ރިޕޯޓު ފޮތް ސުމޭކު ކުރުން: ދަރިވަރުންގެ ރިޕޯޓު ފޮތަށް ގެނެވޭ އެންމެ ބޮޑު ބަދަލު

ތައުލީމީ ދާއިރާގެ އެންމެހާ މައުލޫމާތު އިންޓަނެޓް މެދުވެރިކޮށް ބެލެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީން ގާއިމްކޮށްފައިވާ ހާއްސަ ސިސްޓަމް މޯލްޑިވްސް އެޑިއުކޭޝަން މޭނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) މެދުވެރިކޮށް މި އަހަރުގެ ދެ ވަނަ ޓާރމުން ފެށިގެން ސަރުކާރު ސްކޫލުތަކުގައި ދަރިވަރުންގެ ރިޕޯޓު ފޮތް ސުމޭކު (ޑިޖިޓަލް) ކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ އާދަމް ދަރިވަރު.އެމްވީއަށް ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ ރިޕޯޓު ފޮތުގެ ޓެމްޕްލޭޓަށް ބަދަލު ގެނެވިފައިވާ ކަމަށާއި މި ބަދަލުތަކަކީ ކުރިން ބޭނުން ކުރަމުން އައި ރިޕޯޓު ފޮތަށް ގެނެވިފައިވާ ބޮޑު ބަދަލުތަކެއް ކަމުން، ސްކޫލުތަކުގެ މުވައްޒަފުންނާއި ބެލެނިވެރިންނަށް މިކަމާގުޅޭ މަޢުލުމާތު ފޯރުކޮށްދިނުމަށް ހުރިހާ ސްކޫލުތަކަކަށް ދަންނަވާފައިވާނެ ކަމަށެވެ.

މޫސާ އާދަމް ވިދާޅުވީ ސްކޫލުތަކުގެ އިސް ފަރާތްތަކަށް ފޯނު ކޮންފަރެންސް މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރެވި ސްކޫލުތަކުން ހުރި ކަންބޮޑުވުންތަކަށް ޖަވާބު ދީފައިވާ ކަމަށެވެ.
ސުމޭކުކޮށް ރިޕޯޓް ފޮތްތައް ދެނީ ޓެބްލެޓާ ގުޅުވާފައި ނޫންކަމަށާއި ނަމަވެސް ޓެބްލެޓްތައް ބެހިފައި ބޭނުންކުރެވޭ ހާލަތުގައި ހުރި ސްކޫލުތަކުގައި ޓެބްލެޓް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އެކިއެކި ސަބަބުތަކާ ހުރެ މީމިސްއަށް ވަނުމުގައި ދަތިތައް ކުރިމަތިވާ ބެލެނިވެރިންނަށް މާއްދާތަކުން ދަރިވަރުން ޙާޞިލްކޮށްފައިވާ މިންވަރާއި ދަރިވަރުންނާ ގުޅޭ އެހެނިހެން މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ސްކޫލުތަކުން ހަމަޖައްސައި ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

" ދަރިވަރުންގެ ޕޯޓަލް އެކްސެސް ބެލެނިވެރިންނަށް ހުޅުވާލުމުން ބެލޭނެ. އަޅުގަނޑުމެން މިނިސްޓްރީން ބޮޑަށް ރިޕޯޓު ފޮތް ޑިޖިޓަލްކޮށް ދޭން މި ބަލަނީ ވެބް ބޭސްޑް ނުވަތަ ބެލެނިވެރިޔާ ގެންގުޅޭ ފޯނުން އޮންލައިންކޮށް ވެސް ބެލޭނެގޮތް ހަމަޖައްސައިދޭން. އެހެންނަމަވެސް ފުރަތަމަ މި ކަހަލަ ކަމެއް ފެށިގެން ދާއިރުގައި އަޅުގަނޑުމެން ޕްރިންޓް ވެސް ކޮށްލާފައި އެބަ ދެން. ޕްރިންޓްކޮށްލާފައި މި ދެނީ ރަމްޒީ ގޮތުން. ގާތްގަނޑަކަށް ކުރީގައި ރިޕޯޓު ފޮތް ޕްރިންޓްކޮށްލާފައި އެބަ ދެން ފަންސަވީހަކަށް ޞަފްހާ އޭގެ ބަދަލުގައި ޕްރިންޓް ކުރަންޖެހޭ އަދަދު 3 ނުވަތަ 5 ސަޕްހާއަށް ބަދަލުވާނެ. ދަރިވަރުގެ ހުރިހާ ވަނަވަރުތަކާއި އޭގެތެރޭގައި ހާޒިރީ ކިޔެވުމާއި ގުޅުން ހުރި ބައިތަކާއި އިތުރުހަރަކާތްތައް ހިމެނޭނޭ " ރިޕޯޓު ފޮތްތައް ސުމޭކުކުރުމުގެ އިތުރު މަޢުލޫމާތު ދެއްވަމުން މޫސާ އާދަމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ސްކޫލުތަކުގައި ރިޕޯޓު ފޮތް ހެދުމަށް ޓީޗަރުންނަށް ލުއިފަސޭހަތަކެއް ލިބުމުގެ އިތުރުން ޕްރިންޓް ކުރުމަށާއި ކަރުދާހަށް ކުރާ ހޭދައިގެ 90 އިންސައްތަ ސަލާމަތް ވާނެ ކަމަށެވެ. އަދި މިނިސްޓްރީން ޤަބޫލުކުރަނީ މި ގެނެވޭ ބަދަލުގެ ސަބަބުން ޓީޗަރުންނަށާއި ބެލެނިވެރިންނަށް ލުއިފަސޭހަތަކެއް ލިބޭނެކަމަށެވެ.

މީމިސް ޑޭޓާބޭސް އަކީ ތައުލީމީ ދާއިރާގެ އެންމެހާ މައުލޫމާތު އިންޓަނެޓްގެ ޒަރިއްޔާއިން އެއްކޮށް، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެންމެ އެކަށޭނަ ގޮތަށް ބަދަލުތައް ގެނެވި ބެލެހެއްޓުމަށް ޤާއިމްކުރެވިފައިވާ ނިޒާމެކެވެ. މި ނިޒާމުގެ އެހީގައި ސްކޫލްތަކާއި، ދަރިވަރުންނާއި އަދި އެންމެހާ މުއައްޒަފުންގެ މައުލޫމާތު އެއްކޮށް، ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ބަލައިލުމުގެ ފުރުސަތު އެޑިޔުކޭޝަން މިނިސްޓްރީއަށް އަދި ސްކޫލްތަކުގެ މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުންނަށް ލިބިގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *