ދިރާސީ އާ އަހަރު މާދަމާ ފަށާއިރު، ދަރިވަރުންނަށް މަރުޙަބާ ކިޔަން ސްކޫލްތައް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.
ބޮޑު ޗުއްޓީއަށްފަހު ދަރިވަރުން ސްކޫލްތަކަށް ނުކުންނައިރު، އެކުދިންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ސްކޫލްތަކުން ދަނީ ގިނަ ކަންތައްތަކެއް ވަމުންނެވެ.
ދިރާސީ އާ އަހަރު، މާލެއާއި އަތޮޅުތަކުގައި 92،300 ދަރިވަރުން ކިޔަވަމުން ގެންދާނެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ 214 ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާއި އަމިއްލަ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުން ހިމެނެއެވެ. މި ދަރިވަރުންނަށް ކިޔަވާ ދިނުމަށް 8،0364 މުދައްރިސުން މަސައްކަތް ކުރާނެއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން ސްކޫލްތަކަށް ޓީޗަރުން ނުކުމެފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ޓީޗަރުންނަށް ޚާއްޞަކޮށްގެން ޕީޑީ ސެޝަންތަކާއި ލިޑިންގ ޓީޗަރުންނަށް އަމާޒުކޮށް މިފަދަ ސެޝަންތަކެއް ބައެއް ސްކޫލްތަކުން ކުރިއަށް ގެންދިޔައެވެ. އަދި ބެލެނިވެރިންގެ ބައްދަލުވުންތައް ވެސް ބައެއް ސްކޫލްތަކުން ދަނީ ބާއްވަމުންނެވެ.
މާލޭގައި ހުރި އެއް ދަންފަޅިއަށް ކިޔަވައިދޭ ސަރުކާރުގެ ހަމައެކަނި ސްކޫލަކީ އިއްޒުއްދީން ސްކޫލެވެ. އެ ސްކޫލްގެ ޕްރިންސިޕަލް ނާދިރާ ހަސަން ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ދަރިވަރުންނަށް މަރުޙަބާ ކިޔަން އެ ސްކޫލް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.
" އަޅުގަނޑުމެން މި ތިބީ ދަރިވަރުންގެ އިންތިޒާރުގައި " ނާދިރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުދިންނަށް ޚާއްޞަ ހަރާކަތްތަކެއް އޮންނާނެ ކަމަށާއި، މާދަމާ ދާނީ ކުދިންނާއި މުދައްރިސުން ތަޢާރަފުވެލުން ކަމަށެވެ.
އެސެމްބްލީއެއްގެ އިތުރުން އެކްޓިވިޓީސްތަކެއް ކުރިއަށް ގެންދާނެ. ބޭނުން ވަނީ ދިރާސީ އާ އަހަރު ފެނިދެނިވެ، ގުޅުން ބަދަހިކުރުން"
އިއްޒުއްދީނުން ވަނީ އެ ސްކޫލްގެ ގުރޭޑް އެކަކަށް ވަންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް، މައުލޫމާތު ވެސް ހިއްސާކޮށްފައެވެ.

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގައި ދިރާސީ އާ އަހަރު ފަށާނީ ފުރަތަމަ ދަންފަޅީގެ ހުރިހާ ކުދިން ބައިވެރިވާ ފަތިސް ނަމާދުގެ ބޮޑު ޖަމާއަތުންނެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ނިންމާފައެވެ.
ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލްގެ ޕްރިންސިޕަލް ނާޒިމާ އަލިމަނިކު ވިދާޅުވީ، ދަރިވަރުންނަށް މަރުޙަބާ ކިޔަން އެ ސްކޫލް ތައްޔާރުވަމުންދާ ކަމަށާއި، މިއަދު ވެސް މުދައްރިސުންނާއި އެހެނިހެން ސްޓާފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނާޒިމާ ވިދާޅުވީ، ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު، ކޮންމެ ކީ ސްޓޭޖަކަށް ވަކިން އެސަމްބްލީއެއް ބާއްވާނެ ކަމަށާއި، އެ އެ ސަމްބްލީގައި އެ ސްކޫލުން އަލަށް ކުރިއަށް ގެންދާ ކަންތައްތައް ދަރިވަރުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.
ކިހާދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޒުބައިރު ވިދާޅުވީ އެ ސްކޫލް އޮތީ ދަރިވަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް ކަމަށާޢި، ފޮތްތަކާއި މުދައްރިސުން ވެސް ހަމަވެފައިވާ ކަމަށެވެ.
advertisment
ހިޔާލު