ކިނބިދޫ ސްކޫލުން ބާރުއަޅަނީ ކޮންމެ ދަރިވަރަކު، ކޮންމެ ދުވަހަކު ފޮތެއް ކިޔަން

ކޮންމެ ދުވަހަކު ކިޔެވުން ފެށުމުގެ ކުރިން ބައިގަޑިއެއްހާޢިރު ދަރިވަރުން ހޭދަކުރަނީ ފޮތް ކިޔުމުގައެވެ. އެއީ ސްކޫލްގެ ޓައިމްޓޭބަލްގައި ހިމެނިގެން އާދަކޮށް ހިނގާކަމެކެވެ. ބޭނުމަކީ ފޮތް ކިޔުމުގެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމެވެ. ކުދިން ލައްވައި އެކަން ކުރުވުމެވެ. މީގެ ހަތަރު އަހަރުކުރިން ފެށި މަސައްކަތް މިއަދު ވެސް އެ ގޮތަށް ކުރިއަށް ގެންދެއެވެ.

ކިނބިދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ފާހަގަކުރެއްވި ގޮތުގައި ފޮތުގެ ތެރެއަށް ދަރިވަރުން ވެއްދުމަށް މީގެ އަހަރުތަކެއް ކުރިން އެ ސްކޫލުން ފެށި މަސައްކަތުގެ ނަތީޖާ މާބޮޑަށް ވެސް ރަނގަޅެވެ. ފޮތް ކިޔެމުގެ ވައްޓަފާޅި ވަނީ ބަދަލުވެފައެވެ. ކިޔުމުގެ އާދަ ދަރިވަރުންގެ ކިބައިގައި ދަނި ހަރުލަމުންނެވެ.

" ފެށިއިރާ އަޅާބަލާއިރު، ވަރަށް ބޮޑުތަން މިހާރު ރަނގަޅު. ކިޔުމުގެ ޝަޢުޤުވެރިކަން ކުދިންގެ ފަރާތުން އެބަފެނޭ. އެކަމަށް މަސައްކަތް ކުރާތަން ވެސް އެބަފެނޭ" އަހުމަދު ވިދާޅުވިއެވެ.

ކޮންމެ ކުލާހެއްގައި ތިބޭ ކުދިންގެ އަދަދަށް ބަލާފައި ކޮންމެ މަހަކު އެ އަދަދަށް ކުލާހަކަށް ސްކޫލްގެ ލައިބްރަރީން ފޮތް ދޫކުރެއެވެ. ކުލާހަކަށް ދޫކުރާ ފޮތް ބުރުހަމަކުރާ ގޮތަށް ކޮންމެ ދުވަހަކު ވެސް ކުއްޖަކަށް ފޮތެއް ލިބެއެވެ. އެ ފޮތް ގެންދަން ޖެހެނީ ގެއަށެވެ. ޖެހިގެން އަންނަ ދުވަހު އެ ފޮތް ކިޔާ ނިންމާފައި މުދައްރިސާ ހަވާލުކުރަން ޖެހެއެވެ. ކޮންމެ ދުވަހަކު ކޮންމެ ކުއްޖަކަށް ކިޔާނެ އާ ފޮތެއް ލިބޭނެއެވެ.

އަހުމަދު ވިދާޅުވިގޮތުގައި ކޮވިޑްއާ ގުޅިގެން ސްކޫލަށް ދަރިވަރުން ހާޒިރު ނުވެވުމުން އެ ޕްރޮގްރާމަށް މަޑުޖެހުމެއް އައެވެ. އެއާއެކު ފޮތް ގެންގޮސްގެން ކިޔުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަންފެށިއެވެ.

" އޮންލައިންކޮށް ކިޔަން ފެށުމުން ބަދަލުތަކެއް އައި، ސްކޫލް ހުޅުވުމާއެކު ކުރިއެކޭ އެއްގޮތަށް ފޮތް ގެއަށް ގެންގޮސްގެން ކިޔަނީ. ބޭނުމަކީ ފޮތް ގެންގޮސްގެން ފޮތުން ކިޔުމުގެ އާދަ އަށަގެންނެވުން" އަހުމަދު ވިދާޅުވިއެވެ.

" އަޅުގަނޑުމެން ބާރުއަޅަނީ ކޮންމެ ދުވަހަކުވެސް ގެއަށް ގެންދާ ފޮތް ކިޔާ ނިންމަން. ދުވާލަކު ފޮތެއް ކިޔަން" އެ ޓާގެޓްގެ ބޮޑުބައެއް ހާޞިލްވޭ"  

އަހުމަދު ވިދާޅުވިގޮތުގައި ފޮތް ކިޔުމަށް ކުދިންގެ ޝަޢުޤުވެރިކަން އިތުރުކުރުމަށް އާ ފޮތްތައް ލައިބްރަރީއަށް ހޯދަންޖެހެއެވެ.

" މިހާރު މި އޮތީ ފޮތް އިތުރުކުރަން ޖެހިފައި"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *