ދެ ނަމާދު ދޭތެރޭގައި ވީޓީވީން ފޮނުވާ ގުރުއާނުގެ އަޑު އެހުމަކީ ކޮންމެ ދުވަހަކު އޭނާ ކުރާކަމެކެވެ. އަލްގާރީ އިބްރާހިމް ޝިފާޢުގެ ދިގު ރާގަކީ އޭނާއަށް މާ ކަމުދާ ރާގެކެވެ. ފެށުނީއްސުރެ ނިމެންދެން ޓީވީ ދޮށުގައި އިންނަނީ އެއަށް އޮންނަ ޝައުގެއްގެ ބޮޑުކަމުންނެވެ. ކުޑައިރު އުފެދުނު އެ ޝައުގުން، މުހައްމަދު ސާއީ މުބާރިކް މިއަދު އެ ދަނީ ދިގުރާގަށް ކިޔެވުމުގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުންނެވެ. ކާމިޔާބީގެ ހަރުގަނޑަށް ތަށްޓަކަށް ފަހު ތަށްޓެއް އިތުރު ކުރަމުންނެވެ. އޭނާގެ ކާމިޔާބީގެ ހަރުގަނޑަށް އެންމެ ފަހުން އިތުރުވީ ނިމިގެން ދިޔަ ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ޝަރަފުވެރި ތަށްޓެވެ.
ރަށު ސްކޫލާއި ގުރުއާން ކުލާސްތަކުގައި ބައިވެރިވެ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ބޭއްވި އެތައް މުބާރާތެއްގައި ބައިވެރިވެ އޭނާ ވަނީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައެވެ. މާލެއަށް ބަދަލުވުމުގެ ބޭނުމަކީ ވެސް ގުރުއާން ކިޔެވުމުގެ ހުނަރު އިތުރަށް ތަރައްގީކުރުމެވެ.
މާޔޫސް ނުވުން: ކާމިޔާބީގެ ސިއްރު
ސާއީ ވާހަކަ ދައްކަން ފެށީ ތިން އަހަރު ފުރުނު ފަހުންނެވެ. އަކުރުތައް ކިޔަނީ ވެސް އެހައި އުނދަގުލުންނެވެ. ސާއީގެ މަންމަ އާމިނަތު ސީމާ ބުނީ އަކުރުތައް ކިޔަން ދަސްކޮށް، ވާހަކަ ދައްކަންފެށީ ހޮޅުދޫ ޒަމާނީ ޤުރުޢާން ކުލާހަށް ދާން ފެށިފަހުންނެވެ. އެ ކުލާހުގެ ޓީޗަރު ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ.
" މަންމަ، ބައްޕަ ކިޔަން ފެށީވެސް ތިން އަހަރާ ދެ މަސް ފާއިތުވި ފަހުން. އަކުރު ކިޔަން ވެސް އެހައި އުނދަގޫ. އަކުރުތައް ކިޔާ ގޮތުން ކުދިން ދިމާ ވެސް ކުރި. މަލާމާތްކޮށް ހީނވެސް ހަދާ " ސީމާ ބުންޏެވެ.
ކިތަންމެ ވަރަކަށް ދިމާކޮށް، މަލާމާތް ކުރިއަސް ސާއީއަކީ އެކަމާ ދެރަވެގެން ވާހަކަ ދައްކާ ކުއްޖެއް ނޫނެވެ. އެއީ އޭނާގެ އާދައެވެ. ބޭނުން ވާނީ އެކަމެއް ރަނގަޅުކޮށް، ކާމިޔާބީއަކާ ހަމައަށް ވާސިލުވުމަށެވެ. އެކަމާ ވިސްނައި ދެރަވުމަކީ ދުވަހަކު ވެސް އޭނާގެ ފަރާތުން ފެނުނު ކަމެއް ނޫނެވެ.
ސާއީ ބުނީ ކަމެއް ނުވުމަކީ މާޔޫސްވާން ޖެހޭ ކަމެއް ނޫންކަމަށެވެ. އެކަމެއް ހާސިލުކުރަން ކުރަންޖެހޭނީ މަސައްކަތެވެ. ލާންވީ ހިތްވަރެވެ. "އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުން ސާއީ ދިޔައީ ދެވަނަ އަށެވެ. އެކަމާ އޭނާ ދެރައެއް ނުވެއެވެ. އެ ދުވަހު ކަނޑައެޅި އަޒުމް ހާސީލުކުރީ މި އަހަރު، ޖައްސަޖައްސައިގެން ބޭއްވި ތިން މުބާރާތުން އެއްވަނަ ހޯދައިގެންނެވެ. އެއީ އަލްކައުނު ޤުރުއާން މުބާރާތާއި، ފަލާހު ޤުރުއާން މުބާރާތާއި، ނިމިގެން ދިޔަ ގައުމީ ޤުރުއާން މުބާރާތެވެ.
ސާއީ އަކީ ދިގުރާގަށް ކިޔެވުމުގައި ދެވަނަ އެއް ނެތް ކުއްޖެކެވެ. ގައުމީ ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދީ އެ މުބާރާތުގައި ބައިވެރިވި ހާފިޒުންނާ ވެސް ވާދަކޮށްފައެވެ.
" ވަރަށް ޗެލަންޖު ކުރާހިތްވާނެ. އުނދަގޫ ކަންތައް ކުރަން ބޭނުންވާނީ. އެ ކަމެއް ހާސިލްކޮށްފައި ނޫނީ ހުއްޓަލެއް ނުލާނެ." ސާމިޔާ ބުންޏެވެ.
މިހާރު ވެސް ދުވާލަކު ތިން ގަޑިއިރު، ޤުރުއާން ކިޔެވުމުގައި ސާއީ ހޭދަ ކުރެއެވެ. އިމާދުއްދީން ސްކޫލްގެ ޤުރުއާން ކުލާހުގެ ރައީސަކީ ވެސް ސާއީއެވެ. އަމިއްލައަށް ފަރިތަކުރަމުން އެ ކުލާހުގައި ތިބި އެހެން ކުދިންނަށް އޭނާ ދަނީ ކިޔަވައިދެމުންނެވެ.
ސާއީ ހުރީ ޤުރުއާން ހިތުދަސްކުރަން ހިތުލައިގެންނެވެ. އެކަން ކުރަން ވެސް ފެށިއެވެ. މިހާރު ފަސް ފޮތް ހިތުދަސްކޮށްފިއެވެ. ސްކޫލްގައި ހޭދަކުރަންޖެހޭ ވަގުތާއި، އަންނަ އަހަރު އޯލެވެލްގައި އިށީންނަންޖެހޭތީ، ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ވަނީ އޯލެވެލްއަށްފަހު ކުރިއަށް ގެންދަން މަޑުޖައްސާލާފައެވެ. އެއީ ވަގުތު ދީގެން ކުރަން ބޭނުންވެގެންނެވެ.
ސާއީ ބުނީ ޤުރުއާނުގެ ތެރެއަށް ވަދެވުނީމާ މީހާގެ އަޚުލާގަށާއި، އުޅުމަށް ވެސް ބަދަލުތަކެއް އަންނަ ކަމަށެވެ. އޭގެ ހެޔޮ އަސަރު ދިރިއުޅުމަށް ވެސް ކުރާކަމަށެވެ. ގޭތެރޭގައި އުޅޭއިރު، ބޭއިޚުތިޔާރުގައި ވެސް ޤުރުއާން ކިޔެވެއެވެ. މޭޒު ދޮށުގައި ކާން އިންނައިރު ވެސް އިނދެވެނީ ޤުރުއާން ކިޔާލަ ކިޔާލައެވެ.
" އެންމެ އުނދަގުލީ ފާހާނާތެރޭގައި ހުރެ ވެސް ކިޔަވާތީ. އެކަން ހުއްޓުވުނީ ވަރަށް މަސައްކަތުން ވަރަށް ބޮޑަށް މަސްކަތްކޮށްގެން. ޚާއްޞަކޮށް ގާރީ ޝިފާއުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު" ސާމިޔާ ބުންޏެވެ.
ސާއީގެ ކާމިޔާބީގައި އެންމެ ބޮޑު ޝުކުރެއް އޮތީ އޭނާގެ މައިންބަފައިންނަށެވެ. ކިޔަވައިދެއްވި އުސްތާޛުންނަށެވެ. ވަކިން ޚާއްޞަކޮށް އަލްގާރީ އިބްރާހިމް ޝިފާޢު އާއި ޣަސްރަގު ނާޒިމް ގެ ނަން އޭނާ ފާހަގަކުރެއެވެ ސާއީގެ މަންމަގެ ނަސޭހަތަކީ ހުއްޓާ ނުލައި ގުރުއާނުގެ އިލްމުން ކުރިއަށްދިއުމެވެ. އެ އުމުރުގައި އެހައި ހިސާބަށް ދެވުނީމާ ވެސް ބައެއް ކުދިން ކިޔެވުން ހުއްޓާލައެއެވެ. އެހެންވެ އަބަދުވެސް ޤުރުއާނުގެ އިލްމުގެ ތެރޭގައި އުޅެން އޭނާ ބޭނުންވެއެވެ. އެއީ ސަބަބުތަކެއް ހުރީމައެވެ.
" އަޅުގަނޑު ވަރަށް ބުރަކޮށް މަސްކަތް ކޮށްގެން ސާއީ މިހާ ހިސާބަށް ގެނައީ. މާލެއަށް ބަދަލުވީ ވެސް މާ ބޮޑު އެއްޗެއް ލިބިގެން ނޫން. ތަންތަނަށް ކައްކައިދީ، ރޮށިފިހެދީ، ބަތްޕާރުސަލް ހައިދީގެންގެން ލިބުނު އެއްޗަކުން އުޅުނީ. ވަރަށް ހާލުގައި ކިޔަވައި ދިނީ. އޭގެ އަގު ސާއިލް ހޯދާ ދިނީ ވެސް ބުރަ މަސައްކަތުން. އެކަމާ ވަރަށް އުފާވޭ" ސާމިޔާ ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
ސާއީއަކީ ބަސްމަދު، ކުއްޖެކެވެ. ކަންތައްތަކާމެދު އޭނާ ދެކޭގޮތް ވެސް ތަފާތެވެ. ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން 160000ރ ލިބުނީމާ އާއިލާއިން ބޭނުންވީ އެކަން ފާހަގަކުރަން ޕާޓީއެއް ބާއްވާށެވެ. ނަމަވެސް އެގޮތެއް އޭނާއަކަށް ކަމަކު ނުދިޔައެވެ. އޭނާ ބޭނުން ވީ އެއިން އެހެން މީހުންނަށް ވެސް ފައިދާހުރި ކަމެއް ކުރާށެވެ.
" ސާއީ ބޭނުންވީ، އެ ފައިސާގައި އެހެން މީހުންގެ ވެސް ހައްގެއްވާނެތީ، އެއިން ފައިދާހުރި ކަމެއްކުރަން. އެހެންވެ މިހާރު ދިރިއުޅޭ އެޕާޓްމަންޓާ ޖެހިގެން ހުރިތަން ކުއްޔަށް ނަގައިގެން އެތަނުގައި ކުށްޔަށް މީހުން ބައިތިއްބަން ފެށީ" ސާމިޔާ ކިޔައިދިނެވެ.
" ހަމައެކަނި ކޮޓަރި ކުލި މި ނަގަނީ. ކެއުން މިދެނީ ހިލޭ. މިގޮތަށް މި ބައިތިއްބަނީ ޑޮކްޓަރަށް ދައްކަން އަންނަ މީހުން. މިއީ ސާއީ ބޭނުންވި ގޮތް"
މިސްރުން ކިޔަވަން ބޭނުންވާ ސާއީ ބޭނުންވަނީ ރާއްޖެއިން ބޭރުގެ މުބާރާތަކުން ރަން ވަނައެއް ހޯދާށެވެ. އެކަން ކުރުމަށް ޤުރުއާން ހިތުދަސްކުރަން ޖެހެއެވެ. އެއީ އެފަދަ މުބާރާތްތަކަށް ގިނައިން ފޮނުވަނީ ޤުރުއާން ހިތުދަސް ކުދިން ކަމަށް ވާތީއެވެ. ސާއީ ހުރީ އެ އަޒުމުގައެވެ. އެ އުއްމީދުގައެވެ.
ހިޔާލު