ބޮޑުފޮޅުދޫ ސްކޫލުން، އެ ރަށު ކައުންސިލާ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ފަށައިފި

ބޮޑުފޮޅުދޫ ސްކޫލުން، އެ ރަށު ކައުންސިލާއި ބެލެނިވެރިންނާ ގުޅިގެން 2022 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ފަށައިފި؛-ފޮޓޯ//ބޮޑުފޮޅުދޫ ސްކޫލް

ބޮޑުފޮޅުދޫ ސްކޫލުން، އެ ރަށު ކައުންސިލާއި ބެލެނިވެރިންނާ ގުޅިގެން 2022 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ފަށައިފިއެވެ.

ބޮޑުފޮޅުދޫ ސްކޫލުން ކުޑަކުދިންގެ ދުވަހަށް ތައްޔާރުކޮށްފައިވާ ވޯކްވޭ؛-ފޮޓޯ//ބޮޑުފޮޅުދޫ ސްކޫލް

އިއްޔެ ފެށި މި ހަރަކާތްތައް، ބޮޑުފޮޅުދޫ ސްކޫލުން ދިޔައީ ސޯޝަލް މީޑިއާގައި ލައިވްކުރަމުންނެވެ. މި ލައިވް ތަކުން ފެނިގެންދިޔައީ ވަރަށް ފެހި ނަމަވެސް އެހާމެ ކުލަގަދަ މަންޒަރުތަކެކެވެ. ސްކޫލުގެ މައި ދޮރާށިން ފެށިގެން މުޅި ސްކޫލް ވަނީ އެކި ކުލަ ކުލައިން ޒީނަތްތެރިކޮށްފައެވެ.

ދަރިވަރުން ދުވަހަށް ޚާއްސަ ބެކްރައުންޑުގައި ފޮޓޯ ނަގަނީ؛- ފޮޓޯ//ބޮޑުފޮޅުދޫ ސްކޫލް

"ވައިލްޑް އެނިމަލްސް"ގެ ތީމްއަކަށް ޒީނަތްތެރިކޮށްފައިވާ ބޮޑުފޮޅުދޫ ސްކޫލުން ދަރިވަރުންނަށް މަރުހަބާ ކިޔާފައިވަނީ ރަތް ދޫލައިންނާއި އެކިވައްތަރުގެ ހަދިޔާތަކުންނެވެ. މީގެ އިތުރުން، ދުވަހަށް ޚާއްސަ "މެސްކޮޓް" އެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. ދަރިވަރުން ވަނީ ދުވަހަށް ޚާއްސަ ކޮށްފައިވާ މެސްކޮޓާއެކީ ފޮޓޯ ވެސް ނަގާފައެވެ.

ދުވަހުގެ ޚާއްސަ މެސްކޮޓާއެކީ ދރަިވަރުން ފޮޓޯ ނަގަނީ؛-ފޮޓޯ//ބޮޑުފޮޅޫދޫ ސްކޫލް

ކުޑަކުދިންގެ ދުވަހުގެ ރަސްމީ ޕްރޮގްރާމުތައް ފެށުމުގެ ގޮތުން، އިއްޔެ ދަރިވަރުންނަށް މަރުހަބާ ކިޔާފައިވާއިރު، މި ދުވަހުގެ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެކަމަށް ބޮޑުފޮޅުދޫ ސްކޫލުން ބުނެއެވެ. މެއި މަހުގެ 10 ވަނަ ދުވަސް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، އެދުވަހު ޚާއްސަ އެސެމްބްލީއާ އެކު މުވައްޒަފުންގެ ހުނަރުތައް ދައްކާލަން ވަނީ ރާވާފައެވެ.

ދަރިވަރުންނަށް މުދައްރިސުން ހަދިޔާ ދެނީ؛- ފޮޓޯ//ބޮޑުފޮޅުދޫ ސްކޫލް

11މެއި ވާ ބުދަ ދުވަހު "ދަރިވަރުންނާއެކު މުވައްޒަފުން" ގެ ނަމުގައި ހަރަކާތެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު، ދަރިވަރުންގެ ހުނަރުތައް ދައްކާލުމުގެ ހަރާކާތެއް ވެސް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

ސްކޫލުން ދަރިވަރުންނަށް ދިން ހިދިޔާތަކުގެ ފޮޓޯއެއް؛- ފޮޓޯ//ބޮޑުފޮޅުދޫ ސްކޫލް

އަދި ބޮޑުފޮޅުދޫ ސްކޫލުން ކުރިއަށްގެންދާ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، އެންމެ ފަހު ހަރަކާތްކަމަށްވާ، ކުޑަކުދިންގެ ޢާއިލީ ހަވީރެއް، އަންނަ ބުރާސްފަތި ބާއްވަން ވަނީ ނިންމާފައެވެ.

ސްކޫލުގެ މުވައްޒަފުން ކުޑަކުދިންގެ ދުވަހަށް ޙާއްސަ ބެކްރައުންޑުގައި ފޮޓޯ ނެގުމަށް ހުއްޓިގެން؛-ފޮޓޯ//ބޮޑުފޮޅޫދޫ ސްކޫލް

ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި 10 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުވަހަކެވެ. ކޮންމެ އަހަރެއްގައިވެސް ރާއްޖޭގެ ހުރިހާ ސްކޫލަކުން މި ދުވަސް ދަނީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *