ދިޔަމިގިލީ މުއައްސަސާތަކުގެ އެންމެ މޮޅު މުދައްރިސުގެ އެވޯޑް 3 ފަރާތަކަށް

ބައިނަލް އަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ތ.ދިޔަމިގިލީ މުއައްސަސާތަކުން ދިޔަމިގިލީ ސްކޫލުގެ ޘާނަވީ ކުލާސްތަކަށް ކިޔަވައިދޭ މުދައްރިސުންނަށް ތަޢާރަފުކުރި އެންމެ މޮޅު މުދައްރިސަށް ދޭ އެވޯޑް ދިޔަމިގިލީ ސްކޫލުގެ ތިން މުދައްރިސަކު ޙާޞިލްކޮށްފިއެވެ.
މިއަހަރު މި އެވޯޑް ޙާޞިލްކޮށްފައިވާ ތިން ފަރާތަކީ ދިޔަމިގިލީ ސްކޫލުގެ ސީނިއަރ ޓީޗަރ އައިޝަތު މިޒުނާ، އެކައުން ޓީޗަރ އަންވަރީ އިބްރާހިމް އަދި ބީޓެކް ޓީޗަރ އަނޫޕް ޖީ އެވެ. މީގެ އިތުރުން ދެ ވަނައަށް އެންމެ މޮޅު މުދައްރިސަށް އިސްލާމް ޓީޗަރ މުޙައްމަދު ލިޝާމް އަދި ތިން ވަނައަށް އެންމެ މޮޅު މުދައްރިސަށް ދިވެހި ޓީޗަރ ޒުނައިރާ ޢަބްދުލްޢަޒީޒު ވަނީ ހޮވިފައެވެ.
މި ފަރާތްތަކަށް އެވޯޑް ދެއްވީ މިމަހުގެ 3ވަނަ ދުވަހުގެ ރޭ ދިޔަމިގިލީ ސްކޫލުގައި މުދައްރިސުންގެ ޝަރަފުގައި ބޭއްވުނު ހާއްސަ ހަފްލާގައި ދިޔަމިގިލީގެ މުއައްސަސާތަކުގެ އިސްވެރިންނެވެ.
ދިޔަމިގިލީގެ މުއައްސާތަކުން މިއަހަރު އަލަށް ތަޢާރަފްކުރި މި އެވޯޑާ ގުޅޭ ގޮތުން މުއައްސަސާތަކުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ މިއަހަރު މިއެވޯޑް ދެވުނީ 2018 ވަނަ އަހަރުގެ އެސްއެސްސީ ، އޯލެވަލް އިމްތިހާން އަދި ބީޓެކް ގައި ދަރިވަރުންނަށް އެންމެ ރަނގަޅު ނަތީތައް ނެރެދީފައިވާ މުދައްރިސުންނަށް ކަމަށާއި ނަމަވެސް 2019 ވަނަ އަހަރުގެ އެންމެ މޮޅު މުދައްރިސުގެ އެވޯޑް މުޅި ސްކޫލުގެ ހުރިހާ ގުރޭޑްތަކަކަށް ކިޔަވައިދެއްވާ މުދައްރިސުން ޝާމިލްވާނެހެން އެވޯޑް ދިނުމަށް މަސައްކަތްކުރާނެކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *