ދިރާސީ އާ އަހަރު އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށާއިރު، ސްކޫލްތަކުގައި މިހާރު ކިޔަވައިދެމުން ގެންދާ ބިދޭސީ މުދައްރިސުންގެ ބަދަލުގައި ދިވެހި މުދައްރިސުން ހޯދަން ސްކޫލްތަކުން އަންނަނީ އިއުލާން ކުރަމުންނެވެ. ދިވެހި ޓީޗަރަކު ނުލިބިއްޖެ ހާލަތެއްގައި ނޫނީ ބިދޭސީ ޓީޗަރަކު ނުގެންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އޮތީ އިއުލާން ކޮށްފައެވެ.
ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދަން އިއުލާން ކުރި ނަމަވެސް އެކަށީގެންވާ ތަރުޙީބެއް މީގެ ކުރިން ނުލިބެއެވެ. އެއީ ޓީޗަރުން ކުރާ މަސައްކަތާ އަޅާބަލާއިރު އެކަށީގެންވާ މުސާރައެއް ނުދޭތީއެވެ. މެއި އެއްވަނަ ދުވަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައިވާއިރު، މިހާރު ކިޔަވައިދެމުން ގެންދާ ދިވެހި މުދައްރިސުން ޚިދުމަތުގައި ދެމިތިބުމުގެ އިތުރުން، އެ ދާއިރާއާ ދުރަށް ދިޔަ ދިވެހި މުދައްރިސުން އަނބުރާ ޚިދުމަތަށް ނުކުންނަން ބޭނުންވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ ވިދާޅުވީ، ބިދޭސީން ތިބި މަގާމްތަކަށް ދިވެހި ޓީޗަރުން ހޯދަން ކުރި އިއުލާނާ ގުޅިގެން އުއްމީދުކުރަށްވުރެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އޭނާ ވިދާޅުވީ، ބައެއް މާއްދާތައް ކިޔަވައިދޭނެ ޓީޗަރުން ހޯދަން އިއުލާން ކުރުމުން ކުރިމަތިލާ ފަރާތްތައް ކުރިއާ އަޅާބަލާއިރު އިތުރު ކަމަށެވެ.
" އިނގިރޭސިއާއި ކޮމްޕިއުޓަރ ސްޓަޑީޒާއި ސައިންސް މާއްދާ ކިޔަވައިދޭނެ ޓީޗަރެއް ހޯދަން އިއުލާން ކުރިތާ ދެ ދުވަސްވީ، އަޅުގަނޑުމެންނަށް އެޕްލިކޭޝަންތައް ލިބެންފަށައިފި. ކުރިއާ އަޅާބަލާއިރު، ކުރިމަތިލާ ޓީޗަރުންގެ ޝަޢުޤުވެރިކަން ބޮޑުވެ އަދަދު ވެސް އިތުރުވެއްޖެ" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ޤުރުއާން ޓީޗަރަކު ހޯދަން އިއުލާން ކުރުމުން އެންމެ މަގާމަކަށް ވިއްސަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށެވެ.
" އެންމެ މަގާމަކަށް ވިއްސަކަށް މީހުން ކުރިމަތިލުމަކީ ކުރިމަގަށް އޮތް ހެޔޮފާލެއް " ނާޒިމް ވިދާޅުވިއެވެ.
" މިހާރު މި ފެންނަނީ މުސާރައަށް އައި ބަދަލާއެކު މުދައްރިސްކަމަށް އޮތް ޝަޢުޤުވެރިކަން"
ޓީޗަރުންގެ ޑިމާންޑް އަބަދުވެސް އޮންނާނީ މާލޭގެ ސްކޫލްތަކަށެވެ. މުސާރައަށް އައި ހެޔޮބަދަލާއެކު ވެސް ކުރު މުއްދަތެއްގެ ތެރޭގައި ބިދޭސީންގެ ބަދަލުގައި ދިވެހި ޓީޗަރުން އަތޮޅުތެރޭގެ ސްކޫލްތަކަށް ލިބުން ފަސޭހައެއް ނުވާނެ ކަމަށް ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުން ގަބޫލުކުރައްވައެވެ.
ބިލެތްފަހީ ސްކޫލްގެ ޕްރިންސިޕަލް އަމްޖަދު ހުސައިން ވިދާޅުވީ، ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދަން އެ ސްކޫލުން ހުޅުވާލުމުން މިހާތަނަށް ލިބުނީ ދިވެހި އެންމެ ޓީޗަރެއް ކަމަށެވެ.
" އަޅުގަނޑުމެންނަށް ލިބުނީ ދިވެހި އެންމެ ޓީޗަރެއް" އަމްޖަދު ވިދާޅުވިއެވެ.
އަމްޖަދު ވިދާޅުވީ، ދިވެހި މުދައްރިސުން އިތުރުކުރަން ޓާގެޓް ކޮށްގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ރަށުގެ ތިން ކުއްޖަކު މިހާރު ޓީޗިންގ ހަދަމުންދާތީ، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެދެވޭ ބަދަލެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
" ތިން ކުދިން މިހާރު ކިޔަވަމުން އެބަގެންދޭ. އެކުދިން ނިމުނީމާ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ" އަމްޖަދު ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ، ބިދޭސީންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދަން ކޮންމެ ހަ މަހަކުން އިއުލާން ކުރާ ކަމަށާއި ދިރާސީ އާ އަހަރު ފެށެން ވާއިރަށް ޓީޗަރުން ހޯދަން މިހާރު ވެސް އިއުލާން ކޮށްފައިވާނެ ކަމަށެވެ.
" އަޅުގަނޑުމެންނަށް އަދި ނުލިބޭ ބިދޭސީ ޓީޗަރުންގެ ބަދަލުގައި ޝަރަޠު ހަމަވާ ދިވެހި ޓީޗަރެއް" ނާސިހާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތަޢުލީމީ ދާއިރާއަކީ މިހާރު އެންމެ " އެޓްރެކްޓިވް" ދާއިރާ ކަމަށާއި، މިހާރު ކިޔަވަމުންދާ ދަރިވރުންނަށް ވެސް ކިޔަވައިދިނުމުގެ ތެރެއަށް ވަންނަން ވަގުތު ނަގާނެތީ، ކުރުމުއްދަތެއްގެ ތެރޭގައި ދިވެހިން ލިބުމުގައި ދަތިތަކެއް ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް ދެތިން އަހަރު ދުވަހުގެ ތެރޭގައި ދިވެހި ޓީޗަރުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނާސިހާ ވިދާޅުވިއެވެ.
" ވަގުތުން ވަގުތަށް ހައްލެއް ނުލިބޭނެ. އެކަމަކު ދެތިން އަހަރު ތެރޭގައި ހައްލެއް ލިބެން ފަށާނެ" ނާސިހާ ވިދާޅުވިއެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު ބިދޭސީ މުދައްރިސުން އަދަދު އަންނަނީ ދަށްވަމުންނެވެ. ދިރާސީ އަހަރު ނިމުނުއިރު ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ތިބީ 1710 ޓީޗަރުންނެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ވެސް އެހެން އަހަރުތަކާ އަޅާބަލާއިރު، މި އަހަރު ގެންނަންޖެހޭ ބިދޭސީ ޓީޗަރުންގެ އަދަދު މަދުވާނެ ކަމަށެވެ. ދިރާސީ އާ އަހަރާއެކު ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުންގެ ފުރަތަމަ ބެޗް މިހާރު ވަނީ ރާއްޖެއައިސްފައެވެ. އިތުރު ޓީޗަރުންތައް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ސްކޫލްތަކުގައި ކިޔަވައިދޭނެ ކޮލިޓީ ޓީޗަރުން އުފެއްދުމުގެ މަސައްކަތް ކުރިއަށް ދިޔަނަމަވެސް މީގެ ކުރިން އެ މަސައްކަތް ކާމިޔާބު ނުވީ، މުސާރައިގެ ފަރަގު ބޮޑުވުމާއި ޓީޗަރުންނަށް ކޮށްދޭންޖެހޭ ކަންތައްތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭނެ ނިޒާމެއް ރޭވިފައި ނެތުމުންނެވެ. ޓީޗަރުންނަށް ދިމާވެފައިވާ ދަތިތައް ސަރުކާރުން މިހާރު ވަނީ ދެނެގަނެފައެވެ. އެކަމާ ގުޅޭ ގޮތުން އެކުލަވާލި ރިޕޯޓްގައި ބުނެފައިވާ ކަންތައްތައް ތަމްފީޒު ކުރެވިއްޖެނަމަ ބިދޭސީ ޓީޗަރުންގެ ދައުރު ކުޑަވެ، ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔަވައިދޭން ތިބޭނީ ދިވެހި ޓީޗަރުންނެވެ. އެކަމަކު އެއީ ދެތިން އަހަރު ފަހުންނެވެ.
advertisment
ހިޔާލު