާތުގައިވާނެ ކަމެކެވެ. އެހެންކަމުން ރިވެތި އަޚުލާޤަކާއި މޮޅު ހުނަރުތަކަކާއެކު ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުދިންތަކެއް ތަރުބިއްޔަތުކުރުމުގައި ސްކޫލާއި ބެލެނިވެރިން އަދި މުޖުތަމަޢުގެ އެންމެން ގުޅިގެން މަސައްކަތްކުރަމާ ހިނގާށެވެ. އިންޝާﷲ އަޅުގަނޑުމެންނަށް މިކަމުގައި ކާމިޔާބު މިންވަރުކުރައްވާށި. އާމީން!
advertisment
ހިޔާލު