ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައި ޔުނިސެފުން ކުރިއަށް ގެންދިޔަ " ވާހަކައިގެ ދުނިޔެ"ގެ ޝަޢުޤުވެރިކަމުން އުފަންވި "ދަ ރީޑިންގ ރޫމް" އިން ފޮތް ކިޔުމާއި ލިޔުމުގެ ވައްޓަފާޅިއަށް ގެނައީ ބޮޑު ބަދަލެކެވެ.
ކިޔުމަށް ޝަޢުޤު އުފައްދައި، ވާހަކަ ކިޔައިދޭން އޮންލައިންކޮށް ފެށި މަސައްކަތް މިއަދު ސްކޫލްތަކުގެ ހަތަރުފާރުން އެތެރެވެ، ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންނާ ހަމައަށް ފޯރައިފިއެވެ. " ދަ ރީޑިންގ ރޫމް"އިން މިއަދު ކިޔައި ދެނީ ސްކޫލްގެ ފިލާވަޅުގެ ތެރެއިން ލިޔަން ކިޔަން ދަސްކޮށްދޭނެ ހުނަރުތަކާއި ޒަމާނީ އުކުޅުތަކެވެ.
"ވާހަކައިގެ ދުނިޔެ" ގެ ނަމުގައި 72 އެޕިސޯޑް، ހަފްތާއަކު ދެ ދުވަހު ޔޫޓިއުބު މެދުވެރިކޮށް ޓީޗަރުންނާއި ކުދިން ލައްވައި ގެނެސްދިނީ، " ދަ ރީޑިންގ ރޫމް" ވެސް އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އާމިނަތު ނިހާނެވެ. އެ ޕްރޮގްރާމުގެ ކާމިޔާބީއާއެކު އޭނާ ރީޑިންގ ރޫމް އުފައްދަން ކުރި މަސައްކަތުގައި ބައިވެރިވީ ކިޔަވައިދިނުމާއި ސްކޫލް ސުޕަރވިޒަން ގައި ތަޖްރިބާތަކެއް ކުރައްވާފައިވާ އާސިމާ ޢަބްދުލް ޤާދިރު (އާއްތަ) އެވެ.

ޓީޗަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި، ނިހާން، ދަރިވަރުނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އޮންލައިންކޮށް ކުރިއަށް ގެންދިޔަ ކުލާސްތަކަށް ފީއެއްގެ ގޮތުގައި ކުޑަ އެއްޗެއް ނަގާތީ، ޕްލޭންކުރި ގޮތަށް ތަނެއް ކުއްޔަށް ނަގައިގެން ރީޑިންގ ރޫމެއް ހަދައިގެން ކުރިއަށް ގެންދެވޭ ގޮތެއް ނުވިކަމަށެވެ. އެއީ ފީގެ ފޮތުގައި ލިބޭ އެއްޗަކާ އަޅާބަލާއިރު ކުރަންޖެހޭ ޚަރަދު ބޮޑުވަމުންނެވެ.
ނިހާން ވިދާޅުވީ، އޮންލައިންކޮށް ގެންދިޔަ ރީޑިންގ ކުލާސްތަކަށް ލިބުނު ތަރުޙީބު ބޮޑުވުމުން، ސްކޫލްތަކުގައި އެ ޕްރޮގްރާމް ކުރިއަށް ގެންދަން ހުށަހެޅުންތަކެއް ލިބެން ފެށިކަމަށެވެ. ރީޑިންގ ޕްރޮގްރާމް ފުރަތަމަ ގެންދިޔައީ އަމީނިއްޔާ ސްކޫލްގައެވެ.

ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައި ނުވަ އަހަރު މަސައްކަތް ކުރެއްވި ނިހާން ވިދާޅުވީ، އެޑިޔުކޭޝަން މިނިސްޓްރީގެ ލިޓްރަސީ ޕްރޮގްރާމުގެ ތެރެއިން ލިޔަން ކިޔަން ދަސްކޮށްދޭ ޕްރޮގްރާމް ހިންގަން ބޭނުން ވެގެން ގިނަ ސްކޫލްތަކުން ހުށަހަޅަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ވޯކްޝޮޕް ސްޓައިލަށް އެ ޕްރޮގްރާމް ގެންދިއުމަށް ސްޕޮންސަރޝިޕް ހޯދަމުންދާ ކަމަށާއި، އެ ފަދަ ސްޕޮންސަރޝިޕެއްގެ އެހީގައި ދާދި ފަހުން ތ. މަޑިފުށީ ސްކޫލްގައި އެ ޕްރޮގްރާމް ހިންގާފައިވާ ކަމަށެވެ.
ނިހާން ވިދާޅުވީ، އެމީހުން ހުށަހެޅި ޕްރޮޕޯސަލް ކަމުގޮށްގެން އެޓޮމޮސްފިޔާ ފައުންޑޭޝަނުން ދިން އެހީގައި މަޑިފުށީގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މަޑިފުށީގެ އިތުރުން އެ ރަށާ ކައިރި ތިން ރަށެއްގެ ސްކޫލްގެ ޓީޗަރުން ބައިވެރިކޮށްގެންނެވެ.

" މިފަދަ ޕްރޮގްރާމެއް ވާރކްޝޮޕެއް ގޮތަށް ކުރިއަށް ގެންދާއިރު، އެންމެ ރަށެއްގެ ސްކޫލަކަށް އަމާޒު ކުރުމުގެ ބަދަލުގައި ދެ ތިން ސްކޫލް އެއްކޮށްލައިގެން ގެންދެވުނީމާ ގިނަ ބަޔަކަށް އޭގެ ފައިދާ ކުރާނީ" ނިހާން ވިދާޅުވިއެވެ.
މަޑިފުށީ ސްކޫލްގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ތ. އަތޮޅު ތައުލީމީމަރުކަޒާއި އެއަތޮޅު މަދަރުސާގެ އިތުރުން ވިލުފުށީ ސްކޫލުން ބައިވެރިވިއެވެ.
އެ ވޯކްޝޮޕްގެ ބޭރުން، ސްކޫލްގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ވަކި ސެޝަންތަކެއް ކުރިއަށް ގެންދިޔައެވެ. ދަރިވަރުންނަށް ގެންދިޔައީ ސްޓޯރީ ޓައިމެވެ. ބެލެނިވެރިންނަށް ކުރިއަށް ގެންދިޔައީ ކުދިންނަށް ވާހަކަ ކިޔައިދޭނެ ގޮތްތަކެވެ. ލިޔަން ދަސްކޮށްދޭނެ ހުނަރުތަކެވެ. އަދި ފޮތް ކިޔުމަށް ކުދިން ޝައުޤުވެރި ކުރުވާނެ ގޮތަތަކެވެ.

" އަޅުގަނޑުމެން ޓީޗަރުންނަށް ކިޔައި ދެނީ ކިޔުމަށް ބޭނުން ކުރާނެ އުކުޅުތަކާއި ކުލާހުގައި ފިލާވަޅުގެ ތެރެއިން ކިޔުންތެރިކަމާއި ލިޔުން ކުރިއަށް ގެންދާނެ ގޮތް. ކުދިންނާއި ގުޅޭ އެކުދިން ކިޔާ ހިތްވާ ފޮތް އިހްތިޔާރު ކުރާނެ ގޮތް. އެންމެ ތުއްތުއިރުއްސުރެ ފަށައިގެން ވާހަކަ ކިޔައިދޭނެ ގޮތް. ވާހަކަ ކިޔުމަށް ކުދިން ޝަޢުޤުވެރިކުރުވާނެ ގޮތްތައް" ނިހާން ތަފްސީލްކޮށްދެއްވިއެވެ.
" އަޅުގަނޑުމެން މި ކުރާކަމަކީ ޓެކްސްޓް ފޮތުގައި އޮންނަ އެއްޗެއް ނެސަންއެއްގެ ގޮތަށް ކިޔާ ދިނުމުގެ ބަދަލުގައި ލިޓްރަސީގެ މެތެޑޮލޮޖީ ބޭނުންކޮށްގެން ފިލާވަޅުގެ ތެރެއިން ކިޔައިދޭން ދަސްކޮށް މި ދެނީ. މިހެން ހެދީމާ ހުރިހާ ކުދިންނަށް ވެސް ފަސޭހައިން ދަސްވޭ ކިޔަން، ލިޔަން ޖުމްލަ ފުރިހަމަ ކުރަން"
ނިހާން ވިދާޅުވިގޮތުގައި ކިޔަން އަދި ލިޔަން ދަސްކޮށްދޭން ގިނަ ސްކޫލްގައި އާންމުގޮތެއްގައި ދެނީ ބުކްލެޓެއް ކަމަށާއި، އެ ބުކްލެޓްގެ އެހީގައި ހުރިހާ މަސައްކަތެއް ބިނާވެފައ އޮންނަނީ ބެލެނިވެރިޔާއަށް ކަމަށެވެ. އެ ބުކުލެޓްގައި ހުންނަ ޓާސްކުތައް ބަރާބަރަށް ގެންދިޔަޔަސް ލިޔަން ކިޔަން އުނދަގޫ ކުދިންނަށް ލިޔުމުގައި އިމްލާ ކުށް ތައް ގިނަކަމުން މަސައްކަތް ފުރިހަމަ ކުރަން ދަތިވާކަން ފާހަގަކުރެވުނު ކަމަށެވެ. މި މައްސަލަ އިނގިރޭސި މާއްދާއަށްވުރެ ދިވެހި މާއްދާގައި ބޮޑުކަމަށް ވެސް ނިހާން ފާހަގަކުރެއްވިއެވެ. ސަބަބެއް ކަމަށް އެނާ ފާހަގަކުރީ ދަރިވަރުންނަށް ދިވެހި ފޮތްތައް ކީފައި ނުހުންނާތީ ލިޔުންތެރިކަން މާ ބޮޑަށް ދަށްވުމެވެ.
"ރީޑިންގ ޕްރޮގްރާމްގައި މި ހަދަނީ ބުލެކްޓެއް. އޭގައި މި އޮންނަނީ ކޮންމެވެސް މަސައްކަތެއް. އެ މަސައްކަތް ފުރިހަމަ ކުރަންޖެހެނީ. އެ މަސައްކަތް ނޫނީ އެ ބުކްލެޓް އެކީ ފުރިހަމަކޮށްގެން ގެނައީމާ ބެޖެއް ނޫނީ ރީޑިންގ އެވޯޑެއް މިދެނީ. އަޅުގަނޑުމެން ކިޔައި މި ދެނީ އެއީ އޮގޮތަށް ކުރަންޖެހޭ ކަމެއް ނޫނޭ. ލިޔަން ކިޔުމަކީ ސްކޫލުން ދަސްކޮށްދޭންޖެހޭ އެއްޗެކޭ ކުދިންނަށް. ލިޔާށާއި ކިޔަން ދަސްކޮށްދޭން ޖެހޭނެއޭ ދިވެއްސާއި އިނގިރޭސި ވެސް. އެކަމަށް މަސައްކަތް ވެސް ކުރަން ޖެހޭނެއޭ." ނިހާން ތަފުޞީލް ކޮށްދެއްވިއެވެ.

" އެ ބުކުލެޓްގެ މަސައްކަތް ފުރިހަމަ ކުރުމުގެ ގޮތުން ފޮތެއް ހޯދާފައި ބެލެނިވެރިން ކައިރީގައި ކުދިން ލައްވައި ކިޔުއްވާށޭ ބުނީމާ ފޮތް ހޯދާނެ ތަނެއް ބެލެނިވެރިންނަކަށް ނޭނގޭ. ކުއްޖާގެ އުމުރާ ގުޅޭ ފޮތެއް ހޯދަން ބެލެނިވެރިންނަށް އެހާ ފަސޭހައެއް ނުވެދާނެ. އަދި ފޮތް އެހާ އަގުބޮޑު އިރު، ފޮތް ހޯދަން އުނދަގޫވާނެ އެތައް ބެލެނިވެރިންނެއް ތިބޭނެ. މިކަހަލަ ބައިވަރު ދަތިތައް ހުންނާތީ އަޅިގަނޑުމެން ކިޔައިދެނީ ސްކޫލްގެ ފިލާވަޅުގެ ތެރޭގައި ކިޔުން ހިމަނައިގެން ކުރިއަށް ގެންދާނެ ގޮތް"
ކުދިން، ސްކްރީން ތަކާ ދުރުކުރުމަށް ސްކޫލްތަކުން ވެސް މަސައްކަތްތަކެއް ކުރަމުންދާއިރު، ސްކްރީން ވަގުތުގައި ވެސް ކާޓޫނާއި ގޭމްގެ ބަދަލުގައި ލިޓްރަސީއަށް ސަމާލުކަން ދެވޭ ޕްރޮގްރާމްތަކާއި ގޭމްތަކަށް އަހުލުވެރިކުރުވާނަމަ ސްކްރީން ޓައިމްގެ ބޭނުން ވެސް ހެޔޮގޮތުގައި ހިފޭނެ ކަމަށް ނިހާން ޤަބޫލުކުރައްވައެވެ.
ނިހާންގެ އެންމެ ބޮޑު އުފަލަކީ ލިޓްރަސީއަށް ސްކޫލްތަކުން ބޮޑު ސަމާލުކަމެއް މިހާރު ދޭތީއެވެ. ބުރަ މަސައްކަތެއް ސްކޫލްތަކުން ފަށައިގެން ކުރިއަށް ގެންދާތީއެވެ.
" ސްކޫލްތައް އެދަނީ ބޮޑު ބަދަލަކާ ދިމާލަށް. އެކަމަކު ދަނީ މަޑުމަޑުން ވަޞީލަތްތައް ހުރި މިންވަރުން. ސްކޫލްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރިއަށް އެބަގެންދޭ، ފޮތްކިޔާށާއި ލިޔުންތެރިކަން ކުރިއެރުވުމަށް. އެކަންތައް ކުރިއަށް ދާނެއް ލަހީ. ނަތީޖާ ފެންނަން ދުވަސްތަކެއް ނަގާނެ"
ނިހާން ދެކޭ ގޮތުގައި ރީޑިންގް ރޫމް ގެ ކާމިޔާބީގައި ހިއްސާވަނީ ނިހަން އާއި އެކީ މި މަސައްކަތުގައި އިސްދައުރެއް ކުޅޭ އާސިމާ (އާއްތަ) އެވެ. އަދި ބޭނުން ކުރާ ފޮތްތައް ހޯދުމާށާއި ވަހަކަ ހުށްހެޅުމްށްގޫޅިގެން މަސައްކަތް ކުރާ ޓީމުގެ ފަންނުވެރި ބައިވެރީންނެވެ.
advertisment
ހިޔާލު