ޤުރުއާން ހިތުދަސް ނުވާނެއޭ ހިތަށްއަރާ ކޮންމެ ފަހަރަކު، ހަނދާން ކޮށްދިނީ ޤުރުއާނުގެ މަތިވެރިކަން

ޤުރުއާން ހިތުދަސްކުރަން ހިތުއަޅައި، އެކަމަށް މަސައްކަތް ފަށައިގެން ކުރިއަށް ދިޔައިރު، އެކަން ނުކުރެވޭނެއޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. އުނދަގޫ އެތައް އާޔަތްތަކާ ކުރިމަތިލާއިރު، ކުރިއަށް ނުދެވިގެން އެ ޚިޔާލު ދޫކޮށްލަން އެތައް ފަހަރު ނިންމިއެވެ. އެކަމަކު މުހައްމަދު އައިދިން ނަޖުމީގެ ހިތް، އެއިން ކޮންމެ ފަހަރަކު ވެސް ބުނެދިނީ ޤުރުއާނުގެ މަތިވެރިކަމެވެ. މޫރިތިކަމެވެ. އެގޮތަށް ހިތަށްއަރާ ކޮންމެ ފަހަރަކު އާ ހިތްވަރަކާއެކު ޤުރުއާން ހިތު ދަސްކުރުމުގެ މަސައްކަތް ކުރިއަށްވުރެ ބާރުލާފައި ފަށައިގަނެއެވެ. އެކަމުގައި އޭނާ ކާމިޔާބު ހޯދީ އެ އުނދަގޫތައް އެއްފަރާތް ކުރުމަށްފަހުއެވެ.

އަންނަ ދިރާސީ އަހަރު، ހިރާ ސްކޫލްގެ ގުރޭޑް ނުވައެއްގައި ކިޔަވަން ފަށާ އައިދިން، ޤުރުއާން ހިތުދަސްކުރީ އުމުރުން ސާދަ އަހަރުގައެވެ. އެއާއެކު އުފަންރަށް މަރަދޫގެ ފުރަތަމަ ފިރިހެން ހާފިޒަށް ވުމުގެ ޝަރަފު ލިބުނެވެ.

އައިދިން ބުނީ ޤުރުއާން ހިތުދަސްކުރަން ފެށީ ތަދުރީސުލް ޤުރުއާން ސެންޓަރުގައި ކިޔަވަމުން ދިޔައިރު، ޝެއިޙް މުޙައްމަދު ޝައްމޫންގެ އެދިވަޑައިގަތުމަކަށް އެ ސްންޓަރުން އަލަށް ފެށި ހިފްޒް ކުލާހުގައި ބައިވެރިވެގެންނެވެ.

" ޤުރުއާން ހިތުދަސްކުރަން ފުރުޞަތު ލިބުނީމާ، އާނއެކޭ ބުނެ ފަށައިގަތީ، އޭރު ނޭނގެ މި ކުރެވީ ކިހާ ވަރެއްގެ މަސައްކަތެއް ކަމެއް ވެސް" ދަރިވަރު ނޫހާ ވާހަކަ ދައްކަމުން އައިދިން ބުންޏެވެ.

އައިދިން ބުނީ، ޤުރުއާން ދަސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެކި ދުވަސްތަކުގައި އެކި މިންވަރެކެވެ. އާންމު ގޮތެއްގައި ބައި ސަފްޙާއިން ފެށިގެން ތިން ސަފްޙާބައި ދަސްކުރެއެވެ.

އެކަން ކުރަން ސްކޫލްގެ އިތުރު ހަރަކާތްތަކާ ދުރުވެ، ހުރިހާ ވަގުތެއް އެކަމަށް ހުސްކުރިއެވެ.

" ބައެއް ދުވަސްދުވަހު ކިޔަވަން އެބަ އިންނަން ނުވަ ގަޑިއިރުވަންދެން"

ތަދުރީސުލް ޤުރުއާން ސެންޓަރުން ޙާފިޒަކަށްވި ފުރަތަމަ ދަރިވަރަކީ ވެސް އައިދިންއެވެ. ހިފްޒް ކުލާސް ފެށީ ތިން އަހަރާއި ބައިގެ ތެރޭގައި ނިންމާ ގޮތަށެވެ. ހިފްޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތުން އައިދިންއަށް ކުރިއަށްދާން ފަސޭހަވިއެވެ. ކޮންމެ ދުވަހަކު ވެސް ބޮޑު މުރާޖައާއާއި ކުޑަ މުރާޖާގެ އިތުރުން އާ ފިލާވަޅު އެތަނުން ނަގައިދެއެވެ.

ޤުރުއާން ހިތުދަސްކުރަން ކުރި ދަތުރުގައި އައިދިންއަށް އެތައް ފަހަރަކު ހުއްޓޭގޮތް ވިއެވެ. ކުރިއަށް ނުގެންދެވިގެން ނުވާނެއޭ ބުނެ ހުއްޓާލަން ވެސް ނިންމިއެވެ.

" އުނދަގޫ އާޔަތްތަކާ ޖެހުނީމާ ދަސްކުރަން ވަރަށް އުނދަގޫވި. އެފަދަ ވަގުތު ތަކުގައި ކުރިއަށް ދެވިދާނެބާވައޭ އެތައް ފަހަރަކު ހިތަށްއެރި. އެކަމަކު އެއިން ކޮންމެ ފަހަރަކު ވެސް ހިތްވަރު އާ ކުރަނީ، ޤުރުއާނުގެ މަތިވެރިކަމާއި މޫރިތިކަމާއި ލިބޭނެ ސަވާބާއި ދަރުމަ ހިތަށް އެރުމުން"

ޤުރުއާން ދަސްކުރުމުގެ މަސައްކަތް އައިދިން ފެށީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ކަނޑައެޅި މުއްދަތުގައި ހިތުދަސްކޮށް ނިންމި ނަމަވެސް އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި އޮތް އިމްތިޙާން ކޮމިޓީއަށް ކިޔައި ދެވުނީ އުއްމީދު ކުރިވަރަށްވުރެ ލަހުންނެވެ. އެއީ އެދަވަސްވަރު ވަރަށް ބޮޑަށް ބަލިވުމުންނެވެ.

" ވަރަށް ބޮޑަށް ބަލިވެ އުޅެން ޖެހުމުން ކޮމިޓީއަށް ކުޔައި ނުދެވި ދިގުލައިގެން ދިޔައީ" އައިދިން ބުންޏެވެ.

އައިދިން ބުނީ، ކޮމިޓީއަށް ކިޔާދޭން ފެށިވަގުތު ވަރަށް ބޮޑަށް ހާސްވިކަމަށެވެ. ކުރިއަށް ދާން ފެށުމުން ހަމައައަކަށް އެޅި އަމިއްލަ ނަފުސަށް އޮތް އިތުރުބާރު ބޮޑުވި ކަމަށެވެ.

ކިޔެވުމުގައި މިޝަރީގެ ރާގަށް ސަމާލުކަންދިން އައިދިން ބައިވެރިވި ހަމައެކަނި ޤުރުއާން މުބާރާތުން އެއްވަނަ ހޯދިއެވެ. އެއީ ސިޓީކައުންސިލުން ބޭއްވި ޤުރުއާން މުބާރާތެވެ. ޤުރުއާން ހިތުދަސްވުމާއެކު މިހާރު އަމާޒު ހިފާފައި ހުރީ ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީއެއް ހޯދުމަށެވެ. އެއީ އޭނާ މިހާރު ދެކޭ ހުވަފެނެކެވެ.

" ބޭރުގެ މުބާރާތަކުން ވަނައެއް ލިބުމަކީ ދެކޭ ވަރަށް ބޮޑު ހުވަފެނެއް" ހާފިޒަކަށް ވުމުން ހިތްހަމަޖެހިފައި ހުރި އައިދިން ކިޔައިދިނެވެ.

ޤުރުއާން ހިތުދަސްކުރުމަށް އައިދިން ކުރި ދަތުރުގައި އެތައް ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން އޭނާއަށް ލިބުނެވެ. މަންމައާއި ބައްޕައާއި އާއިލާގެ މީހުންނާއި ތަހުފީޒު ސެންޓަރުގެ އިތުރުން ޝެއިޙް ޝައްމޫންގެ އިތުރުން ބޮޑުބޭބެ ޝެއިޙް އަބްދުﷲ ސިއްދީގު ނަން ވަކިން ފާހަގަކުރިއެވެ.

އައިދިން ބުނީ، ޤުރުއާން ހިތުދަސްކުރަން ހިތް ނިޔަތްގަނެ ފަށަންވީއެވެ. އެއީ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެކެވެ. ކުޑައިރު އެކަން ކުރަން މާ ފަސޭހައެވެ.

" ފުރަތަމަ ކަމަކީ އެކަމަށް ނިޔަތް ގަތުން. ދެން އޮތީ މަސައްކަތް ފެށުން. އުނދަގޫ ވަގުތުތަކާއި ކުރިއަށް ދިއުމަށް އެތައް ހުރަހެއް ކުރިމަތިވާނެ. ހިތްވަރު ކުރަންވާނެ. ކާމިޔާބު ލިބޭތޯ ﷲއަށް ދުއާ ދަންނަވައި، ހުއްޓާނުލައި ކުރިއަށް ދާން މަސައްކަތް ކުރަންވީ. އޭރުން ކާމިޔާބު ލިބޭނެ" އުނދަގޫ އެތައް މަރުހަލާއަކަށްފަހު ޤުރުއާން ހިތުދަސްކުރި އައިދިން ދިން ނަޞޭޙަތަކީ އެއީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *