ދަރިވަރުންނަށް ދޫކުރާ ޓެކްސްޓް ފޮތްތަކުގެ 40 އިންސައްތަ ދެ ވަނަ ފަހަރަށް ބޭނުން ކުރެވޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ، އެ މިނިސްޓްރީން ސްކޫލްތަކަށް އަންގާފައި ވަނީ މަދުވެގެން 40 އިންސައްތަ ފޮތް ކަލެޓްކުރަން ކަމަށާއި، އެ އަދަދަށް ބޭނުންކުރެވޭ ހާލަތުގައި ހުންނަ ފޮތްތައް ކޮންމެ އަހަރަކުވެސް ސްކޫލްތަކަށް ލިބޭ ކަމަށެވެ.
އަހުމަދު އަލީ ވިދާޅުވީ، ސްކޫލްތަކަށް ފޮތްތައް ފޯރުކޮށްދެނީ، އެ ސްކޫލަކުން ކަލެކްޓްކުރާ ފޮތްތަކަށް ބަލައި ހުށަހަޅާ އަދަދުތަކަށް ބެލުމަށްފަހު ކަމަށެވެ.
" އަލަށް ޕްރިންޓްކުރަންޖެހޭ ފޮތްތައް ފިޔަވައި އެހެން ފޮތްތަކުގެ 60 އިންސައްތަ ކޮންމެ ދިރާސީ އާ އަހަރަކާ ދިމާކޮށް ޕްރިންޓްކުރަންޖެހޭ" އަހުމަދު އަލީ ވިދާޅުވިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައިވާ ފޮތްތައް ދެވަނަ ފަހަރަށް ބޭނުންކުރުމުގެ އާދަ އާއި، ރީތިކޮށް ފޮތްތައް ގެންގުޅުމުގެ އާދަ ދަރިވަރުންގެ ކިބައިގައި ހަރުލައްވަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
" ފޮތްތަކަށް އިހްތިރާމްކުރުމާއެކު ރީތިކޮށް ގެންގުޅެން ދަސްކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެނަށް ފެނޭ ފޮތްތައް ވަރަށް ރީތިކޮށް ސަމާލުކަން ދީގެން ގެންގުޅޭ ކުދިން ވެސް" މުޖާހިދު ވިދާޅުވިއެވެ.
އެޑިޔުކޭޝަން މިނިސޓްރީ ދަނީ ދިރާސީ އާ އަހަރަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ފޮނުވަމުންނެވެ. ދިރާސީ އާ އަހަރު، އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު ފަށާއިރު، ހުރިހާ ކުދިންނަށް ފޮތްތައް ލިބޭނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ދެެއެވެ.
advertisment
ހިޔާލު